ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހުސައިން މުހައްމަދު.
04 ސެޕްޓެމްބަރ 2020 - 13:34
މިދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޖުމްހޫރީ ޕާޓީގެ އެހީތެރިކަން ހޯއްދެވުމަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަތިވެރި ދާއިރާގެ އޭރުގެ މެމްބަރު ހުސައިން މުހައްމަދުގެ ގެއަށް ގިނިކަންޏާ ވަޑައިގެން ބައްދަލުކުރެއްވީ ޚާއްސަ ސަބަބެއް އޮވެގެންނެވެ. އޭރުގެ ސިޔާސީ މަސްރަހު އޮތް ގޮތުން، ޖުމްހޫރީ ޕާޓީ، އެމްޑީޕީގެ ކޯލިޝަންގެ ތެރެއަށް ވެއްދުމަކީ އުނދަގޫ ކަމަކަށް ވިޔަސް އެކަމަށް ހުސައިން އަލި މަގެއް ދައްކަވާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަގީންކަން އޭރުގެ ރިޔާސީ ކެންޑިޑޭޓަށް އޮތުމުންނެވެ.
އެހެންވެ، ރައީސް ގެންދެވީ ހުސައިންއާ ވަކިން ވާހަކަފުޅު ދައްކަވަމުންނެވެ.
"މިހާރު" އާ މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގައި އޭރު ވެސް ހުންނެވި ހުސައިން އަރިހަށް އެ ދުވަހު ވަޑައިގަތުމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި ކޯލިޝަންގެ ކާމިޔާބީގެ އެއް ސިއްރަކީ ވެސް ހުސައިން ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީންކަން އެ ދުވަހު އޮތް ހުސައިން ކޮންމެވެސް މަގެއް ދައްކަވާނެ ކަަމަށް. އެ ދުވަހުގެ އެ މަސައްކަތް މިއަދު މި ފެންނަނީ،" ހުސައިންއާ އެކު ރައްޔިތުންގެ މަޖިލިހުގައި 15 އަހަރު މަސައްކަތްޕުޅު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށް، އުމުރުން 71 އަހަރުގައި ހުސައިން ރޭ އަވަހާރަވުމާ ގުޅިގެން ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނަށް އަސަރުކުރީ ހަމައެކަނި އެކުގައި މަސައްކަތް ކުރެއްވި މެމްބަރަކަށް ވުމަކުން އެކަންޏެއް ނޫނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޓީވީ މޯލްޑިވްސްގައި ވަޒީފާ އަދާކުރެއްވިއިރު، އެމަނިކުފާނުގެ ވެރިއަކީ ހުސައިން އެވެ. އެއީ ރައީސްގެ ފުރަތަމަ ވަޒީފާ ކަމަށް ވުމުން، ހުސައިން އަށް އޮތް ގަދަރު އިންތިހާ އަށް ބޮޑެވެ. ރައީސަށް އޭރު ވެސް ހުސައިންގެ ފަރާތުން އެންމެ ބޮޑަށް ފެނިވަޑައިގަތީ މުވައްޒަފުންގެ ދިފާއުގައި އިސްވެ ނުކުންނަވާ ތަނެވެ.
އޮގަސްޓް 2018 ގައި ބޭއްވި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ކެމްޕެއިން ޖަލްސާއެއްގައި ހުސައިން ވާހަކަ ދައްކަވަނީ.
"ވަރަށް ބޮޑަށް މުވައްޒަފުން ދިފާއުކުރައްވާނެ. މުވައްޒަފުންގެ ކަންތައްތަކުގައި ވެސް ކަންކަން އޮންނަ ގޮތަށް، ސީދާކޮށް ކުރިއަށް ވަޑައިގަންނަވާނީ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހަޔާތުގައި ދިމާވި ދަތި ވަރަށް ގިނަ ކަންތައްތަކުގައި ހެޔޮލަފާ އިރުޝާދު ދެއްވި ބޭފުޅެއް އެއީ. އެހެންވެ، ހުސައިން އަކީ ވަރަށް ގާތް ރަހުމަތްތެރިއެއް. ހެޔޮލަފާ ދެއްވާ، ސާފުކޮށް ކަންކަން ވިދާޅުވާ ބޭފުޅެއް."
ރައީސް ވިދާޅުވި ގޮތުގައި، ހުސައިންގެ ފަރާތުން އެންމެ ބޮޑަށް ފެނިވަޑައިގަތީ، އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް އަބަދުވެސް ގައުމު އިސްކުރެއްވި ތަނެވެ. އިދިކޮޅުގައި މަސައްކަތްޕުޅު ކުރެއްވިޔަސް އެމަނިކުފާނު، ހުސައިންއާ ވަކިން މަޝްވަރާ ކުރައްވައި، ހިޔާލު ހޯއްދަވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑާއި ހުސައިންއާ އެކު ހުންނާނެ ވަރަށް ހަނދާން ނުނެތޭ ފަދަ ކަންތައްތައް. ޓީވީ މޯލްޑިވްސް އަށް ފަހު ރައްޔިތުންގެ މަޖިލިހުގައި ހުސައިންއާ ވަރަށް ގިނަ ކަންތައްތަކުގައި މަސައްކަތް ކުރެވިފައި ހުންނާނެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ ވަރަށް ހޫނު ބަހުސްތަކުގައި ވެސް ކޯފާ އިސްނުކުރައްވާ ކަން،" ރައީސް ވިދާޅުވި އެވެ.
