02 ސެޕްޓެމްބަރ 2020 - 00:14
ކޮވިޑް-19އާ ގުޅޭ ރާއްޖޭގެ ހަގީގީ މަންޒަރު، އަދިވެސް ގިނަ މީހުންނަކަށް ނޭނގޭ ކަމަށާއި ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއްކަން ބުނެދޭން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19އާ ގުޅޭގޮތުން އާއްމުން އަދިވެސް އިތުރަށް ހޭލުންތެރިކުރުމަށް ގިނަ މީޑިއާތަކެއް ގުޅިގެން ފެށި "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕެއިން އިފްތިތާހު ކޮށްދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ހާލަތު ރަނގަޅަށް ބުނެ ނުދެވޭ ކަމަށެވެ. ރާއްޖޭގެ ރަށްތަކަށް އާބާދީ ބެހިފައިވާ ގޮތަށާއި، ޓޫރިޒަމް ތަރައްގީކޮށްފައިވާ ގޮތަށް ބަލާއިރު، ޗުއްޓީ ހޭދަކުރާ މީހުންނަށް، އެންމެ އަމާން، އެންމެ ރައްކާތެރި އެއް މަންޒިލަކީ އަދިވެސް ރާއްޖެކަން ޔަގީން ކަމަށް ރައީސް ވިދާޅުވި އެވެ.
"މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި، އިރާދަކުރެއްވީތީ ކޮމިޔުނިޓީ ސްޕްރެޑެއް ނެތް. އަދި އެހެން ރަށަކުން ބަލިމީހަކު ފެނުނަސް، ސިއްހީ ހިދުމަތްތެރިން އެ އަންނަނީ، ވަރަށް ރަނގަޅަށް އެކަން މޮނިޓަކޮށް ކޮންޓްރޯލް ކުރަމުން. އަދި ފަތުރުވެރިން ޗުއްޓީ ހޭދަކުރާ ރިޒޯޓްތަކާއި މީހުން ދިރިއުޅޭ ރަށްތައް މި އޮންނަނީ މުޅިން ވަކިން،" ރައީސް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވި އެވެ.
"މި މެސެޖް އަދިވެސް ބޭރު ދުނިޔެއަށް ރަނގަޅަކަށް ނުދެވޭ. މިއީ ރާއްޖެ އަންނަން ބޭނުންވެފައި ތިބި ފަތުރުވެރިންނަށް ވަރަށް ރަނގަޅަށް ސާފު ކޮށްދޭން ޖެހޭ ކަމެއް. ވަކިން ހާއްސަކޮށް، އޮކްޓޫބަރު 15 ވަނަ ދުވަހު، ގެސްޓް ހައުސްތައް ހުޅުވައިލުމަށް ތައްޔާރުވަމުން އަންނައިރު، ބޭރު ދުނިޔެއަށް މި މެސެޖް ވަރަށް ރަނގަޅަށް ފޯރުކޮށްދޭން އެބަޖެހޭ."
ރައީސް ވިދާޅުވީ ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ގައުމަކަށް ހެދެން އޮތީ، އެންމެން އެކުގައި މަސައްކަތްކޮށް، ބަލި ފެތުރުން ކޮންޓްރޯލްކޮށްގެން ކަމަށެވެ. ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބާނަމަ އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް އެކަން ނުކޮށްފި ނަމަ މި ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ބަލިޖެހޭ މީހުންގެ އަދަދު މަދު ނުކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ސިއްހީ ނިޒާމަށް އޮބިނޯންނަ ހާލަތަށް ކަންތައް ހިނގައިދާނެ. ފަރުވާކުރެވޭނެ ވަސީލަތްތަކާއި އާލާތްތައް ހޮސްޕިޓަލުތަކުގައި ހުއްޓަސް، ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާވަރަށް ބަލިމީހުން އިތުރުވެއްޖެނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ކެމްޕެއިނާ ގުޅޭގޮތުން ރައީސް ވިދާޅުވީ މިކަމުގެ މަގުސަދަކީ، ފަރުދީ ޒިންމާގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުން ކަމަށެވެ. މި ކެމްޕެއިންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުއިއްޔާތަކާއި މިނިވަން މުއައްސަސާތައް ވެސް ބައިވެރިވެ މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާގޮތުގައި، މިއީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު، ވަރަށް ބޭނުންތެރި ކެމްޕެއިނެއް. މިފަދަ މުހިންމު ގައުމީ މަސައްކަތެއް ފެށްޓެވި ކަމަށްޓަކައި، މި ކެމްޕެއިންގެ ސްޓިއަރިން ކޮމިޓީގެ ބޭފުޅުންނަށާއި، މިކެމްޕެއިންގައި ބައިވެރިވާ މީޑިއާތަކުގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ނޫސްވެރިންނަށް ތައުރީފް ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ ނޫސްވެރިންނަކީ، ގައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެއް ކަމަށެވެ.
