މިއަދުގެ ނިއުސް ބްރީފިންގައި ޕީޕީއެމްގެ ނައިބު ރައީސް ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު އޭނާގެ އަރިހުގައި ޕީއެންސީގެ ނައިބު ރައީސް ޝުޖާއު.---ފޮޓޯ: ޕީޕީއެމް
29 ޖުލައި 2020 - 20:38
ގައުމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ އަށް ތައްޔާރު ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، "މިހާރު" ން ކުރި ސުވާލެއްގެ ޖަވާބުގައި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، ގައުމުގައި ހިނގަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން އިދިކޮޅުން އެދިފައިވާތާ ތިން މަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އެކަމަކު މިހާތަނަށް ވެސް ޖަވާބެއް ނުދެއްވާ ކަމަށް ވިދާޅުވި އެވެ.
ނައިފަރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝިޔާމް ވިދާޅުވި ގޮތުގައި، އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުމަކީ، ގައުމުގެ މިނިވަންކަން ނިގުޅިގެންދާތަން ފެނުމާއި ސަރުކާރަށް އާމްދަނީ ހޯދަން ނޭނގުމުން، އެނގިގެން ނުވަތަ ނޭނގި ނަމަވެސް ބަޔަކު އޭގެ ނާޖައިޒު ފައިދާ ނެގުމެވެ.
ޝިޔާމް ވިދާޅުވީ ބޭރުގެ އެހީ ލިބޭ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ކޮމްޕްރޮމައިޒް ވާނެ ކޮންމެ ވެސް ކަމެއް ހިނގާ ކަމަށެވެ. އެއީ ފޮރުވިގެން ހިނގާ ކަންކަމަށް ވުރެ، ލޯ ކައިރިން ހިނގާ ކަމަކަށް ވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރަން ބޭނުންވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިޓީން ވެސް، އެސްއެމްއެސް އިން ވެސް އަދި ފޯނު ކޮށްގެން ވެސް އަޅުގަނޑުމެން ވަރަށް މަސައްކަތް އެބަ ކުރަން [ރައީސްއާ ބައްދަލުކުރަން]. ތިން މަހަށް ވުރެ ގިނަ ދުވަސް ވެދާނެ. ދެން ވަރަށް އުފާކުރަން މިނިވަން ދުވަހު ނަމަވެސް އެ މަނިކުފާނުގެ ހިތްޕުޅަށް އެކަން އަރައިވަޑައިގެން މަޝްވަރާ އަށް ވިދާޅުވީމާ،" ޝިޔާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތިބީ ތައްޔާރަށް."
އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރާ ނަމަ ޖެހޭނީ ޖަލަށް ދާން ކަމަށް، އެހެން ބޭފުޅުން މެދުވެރިކޮށް، ރައީސް ވިދާޅުވެފައިވާ ކަމަށާއި އެ ބޭފުޅުން ތިއްބެވީ ޖަލަށް ދިއުމަށް ވެސް ތައްޔާރު ވެގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"..ގައުމަށް މިވާ ކަންތައްތަކާއި ގައުމުގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި މި ކޯލިޝަން މި އޮތީ ހަމަ ތައްޔާރަށްށޭ ހުރިހާ މަޝްވަރާއަކަށް ވެސް ހަދަން،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު މިދިޔަ އާދިއްތަ ދުވަހު ފުރުމާ ގުޅިގެން ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން އެންމެން އެއްބަސް ވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.
"ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ ރަނގަޅު ކަމެއް ނޫން. އެފަދަ ކަންކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ ހުރިހާ ރައްޔިތުންނަށް، މުޅި ގައުމަށް. ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އަޅުގަނޑު ގޮވާލަން،" ރައީސް ވިދާޅުވި އެވެ.
"ތިޔަބޭފުޅުންގެ ހިޔާލާއި މަޝްވަރާ އަށް އަޅުގަނޑު އަބަދު ވެސް މަރުހަބާ ކިޔާނަން." ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް އިސްތިއުފާ ދެއްވުމަށް ގޮވާލައި ސިލްސިލާ މުޒާހަރާތަކެއް ވެސް ފަށައިފަ އެވެ. އެގޮތުން ރޭ އެއްވުން ބޭއްވި ސަރަހައްދުގައި ހަރަކާތްތެރިވި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އެކަމަށް އިދިކޮޅު ކޯލިޝަނުން އިންކާރުކުރެ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، އެއީ އެހެން ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެކެވެ. އެ ސަރަހައްދުގައި ހުރި ކެމެރާތައް ބަލައި، އެ މައްސަލަ ތަހުގީގު ކުރުމަށް އޭނާ އެދިވަޑައިގަތެވެ.
