މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޝްރޫތީ.

ޕްރަބާސްގެ އާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

އެ ފިލްމުގެ ނަމަކީ "ޖާން" ކަމަށް މީޑިއާތަކުން ކުރިން ބުނަމުން ދިޔަ ނަމަވެސް ޕޯސްޓަރާ އެކު ވަނީ ފިލްމުގެ ރަސްމީ ނަމަކީ ކޮބައިކަން ވެސް ހާމަކޮށްފަ އެވެ. ޕޫޖާ ހެގްޅޭ ބަތަލާގެ ރޯލު ކުޅޭ ފިލްމުގެ ނަމަކީ "ރާދޭ ޝާމް" އެވެ.

ރާދާ ކްރިޝްނާ ކުމާރު ލިޔެ، ޑައިރެކްޓްކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ބަގިޔާޝްރީ އާއި ކުނާލް ރޯއި ކަޕޫރާއި ސަޗިން ޚެދްކަރް އަދި މުރާލީ ޝަރުމާ ފަދަ ތަރިން ހިމެނެ އެވެ.

ބުޝަން ކުމާރުގެ ޓީ ސީޒީރުން ވެސް ހިއްސާ ފިލްމު ހަތަރު ބަހަކުން ގެނެސްދޭނެ އެވެ. އެއީ ހިންދީގެ އިތުރުން ތެލެތޫ، ތަމަޅަ އަދި މަލަޔާޅަމް ބަހުންނެވެ.

"ރާދޭ ޝާމް" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންކޮށްފައި ނުވާ އިރު، ލޮކްޑައުންގެ ކުރިން މީގެ މަންޒަރުތަކެއް އިޓަލީ އާއި ޖޯޖިއާގެ އިތުރުން އިންޑިއާގެ ހައިދަރުއާބާދުގައި ނަގާފައިވެ އެވެ. ފިލްމުގެ ޝޫޓިން އަލުން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތެރޭގަ އެވެ.

"ބާހްބަލީ" ކުޅެގެން ބޮޑު މަޝްހޫރުކަމެއް ހޯދި ޕްރަބާސްގެ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ސާހޯ" އިންނެވެ.

"ޔާރާ" ގެ ޓްރެއިލާ ދައްކާލައިފި

ހަތަރު އެކުވެރިންގެ ވާހަކަ ކިޔައިދޭ ފިލްމު "ޔާރާ" ގެ ޓްރެއިލާ ދައްކާލައި، ޒީ5 އިން މި މަހުގެ 30 ގައި ފިލްމު ޕްރިމިއާކުރަން ނިންމައިފި އެވެ.

މި ފިލްމަކީ "ސާހިބް ބީވީ އޯރް ގޭންގްސްޓާ" އާއި "ޕާން ސިންގް ތޯމަރް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ޓިގްމަންޝޫ ދޫލިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފްރާންސްގެ ފިލްމެއް ކަމަށްވާ 2011 ގެ "އަ ގޭންގް ސްޓޯރީ" އަށް ބިނާކޮށް ހަދާފައިވާ "ޔާރާ" ގެ މައިގަނޑު ކާސްޓުންނަކީ ވިދުޔަތު ޖަމްވަލް އާއި އަމިތު ސާދާއި ވިޖޭ ވަރުމާ އާއި ކެނޯ ބާސޫމަތަރީގެ އިތުރުން ޝްރޫތީ ހަސަނެވެ.

މީގެ އިތުރުން ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ސަންޖޭ މިޝްރާ ވެސް ފެނިގެންދާނެ އެވެ.

ޓިގްމަންޝޫ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ "މިލަން ޓޯކީޒް" އެވެ.

"ދިލް ބޭޗާރާ" ގެ ޓައިޓްލް ލަވަ

މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ޓައިޓްލް ލަވަ ދައްކާލައިފި އެވެ.

އޭއާރް ރަހުމާން މިއުޒިކް ތައްޔާރުކޮށް އޭނާ ކިޔާފައި ވެސް ވާ މި ލަވައިގެ ކޮރިއޯ ހަދާފައި ވަނީ ފަރާ ޚާނެވެ. ލަވައިން ސުޝާންތުގެ ނެށުންތަކެއް ފެނިގެންދެ އެވެ.

"ދިލް ބޭޗާރާ" އަކީ 2014 ގެ ހޮލީވުޑް ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" ރިމެކެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައި ވަނީ މުކޭޝް ޗަބްރާ އެވެ. ފިލްމުގެ ބަތަލާ އަކީ ސަންޖަނާ ސާންގީ އެވެ.

މި މަހުގެ 24 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރަން ހަމަޖެހިފައިވާ "ދިލް ބޭޗާރާ" ގެ ކާސްޓުންގެ ތެރޭގައި ސައިފް އަލީ ޚާނާއި ޖާވިދު ޖެފްރީ ވެސް ހިމެނެ އެވެ.

އައްނޫ އަލުން ޓީވީ އަށް

ދިހަ ވަރަކަށް އަހަރު ފަހުން ބޮލީވުޑްގެ އެކްޓަރު އައްނޫ ކަޕޫރް އަލުން ޓީވީ އުފެއްދުމަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ފިލްމު "ޑްރީމް ގާލް" ގައި މަޖާ ރޯލެއް ކުޅުނު 64 އަހަރުގެ އެކްޓަރު ފެނިގެންދާނީ ސްޓާ ޕްލަސް އިން އަންނަ ހޯމަ ދުވަހުގެ ރޭ ދައްކަން ފަށާ "އަނޫޕަމާ" އިންނެވެ. މީގެ ކާސްޓުންގެ ތެރޭގައި ރުޕާޕީ ގަންގޫލީ އާއި ސުދާންޝޫ ޕާންޑޭ އާއި ޕަރަސް ކަލްނަވަތު ފަދަ ތަރިން ހިމެނެ އެވެ.

"އަނޫޕަމާ" އަކީ އާއިލާ އަށް ޓަކައި ގުރުބާންވާ ގެވެހި އަންހެނެއްގެ ވާހަކަ ކިޔައިދޭ ސިލްސިލާއެކެވެ.

މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ އައްނޫ ވަނީ ވަރަށް ގިނަ ޓީވީ ޕްރޮގްރާމެއްގައި މަސައްކަތްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ މަޝްްހޫރު އެއް ޝޯ އަކީ ޒީޓީވީން 1993-2006 އަށް ގެނެސްދިން "އަންތާކްޝްރީ" އެވެ.

ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ އެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ އަމީތާބް ބައްޗަނާއި އިމްރާން ހާޝިމީގެ "ޗެހެރޭ" އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454