ޕީއެންސީގެ ރައީސް އަބްދުއްރަހީމް: ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވެ، ހިންގަވައި އުޅުއްވަން ވެސް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/މިިހާރު
05 ޖުލައި 2020 - 18:06
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވެ، އަމިއްލަފުޅަށް ހިންގަވައި އުޅުއްވަން ވެސް ދަތިވެފައިވާ ކަމަށާއި އެހެންވެ، އެ މަނިކުފާނު ގެއަށް ބަދަލުކުރަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ އެކު ހުންނެވީ މާފުށީ ޖަލުގަ އެވެ. އެ މަނިކުފާނުގެ އިސްތިއުނާފް ޝަރީއަތް މިހާރު ދަނީ ކުރިއަށެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ކޮންމެ ދުވަހަކީ މި ސަރުކާރުން ޔާމީނަށް އަނިޔާ ދެމުންދާ ދުވަހެއް ކަމަށާއި މިހާރު ޔާމީންގެ ސިއްހީ ހާލުކޮޅު ގޯސްވެ، ހިންގަވައި އުޅުއްވަން ދަތިވެފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، ޔާމީން ޖަލުގައި ބާއްވައިގެން ދެމުންދާ އަނިޔާތައް ހުއްޓާލަން ގޮވާލާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"ވަކީލުން ކަށަވަރުކޮށްދޭ ގޮތުގައި ރައީސް ޔާމީން މިވަގުތު އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅާ. އަމިއްލަފުޅަށް ތެދުވެ ވަޑައިގެން ހިނގާ ބިނގާވެ އުޅެން ވެސް މިހާރު ދަތި. މިއީ އަޅުގަނޑުމެންނަށް ކެތް ނުކުރެވޭނެ ވަރުގެ ފުން ހިތާމައެއް އަދި އެހާމެ ބޮޑު ކަންބޮޑުވުމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ޔާމީނަށް ދެމުންދާ އަނިޔާތަކަށް އިންސާފު ލިބޭނެ ދުވަހެއް އަންނާނެ ކަމަށާއި އަނިޔާވެރިކަން އިސް ނުކޮށް އެ މަނިކުފާނުގެ ގެއަށް ބަދަލުކުރަން ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި އެފަދަ ހާލަތެއް އެ މަނިކުފާނަށް މެދުވެރިވުމުން އާއިލާއަށް ކުރިމަތިވާނެ ހިތާމައަށް ވިސްނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
"އެ ޚަބަރު އާއިލާއަށް ލިބުނީމަ ހިތަށް ކުރާނެ އަސަރާއި އަޅާނެ ވޭނާއި އުފުލާނެ ހިތާމަ އިހްސާސް ކުރެވޭނީ އެފަދަ ގޮތެއް މެދުވެރިވީމަ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޖަލުގައި އެހެން ގައިދީންނަށް ލިބޭ އިނާޔަތްތައް ވެސް ޔާމީނަށް މިހާރު ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން ޓީވީ އާއި ރޭޑިއޯ ފަދަ ޚިދުމަތްތައް ނުލިބޭއިރު، ކަސްރަތު ކުރުމުގެ ފުރުސަތު ވެސް ނުދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސްޓޭޓްސްމަނުންނާ ދޭތެރޭގައި ކީއްކުރަންތޯ، ޖަލުގައި އެންމެ އާދައިގެ މީހާއާ ދޭތެރޭގައި ކަންކުރާ އުސޫލަށް ވުރެ ވެސް ދަށް ފެންވަރުގައި މި ސަރުކާރުން ރައީސް ޔާމީނާ ދޭތެރޭގައި ކަންތައް އެ ކުރަނީ،" ސައީދު ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވީ ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅޭ ކަންބޮޑުވުންތައް ކަމާބެހޭ މުއައްސަސާތަކާއި ހައި ކޯޓަށް ވެސް ޔާމީންގެ އާއިލާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މަނިކުފާނު ޖަލުގައި ބަންދު ކުރެވުނީއްސުރެން ފެށިގެން އެ ކަންބޮޑުވުންތައް ހުށަޙަޅަމުންދާ ކަމަށާއި އެހެންވެ، ޔާމީނާ މެދު އިހްސާންތެރިވާން އޭނާ ގޮވާލެއްވި އެވެ.
