ރިޕޯޓް / ބިދޭސީން

ނުރައްކާ މިސްރާބެއް: މުސާރަ ހޯދައިދެވޭކަށް، ފޮނުވޭކަށް ނެތް؟

މުސާރަ ނުދީ މަސައްކަތް ކުރުވާ މައްސަލައިގައި ހުޅުމާލޭގައި އިއްޔެ މުޒާހަރާކޮށް ހަމަނުޖެހުން ހިންގި ބިދޭސީންތަކެއް ފުލުހުންގެ ބެލުމުގެ ދަށުގައި. -- ފޮޓޯ:ނިޝާން އަލީ/މިހާރު

ބިދޭސީންނާ މެދު އަމަލުކުރާ ރަހުމްކުޑަ، ލާއިންސާނީ އަނިޔާތަކަށް ވަރަށް ކެތްކޮށްފި އެވެ: ބޮޑުފިނޮޅުން ފެނުނީ އޭގެ އެއް މިސާލެވެ. ޖެނުއަރީ މަހުން ފެށިގެން މުސާރަ ނުދޭ ކަމުގެ ޝަކުވާ އެ މީހުންނާ ހަވާލުވެ ތިބި ދެ ކުންފުންޏާއި މުއައްސަސާތަކުގައި ކެނޑިނޭޅި ދިޔައީ ކުރަމުންނެވެ. އެކަމަކު އެ މީހުންގެ ހާލަތު ފެނުނު ޝަކުވާތައް އަޑު އިވުނު ބަޔަކު މި ގައުމަކު ނެތެވެ. އެންމެ ފަހުން، ބޮޑެތި ކުށަށް އަރައިގަނެގެން ނަމަވެސް އެ މީހުންގެ ވިސްނުމުގައި ހުރީ އިންސާފު ލިބޭނެ މަގެއް ހޯދުމެވެ.

ރާއްޖޭގައި ބިދޭސީންނަށް ޖައްސާ ހާލަތާއި ބޮޑުފިނޮޅުގެ ބިދޭސީންނާ މެދު އެ ޖަރީމާ ހިންގި މީހުން ސާފުކޮށް ފެންނަން އޮތް އިރު ވެސް ކޮޅެއް، މެދެއް އަދި ނުފެނެ އެވެ. ނުފޫޒާއި ބާރުގަދަ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، އަލީ ރިޒާގެ މަސްލަހަތު ހިމެނޭ މި މައްސަލައިގައި، ބިދޭސީންގެ ހައްގުތައް ލިބިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އޭނާގެ ކުންފުނިން މަސައްކަތް ކުރުވައި މުސާރަ ދެމުން އައި ކަމަށް ލިޔެކިޔުމުން ފެންނަން އޮތް ބިދޭސީންނާ ހަވާލުވާން ވެސް ފާޅުގައި ދަނީ އިންކާރު ކުރަމުންނެވެ.

މުސާރަ ނުދީގެން ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ފުލުހުންނާ ކުރިމަތިލާން ތައްުޔާރުވެގެން.

އެންމެ ފަހުން ކުންފުނީގެ ނަން ވެސް އޮޅުވާލުމާއި ގަވާއިދާ ޚިލާފަށް ގެންގުޅެ، މުސާރަ ދެމުން އައި ބިދޭސީން ނޭނގޭ ކަމަށް ހަދައި ރިޒާ ގެންގުޅުއްވަނީ ގާނޫނީ ނިޒާމުގެ ބާގަނޑަކުން ސަލާމަތްވުމުގެ ވިސްނެވުމެވެ. ހިއުމަން ޓްރެފިކިންގެ ބޮޑު ކުށެއް ކުރެއްވި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވޭއިރު ވެސް އަންނަ ޕްރެޝަރެއް ނެތެވެ. އެކަމަކު އެ ބިދޭސީން މިހާރު އެ ތިބީ ބޮޑުފިނޮޅަށް ދޫކޮށްލައި ހާލުގައި ޖައްސައިފަ އެވެ.

