މެމްބަރު ހައިތަމް: އޭނާ ވިދާޅުވީ ތެރަޕިސްޓުންނާއި ސޯޝަލް ވޯކަރުންނަަށް ދޭ އިނާޔާތް އިތުރުކުރަން ޖެހޭ ކަމަށް.
08 ޖުލައި 2020 - 11:10
ކުޑަކުދިންނަށް ލިބޭ އަނިޔާތަކުގެ މައްސަލަތައް ބެލުމާއި އަނިޔާ ލިބޭ ކުދިންނަށް ތެރަޕީ ދިނުން ފަދަ މަސަައްކަތްތަކަށް ތަމްރީނުވެފައި ތިބި މީހުން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި ހިފެހެއްޓުމަށްޓަކައި މުސާރަ އާއި އިނާޔަތްތައް މިހާރަށް ވުރެ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް މިއަދު ގޮވާލައްވައިފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި، އެކުދިންގެ ރައްކާތެރިކަމަށް ދައުލަތުން ކުރާ މަސައްކަތް އިތުރުކުރަން ގޮވާލައްވައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވުމަށް ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން ހައިތަމް ވިދާޅުވީ ތެރަޕިސްޓުންނާއި ސޯޝަލް ވޯކަރުން، ކައުސިލަރުންގެ ގޮތުގައި އެތައް އަހަރެއް ވަންދެން ތަމްރީނުކުރުމުން ބޮޑު މުސާރައަށް އެހެން ދާއިރާތަކަށް ބަދަލުވާ ކަމަށެވެ. ނަމަވެސް އެގޮތަށް ނުދާނެހެން އެކަށީގެންވާ އިނާޔަތްތައް އެ މީހުންނަށް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މައުލޫމާތު ލިބޭ ގޮތުގައި، އިއްޒަތްތެރި ރައީސް، މިހާރު ވެސް ކައުންސިލަރުންގެ ގޮތުގައި ޓްރެއިން ކުރެވޭ ބޭފުޅުންނަކީ އެތައް އަހަރެއް، އެތައް މަހެއް ވަންދެން ޓްރެއިންވުމަށް ފަހު ސިސްޓަމަށް ވަންނަ ބައެއް. ދެން މިވާ ގޮތަކީ ބޮޑު މުސާރަ ކިޔާފައި، ބޮޑު މުސާރައެއް އޮފާކޮށްފައި އެކުދިން އެތަނުން އެހެން ތާކަށް ގެންދަނީ،" ހައިތަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖެންޑާ މިނިސްޓްރީ ތެރޭގައި އެގޮތަށް ކަންތައް ވާކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށެވެ.
މަޖިލީހަށް ހައިތަމް ހުށަހެޅުއްވި ގަރާރުގައި ގޮވާލެއްވީ ކުޑަކުދިންގެ ރައްކާތެރިކަމަށް އިންވެސްޓްކުރާ ވަރު އިތުރުކުރުމަށާއި ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އިހުމާލުވާ ފަރާތްތަކާއި އަނިޔާދޭ ފަރާތްތައް އަދި ކުދިންގެ ނާޖާއިޒް ފައިދާ ނަގާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށެވެ. ކުޑަކުދިނަށް ރައްކާތެރި މާހައުލެއް ހޯދައިދޭން ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ގުޅިގެން މަސަައްކަތް ކުރުމަށް ވެސް އެ ގަރާރުގައި ގޮވާލަ އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ތަހުގީގު ކުރުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަަމަށް ވެސް ހައިތަމް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، އަނިޔާ ލިބޭ ކުދިން، އަނިޔާ ލިބުނު މާހައުލުގައި ބައިތިއްބައިގެން މައްސަލަތައް ތަހުގީގު ކުރަން ޖެހުމެވެ. އޭގެ ބަދަލުގައި ފޯސްޓާ ކެއާ ސެންޓަރެއް ގާއިމްކޮށް، ތަހުގީގީ މަރުހަލާގައި ކުދިން އެތަންތަނަށް ގެންދެވޭ ގޮތަށް ހަމަޖައްސަން އޭނާ ގޮވާލެއްވި އެވެ.
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ޖިސްމާނީ އަނިޔާގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 380 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިދިޔަ މަހު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ވާފިރު
14 July 2020
މަޖިޅިހުގެ މުސާރަ ކުޑަކުރަންވީނު. ޣައިމު ހިލޭ ސާބަހަށް ވެސް ވަންނާނެ މީހުން ތިބޭނެ އެ ތަނަށް
ާއުނިމާ
08 July 2020
ޚާއްސައެހީ އަށް ބޭނުންވާ ޓީޗަރުންނާއި ސްކޫލު ކައުންސިލަރު މީގައި ހިމަނާތި
ކުރުކޮށް
08 July 2020
އިނާޔަތްތައް އިތުރުކުރުމަކީ ވަގުތާ ހާލަތާ ގުލޭ ކަމެއް ނޫން
ފިފުޓީ ސިކުސް
08 July 2020
ތިއީ ކުރަން ލަސްވެފައިވާކަމެއް ނަމަވެސް މިސަރުކާރުން ނުވަތަ އެހެންސަރުކާރަކުންވެސް މިކަންކުރާނެބާ؟ ނުކުރާނެ! ސަބަބަކީ މިކަމުން ލިބޭނެ އެއްވެސް ސިޔާސީ ފައިދާއެއްނެތުން