"އިގުތިސާދީ ގޮތުންވިޔަސް، ނުވަތަ ސިޔާސީ ގޮތުންވިޔަސް، ގައުމަށް ލޮޅުން އަރައިގެންދާ ކޮންމެ ދަނޑިވަޅެއްގައި، އަމާން އައްސޭރިއަކަށް އާންމު ރައްޔިތުން ގެންގޮސްދިނުމުގައި، ދިވެހި ނޫސްވެރިން އަދާކޮށްފައިވަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރައީސް ވިދާޅުވި އެވެ.
ހަގީގަތް ނޯޅޭގޮތަށް މައުލޫމާތު ފެތުރުމަށް ވެސް ނޫސްވެރިންނަށް ރައީސް އިލްތިމާސް ކުރެއްވި އެވެ.
"އަޅުގަނޑު ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށާއި، މީޑިއާ އިދާރާތަކަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ، ތިޔަބޭފުޅުން މިއަދު ތިޔަ ފެށްޓެވި ގައުމީ މަސައްކަތުގައި، ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން. ސަރުކާރުގެ ވުޒާރާތަކާއި، ކަމާގުޅޭ އެހެން އިދާރާތަކުން ވެސް، ފުރިހަމަ އެއްބާރުލުން އިރާދަކުރެއްވިއްޔާ ލިބެމުންދާނެ،" ރައީސް ވިދާޅުވި އެވެ.
ކެމްޕެއިނާ ގުޅޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން ސަން އޮންލައިންގެ ޗީފް އެޑިޓަރު، އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ކެމްޕެއިންގައި ބައިވެރިވާ ހުރިހާ މީޑިއާތަކެއް މެދުވެރިކޮށް ކުރިއަށް އޮތް ދުވަސްތަކުގައި އާއްމުން ހޭލުންތެރި ކުރުވުމަށް އެއް މައުލޫމާތުތަކެއް އާންމު ކުރާނެ ކަމަށެވެ.
ކެމްޕެއިނާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
"މި ބަލިމަޑު ކަމަކީ އެއްވެސް ކަމެއް ނޫން ކަމަށް ދެކިގެން އުޅުން ގޯސް. މި ކެމްޕެއިން އަމާޒު ކުރާނީ މިކަމުގެ ނުރައްކާ ބުނެދިނުމަށް،" ތަޖުރިބާކާރު ނޫސްވެރިޔާ ވިދާޅުވި އެވެ.
* ހުރިހާ މީޑިއާތަކެއްގައި އެއް އާޓިކަލްތަކެއް ޕަބްލިޝްކޮށް އާއްމުން ހޭލުންތެރި ކުރުން
* ހުރިހާ ޓީވީތަކެއްގައި ހޭލުންތެރި ކުރުމަށް ޓޯކްޝޯތައް ބޭއްވުން
ނޫސްވެރިންގެ ބައްދަލުވުމުގައި ހިރިގާ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
* ފޮޓޯ ސްޓޯރީތަކާއެކު ހުރިހާ މީޑިއާތަކުން ބަލީގެ ހާލަތު އަންގައިދިނުން
* ނޫސްވެރިންނާއި މީޑިއާތަކުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހޭލުންތެރި ކުރުން
ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ ކޮވިޑް-19ގެ މައުލޫމާތު އެ ބަލިމަޑުކަން ފެށުނު ހިސާބުން ފެށިގެން ވެސް ރާއްޖޭގެ ހުރިހާ ނޫސްތަކަކުން ގެނެސް ދީފައިވާ ކަމަށެވެ. މި ކެމްޕެއިނާއެކު އެކަން އެހެން ލެވެލް އަކަށް ގެންދެވޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
"ލޮކްޑައުންއަށް ލުއިދިނީމައި މިފެންނަނީ އެންމެ އެދޭ މަންޒަރެއް ނޫން. ބަލި ކޮންޓްރޯލް ނުވެ ކުރިއަށް އޮތީ ކިހާ ދުވަހެއް ކަމެއް ނޭންގެ. މިހާރު މިފެންނަނީ އަސްލު އިކޮނޮމީގެ ރިއަލިޓީއެއް ނޫން. މިކަންކަމަށް އަޅުގަނޑުމެން ހޭލުންތެރި ކުރާނަން،" މޫސަ ވިދާޅުވި އެވެ.