މި މައްސަލަ ހައްލު ނުވެ އުޅެނިކޮށް ހުޅުމާލޭގައި، ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އަޅާ ބިދޭސީންނަށް އެ މަސައްކަތް ކުރުވާ އައިލެންޑް އެކްސްޕާޓުން މުސާރަ ނުދޭ މައްސަލައިގައި އެ ދަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކާއި އާއްމުންނަށް ވެސް އިއްޔެ ގެއްލުންތަކެއް ލިބުނެވެ.

ބިދޭސީންގެ މުޒާހަރާތަކަކީ މިހާރު މި ހިނގާ ލެވެލްގައި ކުރިން ހިނގާ ކަންކަމެއް ނޫނެވެ. އެ މީހުން މަސައްކަތްކުރާ ސައިޓުތަކުގައި ނުރުހުން ފާޅުކޮށް ނިންމާލަނީ އެވެ. އެކަމަކު މި ފަހުން ކުރާ މުޒާހަރާތަކުގައި އަނިޔާވެރި އަމަލުތަކަށް އަރައިގަންނަމުންދާ ގޮތަށް ބަލާއިރު، މިއީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް ހާލަތެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބިދޭސީންގެ ފަރާތުން ވެސް މިކަންކަން ފެނިދާނެ ކަމުގެ ކަންބޮޑުވުން ފުލުހުންނަށް އެބަ އޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

"މިހާރަކަށް އައިސް ރޭވުންތެރިކަމާ އެކު އެއް ދުވަސް ކުރިން، އަންގައި އެ މުޒާހަރާތައް ކުރިއަށްދާ ތަން މި ފެންނަނީ،" ބިދޭސީންނާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކާ އެކު ބޭއްވި ބައްދަލުވުމުގައި ބަޝީރު ވިދާޅުވި އެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީންތަކެއް އެބަތިބި އަންޑޮކިއުމެންޓެޑް. މީގެ ތެރެއިން ދިމާވާނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ މި މީހުން [މުޒާހަރާ ކުރާ މީހުން] ދައްކާ މަންޒަރުތަކުން އިތުރު ސައިޓުތަކަކުން އެ މީހުންނާ ގުޅި މިކަން ހިނގައި އަޅުގަނޑުމެންނަށް ކޮންޓްރޯލްކުރަން ދަތިވެގެން ދިއުން. އެއީ އަޅުގަނޑު ދެކޭ ގޮތުގައި އޮތް ނުރައްކަލަކީ."

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އިއްޔެ ފުލުހުންނާއި އިމިގްރޭޝަންގެ އިސްވެރިންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލިސް

މީގެ ފަހަތުގައި، ސިޔާސީ މަގްސަދުތަކެއް ހުރި ކަމުގެ ތުހުމަތު ސަރުކާރުން ކުރެ އެވެ. މި ވެސް ކަންބޮޑުވުން އޮތް ކަމެކެވެ. އެކަމަކު އެންމެ ބޮޑު ކަންބޮޑުވުމަކީ، އެތައް ހާސް ބިދޭސީންނަކާ މެދު މިފަދަ އަނިޔާވެރި އަމަލުތައް ހިންގާ މީހުންނަށް ގާނޫނީ ނިޒާމުގެ ތެރެއިން އެޅޭނެ ފިޔަވަޅެއް ނެތުމުވެ. އަދި ބިދޭސީންގެ ހައްގުތައް ހޯދައި ދެވޭނެ ގޮތެއް ވެސް ނެތުމެވެ.

މުސާރަ ނުދީ އެތައް ހާސް ބަޔަކު ބިކަކޮށްފައި!

