މަޖިލީހުގެ ކޮމިޓީއެއްގައި ރިޒާ ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: މަޖިލިސް
06 ޖުލައި 2020 - 23:25
ބ. ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތާ ހަވާލުވެފައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ ރިލޭޝަން އޮފިސަރު، ޗީފް ސްޓޭޝަން އިންސްޕެކްޓަރު އާތިފާ ހަސަން ވިދާޅުވީ އެ އިދާރާއިން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ރިޒާ ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ.
އެމްޑީޕީގެ މެމްބަރު ރިޒާ އަކީ ރިޒް ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.
ސީލް މޯލްޑިވްސް އިން ތަރައްގީ ކުރާ ބޮޑުފިނޮޅުގައި 200 އަށް ވުރެ ގިނަ ބިދޭސީން، އެ މީހުންނަށް މުސާރަ ނުލިބިގެން މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގައި ދިވެހި ބައެއް މުވައްޒަފުން ރަހީނުކޮށް ތަނުގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އެ މައްސަލައާ އެކު، ސީލް އިން ރަށުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ރިޒާގެ ކުންފުނީގެ މައްސަލަ ފެންމަތިވީ އެވެ.
އެ މައްސަލަތަކާ ގުޅިގެން ފުލުހުން މިއަދު ބުނީ، ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރިޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
ރިސޯޓު ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވުމަށް ފަހު، މީހުން ޓްރެފިކް ކުރުން ކަމަށް ތުހުމަތު ކުރެވޭ ގޮތަށް ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީންނަށް އޮޅުވާލައި މަކަރާއި ހީލަތުން ރާއްޖެ އެތެރެކޮށްފައިވާ ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
"ޓްރެފިކް ކުރެވިފައިވާ ކަމަށް ބެލެވޭ ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައި، އެ ބިދޭސީންނާ ހަވާލުވެ، އެ ކުންފުނީގެ ބެލުމުގެ ދަށުން ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ގެންގޮސް، ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން މަސައްކަތްތެރިންނަށް ދޭންޖެހޭ މުސާރަ އާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުވާފައިވާ.." ކަމަށް ވެސް ރިޒް ކުންފުންޏަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން މަސައްކަތްތެރިންގެ ތެރެއިން މުސާރަ އާއި އިނާޔަތް ހޯދަން އަޑުއުފުލާ މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް ފޮނުވާފައިވާ ކަމަށް ވެސް ތުހުމަތުކުރެ އެވެ.
މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ ސީލް ކުންފުނިން ފައިސާ ނުދޭތީ ކަމަށް ރިޒާ ވަނީ ކުރިން ވިދާޅުވެފަ އެވެ. ނަމަވެސް ސީލް ކުންފުނީގެ ވަކީލުން ބުނީ، ރިޒް އިން ބުނާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް މޯލްޑިވްސް އިން ދައްކަންޖެހެނީ 12،332،765ރ. ކަމަށެވެ. އެކަމަކު ކޮންޓްރެކްޓަރަށް މިހާތަނަށް 21،773،338.21ރ. ދައްކާފައިވާ ކަމަށް ސީލް އިން ބުންޏެވެ.
ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ހައްޔަރުކުރުމަށް ފަހު ދެން ތިބި ބިދޭސީން އަދި ވެސް ތިބީ އެ ރަށުގަ އެވެ. އެ ބިދޭސީންނަކީ ކޮން ބައެއްކަން އެނގޭނެ ލިޔުންތަކެއް މިހާރު ނެތް ކަމަށް ބުނެ އެ މީހުންނާ ހަވާލުވާން ވެސް ރިޒް އިން ވަނީ އިއްޔެ އިންކާރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޮން
07 July 2020
"ބިދޭސީންނަކީ ކޮން ބައެއްކަން އެނގޭނެ ލިޔުންތަކެއް މިހާރު ނެތް ކަމަށް ބުނެ އެ މީހުންނާ ހަވާލުވާން ވެސް ރިޒް އިން ވަނީ އިއްޔެ އިންކާރުކޮށްފަ އެވެ." މުުސާާރަަ ދޭންވީ މަ ކޮންބައެއްކަން ވެސް ނޭނގުނު. ހާދަ އިހުސާންތެރިކަން ވެސް ނެތް ބޭފުޅު ގަނޑެކޭ ތިޔަ
އިޙްލާޞްތެރިވާނެތަ؟
07 July 2020
ތިހާ ސީރިއަސް ތުހުމަތެއް ކުރެވޭ މީހަކު ހައްޔަރުނުކޮށް ދޫވެފައި ހުރުމަކީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލެއް. އަވަހައް ހައްޔަރުކުރޭ! ބޮޑެތިމީހުންނަށް ބޮޑުއިންސާފު، ނިކަމެތިންނަށް ކުޑައިންސާފުގެ އުޞޫލުން ކަންކުރާނަމަ ޕޮލިސް މުޢައްޞަޞާގެ އިތުބާރު ގެއްލިދާނެ.
