މުނިފޫހިފިލުވުން / ބޮލީވުޑް

ސުޝާންތުގެ މަރާ ގުޅުމެއް ނޯންނާނެ، ބޭނުމީ އިންސާފު: ރިއާ

ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު ދެކެ ވަރަށް ލޯބިވި ކަމަށާއި އޭނާ މަރައިލަން ޖެހޭ ސަބަބެއް ނެތް ކަމަށް ސުޝާންތުގެ މަރުގެ ތުހުމަތުކުރެވޭ ބަތަލާ ރިިއާ ޗަކްރަބަތީ ބުނެފި އެވެ.

ޖޫން މަހުގެ 14 ގައި ސުޝާންތު މަރުވުމާ ގުޅިގެން ހެދި އޮޓޮޕްސީ ރިޕޯޓްގައި ބުނެފައި ވަނީ 34 އަހަރުގެ އެކްޓަރު މަރުވީ އަމިއްލަ އަށް ދަންޖެހިގެން ކަމަށެވެ. ނަމަވެސް އެ މަރުގެ މައްސަލާގައި ހަގީގަތް ނޭނގޭ ގިނަ ކަންކަން ހިނގާފައިވާ ކަމަށް ބުނެ މައްސަލަ ހޫނުވާން ފެށުމުން އެކަން އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި ސުޝާންތު އަމިއްލަ އަށް މަރުވީ ނޫން ކަމަށާއި އޭނާ މަރާލީ ކަމަށް ބުނާ ވާހަކަތަކުގެ އަޑު ވަރަށް ގަދަ އެވެ. އެ ތުހުމަތު އެންމެ ބޮޑަށް އަޅުވަނީ ސުޝާންތު ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރިއާގެ ބޮލުގަ އެވެ.

މިކަން އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަމުން އަންނަ އިރު ބުރާސްފަތި ދުވަހުގެ ރޭ އެންޑީޓީވީ އަށް، 27 އަހަރުގެ ބަތަލާ ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބުނީ އޭނާގެ ބޮލުގައި އަޅުވަނީ އަސްލެއް ނެތް، ދޮގު ތުހުމަތުތަކެއް ކަމަށެވެ. ސުޝާންތުގެ މަރުގެ މައްސަލަ އަށް ކުރިން ނުދޭހާ ސަމާލުކަން ހުއްޓި، ތަހުގީގު ފުޅާވެގެން ދިޔައީ ޒުވާން އެކްޓަރުގެ އާއިލާ އިން ރިއާގެ މައްޗަށް ތުހުމަތުތަކެއްކޮށް ތަހުގީގުކޮށްދޭން ހުށަހެޅި ހިސާބުންނެވެ.

އާއިލާ އިން ރިއާ އަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އާއިލާއާ ވަކިކޮށް އޭނާގެ ބާރުގެ ދަށުގައި ސުޝާންތު ގެންގުޅުމާއި ސިހުރު ހެދުމާއި މަސްތުވާތަކެތި ދިނުމާއި ފައިސާގެ ބޭނުމުގައި ސުޝާންތުގެ ބޭނުން ހިފުމާއި ނަފުސާނީ މައްސަލަތައް ހުރި ކަމަށް ބުނެ އާއިލާ އަށް ވެސް ނާންގައި، ސުޝާންތަށް ފަރުވާދޭން މަސައްކަތްކުރުން ފަދަ ކަންކަން ހިމެނެ އެވެ.

މިކަން ކަމަށް އިޝާރާތްކޮށް ރިއާ ބުނީ ސުޝާންތުގެ އާއިލާ އިން ކުރާ ތުހުމަތުތަކީ މުޅިން ވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި ސުޝާންތު ދެކެ ލޯބިވީ ހިތުގެ އަޑިން ކަމަށާއި އޭނާ ވަކިވެގެން ދިޔައީ ދެ މީހުންގެ އެކީގައި އުޅޭތާ ވެސް ދޮޅު އަހަރެއްހާ ދުވަސްފަހުން ކަމަށެވެ. ނަމަވެސް ސުޝާންތާ އެކު އުޅުނު ދުވަސްތަކުގައި އޭނާގެ ފަރާތުން އެކި ކަހަލަ މައްސަލަތައް ފެނުނު ކަމަށް ރިއާ ބުންޏެވެ.