ރަށެއްގައި ހިންގި ނަރުދަމާ އެޅުމުގެ މަޝްރޫއަކަށް، އެ ރަށެއްގެ އާބާދީއަށް ވުރެން އިތުރަށް ބިދޭސީން ގެނެސްފައި އެބަ ހުއްޓެވެ. ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި އެއް މެމްބަރަކު ވިދާޅުވި ގޮތުން ނަމަ އޮކްޓޯބަރު-ނޮވެމްބަރު 2018ގައި އެކަނި ވެސް އިމިގްރޭޝަނުން ކޯޓާ ދީގެން 6،000 އަށް ވުރެ ގިނަ ބިދޭސީން ރާއްޖެ އަށް އެތެރެކޮށްފައިވެ އެވެ. އެއީ އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ކަމާ ގުޅޭ މުއައްސަސާތަކުގެ ވެސް ބައިވެރިވުން އޮވެ ހިންގޮ ބޮޑު ޖަރީމާތަކެވެ.

ޒަމާނުއްސުރެން ނިޒާމުގެ ތެރެއިން މިގޮތަށް ގެނެސްފައި ތިބި އެކަމަކު މިހާރު ސައްހަ ލިޔެކިޔުމެއް ނެތް މީހުންގެ އަދަދު، ރަސްމީ ތަފާސްހިސާބުތަކުގައިވާ ގޮތުން ނަމަ 60،000 އަށް އަރަ އެވެ. މީގެ ތެރޭގައި އަހަރުތަކެއް ވަންދެން މުސާރަ ނުލިބި ހަމައެކަނި ބަނޑުފުރޭވަރަށް ކާއެތިކޮޅެއް ކޮންމެ ދުވަހަކު ލިބޭ މީހުން ވެސް އެބަ ތިއްބެވެ. މީގެ ތެރެއިން ގިނަ ބައެއްގެ ހާސްކަން ބޮޑުވެފައި ވަނީ، ކޮވިޑް-19ގެ މާލީ ދަތިކަމާ އެކު އެ މީހުން އާމްދަނީ ހޯދަމުން އައި ގޮތްތަކަށް ވެސް ހުރަސްތަކެއް މެދުވެރިވުމުންނެވެ. މަސައްކަތް ކުރުވާ ފަރާތުން މުސާރަ ނުދިނަސް ކޮންމެވެސް ގޮތްތަކަކުން ފައިސާ ހޯދާ ބިދޭސީން ގިނަ އެވެ.

ހުޅުމާލެ: ޖުލައި 13، 2020: އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުން، މުސާރަ ނުދީގެން ހަމަނުޖެހުން ހިންގުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުގައި - ފޮޓޯ: ނިޝާން އަލީ /މިހާރު

ލޭބަ ރިލޭޝަންސް އޮތޯރިޓީން ބުނިގޮތުގައި، މި ފަހުން ބެލިއިރު، ބިދޭސީންގެ ތެރޭގައި 6-7 މަސް ވަންދެން މުސާރަ ނުދީ ތިބި ގިނަ ބަޔަކު އެބަ ތިއްބެވެ. އެހާ ދުވަސް ވަންދެން މުސާރަ ނުދިނުމުން ޝަކުވާތަކެއް ހުންނާނެ ކަން އެތަނުން ވެސް ފާހަގަކުރެ އެވެ. އެކަމަކު މިކަމުގައި އިދާރީ ފިޔަވަޅެއް އެޅުން ފިޔަވައި ގާނޫނީ ގޮތުން އެތަނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ހޯމް މިނިސްޓްރީން ބުނިގޮތުގައި ހިއުމަން ޓްރެފިކިންގެ މައްސަލައެއްގެ ގޮތުގައި މުސާރަ ނުދިނުމުގެ މައްސަލަތައް ކުރިއަށް ގެންދަން ގާނޫނީ ގޮތުން ވެސް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އެގޮތަށް އެކަން ކުރަން ފަށައިފި ނަމަ މުސާރަ ނުދޭ އެންމެން ދައުލަތުން ބަލަހައްޓަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ކޮމިޓީގައި ވިދާޅުވި އެވެ.