ހުސައިން ވަނީ ތައުލީމީ، މީޑިއާ އަދި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވައިފަ އެވެ. އެ ގޮތުން އަރިއަތޮޅު އުތުރު ބުރީގެ މެންބަރުކަން 2005-2009 އަށް އަދި މަތިވެރި ދާއިރާގެ މެންބަރުކަން 2009-2019 އަށް ކުރެއްވި އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާން ފެށުމާ އެކު ޑީއާރުޕީއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ހުސައިން ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އަވަހާރަވި އިރު ހުންނެވީ އެ ޕާޓީގެ ކައުންސިލް މެންބަރަކަށެވެ.
ހުސައިންގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭ 6:45 ގައި އާ ސަހަރާގެ މިސްކިތުގަ އެވެ.
އޭނާ އަވަހާރަވިއިރު، ދުނިޔޭގައި ތިއްބެވީ ތިން ފިރިހެން ބޭފުޅުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ. ރާމީ ޙަސަން ނިޔްޔޯކް/އެމެރިކާ
04 September 2020
ކޮންމެ ފިކުރެއްގެ ބޭފުޅަކަސް އަވަހާރަވުމުން ފުރާނަފުޅަށް ސުވަރުގޭގެ ނިޢުމަތް އެދި ދުޢާ ކުރުމަކީ އިސްލާމް ދީނުގެ އެއްމެ މާތް ސިފަތަކުގެ ހިމެނޭ ކަމެކެވެ. ޢާއިލާ އަށް ކެތްތެރިކަން ދެއްވާ މަރުޙޫމް ގެ ފާފަ ފުއްސަވާ ކައްވަޅުގެ ޢަޒާބުން ނަޖާ ކޮށްދެއްވަވާންދޭވެއެވެ.
ތުއްތޮންބެ
04 September 2020
ހީވެސްނުވޭ؟
ދޮންހަސަނު
04 September 2020
އެހެންވީމަތޯ މިވެރިކަމުގައި އޭނާ އެކެހެރިކޮށް އެއްލާލާފަ ބެހެއްޓީ. ނިޔާވުމުން މޮޅު ވާހަކަ ތި ދައްކަނީ. މާތްﷲ މަރުޙޫމްގެ ފުރާނަޔަށް ހެޔޮ ރަޙްމަތް ލައްވާށި.
ދޮންހަސަނު
04 September 2020
ޙަބަރު ކިޔާ ނިމުނުއިރުވެސް މަރުވި ސަބަބު ނޭދުނީމަ ދެރަ. ޣުތުރަތީ މަރެއްތޯ ނޫނީ އެނޫންވެސް އެހެން ސަބަބެއްތޯ ބަލާލާހިއްވޭ
ބާބާ
04 September 2020
ޤުދުރަތީ މަރެއް.
ދަސްކުރާ
04 September 2020
ދަރިން އެކްވެރިކަމާއެކް އުޅެނީ މައިން ބަފައިން ދުނިޔޭގަ ތިބޭ ދުވަހުއެވެ މައިންބަފައިން ނިޔާވުމުން އެކަކު އަނެކަކް ހަތުރުންނައްވެ އާާއިލާތައް ވިއްސި ވިހާލިވެއެވެ ވީމާ މިގޮތްކޯލީސަނައް ނުވާނެބާވައެވެ.އެމަރުހޫމައް ރަހްމަތްލައްވާނދޭވެ އާމީން
ގެދާނޯމޮސް
04 September 2020
އިންސާނާ މަރުވެ ދިއުމުން ގިނަބަޔަކުގެ ތަޢުރީފް އެފުރާނަޔަށް އޮށްސަމުން ދާނެތެވެ. ނަމަވެސް އާޚިރަތުގަ އެންމެ ގާތް އެކުވެރިންވެސް އަދުއްވުން ކަމުގަ ވެގެން ދާނީ އީމާންކަމާއި އެކު ތަޤުވާވެރި ވެ ނޫޅޭ އެކުވެރިންކަން ދަންނާން ޖެހެއެވެ. މަރުޙޫމަށް އެންމެ ފައިދާ ކުރާނީ ސޯލިހު ދަރިންގެ ފަރާތުންނެވެ، އެކުދިން ތެދުވެރި އަޚްލާގު ރަނގަޅު ދީނަށް ތެދުވެރިވެ ތިބެވޭނަމަ އެކަމުން ބައްޕާފުޅުގެ ފުރާނަޔަށް މާތް ﷲ ގެ ރަހުމަތް ތަނަވަސް ކޮށްދެއްވާނެތެވެ.
ކުނޫޒް މާމަ
04 September 2020
ކޯލިޝަން އޮތީ އަތަށް ގޮވާ ފައި ފެއިލް ވެ ނިމި ފައި،ދެން އޮތީ ކުރިޔަށް މިގައުމުގެ ވެރިކަމުން ދުރުކުރުން ރައްޔިތުން ނުކުމެ،ބަލަން ތިބޭ ކަންވާގޮތް، މަރްޙޫމް އަށް އާހިރަތުގެ ހެޔޮނަސީބު މިންވަރު ކުރަށްވާށި،
ފަރުދު
04 September 2020
އިންނާލިﷲ ވައިންނާ އިލައި ރާޖިޢޫން ! އެ މަރްޙޫމްގެ ފުރާނަ ފުޅަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި ! އާމީން