ކެމްޕެއިންގައި އިސްކޮށް އުޅޭ ނޫސްވެރިން ވަނީ ކޮވިޑް-19އަށް ރާއްޖޭން މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވަމުން ދާއިރު އާއްމުންގެ ޒިންމާ އެންމެ ރަނގަޅަށް އަދާ ނުކުރާކަމަށް ވިދާޅުވެފަ އެވެ. ހާއްސަކޮށް ޒުވާނުން ކޮފީތަކުގައި ރައްކާތެރިކަމެއް ނެތި އުޅެމުން ދާތީ ގޭގެއަށް ބަލި ގޮސް ދުވަސްވީ މީހުން އެ ބަލީގައި ވަކިވެ ދިއުމުގެ ނުރައްކާ ބޮޑު ވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުދުބެއްޔާ
02 September 2020
ކިޔާ އެއްޗަކާ ޕޮލިސީތަކަށް އަންނަ ބަދަލުތަކާ ގުޅުވާނުލެވެނީ ކީއްވެ، އެއްކޮޅުން ރައީސް ވިދާޅުވާނެ ރާއްޖެ އޮންނަނީ ޖަޒީރާކޮށޭ ޓޫރިސްޓުން ތިބެނީ ރިސޯޓުގައޭ، އަނެއްކޮޅުން ގެސްޓް ހައުސްތަކާ ސަފާރީތައް މީހުން ދިރިއުޅޭ ރަށްރަށުގަ އޮޕަރޭޓުކުރަން ފަށަނީ، ދެންވެސް ހަމަ ބުނަންވީ ޓޫރިސްޓުންނާ އާއްމުންނާ މުޅިން ވަކިން އުޅެވޜކަމަށްދޯ. ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެނައުމަކީ ސިއްހީ ޚިދުމަތް ނެތް ރަށްރަށު ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެނައުން އަދި މާއަވަސް
ޙައްޤީމް
02 September 2020
ރައީސް ކީރިތި ކުރައްވާއިފި ގެންނަން ބުނި ވެންޓިލޭޓަރުތައް ވީ ހިސާބެއްނެނގޭ އެކަމަކު އެއަށްވާ ފައިސާ ބައިތުލުމާލުން ދައްކައިފި 2 މަސް ދުވަސް ވާދެން ރައްޔިތުން ބަސްެއަހައިގެން ގޭގަ ތިބި ކޮވިޑު ކޮންޓުރޯލެެއް.ނުވި ރައްޔިތުން އަތް ދޮވެފި ބަޔަކު ބައިތުލުމާލު ދޮވެފި ވީމަދުބަޔަކު މުއްސަދި ވެއްޖެ ރައްޔިތުން އަވަދި ވެއްޖެ
ދީމާހު
02 September 2020
ކޮވިޑުން ވަރަށް ރަނގަޅު ފިލާވަޅުތަކެއް ލިބިއްޖެ. އަޚުލާޤު ރަނގަޅު ތަންތާނގައި އޮތީ ކޮންޓްރޯލުވެފައި. ރައްޔިތުންގެ ހޭލުންތެރިކަން ކުޑަ އަޚުލާގީ ގޮތުން ފެންވަރު ދަށް ކޮރަޕްޓް ގައުމުތަކުގައި ކޮވިޑު ކޮންޓްރޯލެއް ނުވޭ. އަދި ގައުމުތަކުގެ ލީޑަރުންގެ ލީޑަރޝިޕުވެސް ދައްކުވައިދީފި. ރައްޔިތުންނަށްޓަކައި ވެރިކަން ކުރާކުރާ ހުނަރުވެރި ލީޑަރުންގެ ލީޑަރޝިޕު ފެނިއްޖެ. މިސާލަކަށް ނިޔުޒިލޭންޑާއި ޓައިވާން.