މުސާރަ ނުދީގެން، ހިއުމަން ޓްރެފިކިންގެ ވިކްޓިމެއްގެ ގޮތުގައި ރަޖިސްޓްރީވާން ގިނަ ބިދޭސީން ވެސް ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް ގިނަ ބަޔަކު ރަޖިސްޓްރީވެއްޖެ ނަމަ ވެސް ގާނޫނުގައިވާ ގޮތަށް ޝެލްޓާތަކުގައި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަމެއް ވެސް ސަރުކާރުގައި ނެތެވެ. ހުޅުމާލޭގައި ހުންނަ ބިދޭސީންގެ ޑިޓެންޝަން ސެންޓަރުގެ ޖާގައަކީ 40 އެވެ.

ހައްލެއް ނެތް، ކަންބޮޑުވުންތަކެއް؟

ބިދޭސީންގެ މައްސަލައޭ ބުނާއިރަށް މި ސަރުކާރުގެ ވެރިން ވެސް ފަށަނީ ކުރީ ސަރުކާރުތަކުގެ އިހުމާލު ދައްކާށެވެ. އެ ޖާގަ ވެސް އެބަ އޮތެވެ. މިއީ، އެއް ދުވަހަކުން ރާއްޖެއަށް ކުރިމަތިވި ހާލަތެއް ނޫނެވެ. އެކަމަކު މައްސަލަ އަށް ހައްލު ހޯދުމުގެ ބަދަލުގައި މި ބަހަނާތަކުގައި ތާށިވެގެން ތިބެ ފުއްދާލެވޭކަށް ވެސް ނެތެވެ.

އެއަށްވުރެން ހާލަތު ގޯހެވެ؛ ބިދޭސީންގެ ވެސް ކެތްތެރިކަން ކޮޅުންލައި ގައުމީ ސަލާމަތަށް ނުރައްކާ ވަނީ ބޮޑުވެފަ އެވެ.

އެކަމަކު ބިދޭސީންނާ ގުޅޭ ހުރިހާ މުއައްސަސާތަކެއް ކޮމިޓީއަށް ގެންގޮސް ދެއްކި ވާހަކަތަކުގައި ވެސް މާ ބޮޑު ހައްލެއް ހޯދިދާނެ ކަމަކަށް ނުބެލެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ކަމާ ބެހޭ އިދާރާތަކުގެ ބޭފުޅުން ވާހަކަ ދައްކަވަނީ. --ފޮޓޯ/މަޖިލިސް

އެކަން ފާހަގަކުރައްވަމުން އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ވިދާޅުވީ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ބިދޭސީންގެ މައްސަަލައާ ގުޅޭ ގޮތުން މަޝްވަރާކޮށް ހައްލު ހޯދަން ޖެހިފައި އޮތުމަކީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ. ކޮމިޓީ އަށް ކަމާ ގުޅޭ ހުރިހާ އިދާރާތަކެއް ހާޒިރުކޮށްގެން ދެއްކި ވާހަކަތަކުން ވެސް މައްސަލައިގެ ހައްލެއް ފެންނަން އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތި ހުރިހާ ބޭފުޅުންގެ ވެސް ތި ހުރީ އަޅުގަނޑުމެންގެ ވެސް ހުރި ކަންބޮޑުވުން. އެހެންވީމާ އަޅުގަނޑު މި ހިތަށް އަރަނީ މުޅި ސިސްޓަމް މިއޮތީ ޕެރެލައިޒްވެފައި ހެއްޔޭ؟ މިކަމަށް ހައްލެއް ފެންނާނެ ގޮތެއް ނެތީތޯއޯ. މިކަމަށް ހައްލު ހޯދޭނެ މަގެއް ދައްކައެއް ނުދެކެވޭ ތި ބޭފުޅުންނަކަށެއް،" އޭނާ ވިދާޅުވި އެވެ.

އެ ކޮމިޓީގައި ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އާއި ލޭބަ ރިލޭޝަންސް އޮތޯރިޓީގެ އިތުރުން އިމިގްރޭޝަނުން ވެސް ބައިވެރިވި އެވެ.

ކޮމިޓީގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވި ގޮތުން ނަމަ، މުސާރަ ނުދެވޭ މައްސަލަތަކުގައި އެ މިނިސްޓްރީ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ވެސް ނެތެވެ. މިސާލެއްގެ ގޮތުން ނެންގެވީ ބޮޑުފިނޮޅުގެ މައްސަލަ އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން 200 އަށް ވުރެން ގިނަ ބިދޭސީންނަށް މުސާރަ ނުދީ މަސައްކަތް ކުރުވަމުން ދިއުމާ އެކު އުފެދުނު ހަމަނުޖެހުންތައް ހުއްޓުވަން ރިޒް ކުންފުނިން މިދިޔަ ޖޫން މަހު އިކޮނޮމިކް މިނިސްޓްރީގައި އެދުނެވެ. އެކަމަކު މުސާރަ ނުދިން މައްސަލައަކީ އެ މިނިސްޓްރީ އަށް ހައްލު ހޯދޭނެ ކަމަކަށް ވުރެން އެމްޕްލޯއިމަންޓް ޓްރައިބިއުނަލާއި ކޯޓުތައް ފަދަ ތަންތަނުން ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ބައިވަރު ރައްޔިތުންތަކެއް ހިތްހަމަނުޖެހުނަސް މިކަމުގައި އަޅުގަނޑުމެންނަކަށެއް ކުރެވޭނެ މާ ބޮޑު ކަމެއް ނޯވޭ. ސަރުކާރުގެ ހައިސިއްޔަތުން އަޅުގަނޑުމެންނަކަށެއް ވިޔަފާރިތަކުގެ ވަތްގަނޑަކަށް އަތްކޮއްޕައިގެން ނޫނީ އެކައުންޓްތައް ފްރީޒްކޮށްގެން މުސާރަ ދީ ނޫނީ ވިޔަފާރިއަކުން ފައިސާ ދައްކަން އޮތް އެހެން ވިޔަފާރިއަކުން ފައިސާ ދިނުމަކީ ކޮށް އުޅޭ ކަންކަމެއް ނޫން. --ފައްޔާޒް

ލޭބަ ރިލޭޝަންސް އޮތޯރިޓީ އަށް ވެސް އެޅޭނީ ޖޫރިމަނާކުރުމާއި ބްލެކް ލިސްޓް ކުރުން ފަދަ ފިޔަވަޅެއް ކަން ފާހަގަކުރެއްވި އެވެ.

ފައްޔާޒް ވިދާޅުވީ ރާއްޖޭގައި "ވަރަށް ހަޑި މުޑުދާރުކޮށް ހިންގަމުންދިޔަ ކަމެއް" ހުއްޓުވަން މި ސަރުކާރުން ފަށާފައި ވަނިކޮށް މިހާރު ދިމާވެގެން އުޅެނީ އެހެން މައްސަލައެއް ކަމަށެވެ. ކޮވިޑް-19ގެ ދަތިކަމާ އެކު ބިދޭސީންނެކޭ އެއްގޮތަށް ދިވެހިންނަށް ވެސް މުސާރަ ނުދެވޭ ކުންފުނިތަކެއް ހުއްޓައި މައްސަލަ ހޫނުކޮށްލީ ސިޔާސީ މަންފާއަކަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"ދެން މިކަން ހައްލުކުރަން ކީއްތޯ ކުރާނީ؟ މިއީ މިކަން ހައްލުކުރަން ހަގީގަތުގައި ވެސް ދަތި ވަގުތެއް. ފައިސާ ލިބިގެން ހައްލުކުރެވޭނީ،" ފައްޔާޒް ވިދާޅުވި އެވެ.

އެކަމަކު ކަމާ ގުޅޭ އިދާރާތައް ގުޅިގެން މިހާރު ވަނީ ބިދޭސީންގެ މުސާރައިގެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ފަށައިފަ އެވެ. މުސާރަ ނުދޭ ކުންފުނިތައް ގެނެސްގެން ވާހަކަދައްކަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އެއް ހައްލަކަށް ކޮމިޓީގައި ކަމާ ބެހޭ އިދާރާތަކުން ހުށަހެޅީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި އެ މީހުން ފުރުވާލެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. މިކަން، މިހާރު ވެސް ފަށާފައިވާ އިރު މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެނބުރި ގައުމަށް ފޮނުވަން ނިންމާފައިވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

ދެން އޮތީ އެ މީހުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމެވެ. މިކަމުގައި ވެސް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ.

