ވެލާނާ އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް: އާސަންދަ އެހީގައި މިދިޔަ ހަފުތާގައި އިންޑިއާ އަށް ދިޔަ ދެ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި. --ފޮޓޯޯ/މިހާރު
07 އޯގަސްޓް 2020 - 23:02
އާސަންދަ އެހީގައި ބޭސްފަރުވާ އަށް އިންޑިއާ އަށް މީހުން ގޮވައިގެން މިދިޔަ ހަފުތާގައި ފުރަން އުޅެނިކޮށް ކޮވިޑަށް ޕޮޒިޓިވް މީހަކު އިން ކަން އެނގިގެން ފުރުން ލަސްވި ފްލައިޓުން އެ ގައުމަށް އެތެރެވި ދެ މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު ފުރަން އޮތް ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނައްޓާލަން އުޅެނިކޮށް އެކަކު ޕޮޒިޓިވްކަން އެނގުމުން އޭނާ ބާލައި ފުރުން ލަސްކުރީ އެވެ. އެ ދުވަހު އެ ފްލައިޓު އިންޑިއާ އަށް ފުރުވާލީ ޑިސްއިންފެކްޓް ކުރުމަށް ފަހު އެވެ.
ޕޮޒިޓިވްވެގެން މިހާރު އުޅެނީ އެ ބޯޓުން ދިޔަ ބަލި މީހަކާއި އެހެން ބަލި މީހެއްގެ އެހީތެރިއެކެވެ.
އާސަންދަ އިން މިރޭ ބުނީ އެ އެހީތެރިޔާ އަކީ ބަލި މީހާގެ ފަރުވާ ނިމި މާލެ އަންނަން ވެފައި ހުރި މީހެއް ކަމަށެވެ. އެކަމަކު ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނު އިތުރު 14 ދުވަހު އިންޑިއާގައި ކަރަންޓީންވާން ޖެހިފައިވާ ކަމަށް އާސަންދަ އިން ބުންޏެވެ.
އެތަނުން ބުނިގޮތުގައި ޕޮޒިޓިވްވި ބަލި މީހާގެ ފަރުވާ ވެސް ކުރިއަށް އެބަދެ އެވެ.
އިންޑިއާ އަށް ބޭހަށް ފޮނުވި ތިން ވަނަ ބެޗުގައި ހިމެނޭ ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު ފުރުމުގެ ދެ ދުވަސް ކުރިން ކޮވިޑަށް ޓެސްޓް ކުރެ އެވެ. ބޯޓުން ބޭލި މީހާ އަކީ ޓެސްޓުގެ ނަތީޖާ އަނގަބަހުން ލިބި، ލިއުމުން ނުލިބެނީސް އެރުވި ދެ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އޭރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ން ބުނީ ބޯޓުން ބޭލި މީހާ ފިޔަވައި އެންމެންގެ ވެސް ނަތީޖާ ނެގެޓިވް ކަމަށެވެ.
މީގެ ކުރިން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ބޭހަށް ފޮނުވި ހަތަރު މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ އެންމެ މީހަކަށް ކަމަށް އާސަންދަ އިން ބުންޏެވެ.
އިންޑިއާ އިން އެކަމަށް ދޭ ހާއްސަ ވިސާގެ އިތުރުން، ކޮވިޑް-19ގެ ބަލިމީހެއް ކަމަށް ވެގެން ނުވެ އެވެ. ރާއްޖޭގައި ޓެސްޓް ހެދުމުގެ އިތުރުން އިންޑިއާއަށް ދިއުމުން ވެސް ޓެސްޓް ހަދައި، އަދި ކަރަންޓީންގައި ވެސް ތިބެން ޖެހެ އެވެ.
ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާތަނަށް މި ބަލި 2700 އަށް ވުރެން ގިނަ މީހުންނަށް ޖެހިފައިވާ އިރު 19 މީހުން ވަނީ މަރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށ.އަތޮޅު މީހާ
08 August 2020
ބަ ލިވި މީހުންނަށް އަވަސް ޝިފާއަކަށް އެދެން. އެނގި ހާމަވަމުން މިދަނީ މާ ލެތެރޭގެ މިހާރު ކޮވިޑް ފެތުރިފަ އޮތް ލެއް ބޮޑުކަން.
ހަސަބު
08 August 2020
شفاهما الله عاجلا
ޢަސްލު މީހާ
08 August 2020
ދޮންބެ ދައްތަ އަށް އަވަސް ޝިފާއަކަށް އެދެން
ދިއްދޫ ހަމީދު
07 August 2020
ބަލިވި ދެ މީހުންނަށް އަވަސް ޝިފާއަކަށް އެެދެން