ކޮވިޑަށް ޓެސްޓުކުރަން ރެންޑަމްކޮށް ސާމްޕަލްތަކެއް ނަގަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
05 އޯގަސްޓް 2020 - 15:39
ކޮވިޑް-19 އަށް ފަރުވާދިނުމަށް އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު ހަފުތާއެއްގެ ތެރޭގައި ދެ ގުނަ މައްޗަށް ހިނގައްޖެ އެވެ.
މާލެ ސަރަހައްދުން ކޮވިޑް ފެނުމާ އެކު އިއުލާންކުރި ލޮކްޑައުން އަށް ލުއިދީ، އަލުން ހުޅުވައިލުމުން ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން އެވްރެޖްކޮށް ދުވާލަކަށް 100 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސްތައް މިހާރު ފެނެ އެވެ.
ފާއިތުވެދިޔަ އެއް ހަފުތާ އަށް ބަލާއިރު، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެޑްމިޓްކޮށް ފަރުވާދީފައި ވަނީ 59 މީހަކަށެވެ. އެކަމަކު، ހަ ދުވަސް ތެރޭގައި މި އަދަދު މިވަނީ 105 އަށް އަރައިފަ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހާއްސަކޮށްފައި ވަނީ ދެ ތަނެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ފެސިލިޓީ އާއި ހުޅުމާލޭގައި ހަދާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މި ދެ ތަނުގެ ވެސް ޖުމްލަ ކެޕޭސިޓީއަކީ 250 އެވެ.
ހުޅުމާލޭގެ ފެސިިޓީގައި ބަލީގެ ހާލަތަށް ބަލައި އެކި ބްލޮކްތަކަށް ބަހާލާފައި ހުންނަ އިރު ބަލީގެ އަލާމާތެއް ނެތި 14 ދުވަސް ހަމަވުމުންް މީހާ ދޫކޮށްލާނެ އެވެ.
ފާއިތުވި ހަފުތާގެ ތެރޭގައި ގާތްގަނޑަކަށް 1،000 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އެކްޓިވް ކޭސްތަކުގެ ޖުމްލަ އަކީ 3،719 އެވެ. އޭގެ ތެރެއިން ފަރުވާދެމުން އަނީ 1،120 މީހަކަށެވެ. ބަލި ޖެހިފައިވާ މީހުންގެ އަދަދަކީ 4،446 އެވެ. މިހާރު ފަރުވާދެމުން އަންނަނީ 1،719 މީހަކަށެވެ.
ކުރިއަށް އޮތް ފަސް މަސް ދުވަހު ރާއްޖޭގައި ކޮވިޑް-19 ހާލަތު ހުންނާނެ ގޮތް ބަލައި ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ހަދާފައިވާ ޕްރޮޖެކްޝަންގައި ބުނެފައިވާ ގޮތުން، މި މަހު 475 މީހަކަށް އެޑްމިޓްކޮށް ފަރުވާދޭން ޖެހިދާނެ އެވެ. އަންނަ މަހު ވެސް 293 މީހަކަށް އެޑްމިޓްކޮށް ފަރުވާދޭން ޖެހިދާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މީޑިއާ ބްރީފިންއެއްގައި ޑރ. ޝީނާ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.
އެޗްޕީއޭ އިން ބުނީ ކޮވިޑަށް ޕޮޒިޓިވްވެގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުން ގިނަވި ނަމަވެސް މިހާރު ހުރި ފެސިލިޓީތަކުގައި ބަލި މީހުން ބެލޭނެ ކެޕޭސިޓީ އެބަހުރި ކަމަށެވެ. އެޑްމިޓްކޮށްގެން ފަރުވާދެވޭނެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން އިއްޔެ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުނިއަނގަ
06 August 2020
އަދިވެސް ރަށަށް އާދޭ ބަލި ހިފައިގެން އީދަށޭ ކިޔާފަ!
ދޫނި
05 August 2020
މެލޭސިޔާ ބެންކޮކު ލައްކާ ފަދަ ގައުމްތަކުގަ ކޮވިޑް ކޮނޓްރޯލް ކޮށްފި. ރާއްޖޭގަ ހާލަތު ގޯސްވަނީ ހިންގަން ތިބިމީހުން ނާގާބިލުކަމުން ހަމަ.
މޯޑް
05 August 2020
ހަފްތާއެއް ވެގެން ދާއިރު ނަތީޖާ ނުލިބޭ މީހިތާމަވެރިކަމެއް. ކުއްޖާގެ އަލާމަތް ތައް ފެންނާތި ސާންފާލު ނެގީ. އެޗްފީއޭ މިއަށްވުރެ ޒިންމާދާރު ވެބަލަ.
ސިރިސޭނާ
05 August 2020
ގައްޑާވެ ބޮޑާވުމުގެ ބަދަލުގައި އަޑުއަހާ ކެތްތެރިވަމާ. ރައްކާތެރި ފަހި މާދަމައެއް ލިބެންއޮތީ އެކަކު އަނެކަކާ މެދު ވިސްނާ ފަރުދީ ޒިންމާ އަދާކޮށްގެން. ފުރާނަ ސަލާމަތް ކުރެވިއްޖެ ނަމަ ހުރިހާ ސަކަރާތެއްވެސް ޖެހޭނެ.