ޖުމްލަ ހައްލުތަކެއްގެ ވާހަކަ ދެއްކި ނަމަވެސް ބިދޭސީންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް ހައްލުކުރާނެ ގޮތެއް މުއައްސަސާތަކުގެ ވިސްނުމުގައި އަދި ނެތް ކަން ކޮމިޓީގައި ދެއްކި ވާހަކަތަކުން ސާފެވެ. އަދި އެ ޖަރީމާ ހިންގި ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި، ދޫވެ މި މައްސަލަތައް ނިމިދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ.

17 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 3%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޯން

14 July 2020

ބަންގާޅި އެންބަސީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައެއްވެސް ބަހެއްނުކިޔާ...ބަންގާޅިންނުކުމެ ދިވެހިފުލުހުނާ ދިމާލަށް ގާއުކިއިރުވެސް....

The name is already taken The name is available. Register?

ކަކުނިބޯ

14 July 2020

ޤަވާއިދާހިލާފަށް އުޅޭބިދޭސީއެއްނަމަ މުސާރަހޯދާދޭން ދައުލަތުން މަސައްކަތްކޮށްގެންނުވާނެ ޑީޕޯޓްކޮށް ފޮނުވާލިއްޔާ ރަނގަޅު

The name is already taken The name is available. Register?

އިސްމާލި

14 July 2020

މުސާރަ ނުދޭ ކުންފުނިތައް ހޯދައި މަޝްވަރާ ކުރަމުންނޯ މި ދަނީ. މުސާރަ ނުދިނުމަކީ ކުށެއް އަދި މަޖުބޫރުން މަސައްކަތް ކުރުވުމަކީ ކުށަކަށް ވާއިރު މިކަން ކުރާ މީހުން އެނގިވެސް ފިޔަވަޅެއް އެޅޭނުގޮތެއް ނެތުމަކީ މައްސަލައެއް އަދި ބޮޑު ޖޯކެއް.

The name is already taken The name is available. Register?

ދެރަ

14 July 2020

އެމްޑީޕީ އަކީ މުޒާހަރާ ކުރާ ބައެއް. ޢެކަމުގަެި ހިތާ ހިތުގެ ގުޅުމަކުން، އެއްބަޔަކު އަނެއް ބަޔަކު ހިތްވަރު ލިބި ގަންނަ ބައެއް. ޤައުމެއްވާ ނެތް. ޥ.ދެރަ

The name is already taken The name is available. Register?

މައުސް

14 July 2020

ވަރަށް ފާޅުކަން ބޮޑުކޮށް ހިއުމަން ޓްރެފިކިންގ ދެއްތޯ

The name is already taken The name is available. Register?

ނަފީ

14 July 2020

ހައްގާ އިންސާފު ހޯދުމަށް ކުރާ ދަތުރުގައި އެމްޑީޕީ މީހުން ޝާމިލް ވާކަންކަމުގައި މިފެންނަނީ ދުވެލި މަޑުޖެހި އިންޖީން ހުއްޓޭތަން، ސަފާރީ ރޭމްޕް ކޭހާއި، ބޮޑު ފިނޮޅު މައްސަލަ މިދަނީ މިހެން، ރައްޔިތުން ބަސް ބުނާނެ ދުވަހެއް އަދި އަންނާނެ،

The name is already taken The name is available. Register?

