ނިކީ މިނާޖާއި ފިރިމީހާ.
22 ޖުލައި 2020 - 09:52
އާއިލާއެއް ފަށަން ބޭނުންވާތީ މިދިޔަ އަހަރު މިއުޒިކުން ރިޓަޔާކުރިކަން އިއުލާންކުރި އެމެރިކާގެ އަންހެން ރެޕާ ނިކީ މިނާޖަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.
މިދިޔަ އަހަރު ކެނެތު ޕެޓީއާ ކައިވެނިކުރި މިނާޖް، 37، ވަނީ ބަނޑުބޮޑު ވާހަކަ ފޮޓޯތަކަކާ އެކު އިންސްޓަގްރާމްގައި ހާމަކޮށްފަ އެވެ. އެއާއެކު އޭނާ ފޮލޯކުރާ އެތައް ހާސް ބަޔަކު މަރުހަބާކިޔާފައިވެ އެވެ.
މިހާތަނަށް 10 ގްރެމީ އެވޯޑް ނޮމިނޭޝަން ވެސް ލިބުނު މިނާޖާއި ކެނެތު ކައިވެނިކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އޭނާ މިއުޒިކުން ރިޓަޔާކުރި ވާހަކަ އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
މިހާތަނަށް ހަތަރު އަލްބަމް ނެރެފައިވާ މިނާޖަކީ މިއުޒިޝަނެއްގެ އިތުރުން ބަތަލާއެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައިވާ ފަންނާނެކެވެ އެވެ. އޭނާ އެންމެ ފަހުގެ އަލްބަމަކީ 2018 ގެ "ކްއީން" އެވެ. މިނާޖް ކުޅުނު ފިލްމުތަކުގެ ތެރޭގައި 2016 ގެ "ބާބާޝޮޕް: ދަ ނެކްސްޓް ކަޓް" އަދި 2014 ގެ "ދި އަދާ ވުމަން" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy