ބޭންކް އޮފް މޯލްޑިވްސްގެ ބޭންކަކަށް މީހަކު ޗެކެއް ޖަމާ ކުރަނީ: ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަކީ މި ސަރުކާރުގެ ވެސް ވައުދެއް. -- ފޮޓޯ: މިހާރު
23 އޯގަސްޓް 2020 - 14:55
އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދިކަން ސާބިތުވެއްޖެ ނަމަ ކުށުގެ އަދަބަކީ 15 އަހަރުގެ ޖަލު ހުކުމެއް ކަން ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހަޅައިފި އެވެ.
ގައުމުތަކުގައި ނުހައްގު މުއްސަނދިކަމެއްގެ ގޮތުގައި، ބަލަނީ ތިމާއަށް އަސްލު ލިބޭ އާމްދަނީ އަށް ވުރެ މަތީ ފެންވަރުގައި ދިރިއުޅުމާއި ތިމާގެ އަތުގައި ހުންނަ އަގުބޮޑު މިލްކިއްޔާތުތަކަށެވެ. ރައްޔިތުންގެ މަޖިލިހުން ގާނޫނުލްއުގޫބާތު ކުރިން ފާސް ކުރިއިރު، ނުހައްގު މުއްސަނދިކަން ކުށެއް ގޮތުގައި ކަނޑައަޅައިފައެއް ނުވެ އެވެ.
އެކަމަކު، ނުހައްގު މުއްސަނދިކަމަކީ ކުށަކަށް ހަދަން ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލްގައި ބުނެފައި ވަނީ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ އެހެން މީހަކަށް ނުވަތަ ފަރާތަކަށް އެނގި ހުރެ ސީދާ ނުވަތަ ނުސީދާ މަންފާއެއް ދޭން ވައުދުވުން ނުވަތަ ދިނުމަކީ ކުށެއް ކަމަށެވެ. އެ މަންފާއަކީ ގާނޫނުގައި ހުއްދަކޮށްފައި ނުވާ އަދި އެ މުވައްޒަފު ރަސްމީ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރުމުގައި ވަކި ކަމެއް ކުރުމުގެ ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުމުގެ މުގާބިލްގައި ދިނުމަށް ވައުދު ވެފައިވާ ނުވަތަ ދިނުމަށް ހުށަހަޅާފައިވާ ނުވަތަ ދީފައިވާ އެއްޗެއް ކަމަށް ބިލުގައިވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މިހާރު
ބިލުގައިވާ ގޮތުން، ނުހައްގު މުއްސަނދިކަމުގެ ކުށް ސާބިތުކުރުމަށް، ދައުލަތުގެ މުވައްޒަފަކު ހޯދުމަށް އެދުނު ނުވަތަ ގަބޫލު ކުރުމަށް އެއްބަސްވި ނުވަތަ ގަބޫލުކުރި މަންފާއަކީ ހަގީގަތުގައި ލިބުނު މަންފާއެއް ކަަމަށް ވުން ލާޒިމެއް ނޫނެވެ. އެ މަންފާ ދިނުމަށް ވައުދުވީ ނުވަތަ ހުށަހެޅީ ސީދާ އެ މީހަކު، މުވައްޒަފަށްތޯ ނުވަތަ މެދުވެރިން ބޭނުންކޮށްގެންތޯ ބެލުން ވެސް ބިލުގައިވާ ގޮތުން ލާޒިމް ކަމެއް ނޫނެވެ. އަދި އެ މުވައްޒަފު އެ ކުރި ކަމެއް އޭނާ ކުރަން އެ މަންފާ ނުފޫޒަކަށް ވި ކަން ކަށަވަރުކުރުން ވެސް ލާޒިމެއް ނޫނެވެ.
ބޭރު ދައުލަތެއްގެ މުވައްޒަފަކަށް ނުވަތަ ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ މުވައްޒަފަކަށް ސީދާ ނުވަތަ ނުސީދާ މަންފާއެއް ދިނުމަށް ވައުދުވުން ނުވަތަ ހުށަހެޅުމާއި ދިނުމަކީ ވެސް ބިލުގައިވާ ގޮތުން ކުށެކެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން ގާނޫނުގެ 23 ވަނަ މާއްދާގައި ހިމެނޭ ކޮރަޕްޝަންގެ މާނަ އިސްލާހުކުރުމަށްޓަކައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ނުހައްގު މުއްސަނދިކަން ހުއްޓުވުމަށް މަޖިލިހަށް ގާނޫނެއް ހުށަހެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ހުށަހެޅި އެވެ. އެ ބިލަށް ބަހުސް ކުރި ނަމަވެސް އެ ބިލްގެ މަސައްކަތް ނުނިމި އެ މަޖިލީހުގެ ދައުރު ނިމުނީ އެވެ.
ނުހައްގު މުއްސަނދިކަމަކީ ބައިނަލްއަގުވާމީ ކޮރަޕްޝަނާ ބެހޭ މުއާހަދާ ބުނާ ގޮތުން ކުށެކެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ މެމްބަރުންނާއި ދައުލަތުގެ އެކި މަގާމުތައް ފުރުއްވާ ބޭފުޅުންގެ އާމްދަނީއާ ނުބައްދަލު މުއްސަނދިކަން ހޯދަމުން ދިޔަ ނަމަވެސް ރާއްޖޭގައި އެކަން ހުއްޓުވޭނެ ގޮތެއް ނެތުމަކީ ކަންބޮޑުވުމެކެވެ. އެކަން ކުށަކަށް ހަދަން ކުރި މަސައްކަތް މިހާތަނަށް އޮތީ ކާމިޔާބު ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެންވަރު
24 August 2020
ސަރުކާރު މުވައްޒަފުން ނޫން މީހުން ކޮންމެ ގޮތަކަށް މުއްސަނދިވިޔަސް ވަރިހަމަދޯ؟؟ ޤާނޫނުތައް ހަދާއިރު ހަމަހަކަމުގެ އުސޫލެއް ނޯވޭބާ. ވަޒީފާއަކަށް ނުގޮސް ކާރުތަކާ ގެސްޓްހައުސްތަކާ ސަފާރީތަކާ ގެންގުޅެން ފެށި މީހުންގެ މައްސަލައެއް ނުބެލޭނެދޯ. އެހެންތާވާނީ ސަރުކާރުގެ ޕްރިއޮރިޓީއަކީ "ވިޔަފާރިވެރިން" ހިމާޔަތްކުރުންވިއްޔަ.
ދޯބެ
23 August 2020
އެމްޑީޕީ ވެރިކަމަށް ގެންނަން އަހަރެންގެ ވޯޓު ދިން މުހިއްމުއެއްކަން އިރާދަ ކުރެއްވިއްޔާ ފުރިހަމަވަނީ.-- މި ދައުރު ނިމުމުގެކުރީން މިފަދަހުރިހާކަމެއް ހަމައަކަށް އަޅުއްވާ ދެއްވާތި..
މަންޑޭލާ
23 August 2020
ނުހައްގުން ޖަލައް ލެވެނީވެސް އެމްމެމީހަކު.ދޯ؟
ޝޮކްތެރަޕީ
23 August 2020
މިކަމަކީ ސިޔަސީ މީހުން ދަންތޫރާގަ ޖަސްސަން ކުރާ ސަކަރާއްގަނޑެ. މިއައްވުރެ ރަނގަޅުވާނެ އިންޑިޔާ ސިފައިން މި ޤައުމުން ބޭރު ކުރަން މަސައްކައް ކުރިއްޔާ.
އަލީ34
23 August 2020
ބޭރުގެ ސަރުކާރުތަކުން ސަރުކާރުގެ ސިޔާސަތަށް ނުފޫޒުފ÷ރުވުމަށްޓަކައި ސަރުކާރުގެ އޮފިޟަލުން އަދިމަޖިލިިސް މެމްބަރުންނަށް ދޭ ހަދިޔާވެސް ކުށަކަށް ހަދަންޖެހޭ. އަދި ސިޔާސީ ޕާޓީ ތަކުންނާއި އަމިއްލަފަރުދުން ރަސްމީ ބޭނުމެއްގައި ފިޔަވައި ބޭރުގެ ސަރުކާރުތަކާއި މުއާމަލާތް ކުރުން ކުށަކަށް ހަދަން އެބަޖެހހޭ؟ މިއީ ގައުމީސަލާމަތައް ކޮންމެހެން ކުރަންޖެހިއްޖެކަމެއް.
މފހ5
23 August 2020
ދައުލަތުގެ ވަޒީފާގައި ނޫޅޭ މީހުން މީގައި ނުހިމަނަނީ ކީއްވެ؟ ވަޒީފާއެއްގައި ނޫޅޭ ބޮޑެތި ކުށްވެރިން ބޮޑެތި މަހުޖަނުން ގޮތުގައި އުދުހެނީ. އެ ތަން މަޖިލީހަށް ނުފެންނަނީ ހަމަ؟
ާއެންޑިޔޫ
23 August 2020
ތި ބޭކާރުކަމެއް!! ބޮޑުން ސަލާމަތްވާނެ!!
ކޮރަޕްޝަން
23 August 2020
އެހެން ގައުމަތުކުގައި ނުހައްގު މުއްސަނދިކަން ކުށަކަށް ހަދާފައި އޮންނަނީ ހުރިހާ އެންމެންވެސް ހިމެނޭ ގޮތަށް މިބިލު އަމާޒުކޮށްފައިވަނީ ސިވިލް ސަރވަންޓުންނަށް، ސަރުކާރު ވަޒީފާއެއްގައި ނުޅޭ ޑްރަގް ވިޔަފާރި ކުރާ މީހުންނާ، ބޮންދުން އެތެރެކޮށް ހަށީގެ ވިޔަފާރިކުރާ މީހުންނާއި ސަރުކާރުގަ ނޫޅޭ ކަމަކު ސަރުކާރުގެ ފައިސާ ބަރުކުރާ މީހުން ބިލުގައި ހިމަނާފައެއް ނެތް
ާއެންޑިޔޫ
23 August 2020
އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ހޯދިކަން ސާބިތުވެއްޖެނަމަތާދޯ! ބޮޑުންސަލާމަތްވާނެ..ބޭކާރުކަމެއްތީ!!
ހަސަން ކަލޯ
23 August 2020
ތި ބިލް ހަރުދަނާ ގޮތަކަށް މިހާރު ތި އޮތް އެމްޑީޕީ މަޖލިސް އިން ފާސް ކޮށްފިއްޔާ އިރު އަރާނީ ހުޅަގުން! ފުރަތަމަ ކަމަކަށް ގިނަ މީހުން މަޖިލިހަށް ކުރިމަތިލަނީ ވެސް ނުހައްގުން މުއްސަނދި ވާން! ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކަކީ ވެސް ކުއްލިއަކަށް މުއްސަނދި ވާން ލިބޭ ފުރުސަތަކަށް ވެފަ އޮންނަ ގައުމެއް މި ގައުމަކީ. ކޮރަޕްޝަނާ ނުލައި މިގައުމުގަ އެއްވެސް ކަމެއް މިހާރު ނުހިގާ. "ކުއްލިއަކަށް" މިގޮތަށް މުއްސަނދި ވުމަކީ ސަޅިކަމެއް.
މަބުނީ
23 August 2020
ޕިންކުޕާޓީ އަދުރޭމެން ވަރަށް ކަޑަވާނެ