ސޮރީ

14 July 2020

ރައްޔިތުންގެ ބަސް؛؛ ތިބުނީ ކޮން ރައްޔިތުން ތަކެއްގެ ވާހަކަތޯ؟ ރާއްޖޭގެ 50% ރައްޔިތުންނަކީ އެމްޑީޕީ ރައްޔިތުން. އެމްޑީޕީގެ ބޭނުމަކީ ރާއްޖެއަށް ސެކިޔުލަރިޒަމް ގެނެސް ހުޅަނގުގެ ގޮތްތައް ގެނައުން. ކެޕިޓަލިސްޓް ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުގައި ހުރިހާ ބާރެއް އޮންނަނީ ވިޔަފާރިވެރިންގެ ތެރެއިން ވެރިކަންކުރާ ޕާޓީގެ ބައިގަނޑުގެ އަތުގައި. އެމީހުން ކިތަންމެ ވަރަކަށް ކޮރަޕްޝަންގެ ކަންތައް ކުރިއަސް އެމްޑީޕީ ރައްޔިތުންނަށް މައްސަލައަކަށް ނުވާނެ.

The name is already taken The name is available. Register?

hussain208

14 July 2020

ހުޅުމާލޭގައި މުޒާހަރާ ކުރަނީ މުސާރަ ނުދީގެން ކަމަށްވާއިރު މުސާރަދޭންޖެހޭނީ ނުގަވާއިދުން ނަމަވެސް ވަޒީފާދިންފަރާތުން. މިލިޔުމުގައި ސަރުކާރާއި ކޮންޓްރެކްޓަރ އާއިދެމެދު ހިގާފައިވާ ފައިސާގެ މުއާމަލާތްތަކުގެ ވާހަކައެއްނެތް. މުސާރަ ނުދެވިގެން އުޅެނީ ސަރުކާރުން ކޮންޓްރެކްޓަރ އަށް ދޭންޖެހޭ ފައިސާ ނުދެވިގެން ކަން ނުވަތަ ބޭންކަކުން ފައިނޭންސް ނުލިބިގެން ކަން ވެސް ސާފެއްނޫން. އެންމެ ފުރަތަމަ މުސާރަ ހަމޖެއްސުމަށްފަހު ދެންހުރި މައްސަލަތައް ހައްލުކުރެވޭނީ.

The name is already taken The name is available. Register?

ށސްސި

14 July 2020

ހައްލު ކުރާނެ ގޮތެއް އިކޮނޮމިކް މިނިސްޓްރަށް ނޭނގުނިއްޔާ ބުނިި ގޮތަށް އިސްތިއުފާދީބަލަ، އަނެއްކާ ޓޫރިޒަމް ހިންގުން ހަވާލުނުވެ

The name is already taken The name is available. Register?

ޚިޔާލު

14 July 2020

ބަޝީރު ތިވިދާޅުވީ ހަމަ އަޅުގަނޑުގެ ވެސް ކަންބޮޑުވުން. އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަނެ ކިތަންމެ ސައިޓެއްގައި މުޒާހަރާ ކުރާނެ. މިކަމުގެ ހައްލަކީ ރާއްޖޭގައި އުޅޭ ހުރިހާ ބަންގާޅީ މަސައްކަތްތެރިން ފޮނުވާލުން. ދޭން ޖެހޭ ހުރިހާ މުސާރައެއް ދީފައި. ރައީސް އިބޫ ކެބިނެޓަށް ބަދަލު ގެންނަވާ. މި އަންނަމުންދާ ރާޅުގެ ބިޔަކަން ނުވިސްނޭ ދެވަޒީރުން (ހިއުމަން ޓްރެފިކިން ޓާސްކް ފޯހުގެ ވެރިޔާއާއި ބިދޭސީންގެ ކަންތަކާ ހަވާލުވެ ހުންނެވި ވަޒީރު) ވަކި ކުރައްވާ.

The name is already taken The name is available. Register?

މަރި

14 July 2020

ވަރަށްހެއްވާ މަޖާ ގައުމެއްމީ، މަސައްކަތްކުރުވާފަ 5 މަސް 6މަސް މުސާރަ ނުދިނަސް ކުންފުނީގެ ބޮޑު މީހާ ކުށްވެރިނުވާ ގައުމެއްމީ، ކޯޓް ފަޓުލޫންލާފަ ދެކޮޅަށް ހިގަމުން މިއޮއްދަނީ، ލަދެއްވެސް ނުގަނޭ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454