ލުކާ
05 August 2020
އެޑްމިޓްކުރާ މީހުންގެ އަދަދު މަދުވާނީ ކޮވިޑް ޖެހުން ދުރުވާ ގޮތަށް ނުވަތަ ޕްރޮފެލެކްސިސްގެ ގޮތުގައި ބޭނުން ކުރަންވީ ފަރުވާތައް އޮޅުން ފިލުވައިދިނުމުން އަދި ކޮވިޑްގެ އަލާމާތްތައް ފެންނަ އިރަށް ލަސްނުކޮށް ބޭނުން ކުރަންވީ ބޭސްތަކުގެ މައުލޫމާތު ދިނުމުން. އެއީ ނުރައްކާ ބޭސްތަކެއް ނޫން. މި މައުލޫމާތުތައް ބޭރު ދުނިޔޭގެ ސައިންޓިސްޓުންނާ ޑޮކްޓަރުންވަނީ ބުނެދީފައި. އެކަމަކު ބައެއް މީހުންގެ ޖީބުތަކަށް އަސަރުކުރާނެތީ އެމައުލޫމާތު ހާމަކުރަން ފަސްޖެހޭ.
ޓްރަމްޕް މަރުމޯލު
05 August 2020
އެކަމަކު ފައުޗީ ބުނީ ތި ބޭސްތައް ރިކޮމެންޑް ނުކުރަމޭ.. ދެން؟
ފަނޑިޔާރުު
05 August 2020
ފަރުދީ ޒިންމާ އަދާ ކުރެވޭނީ މުޖްތަމައެއް ގައި އުޅޭ ބައެއްގެ ހުންނަން ޖެހޭ ތަހުޒީބު ކަން ހުރެގެންތާ. އެފަދަ އެއްވެސް އެއްވެސް ތަހުޒީބު ކަމެއް ނެތް ގޮތެއް ފޮތެއް ނެތް ޖީލެއް މި އޮތީ. މާލެ ތޮއްޖެހުން ކުޑަ ކުރުމުގެ އިތުރަށް، މި ޖީލުގެ އަހްލާގު ރަނގަޅު ކުރުމަކީވެސް ކޮވިޑުން އުނގަންނައި ދިން ފިލާވަޅެއް ކަމަށް ބަލައި ޖީލު ރަނގަޅު ކުރަން އަހްލާގު ރަނގަޅު މީގުން އިސްކުރުން މުހިންމު. އަދި ސްކޫލު މުގައްރަރަށް މި ބައި އިތުރުކޮށް ކިޔަވައިދޭން ފެނޭ.
ސައީދު--
05 August 2020
ކޮވިޑާއި އެކު އުޅެން ދަސްވީމާ ތިރި އަށް ދާނެ!
ދުރުވިސްނުން
05 August 2020
އެ ދުވަހު ބެޑް ކެޕޭސިޓީ އިތުރު ކުރަން ހުޅުމާލެގައި 300 މީހުންނަށް ފަރުވާ ދެވޭ ގޮތަށް މެޑިކަލް ފެސިލިޓީއެއް ހެދީމަ މި ގައުމުގައި އުޅޭ ސިޔާސީ ޖާހިލުން ބުނީ ބޭކާރު ފެސިލިޓީއެއް އަޅާ ލާރި ތަޅާ ބުރުވާލީއޭ. ކޮބާ ކަލޭމެންނަށް އެބަ ފެނޭތަ ދުރު ވިސްނުން؟ ދެންވެސް ޖާހިލު ވާހަކަ ނުދައްކާ، އެޗްޕީއޭގެ އެންގުން ތަކަށް ގޮން ނުޖަހާ، މުޒާހަރާ ނުކޮށް، ފަރުދީ ޒިންމާ އަދާކުރޭ. އޭރުން އަހަރުމެން އެންމެންނަށް މިކަމުން ސަލާމަތްވެވެން އޮތީ.
ބޮޑު މުހައްމަދު
05 August 2020
ކޮވިޑަކީ މާ ނުރައްކާތެރި ބައްޔެއް ނޫންކަމަށް އިއުލާން ކުރަމުން ދިޔަ ދޮންިރހަ ޕާޓީގެ ގަޅި މަޖިލިސް މެމްބަރުންތައް ކޮބައިތަ. އެ ކޮހުންތައް ގޮވަމުން ދިޔައީ ތިމަންނާމެންގެ ވާގިނެތް ސަރުކާރު ވަރަށް ރެޑީކަމާ މަތިންނާ ތިރިން ހޮސްޕިޓަލްތައް އަންނަކަމާ ނުވިތާކަށް ސާލީހު ބުނީ ހާސް ނުވާށޭ ލާރި ނެތިގެން ނުނޯ ތިމަންނާ މިއުޅެނީ. މިއަދު ރާގު ބަދަލުވީތަ ކޮހުންތައް.
އޭނަ މީނަ
05 August 2020
ދެން ފިޔާތޮށި ރޯސިރަޕް ޕާޓީއިން މުޒާހަރާ ކޮށް ސިސްޓަމަށް ކެތް ނުކުރެވޭ މިންވަރަށް ކޭސް އިތުރު ކުރީމަޔޯ؟ ކޮންތާކު މި ޖެހެނީ؟ ކަލޭމެން ތެރޭ ރަނގަޅު އެކަކުވެސް އެބަ ހުރިތަ؟ ހުސް ގުދޯ ގުދޯ!
ކަސަބު
05 August 2020
އަހަރުމެންގެ އުންމީދަކީ އަދި ދުއާއަކީ ކުރިއަށް އޮތްތާގައި ދުވަހުންދުވަހަށް އަދަދު ދަށްވުމެވެ. ބަލި މުޅިން ނިމި ކުރީގެ ދިރިއުޅުމަށް ރުޖޫޢަވުމެވެ. މުޅި ދުނިޔެއިންވެސް ބަލިނެތުމެވެ.