އޭގެ ތެރޭގައި ޑިޕްރެޝަނަށް ދިއުމާއި މެރުއާނާ ބޭނުންކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ބުންޏެވެ. އަދި މަސްތުވާތަކެއްޗާ ސުޝާންތު ދުރުކުރަން ވަރަށް މަސައްކަތްކުރި ކަމަށާއި ދުވަހަކު ވެސް ސުޝާންތަށް މަސްތުވާތަކެތި ނުދޭ ކަމަށް ރިއާ ބުންޏެވެ. އަދި ސުޝާންތަށް ވިހަ ދިން ކަމަށް ބުނާ ވާހަކަތަކަކީ އެ މަރާ ގުޅިގެން މިހާތަނަށް އޭނާގެ ބޮލުގައި ބަޔަކު އެޅުވި އެންމެ ހިތްދަތި ތުހުމަތު ކަމަށް ރިއާ ބުންޏެވެ.

އޭނާ ބުނީ ސުޝާންތު ޑިޕްރެޝަނަށް ދާން ޖެހުމުގައި މުހިއްމު ސަބަބުތަކެއް ހުރި ކަމަށާއި އެ ވާހަކަތައް ހިއްސާ ވެސް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބައްޕަ މަންމައާ ދޭތެރޭ ކަންތައް ކުރި ގޮތުން އެ ހިތްދަތިކަމުގައި މަންމަ މަރުވުމާއި ފިލްމީ ދާއިރާގައި އަގުވަޒަން ނުކުރުމާއި ސުޝާންތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ޝޫޓްކުރަމުން ދިޔަ ދުވަސްވަރު އެ ފިލްމުގައި ސެޓްގައި ސުޝާންތުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ހުނަރުވެރި އެކްޓަރު ޑިޕްރެޝަނަށް ދާން ޖެހުނު ސަބަބުތައް ކަމަށް ބުންޏެވެ.

ރިއާ ބުނި ގޮތުގައި ޖިންސީ ގޯނާގެ ތުހުމަތު އޭރު ކުރި އިރު، ފިލްމުގެ ބަތަލާ ސަންޖަނާ ސާންގީ ވެސް ސުޝާންތުގެ ދިފާއުގައި ވާހަކަ ނުދައްކާ ކަމަށެވެ. އެހެންވެ ރިއާ ބުނި ގޮތުގައި އެ މައްސަލަ އަކީ ސުޝާންތުގެ ސިކުނޑި އަށް ވަރަށް އުނދަގޫކުރަމުން ދިޔަ ކަމެކެވެ.

ރިއާ ބުނި ގޮތުގައި ސުޝާންތުގެ ޑިޕްރެޝަންގެ މައްސަލަ އެންމެ ބޮޑުވީ ދެ މީހުން އެކީގައި މިދިޔަ އަހަރުގެ ފަހުކޮޅު އިޓަލީ އަށް ކުރި ދަތުރުގެ ތެރޭގަ އެވެ. އަދި އެ ހިސާބުން ފަރުވާ ހޯދަން ފެށި ކަމަށާއި ފަހުން މުމްބާއީ އަށް ގޮސް ފަރުވާ ހޯދި އިރު އެކަން ސުޝާންތުގެ އާއިލާގެ މީހުންނަށް ވެސް އެނގޭނެ ކަމަށް ރިއާ ބުންޏެވެ. އޭނާ ބުނީ ސުޝާންތަށް ފަރުވާ ދިނުމުގައި ފަސް ޑޮކްޓަރުންގެ ޓީމެއް އުޅުނު ކަމަށާއި އެ މީހުން ދިޔައީ ވަރަށް ގާތުން ސުޝާންތުގެ ހާލަތު ބަލަމުން ކަމަށެވެ. އެހެންވެ އޭނާ އަށް އެއްވެސް ގެއްލުމެއް ދޭން މަސައްކަތްކޮށްފައި ނުވާނެ ކަމަށާއި އެކަން ކުރި ނަމަ ޑޮކްޓަރުންނަށް ވެސް އެނގޭނެ ކަމަށް ރިއާ ބުންޏެވެ.