ވަތުބަތާނަ
07 July 2020
ތިކަންވެސް ދާނީ ސަފާރީ ރޭޕް ކޭސް އާއި އެއްގޮތަށް! ތިމީހާ ކުރި އެއްކަމެއްވެސް ނޯންނާނެ ނިމިގެން ދާއިރު.
ގުއިއްޒު
07 July 2020
ހިއުމަން ޓްރެފިކިންގައި ބައިވެރިވާ މީހުންނަށް ބޮޑުއަދަބު ލިބެންޖެހޭ. މި މީހުންނާއި މިމީހުން ގެންގުޅޭ މީހުންގެ ސަބަބުން އަހަރެމެން ރަށްވެހިންނަށް ދިރިއުޅުމަށް އުނދަގޫވެއްޖެ.
ހޮޓްކިންގ
07 July 2020
ތިވަރުން ތި ނިމުނީ ތޯއްޗެއް. އެއްކަލަ ނިކަމެތި ބަންގާޅީން ކުޑަގޮޅީގަ އެމީހުންގެ މުސާރަ ނުލިބި އާއިލާ ބަނޑަށް ޖެހުނު ދުވަހުތިބީ.
އަހައްމަދޫ
07 July 2020
މީދައްކާލާ ދަޅައެއް. އެއްވެސް ކަމެއް ނުވާނެ
މޯޑް
07 July 2020
ފުލުހުންގެ އިހުމާލުވެސް މިކަމުގަ ވަރަށް ބޮނޑް. ބިދޭސީން ގެނެސް ގަވާއިދާ ހިލާފަށް އުޅެށް މާލެތެރެއަށް ދޫކޮށްލާ ފަރާތް ތަކެއް ނުހޯދޭ އަބަދު ތަހުގީގު ކުރަނި. ދުވަހަކު ނިމްމެއް ނެތް ތަހުގީގެއް.
މޯޑް
07 July 2020
މަހީ ކުރީ މި އަލީ ރިޒާ އަކީ ވަރަށް ރަގަޅު މީހެއް ކަމަށް. އެކަމް މުސާރަނުދީ ލިޔެކިއުން ނެތް ބިދޭސީން ތަކަކަށް މިހާ ބޮނޑް އިހުމާލެއް ވީމަ ވަރަށް ފޫހިވެއްޖެ
އެޑަމް
07 July 2020
ތީއާއްމު ފުލުހުން ތިކިޔާހާކަންތައްްތީއާއްމުމީހެއްނަމަ މިހާރުތިތަޙުޤީޤު ކުރާނީބަންދުގަބަހައްޓައިގެން ކަމާމެދުއެއްވެސްސައްކެއްނެއް!އެކަމަކު މިފުރުސަތުގާޕޮލިހައްއެގެންޖެހޭނެ,މަޖިލިހުގެ މެމްބަރެއްގެ ވ މަޖިލިހުގެޖަލްސާތެރޭއޮންނައެއްޗެއް,އެނޫންހާލަތުގާޤާނޫނުގެކުރިމަތީއެއީ,އެހެންމީހުނާ,ހަމަހަމަމީހެއް,ވީމާތަޙުޤީޤުވެސް,ސަރީއަތުގާވެސްވަކިޚާއްސަކަމެއް,އޮންނާކައްނުޖެހޭ!!
ފިތުރޯނު
07 July 2020
މެންބަރަކު ބުނީ އަހަރުމެންނަކާ ނުކުލެވޭނެޔޭ