ކާނިވާ ސަރަހައްދުގެ ކެފޭއަކުން ބަޔަކު ޚިދުމަތް ހޯދަނީ.---ފޮޓޯ: މިހާރު
01 އޯގަސްޓް 2020 - 22:51
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އެކުލަވައިލާފައިވާ އުސޫލުތަކާ ޚިލާފަށް ހިންގަމުން ދިޔަ 40 ތަނެއް މިއަދު ބަންދުކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.
އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ބޭއްވެވި މީޑިއާ ބްރީފިންގައި ވިދާޅުވީ، އެ 40 ތަން ބަންދުކުރީ 189 ތަނެއް އިންސްޕެކްޓް ކުރުމަށް ފަހު ކަމަށެވެ.
މިއަދު އިންސްޕެކްޓް ކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ އޭނާ ވިދާޅުވި ގޮތުގައި، ކާބޯތަކެތީގެ ޚިދުމަތްދޭ 62 ތަނަކާއި 13 ސެލޫނަކާއި 113 ފިހާރައެއް އަދި މާރުކޭޓެކެވެ.
އުސޫލުތަކާ ޚިލާފުވެގެން އޭގެ ތެރެއިން ބަންދުކުރީ ނުވަ ސެލޫނަކާއި 14 ފިހާރައަކާއި ކާބޯތަކެތީގެ ޚިދުމަތްދޭ 16 ތަނަކާއި މާރުކޭޓެކެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މީގެ ތިން ދުވަސް ކުރިން ފެށި "މާސް އިންސްޕެކްޝަން" ގައި، ފުރަތަމަ ބެލި ދެބައިކުޅަ އެއްބައި ތަންތަން އެޗްޕީއޭގެ އުސޫލުތަކަށް ނުފެތޭތީ ބަންދުކުރަން ޖެހުނު ކަމަށެވެ. އެކަމަކު، އެ އުސޫލުތަކަށް ފެތޭ ތަންތަން މިހާރު އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފު ވެގެން، ބަންދުކުރާ ތަންތަނުގެ ނަން ހާމަނުކުރައްވާ ސަބަބާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ޑރ. ނަޒްލާ ވިދާޅުވީ، އެފަދަ ސިޔާސަތެއް އަދި ނެތް ކަމަށެވެ. އެކަމަކު، ނަން ހާމަކުރާ ގޮތަށް ކުރިމަގުގައި ބަދަލު ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަނެއް ބަންދުކުރާ ނަމަ، އެ ފިޔަވަޅު އަޅާފައި ވަނީ އެޗްޕީއޭގެ އިންސްޕެކްޝަނާ ގުޅިގެން ކަން އާންމުންނަށް އަންގައި ދިނުމަށް މިހާރު އެ ތަނެއްގައި އެޗްޕީއޭ އިން ހަރުކުރަނީ ނޯޓިސް އެކެވެ.
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ވިޔަފާރިތައް ހިންގާތޯ ބެލުމުގެ ބޮޑު އިންސްޕެކްޝަނެއް ސަރުކާރުން ފެށީ، މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކުރިއަށް ވުރެ ގޯސްވަމުންދާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޔައީ
02 August 2020
މާކުރިން ހައްލުވާންވެފަ ހުރި ކަންކަން ތިއައީ. އެއެއް މިއެއް ނުބަލާ މާލޭގައި ކޮންމެ 5 ފޫޓަކުން ކެފޭއެއް ނޫނީ ފިހާރައެއް ހުޅުވަމުން ދިއައީ. ފެން އޮތްތަނަކަށް މަސްދާނެއޭ ބުނާ ފަދައިން މީހުން ގިނަކުރުމުގެ މިސްރާބެއްގެ ތެރެއިން ވިޔަފާރިތައްވެސް އެއް ހަމައެއްގައި ގިނަކުރަމުން ދިއައީ. މާކުރިން އެކަންކަމަށް ހުއްޓުމެއް އަންނަންޖެހޭ. ކުރިން ހުއްޓުވުމުގެ ބާރު ނެތިގެން ތިބީތީ ކޮވިޑް އައިސް އެންމެ ފަހުން އެކަން ހައްލުކޮށްދެނީ.
