ރާއްޖެ އާއި ޗައިނާއާ ދެމެދު މިއަދު ބޭއްވި ބައްދަލުވުމުގައި ސަފިރު ޖަންގް ލޮޖޮން (މ) ބައިވެރިވެ ވަޑައިގަންނަވަނީ.
16 ޖުލައި 2020 - 20:21
ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ބައެއް މީހުން ޒިންމާދާރުކަމެއް ނެތް ފާޑުކިޔުންތައް އަމާޒުކުރިޔަސް ދެ ގައުމުގެ ގުޅުމަށް އަސަރެއް ނުކުރާނެ ކަމަށާއި އެ ގުޅުން އަންނާނީ އިތުރަށް ހަރުދަވާ ވަމުން ކަމަށް ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ޖަންގް ލޮޖޮން މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާ-މޯލްޑިވްސް ޖޮއިންޓް މެކޭނިޒަމް އޮން ކޮވިޑް-19 ރެސްޕޯންސްގެ ނަމުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމަށް ފަހު ކުރެއްވި ޓްވީޓްތަކެއްގައި ޗައިނާ ސަފީރު ވިދާޅުވީ މިއަދުގެ ވީޑިއޯ ކޮންފަރެންސް ކާމިޔާބު ކަމަށެވެ.
"ކޮވިޑް-19 އަށް ފަހު އިގްތިސާދު އަލުން ހިންގަން ފެށުމާއި ޓޫރިޒަމް އަދި ވިޔަފާރީގެ ހަރަކާތްތައް އަވަހަށް ފެށޭނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކޮށްފައި،" ސަފީރު ވިދާޅުވެފައިވެ އެވެ.
ކުރީގެ ރައީސް އަދި މަޖިލީހުގެ މުހައްމަދު ނަޝީދު ޗައިނާ އާއި ރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން ދައްކަވާ ވާހަކަތަކަށް ސޯޝަލް މީޑިއާގައި އާންމު ގޮތެއްގައި ރައްދު ދެއްވާ ސަފީރު ޖަންގް ލޮޖޮން ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި "ވަން-ޗައިނާ-" ޕޮލިސީ އަށް ރާއްޖޭން އިތުރު އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ދީފައިވާ ކަމަށެވެ.
ޗައިނާއާ މެދު ރާއްޖޭން ގާތް ގުޅުމެއް ބާއްވައި އެ ގުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތަށް މިއަދުގެ ބައްދަލުވުމުގައި ޝުކުރު އަދާކުރައްވާފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
"...ޗައިނާ އިން ގަބޫލުކުރަނީ ބައެއް ފަރާތްތަކުން ޒިންމާދާރުކަން ނެތް ފާޑުކިޔުންތައް އަމާޒުކުރިއެއް ކަމަކު ޗައިނާ އާއި ރާއްޖޭގެ ގުޅުން ކުރިއެރުވުމަށް ކުރާ މަސައްކަތަށް ސަމާލުކަން ނުގެއްލޭނެ ކަމަށް. އަދި މި ގުޅުން އަދިވެސް ދާނީ އިތުރަށް ވަރުގަދަވަމުން ކަމަށް،" ސަފީރުގެ ޓްވީޓެއްގައިވެ އެވެ.
4. Maldives reiterated its position on One-China Policy and commitment to stronger co-ops with China. China appreciated Maldives’ positive and friendly policy on China and believed bilateral relations will continue to grow and will not be distracted by some irresponsible remarks.
— Amb. Zhang Lizhong (@AmbassadorZhang) July 16, 2020
ޗައިނާގެ ފަރާތުން އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޭޝިއަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ޔައޮ ވެން ބައިވެރިވެ ވަޑައިގެންނެވި ބައްދަލުވުމާ ބެހޭ ގޮތުން ސަފީރު ތަފްސީލް ދެއްވާފައިވާ ޓްވީޓެއްގައިވާ ގޮތުން މައިގަނޑު ތިން ކަމަކަށް ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ. އެއީ ކޮވިޑް-19 އާ ދެކޮޅަށް ގުޅިގެން ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށާއި މި ބައްޔާ ދެކޮޅަށް ދެ ގައުމުން އެކުގައި އިތުރު މަސައްކަތްތައް ކުރުމަށާއި އިގްތިސާދު އަލުން ހިންގަން ފެށުމުގެ ގޮތުން ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުތައް އަލުން ފެށުން އަވަސް ކުރުމަށެވެ.
މި ބައްދަލުވުމުގައި ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަން، ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން، ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ. ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެޑީޝަނަލް ސެކްރެޓަރީ އަހްމަދު ޝިއާނެވެ.
ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް ބޮޑެތި ލޯނުތައް ދީ ބިޔަ މަޝްރޫތައް ހިންގަމުން އަންނަ ޗައިނާ އިން ކޮވިޑް-19 ގެ ތެރޭގައި ވެސް ވަނީ ބޮޑެތި އެހީތަކެއް ވެފަ އެވެ. ރާއްޖޭން އެންމެ ބޮޑު ދަރަންޏެއް އޮތް ޗައިނާ އިން ވަނީ އެ ގައުމުގެ ލޯނުތަކަށް ފައިސާ ދެއްކުން ވެސް ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި ދަތިކަމާ އެކު މަޑުޖައްސާލަދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެންވެސްް
18 July 2020
ޗައިނާގެ އެހީ ހޯދައިގެން މިގައުމުގައި ކޮވިޑް އޮތް ސަރަހައްދު އެއްކޮށް އަވަހަށް ޓެސްޓްކޮށްލެވޭނެ ގޮތް ހަދަންވެއްޖެއެއްނު އެހެން ރަށްރަށަށް ނުފެތުރެނީސް. އެއްބަޔަކު އެބައުޅޭ ޝައްކުވާއިރުވެސް ފަރުދީ ޒިންމާ އަދާނުކޮށް ޓެސްޓްނުކޮށް.
