ފުލުހުން އޮޕަރޭޝަނެއްގައި: އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށް ފުލުހުން މިދިޔަ ހަފުތާގައި ވަނީ ބުނެފައި.
02 ޖުލައި 2020 - 12:43
އެމްއެމްޕީއާރުސީ މެދުވެރިކޮށް 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތް ވި މައްސަލައިގައި ކަމާގުޅޭ އިދާރާތަކުން ގުޅިގެން ތަހުގީގު ކުރާ މައްސަލައަކަށް ހެކި ހޯދަން ރޭ ފެށި ބަލައި ފާސްކުރުމުގެ އޮޕަރޭޝަން އަދި ނުނިމޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
ފުލުހުން ރޭ ބަލައި ފާސްކުރަން ފެށީ މާލެ އާއި ހުޅުމާލޭގެ ހަތަރު ތަނެކެވެ. އޭސީސީން މައުލޫމާތު އާއްމުކުރާ ގޮތަށް ނިންމާފައިވާ މި އޮޕަރޭޝަންގެ ތަފްސީލެއް އަދި ނުދެ އެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަމާގުޅޭ އިދާރާތަކުން، އެ މައުލޫމާތު ލަސްނުވެ އާއްމުކުރާނެ ކަމަށެވެ. ބަލައިފާސްކުރަމުން އަންނަ މައްސަލައިގެ ތަހުގީގުގައި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވެސް ބައިވެރިވެ އެވެ.
ކުރީގެ ސަރުކާރުގައި ހިންގި މުޅި ދައުލަތުގެ ތެރޭގައި މޫލާފައި އޮތް ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތަހުގީގީ އިދާރާތަކުން އެކުލަވާލައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާއްމުކުރި ލިސްޓުގައި 267 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ބާރުތަކުގެ އޮފިސަރުން ހިމެނެ އެވެ.
ފުލުހުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިއަށް ވުރެން ފުޅާކޮށް، އެކަމަށް 18 ވަރަކަށް ފުލުހުންގެ ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަނާ އެކު މި ޓީމުން ބަލަމުން އަންނަނީ، ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ބެލެވޭ ލިސްޓުގައި ތިބި މީހުންގެ މައްސަލަތަކެވެ.
މި ޚިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއެއް އުފުލައި ފަސް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. އެ މަނިކުފާނު މާފުށީ ޖަލުގައި ހުންނެވި އިރު، ބޮޑު ހިޔާނާތް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވި ކަމަށް ފުލުހުން ތުހުމަތުކުރާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހުންނެވި ގޭ ބަންދުގަ އެވެ.
ދިގު ދެމިގެންދާ ލަސް ތަހުގީގަކަށް އެމްއެމްޕީއާރުސީގެ ޚިޔާނާތް ބެލުން ބަދަލުވެފައިވާއިރު، މިކަމުގައި ޔާމީން އެކަނި ޖަލުގައި ބަންދުކޮށްގެން އުޅޭ މައްސަލައިގައި އިދިކޮޅުގެ ފާޑުކިއުން ބޮޑެވެ. އެމަނިކުފާނުގެ މައްޗަށް ދާދި ފަހުން ވެސް ވަނީ މި ހިޔާނާތާ ގުޅޭ ދައުވާއެއް އުފުލައިފަ އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި ދައުވާ އުފުލީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބްރޫ ބްރޫ
02 July 2020
ތިކަމަާް 2 އަހަރު ނަގީ؟ ޑެން ބުނޭ އެކަށީގެންވާވަރަށް ހެކިނެތޭ. ބޯހަލާކު ކޮމިސަންތަކުގަ ރައްޔަތުންގެ ލާރިން ބޮޑު މުސާރަ ނަގައިގެން ތިބެނީ؟
ގަޓް ބްރޯ
02 July 2020
އެކަމަކު "ކޮވިޑް ބަޖެޓް" ގެ މައްސަލަ ބަލަންޖެހިއްޖެ ނަމަ ތިޔަހާ ލަސްނުކޮށް ތަންކޮޅެއް ދުރާލާ އެކަމާ އުޅޭތި! ހަމަ ޔަގީނުންވެސް އެކަންވެސް އެމްއެމްޕީއާރުސީ ގެ ޚިޔާނާތަށްވުރެ ވަކި ކުޑަވާނެހެނެއް ހިޔެއްނުވޭ!!
ައަފުރާސިޔާބު
02 July 2020
2023 އަށް ބަލައި ފާސްކުރަން މަޑުކޮށްލިނަމަ. ޔާމީނުގެ އައުވާނުން ކަޅުފައިސާދޮވެ ހުދުކުރިފަހުން ތިޔަކަމާ ތިއުޅެނީ އެހުރިހާމީހުން ހުދު ފޮތިކޮޅަކަށް ހަދަންތޯ؟ އަދިވެސް ރައްޔިތުންނަށް ސާފެއްނުވޭ ވިއްކާލީ ކޮންކޮން ރަށްރަށެއް ކަމެއްވެސް. އެވެސް ފޮރުވައިގެން ތިތިބެނީ.
އަލީ ސަލީމް
02 July 2020
ރަދުން (ރޯޔަލް ފެމިލީ) ކުދިން ގެންގޮސްގެން "ޖާޑި"އަށްލާ ވާހަކަ މާލެތެރޭގަ ދެކެވެންފެށީމަ ނެރުނީ ދެބޯލީ ގެރިޔެކޯ ރޭގަނޑު މާލެތެރޭ ދުއްވަން ދެން މީހުންތަށް އެކަމާ އާޝޯހުވެގެން! އެމްއެމްޕީރާއުސީގެ ފައިސާއިން ކައިގެންތިބި 250އެއްހާ މީހުން އެބަ އުޅެޔޯ! އެކަމު ރައްޔިތުންގެ ލާރިންކައިގެން އުޅޭމީހުންގެ ލިސްޓު ނެތޯ ރައްޔިތުންނަކަށް ދެވޭކަށް!
1828
02 July 2020
އަދި ތަންކޮޅެއް އަވަސް ބަލާ ފާސްކުރަން.