ރީތި މޫސަ
02 August 2020
ކެފޭތަކުގަ ގުރޫޕްހަދާފަ ނުތިބެވޭގޮތްހަދަންވީ އަދި ކެފޭތަކުގަ ގިނަވެގެން ތިބެވޭނެ ވަގުތުވެސް ކަނޑައަޅަންވީ ސިގިރޭޓްބުއިން މަނާކޮށް ދުފާއެއްޗެހިވިއްކުންވެސް މަނާކުރަންވީ ކެފޭތަށްވާންޖެހޭނީ މިވަގުތު ހަމައެކަނީ ކައިބޮއި ހަދާތަނަކަށް މަޖާކޮށް ސަކަރާތްޖަހަންދާތަނަކަށްނޫން ކުރިންއުޅުނުގޮތް ދޫކޮށްލަން މިވަގުތުޖެހޭ
ދޮންހުސޭނު
02 August 2020
ތިޔަ އުނދަގޫ ބޮޑުވެގެން އުޅޭ ލައްކައެއްހައި ބިދޭސީން ނުކައި ނުބޮއި އަދި ދިވެހިންނަށް ކުރަން ނުކެރޭ ފަކުރުގަންނަ ހުރިހައި ކަމަކާއި ދައްތަބުނާ ހުރިހާ ކަމެއްކޮށް ދީގެން އުޅޭ އިރުވެސް މި ދިވެހިރާއްޖެއަށް ނިސްބަތްވާ ދިވެހިންނަށް ވުރެ އެމީހުން ބަސްއަހާ ކިޔަމަންގަތުން ހާސްބައި ރަނގަޅު
މާސްކޭ
01 August 2020
ދަނޑިމާރު އަޅައިގެން އެއްވެސް ކަމެއް ނުވާ ބައެއް އުޅޭ ގައުމެއް މިއީ. އެކަމަކު ތިބޭނީ ތިމާމެން ވަރުގެ ތަރައްގީ ބައެއް ނެތް ކަމަށް ހެދިގެން. ބޯ ހަލާކުވެދާނެ.
ޚިޔާލު
01 August 2020
އުސޫލާއި ހިލާފު ތަންތަން ބަންދުކުރަންވީ. އެކަމަކު ދެލައްކައެއްހާ މީހުންނަށް ނުކައިނުބޮއެ ނޫޅެވޭނެ. ފުރަތަމަ ކުރަންވީ ކަމަކީ މާލެއިން މީހުން މަދުކުރުން. އެހެން ނޫނީ ކޮވިޑް މެނޭޖްކުރަން ވަރަށް އުދަގޫވާނެ
ސްޓިލްް
02 August 2020
ތި އަޑެއްނާހާނެ. މާލެއިން މީހުން މަދުނުވެ ބަލި ކޮންޓްރޯލެއްނުވާނެ. ގުނާލަ ގުނާލަ ތިބެވިދާނެ އަހަރު ހުސްވަންދެންވެސް. ބަލި އަމިއްލައަށް ކޮންޓްރޯލްވާނެ މީހުން މަދުވީމަ.
ނަޖުރަޗޭ
01 August 2020
ރަނގަޅު. ބަންދުކޮށްފައި ބަހައްޓާ. އިސްލާހުވާންވެސް ފުރުސަތު ދެވިއްޖެތާ. ދެން މިފަހަރު އެނގޭނެއެއްނު ބަނޑަށް މަރުވަންޏާ އެހެން މީހުންގެ ފުރާނަ ނުރައްކަލަށް ހުށަނައަޅާ ގައިޑްލައިންތަކުގައި އަންގާފައި ގޮތަށް ކުރިއަށްދާން. ތި ނޫން ގޮތަކަށް މި ބައިގަނޑު މައިތިރި ނުކުރެވޭނެ.