"އަޅުގަނޑުމެން އެދެން އިހްސާންތެރިކަމުގެ ކުޑަ ވެސް މިންވަރެއް ހުރިއްޔާ ރައީސަށް މިވަގުތު ދިމާވެފައި އޮތް ސިއްހީ ހާލަތުން ސަލާމަތްވެ ވަޑައިގަތުމަށްޓަކައި ލުޔެއް ދެއްވައި، ގެއަށް ބަދަލުކޮށް ދެއްވަން،" ޣައްސާން ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅޭ ކަންބޮޑުވުންތައް އެތައް މުއައްސަސާއަކަށް ހުށަހެޅިޔަސް، އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި ފަހުން އެމަނިކުފާނު އިތުރު ފަރުވާއަށް މާލެ ގެނެސްފައިނުވާ ކަމަށާއި އެކަމަކު އެމަނިކުފާނަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޑޮކްޓަރުން ލަފާ ދީފައި އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރު ބޮޑު ތަނުން ފެއިލްވެފައިވާ ކަމަށާއި ދޮޅު ލައްކައަށް ވުރެ ގިނަ ރައްޔިތުން ތާއީދު މިހާރު ޔާމީނަށް އެބަ އޮތް ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް ކުރިއަށް ވުރެ ދެ ގުނަ އިތުރު ކުރާނެ ކަމަށާއި ސަރުކާރުން ދެވަނަ ވިސްނުމަކަށް ދާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގައިގައި ހިތްވަރު އެބަހުރި. އެއްވެސް ގޮތަކަށް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކެނެރީގޭ މުހައްމަދު ނަޝީދު ވެސް ހީފުޅު ނުކުރައްވާތި މަޖިލީހުގައި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ނުވަ މެމްބަރުން ތިބުމަކީ އަޅުގަނޑުމެން ގެއަށް ވަދެ ފިލާ ތިބޭނެ ކަމެކޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޔާމީންގެ އިސްތިއުނާފް ޝަރީއަތެއް އަންނަ ބުދަ ދުވަހު ބާއްވަން ހައި ކޯޓުން އޮތީ ހަމަޖައްސައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދުކުޑޭ
07 July 2020
ޖިންސީ އަނިޔާއެއް ކުރީތަ؟
Ahmed Shujau
07 July 2020
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ޕީޕީއެމް އާ ނުލާ ކޮޅަށް ހުރެވޭތޯ؟
ރިލުވާނު
06 July 2020
އަނިޔާވެރި ކަމުގެ ސަގާފަތަކީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން. ޑިމޮކްރަސީ ގެ ޅަފަތުގައި ޔާމީން ވެރިކަމަށް އަރައި، އެ ހިންގި ބޮޑެތި ޖަރީމާތަކަށް ބީރު ކަންފަތެއް ދީގެން ނުވާނެ، އޭނާ އެ ހިންގި ޖަރީމާތަކަށް ފުރިހަމަ އަދަބު ލިބެން ޖެހޭނެ އަމިއްލައަށް ފާހާނާ ނުކުރެވުނަސް ވަރިހަމަ. ވައްކަން ކޮށްގެން ހުކުމް ކޮށްފައި ތިބި އެހެން ވަގުންނާ ދޭތެރޭގައިވެސް އޮންނަ ހުކުމް ޔާމީނަށް ވެސް އޮނަންވާނީ.
ޑޮ ޓް
06 July 2020
މަވެސް އަދި މިތާގައި ކޮމެންޓްކުރާ މީހުން ވެސް ބަލިވެދާނެ! ވީމާ، އެއްވެސް މީހަކާ ދިމާލަށް ދޮގުކަމަށް ދޭހަވާގޮތަށް ދިމާކުރާކަށް ނުވާނެދޯ؟ ގައިމު ޔާމީނު ފޭބިއިރު 800،000،000.00 ގިނަ ޑޮލަރު މާލިއްޔާގައި ހުރި! މިހާރު ހުރީ 200،000،000.00 ވަރު ޑ! 600،000،000.00 ޑ ހުސްވިއިރު ވީކަމެއް ކޮބާ؟ އޭރު ރައްޔިތުން ތިޔާގިވެފައި އުފަލުގައި! މިހާރު އެހެންތަ؟ ވީމަ، ޔާމީނު އައްޓެއްގައި ބާއްވައިގެން ނަމަވެސް އޭނަގެ ޚިޔާލަށް ގައުމު ހިންގަން ގެންނަންވީ އޭނައެއް ނުން!
ޕްރޮފެސޮރު
06 July 2020
މިބައިގަނޑަކީ ރާއްޖެއަށްޖެހިފައިވާ ކޮވިޑަށްވުރެ ނުރައްކާތެރި ވައިރަހެއް. މުޅިގައުމު ފަސާދަކޮށްފި ދަވާލައިފި.
ސަމީހާ
06 July 2020
ހާދަހާ ގިނަބަޔަކަށް ހާދަ އަނިޔާ އެއް ޢަބްދުއްރަޙީމް މެންގެ ޖަޒުބާތުގައި ޖެހިގެން ޔާމީން ދިނޭ އެމީހަކަު މިނިނާޅިއަކުން މިނާނީ ތިޔަ އުޅުއްވަނީ މާ ޔާމީނަށް ސަޕޯޓް ކޮށް ހެޔޮ އެދިގެންނެއްނޫން ކޮންމެވެސް އަމިއްލަ އެދުމެއްގާ ނިކުމެ ލިބެމުންދިޔަ ބައިގެއްލުނީމާ ކަންކަން ބަލާފާނެތީ
ރާޅުބެ
06 July 2020
މުސްކުޅި ސާރިދޯޅައަށް ވުރެ ޒުވާން ފުއްލާގެ ހާލު މާ ދެރަދޯ!
އަލްޖިބްރާ
06 July 2020
އަމިއްލަހާލައިގެން ނޫޅެވޭ މީހަކު ވެރިކަމަށް ގެންނަން ވެގެން އުޅުނަސް ރައޔިތުން އެކަން ބަލައެއް ނުގަންނާނެ ! ކަލޭ މޮޔަވީތަ ؟ ވެރިކަމުގައި ހުރިއިރު މަވަރު މީހަކުނެތިގެން އުޅުނުކަން ހަދާން އެބަހުރިބާ ؟
ގުދުގުދާ
06 July 2020
އަހަރުމެންގޭގައި އެބަހުރި ބާ ޓިނު ކޮޅެއް! ބޭނުންތޯ؟
ވަހީދުއްދީން
06 July 2020
ގިނަ ކޮމެންޓްތައް ހުރީ ޖަޒުބާތުގައި ޖެހިފައި. މައުމޫނުގެ ވެރިކަމުގައި އަނިޔާ ލިބި ހިތްހަމަ ނުޖެހުނު މީހުންގެ ރުޅި ހުރީވެސް ޔާމީނަށް. ނަޝީދުގެ އިސްތިއުފާގެ ރުޅި ވެސް ޔާމީނަށް. މިދިޔަ 5 އަހަރު ހިނގާދިޔަ ސިޔާސީ ކަންކަމުގެ ރުޅި ވެސް ޔާމީނަށް.