ޗައިނާ ސަފީރު ނަޝީދަށް: އަޅައި ކިޔުމެއް ނެތި، ތައުރީފް ކުރުމުގެ ގާބިލްކަން ލީޑަރުންގެ ކިބައިގައި ހުންނަން ވާނެ

ގައުމަކަށް ތައުރީފް ކުރުމުގައި އަނެއް ގައުމާ އަޅައި ކިޔުމެއް ނެތި، އެ ކަން ކުރުމުގެ ގާބިލްކަން ލީޑަރުންގެ ކިބައިގައި ހުންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިޒޮންގް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފި އެވެ.


ސަފީރު އެގޮތަށް ވިދާޅުވީ، އިންޑިއާ ކަނޑުގެ ބޮޑު ބާރެއްގެ ގޮތުގައި ސިފަވަމުން އަންނަ ޗައިނާ އިން އިންޑިއާ ކަނޑުގެ ގައުމުތަކާ މެދު އަމަލު ކުރަނީ ވަރަށް ތަފާތުކޮށް ކަމަށް އިންޑިއާގެ ގުޖުރާތުގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ މަޝްރޫއުތައް ހިންގަނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި އެ މަޝްރޫއުތަކުގެ ދަރަނި ވެސް ދަންތުރަ އަކަށް ނުވާ ކަމަށެވެ. އެކަމަކު، ރާއްޖެއާ ގާތްގުޅުމެއް އޮންނަ ޗައިނާ އަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ، އެއީ އިންޑިއާގެ ކަނޑުގެ ސަރަހައްދަށް އަންނަ ސުޕާޕަވަރެއް ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ގައުމުތަކާ މެދު ޗައިނާ އިން އަމަލުކުރަނީ ވަރަށް ތަފާތުކޮށް ކަމަށް ވިދާޅުވެ، އާންމު އުސޫލުގެ މަތިން ނަޝީދު ވަނީ ޗައިނާ އަށް ބަހުގެ ހަމަލާތައް ދެއްވައިފަ އެވެ. އަދި އިންޑިއާއާ ހިލާފަށް ޗައިނާގެ ދަރަންޏަކީ ރާއްޖެ އަށް ބުރައެއް ކަމަށް ވިދާޅުވި އެވެ.

ޗައިނާ ސަފީރުގެ ޓުވީޓް

ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ޗައިނާގެ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާ ކަނޑުގެ ގައުމުތަކާ، ޗައިނާ އިން ގުޅުން ބަދަހި ކުރަމުން ދަނީ އެހެން ގައުމުތަކުގެ މިނިވަންކަމަށް އިހްތިރާމް ކުރުމުގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އަދި ޗައިނާ އިން އިންޑިއާ ކަނޑުގެ ގައުމުތަކާ ގުޅުން ބަދަހިި ކުރަނީ އެހެން ގައުމުތަކުގެ މިނިވަންކަމާއި ދާޚިލީ ކަންކަމާ ނުބެހުމަށް ޗައިނާ އިން ގެންގުޅޭ ސިޔާސަތާ އެއްގޮތަށް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ޗައިނާ އިން އެކި ދާއިރާތަކުން އެހީވަމުންދާނެ ކަމަށް ވެސް ސަފީރު ކުރެއްވި ޓްވީޓްގައިވެ އެވެ.

ނަޝީދުގެ ވާހަކަފުޅާ ގުޅިގެން ޗައިނާގެ ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާ ކަނޑުގެ ގައުމުތަކާ، ޗައިނާ އިން ގުޅުން ބަދަހި ކުރަމުން ދަނީ އެހެން ގައުމުތަކުގެ މިނިވަންކަމަށް އިހްތިރާމް ކުރުމުގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ބަދަހިކުރި އެވެ. އެގޮތުން ރާއްޖޭގައި އޭރު ހިންގަން ފެށި ތަރައްގީގެ ގިނަ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިޔައީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯނު އެހީގެ ދަށުންނެވެ. އޭރު އިންޑިއާ އާއި ރާއްޖޭގެ ގުޅުން ހީނަރުވެގެން ދިޔަޔަސް، މި ސަރުކާރުގައި އިންޑިއާއާ އެކު ގާތް ގުޅުމެއް ދަނީ ބާއްވަމުންނެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޗައިނާ އަށް ވުރެ ބޮޑަށް ގުޅުން ބަދަހި ކުރައްވަނީ އިންޑިއާއާ އެވެ. އަދި ނަޝީދު ގެންދަވަނީ އެކި ފޯރަމްތަކުގައި ޗައިނާ އަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.