ކޮސްގޮވާ
17 July 2020
އިގިރޭސީންގެ އިސްތިއުމާރުން ހޮންގްކޮންގ މިނިވަންކަން ކަށަވަރުކޮއްދޭނެކަމަށް ޗައިނާއިން ބުނަމުން ދިޔަކަމަކުވެސް މިހާރު ފެއްނަނީ އެގައުމުގެ ހުރިހާ ކަމެއް ޗައިނާއިން ކޮންޓްރޯލްކުރާތަން. މިކަމަކީ ބައިލައިގަނެވޭނެ ކަމެއް ނޫން.
ހޮންކޮންގް
17 July 2020
ހޮންކޮންގް އަކީ ވަކި ގައުމެއްނޫން އެއީ ޗައިނާއިން އިގިރޭސިންނަށް 99 އަހަރަށް ކުއްޔަށްދިން ޗައިނާގެ ބިމެއް..July 1, 1997 ގައި އިގިރޭސިންގެ އެގްރިމެންޓް ހަމަވެ ޗައިނާއިން ހޮންކޮންގް ނެގީ ނެގިއިރު އިގިރޭސިން އެދުނީ ހޮންކޮންގް ގައި ވަކި ގާނޫނެއްހިންގަން ޗައިނާއިން އެކަން ކުރި އެހަނަސް މިހާރު ޗައިނާ ބޭނުމެއްނުވޭ ހޮންކޮންގައި ވަކި ގާނޫނެއްހިންގާކަށް...އެއީ ޗައިނާގެ ސްޓޭޓެއް ވަކި ގައުމެއްނޫން.
އަބްދުއްالله
17 July 2020
ރަގަޅު.
ލައިޓް
17 July 2020
އީ.ޔޫ ވެސް އުޅެނީ ސީނުކަރަޔާ ގުޅުން ބަދަހި ކުރަން. މިފަދަ ކުޑަ ޤައުމަކަށް ސީނުކަރަ ވަރަށް މުހިންމު. ހޭލާ ޤައުމު ހޭލާ!
ސަރީފު
17 July 2020
ނަޝީދަކީ އިންޑިއާ އެމެރިކާ އަދި ޔޫކެގެ ޕަޕެޓެއް...ގައުމުގެ ކުރި އެރުމަށް ވުރެ ބޮޑަށް ނަޝދު އިސްކަން ދެނީ އިންޑިއާ އެމެރިކާ އަދި ޔޫކެގެ ރުހުންހޯދަން.
ބަޑީ
17 July 2020
ދެން ނަޝީދު ނޫންމީހަކު ހޯދަންވެއްޖެޔެއްނު!!
ރީތި މޫސަ
17 July 2020
ނަޝީދު ޗައިނާއަށްފާޑުކިޔަނީ މަޖުބޫރުވެގެން ނަޝީދަކީ އިންޑިޔާގެ އަތްދަށުވެ ފިތިހުސްވެފަހުރި ޕަޕަޓެއް ނަޝިދާހުރެ މިޤައުމަށްލިބެމުންދާގެއްލުން ކޯވިޑްރޯގާގެ ސަބަބުން ލިބެމުންދާ ގެއްލުމަށްވުރެ މާބޮޑު ނަޝީދު ސިޔާސީމައިދާނުގަ ހުރިހާދުވަހަކު ދާނީމިޤައުމަށްގެއްލުންވަމުން
ބޮލި
16 July 2020
ރައީސް ނަޝީދު ނޫން މީހަކު ރާއްޖެއާއި ޗައިނާގެ ގުޅުމަށް ފާޑެއް ނުކިޔައެވެ. ކުރިމަގުގައި ޗައިނާ ވާނީ ރައްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއަކަށެވެ. ރާއްޖެއަކީ ޒަމާނުއްސުރެ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. އެ ގޮތުގައި ދެމި ތިބުމަކީ ރާއްޖޭގެ ކުރިއެރުމަށް އެންމެ މުހިއްމު އެއްކަމެވެ. ނަޝީދު އެދައްކާ ވާހަކައެއް ދައްކަން ބަހައްޓާށެވެ.
ބަބުރުލް ސަލީމް
16 July 2020
ސާބަހޭ ސަފީރު. ނަޝީދުމެން ކިޔާއެއްްޗެއްސަށް ބަލާނުލާ ކުރިޔަށް ވަޑައިގަންނަވާ.
ރަށިއެތެރެމީހާ
16 July 2020
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ޚާއްސަ ބައިވެެރިއަކަށްވަނީ ، ޗައިނާގެ ލޯންތަކާއި ، އެހީތަކާއި ބިޔަ މަޝްރޫއުތަކުގެ އިތުރުން ، ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި ޗައިނާ ގެ ފަތުރުވެރިންގެ ހިއްސާ ބޮޑުކަމުން!