ސުޝާންތާ ލޯބީގެ ގޮތުން ގުޅުނީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް އާއިލާ އިން ކުރާ ތުހުމަތުތަކާ ގުޅިގެން ރިއާ ބުނީ ދުވަހަކު ވެސް އެކަހަލަ ވިސްނުމެއް ނެތް ކަމަށެވެ. އަދި ދެ މީހުންގެ ތެރޭގައި ފައިސާގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ސިއްރުން ވެސް ސުޝާންތުގެ އެއްވެސް ފައިސާއެއްގައި ނުޖެހޭ ކަމަށް ބުންޏެވެ. އެކަމަކު ލޯބިވެރިއެއްގެ ހައިސިއްޔަތުން ސުޝާންތު އޭނާ އަށް އެކި ކަހަލަ ހަދިޔާތައް ގަނެދީފައިވާ ކަމަށް ރިއާ ބުންޏެވެ. އަދި އޭނާގެ ބޭބެ އާއި ސުޝާންތު ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ހާއްސަ ކުންފުންޏެއް ހަދަން އުޅުނު ކަމަށާއި އޭގެ ބޭނުމަކަށްވީ ޖިސްމާނީ އެކި ކަހަލަ މައްސަލަތައް ހުންނަ ކުދިންނަށް އެހީވެވޭނެ ގޮތްތަކެއް ހޯދުން ކަމަށް ބުންޏެވެ.

ރިއާ ބުނީ އެ ކުންފުނި ހަދަން އުޅުނީ ތިން މީހުން ވެސް ހިއްސާވާ ގޮތަށް ކަމަށާއި ސުޝާންތާއި ބޭބެ އަކީ ކަންކަމުގައި ވަރަށް ހިޔާލު ވެސް އެއްގޮތް ދެ މީހުން ކަމަށެވެ.

ރިއާ ކިޔައިދިން ގޮތުގައި އޭނާ އާއި ސުޝާންތު އުޅުނީ އެހެން ވެސް ލޯބިވެރިން ވެސް އުޅޭ ގޮތަށެވެ. އަދި އެ ގުޅުމުގެ ތެރެއިން ނާޖާއިޒު ފައިދާއެއް ނަގަން އޭނާ މަސައްކަތްނުކުރާ ކަމަށާއި އެކަމަކު ލޯބިވެރިންގެ މެދުގައި ޖެހޭ ކަހަލަ އާދައިގެ ކުނި އެ ދެ މީހުންގެ މެދުގައި ވެސް ޖެހޭ ކަމަށް ބުންޏެވެ. އަދި އެއް ފަހަރަކު ޑިޕްރެޝަންގެ ވޭނުގެ ތެރޭގައި ތިމަންނަ ދޫކޮށްފައި ދާށޭ ސުޝާންތު ބުނުމުން ވަރަށް ހިތްދަތިވި ކަމަށް ވެސް ރިއާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ސުޝާންތުގެ މަރުވުމުގެ ކުރިން އެ ދެ މީހުން އެންމެ ފަހުން ބައްދަލުވީ ޖޫން މަހުގެ 8 ގަ އެވެ. އެހެންވެ އޭގެ ފަހުން އެ މަރާ ދޭތެރޭ ހިނގި އެއްވެސް ކަމެއްގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށާއި ހަގީގަތް އެނގެން ބޭނުންވާ ކަމަށް ބުންޏެވެ. ރިއާ ބުނީ ސުޝާންތު މަރުވީ ލޮކްޑައުންގެ ފަހުން ދެ މީހުން އެކީގައި ފިލްމެއް ވެސް ކުޅެން ހަމަޖެހިފައި ވަނިކޮށް ކަމަށެވެ.

ރިއާ ބުނީ އެއްވެސް އަސްލެއް، އަސާސެއް ނެތި އޭނާގެ މައްޗަށް އެތައް ތުހުމަތެއްކޮށް ލޯބިވެރިޔާ މަރާލި ކަމަށް ބުނެ އަޅުވާފައިވާ ތުހުމަތުގެ ސަބަބުން އަމިއްލަ ދިރިއުޅުމާއި އާއިލާ ވެސް ބަރުބާދުވެ، ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. މިކަންކަމާ ހުރެ އޭނާ ވެސް މިހާރު ހުރީ ސިއްހީ ގޮތުން ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށާއި އެތައް ފަހަރަކު އަމިއްލަ އަށް މަރުވާން ވެސް ވިސްނި ކަމަށް ބުންޏެވެ.

ނަމަވެސް ސުޝާންތުގެ މަރާއި އޭނާއާ އެއްވެސް ގުޅުމެއް ނެތްކަން ސާބިތުކޮށް ދެވޭނެކަން ކަށަވަރުވާތީ އިންސާފަށް އެދޭ ކަމަށް ބުންޏެވެ. އަދި އޭނާ ހުރީ ތަހުގީގަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށް ކަމަށް ވެސް ރިއާ ބުންޏެވެ.

ނަމަވެސް ސިޔާސީ ގޮތުން ބާރުގަދަ ބައެއްގެ އެހީގައި ތަހުގީގަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރާތީ އެކަމާ ބެހޭ ގޮތުން ރިއާ ބުނީ އޭނާ އަކީ ސިޔާސީ ބަޔަކާ އެއްވެސް ގުޅުމެއް އޮންނަ މީހެއް ނޫން ކަމަށާއި ސިޔާސީ މީހުން އޭނާ ދަންނަނީ ޓީވީން ފެންނަ މޫނުތަކެއްގެ ގޮތުގައި ކަމަށެވެ. ސުޝާންތުގެ މަރުގެ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރަން އުޅޭ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ރިއާ ބުނީ ހައްޔަރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާ އަކީ މައުސޫމު މީހެއްކަން ކޯޓްގައި ސާބިތުކޮށް ދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި ޝަރުއީ ނިޒާމަށް އިތުބާރު ވެސް ކުރާ ކަމަށެވެ.

4 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުއްލާއުމަރު

28 August 2020

މިއީ ބީޖޭޕީ މީހުން ކުޅޭ ޑުރާމާއެއް މާހަރާސްތުރާ ސްޓޭޓުގެ ސިޔާސީ މީހުން ދުއްވާލަން ވެގެން! އެސޮރު ދަންޖެހިގެން މަރުވީމަ އޭގެ ބޭނުން ކޮއްލައިގެން ބީޖޭޕީ އިން ސިޔާސީ ފައިދާ ނަގަން މިއުޅެނީ!

The name is already taken The name is available. Register?

ރިއާ

28 August 2020

ކޮށްދެވޭނެތާ ނަގައިގެން އުޅެނީ އެންމެ މުއްސަދި މީހުންވެސް ނަގާ ވަކީލް އޭނާގެ ފީ މީގެ 10އަހަރު ކުރިން ދުވާލަކަށް ދިހަލައްކަ މިހާރު ދޭންޖެހޭނެ ވަރު ވިސްނާ , އެކަމަކު 60ލައްކައިގެ ފްލެޓެއް ގަންނަން ލޯނު ނަގައިގެނޯ ގަންނަނީ , ވަކީލަށްދޭނެ ފައިސާ ހޯދި ގޮތެއްވެސް އެގެން ޖެހޭ

The name is already taken The name is available. Register?

ޛިމް2

28 August 2020

ކޮން ދޮގެއް ހަދާކަށް ރިއާ. ދެން ކީއްވެ ޖޫން 8 ވނަ ދުވަހު ސުޝާންތު ގެއިން ދިޔައިރު ގެއިން ސީސީޓީވީ ކެމެރާތަކުގެ ހާޑު ޑިސްކު ގެންދިޔައީ

The name is already taken The name is available. Register?

ރިއާޗަކޮރަބަޓީ

28 August 2020

ކަލޭ އެ ހާޑް ޑިސްކުތައް ގެންދަނިކޮށް ވަނީ ފެނިފަ. އިންޑިޔާ ފުލުހުން ކަލޭ ބަލާ ރާއްޖެ އެބަދޭ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454