ގައުމީ ލޯބީގާ
02 September 2020
މަށަކަށް ރައިސްދައްކަވާވާހަކައިގެ ދެކޮޅެއް މެދެއް ނުޖެހޭ. އެއްފަހަރު ތިވިދާޅު ވީޖަޒީރާ ރަށްތަކެއްގަ ދިރިއުޅޭތީކޮވިޑް ކޮންޓުރޯލް ކުރަން ފަސޭހަވާނެއޭ . މާލޭގަ ނޫނީސްޕްރެޑެއް ނެތްކަމަށް . ދެންތިވިދާޅުވީ ބަލިމީހުންތައްގިނަވެ އެދުތައް ފުރިދާނެއޭ . ތިފާޑަށް ވާހަކަފުޅުދައްކަވާނަމަ ގެސްޓް ހައުސްތައްހުޅުވިއަސް ޓޫރިސްޓެއް ނާއްނާނެ . ނޫސްވެރިން ސިޔާސީވެގެން މަނިކުފާނު ވެރިކަމަށް ގެންނަށް ކުރިމަސައްކަތުން ފައިދާއެއް ކުރީ ނޫސްވެރިންނަށް ރައްޔިތުންނަށް0
ސަލީމު އިދުރީސް
02 September 2020
މަލޭ އެއާފޯޓު މެދުވެރިކޮއް ފަރުރިންގެނައް ފަތުރުވެރިނައް ރާއްޖެ ސޭފުކަމައް ކިއައިދިނުމަކީ ފަތުވެރިނައް އޮޅުވާލަ ފައިސާގެ ބޭނުމުގަ ބަޔަކައް ނުރައްކަލަކާ ދިމާލައް ގެނެވުން ! ހަގީގަތުގަ ހުލެ އެއީ މާލެޔާ ވަކިންތަނެކޭ މިހާރު ނުބުނެވޭނެ! ޒިއުރިކު، ފުރަންކުފާޓު، ޓީގަލު، ދެދައް ބުނާނަމަ ޔޫރަފުގެ ހުރިހާ އެޔާ ފޯޓެއް ވެސް އޮންނަނީ މާލޭ އެޔާފޯޓައްވުރެ އެކަހަރިކޮއް! މިބުނި އެޔާފޯތަކައް ދަނީވެސް ފުރާ ލަފާމީހުން ކާރު ބަސް ނުވަތަ ރޭލުގަ ކޮބައި ތަފާތަކީ
ޖަޒީރާ ބިންތި ޖަރީމާ
02 September 2020
ކޮވިޑު ނޫން އެހެން ހުރިހާ ކަމެއްގަ ރާއްޖެއަކީ މާލެ. ކޮވިޑުގަ މާލެއަކީ މާ މުހިއްމުތަނެއް ނޫން ކަމަށް ދެއްކޭތޯ މިއުޅެނީ. އެހެނެއްނުވާނެ ނޫންތޯ. އެހެން ނުވަނީ ހަމައެކަނި މި ސަރުކާރުގެ މައްސަލައަކުން ނޫން. ހުރިހާ ވެރިކަމެއްގެ ހިއްސާ އޮވެގެން ހިންގި ޖަރީމާތަކެއްގެ ހިތިރަހަ މިއަދު މި ތަޖުރިބާ ކުރަނީ.