"ރޭގެ މުޒާހަރާ ބޭއްވި ތަނަކީ، ރައްޔިތުން އެއްވި ތަނަކީ ޗާންދަނީ މަގާ ގުޅޭ ޖަންކްޝަން. އެތަނަކީ ސީސީޓީވީ ކެމެރާ، އެނގިވަޑައިގަންނަވާނެ ދިވެހި ފުލުހުން މާލޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުޅި މާލެ ވަށައި ހުންނާނެ ސީސީޓީވީ ކެމެރާ އަޅާފައި. ވަކިން ހާއްސަކޮށް ކާރުބާރުބޮޑު ތަންތަނުގައި އެ ބޭފުޅުންގެ ސީސީޓީވީގެ އިތުރުން އެ ބޭފުޅުން މޮނީޓާ ކުރައްވަން ހުންނާނެ. އެ ހިސާބުގަނޑުގައި ހުންނަ ފިހާރަތަކާއި އަދި ވެސް އިމާރާތްތަކުގައި ހުރި ކެމެރާތަކަކީ ވެސް އެ ބޭފުޅުންނަށް ބޭނުން ކުރެއްވޭނެ ކެމެރާތައް،" ޝިޔާމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތުކިބަ ސަރުކާރުތައް
30 July 2020
ބަދަލު ހިފުމުގެ ވާދަވެރިކަން ބޮޑު މިރާއްޖޭގައި ހެޔޮނިޔަތެއްގަ ތިކަހަލަކަމެއް ނުކުރާނެ. ކޮށްފިނަމަ އެއީ މުއުޖިޒާތެއް ފަދަ ކަމެއް.
ރަސްރުއް
30 July 2020
އިދިކޮޅު ލީޑަރަކީ ކާކުކަންނޭގޭހާ ހިނދަކު މަޝްވަރާކުރެވިގެންނުވާނެ.
1234
30 July 2020
މަޑު ކޮށްލަ ، މާލަހެއްނުވެ ޖަލުގައި ބައްދަލުވުން ބޭއްވޭނެ
ވިސްނާށެގައުމު
30 July 2020
މިހާރުދެން ވެއްޖެ އެއްނު ފޫގޮސްފައި އޮތް އޮޑީގައި ރަނގަޅަށް ޕެޗް އަޅާފައި ބަލިފައި ދޫކޮށްލާ ވަރުހުރިފައެއްހޯދާ ހިންދެމިލަން. ތިހެން ޔާމީނާ އަދުރޭއާ ގައްސާނާ ދެންވެސް އިތުބާރުގެއްލިފައި ތިބި މީހުން ނަގާ ކޮނޑަށް ލައިގެން ކިހާ ދުވަހަކު ތިބެން ގަސްތު ކުރަނީ؟. ރައްޔަތުންގެ ސަޕޯޓު ނެތް ބަޔަކު ގޮވައިގެން ކާމިޔާބު ނުވާނެ ދޯ. ރައްޔަތުންގެ ތެރެއިން ބަޔަކު ހޯދާ ޕާޓީ އޭގެ ރަނގަޅު ގޮތުގައި ކުރިއަށް ދާން ތަން ދީބަލަ ވާ ގޮތެއް ބަލާލަން.
ކަޓޭ
30 July 2020
ކޮން އިދިކޮޅު ކޯލިޝަނެއްތަ، ޕީޕީއެމް އާއި ޕީއެންސީ އެއީ އެއްބައެއްނޫންތަ. ޕީޕީއެމް ގަ ވެސް އަދުރޭ، ޕީއެންސީ ގަވެސް އަދުރޭ. ކޯލިޝަން ކީމަ ހީވަނީ މީ އެތައް ބައިވަރު ޕާޓީ އެއްވެގެން އުޅޭ ބައެއްހެން.
މޯސާޒް
30 July 2020
މަޝްވަރާ ކުރަންވީ ކޮންކަމާ ބާ؟ ޔާމީނު ތަސްދީގު ކުރި ބޭރު ފަރާތްތަކަސް ބިން މިލްކު ކުރެވޭ އިސްލާހު މި ސަރުކާރުން އުވާ ލީމަ ތަ؟
ތަހުރިސާން
30 July 2020
ތިއުޅެނީ ކޮންމެވެސް ސެހެރީއެއް ކިޔައިގެން ރައީސް ޔާމީން މިނިވަން ކުރެވޭތޯ؟ ތިޕާޓީއިން ލަދުގަންނަން ޖެހޭނެ މިދުވަސްވަރު މުޒާހަރާކުރަން. ގައިދުރުކުރާށޭ ގޮވާއިރުވެސް އެއަށްނުބަލާ އެއްވަނީ. ކޮބާބާ ތިޕާޓީގެ އިސްސަފުގައި ތިބި މީހުންގެ ޒިންމާ؟ ފަރުދީ ޒިންމާއޭގޮވާ ނަގާނެ.
ނަސީމްބެ
30 July 2020
ތި ޕޕއމ އަދި ޕއމސ އަކީ މީހަކު މަޝްވަރާ ކުރަންޖެހޭ ބައެއްނޫން. ކަލޭމެންބަލާ ފުލުހުންގެ މޫނަށް ކުޅުޖެހޭތޯ. ކިތަށްމެ މަޝްވަރާ އެއްކުރިއަސް ޔާމީނު ދޫކޮށްލަންޖެހޭ ސަބަބެއްނެތް.
އަލީރާޖާ
30 July 2020
ޕީޕީއެމްގެ ވެރިކަމުގައި އިދިކޮޅު މީހުންނާ ކިތައްފަހަރު ޔާމީނު ބައްދަލު ކުރެއްވިތޯ؟ ޝައިނީއާއި އެކު ވާހަކަތަކެއް ބާއްވައިގެން ބޭރު ދުނިޔެއަށް ދެއްކެން ކުޅިނީ ޑްރާމާއެއް. ކޯޓުން ބަންދުކޮށްފައި ތިބޭ މީހުން ދޫކުރާ ވާހަކަ ދައްކަން ނާންނާށޭ ބުނި ހަނދާން އެބަހުރި؟
ބޮކި
30 July 2020
އަހަ ! މިހާރު ހާލަތު އައީތޯ ؟