2023
02 September 2020
ރޭގަ ނޫސްވެރިންވެސް ކިޔައިދީފި ޑޮލަރު އަގުބޮޑުވި ވާހަކަ. ރުފިޔާ ޗާޕްކޮށްގެން ސަރުކާރު މުވައްޒަފުންނަށް މުސާރަދެވުުނަކަސް ކުދި ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރގެ މުވައްޒަފުންގެ ވަޒީފާ ގެއްލި ގައުމު އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާ ވާހަކަ. ގިނަބަޔަކު ފަރުދީ ޒިންމާ އަދާކުރާތީ އެތައް ކުޑަކުދިންނެއް ދިރިއުޅޭ މާލޭގެ މަގުމަތިން ނިސްބަތުން މަދުކުއްޖެއް ފެންނަނީ. ކަމެއްނެތިިފަތިބި ޒުވާނުން މަގުމަތީގައުޅެނީ ކުރާނެ މަސައްކަތެއް ނެތި ފުރުސަތު ނުލިބޭތީ. މިކަހަލަ ވާހަކަތަކެއް ކޮންމެ މީހަކަށްވެސްް ކިޔައިދެވޭނީ.
ވައުސް
02 September 2020
މަންޒަރު ޓޫރިސްޓުންނަށް ކިޔައިދޭން އެބަތިބިނޫންތޯ މަނިކުފާނު ބޮޑުމުސާރަ ދެއްވާފަ ސިޔާސީ މަޤާމްތަކުގަ ތިއްބެވި ތޮއްޔިބް ސްމިތްމެން ކަހަލަ ބޭފުޅުން. އެބޭފުޅުންނަށް ފުރުސަތު ދެއްވާފަ ރައްޔިތުން މިތިބީ ބަލަން. އެކަމަކު މަނިކުފާނުވެސް ވިސްނެވުން ރަނގަޅުވާނެ މެކުނު ފުމުނަސް ގާހަކައަކަށް ނުފުމެވޭނެކަން. އަދި މުސަޅު ދުވާވަރަށްް ކަންޒުކަހަބަކަށް ނުދުވެވޭނެކަން. ތިމާއަށް ނުވާވަރުކަންތަކާ ހަވާލުވެ ބަޔަކަށް ލިބިލިިބިހުރި މަންފާތަކަކުން މަހްރޫމްވާތަން ބަލަންހުރުމަކީ އިހްމާލެއް.
ހާސަރު
02 September 2020
ކޮވިޑް ދުވަހު ރިޕޯޓް ހާމަކުރާއިރު ފެށުނީއްސުރެ މޯލްޑިވްސް ގެ އަދަދު ކިޔަމުން ދަނީ އަދަދު ކިޔާއިރު މާލެ ކިޔާނަމަ ރާއްޖެ އަންނަން ބޭނުންވާ ޓްއަރިސްޓުންނަށް ހަގީގަތް އެގި އަންނަ މީހުން ގިނަވާނެ. އެޗްޕީއޭގެ ވިސްނުމުގައި އެއްވެސް ވަރަކަށް އިގްތިސާދީ ގޮތުން ލިބޭގެއްލުމެއް ނުބަލާ. މިހާރު ވެސް ގައުމުތައް ވަކިން ކިޔާކިޔުންވެސް ހުއްޓަން ޖެހޭ . ދިވެހިން ބިދޭސީން ކިއްޔާ ވާނީ ކީއް؟ ތަފްސީލް އެޗްޕީއޭގައި ހުންނާނެތާ.
ގަޓް ބްރޯ
02 September 2020
ކޯލިޝަން ސަރުކާރުގެ އިތުރުން ކޮވިޑްގެ ވަބާ އާ ގުޅިގެން ރައީސް ސޯލިހް ގެ ނާގާބިލްކަން ވަރަށް ބޮޑަށް ފާހަގަވޭ. އެހެންކަމުން މިހާރު މިއޮތް ލީޑަރޝިޕް އާއެކު ކޮވިޑް ރޯގާ ކޮންޓްރޯލްކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއްނެތް. އޭގެ ބަދަލުގަ ކުރީގެ ތަޖުރިބާކާރު ސިއްހީ ޚިދުމްތްތެރިންނާ ހިންގުމުގެ ތަޖުރިބާލިބިފަވާ ހަރުދަނާ ގާބިލް ބޭފުޅުން ހިމަނައިގެން ގައުމީ އާ ކޮވިޑް ކައުންސިލް އެއް އުފެއްދިއްޖެ ނަމަ ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ.