ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ މަޖިލީހުގެ އިއްްޔެ ޖަލްސާގައި ވާހަކަ ދައްކަވަނީ. އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ގާނޫނު 2020 ސްޕޮންސާ ކުރެއްވީ އޭނާ.---ފޮޓޯ: މަޖިލިސް
07 ސެޕްޓެމްބަރ 2020 - 11:19
ކޮވިޑް-19 ފެތުރޭތީ އާއި އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމާއި ގާނޫނީ ގޮތުން ހުރި ގިނަ ހުރަސްތަކަށް އެޑްރެސް ކުރެވޭ ގޮތަށް "އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 2020" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން އިއްޔެ ބިލެއް ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ހުށަހެޅުއްވި ބިލް ބޮޑަށް އަމާޒު ކޮށްފައި އޮތީ ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރަން އިއުލާނު ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، ކުއްލިއަކަށް އަޅާ ފިޔަވަޅެއްގެ ސަބަބުން މަސައްކަތްތެރިންނާއި ދައުލަތުގެ އިދާރާތަކަށްް ކުރިމަތިވާ ހުރަސްތަކަށް ލުޔެއް ދިނުމަށް އަމަލުކުރާނެ ގޮތްތަކަށެވެ.
ބިލުން އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ރަށެއް ނުވަތަ ތަނެއް މޮނިޓަރިން ހާލަތަކަށް ދިއުމުން ވަޒީފާ އަދާކުރާ ރަށަށް ނުވަތަ ތަނަށް ނުދެވޭ ހާލަތުގައި އަމަލުކުރާނެ ގޮތްތަކެވެ. އެ ހާލަތުގައި މަސައްކަތްތެރިޔާގެ މުސާރަ އާއި އިނާޔަތްތަކުން އެއްޗެއް އުނި ނުކުރެވޭ ގޮތަށް ބިލްގައި އުސޫލުތައް ކަނޑައަޅާފައި ވެ އެވެ.
ބިލުގެ ފަސް ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި، އެފަދަ ހާލަތެއް މެދުވެރިވާ މުވައްޒަފުގެ މުސާރަ އާއި އިނާޔަތްތަކުން ނުކެނޑޭނެ އެވެ. މެޑިކަލް ސެޓްފިކެޓެއް ވެސް ހުށަހަޅަން ނުޖެހޭ ގޮތަށް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބިލްގައި ވެ އެވެ.
ކޮމިޓީ މަރުހަލާގައި މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލް ދިރާސާކޮށް އެކުލަވައިލި ރިޕޯޓުގައި، އެ މާއްދާ އިތުރަށް ތަފްސީލުކޮށްދީ ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ. އެކަމަކު އެ މާއްދާގެ އަސްލަށް ބަދަލެއް ނުގެނެ އެވެ.
ބިލްގެ ހަވަނަ މާއްދާގައި ބުނެފައި ވަނީ ކޮވިޑަށް ޕޮޒިޓިވް ވާ މީހުންނަށް ވެސް ހާއްސަ ޗުއްޓީއެއް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. ކަރަންޓީން މަރުކަޒެއްގަައި ނުވަތަ ގޭގައި ހުއްޓަސް އެކަމުގައި ތަފާތެއް އޮވެގެން ނުވާނެ އެވެ. މުވައްޒަފުގެ އާއިލާގެ މެމްބަރަކު ބައްޔަން ޕޮޒިޓިވްވާ ހާލަތުގައި އާއިލީ ޒިންމާގެ ހާއްސަ ޗުއްޓީއެއް މި ބިލް ގާނޫނަކަށް ވުމަށް ފަހު ދޭން ޖެހޭނެ އެވެ. އެކަމަކު އެއީ ބައްޔަށް ޕޮޒިޓިވްވި އިރު ވެސްް މުވައްޒަފުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ނަމަ އެވެ.
ކޮވިޑް-19 އާ ގުޅޭ ކަންކަމުގައި ދޭން ޖެހޭ ހާއްސަ ޗުއްޓީތަކާ ގުޅުވައިގެން މުވައްޒަފުގެ އަހަރީ ޗުއްޓީން ބައެއް ކެނޑުން ވެސް ބިލްގައި އޮތީ މަނާކޮށްފަ އެވެ.
ކުންފުންޏެއް ނުވަތަ ވިޔަފާރިއަކަށް ގެއްލުން ވާތީ މުވައްޒަފުން ވަކިކުރަން ޖެހޭ ހާލަތުގައި ދުރާލައި މުވައްޒަފުންނަށް އެންގުމަށާއި ގެއްލުންވާކަން ދައުލަތުގެ ކަމާ ބެހޭ އިދާރާއަށް ސާބިތުކޮށްދޭން ވެސް ބިލްގައި ލާޒިމްކޮށްފައިވެ އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަަން އެހެން ގައުމުތަކާއި ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިގުތިސާދަށް ކުރިމަތިވި ބޮޑު ހީނަރުކަމުގަައި އެތައް ބަޔަކަށް ގެދޮރުގެ ކުލި ދެއްކޭނެ ގޮތެއް ނެތިފައި ތިބިތިބުމަށް ވެސް ބިލްގައި ރިއާޔަތްކޮށްފައި ވެ އެވެ. އެ ހާލަތުގައި ގެދޮރުން މީހުން ނެރުމުގައި އަމަލުކުރާނެ ހާއްސަ ގޮތްތަކެއް ބިލްގައި ހިމަނާފައި ވެ އެވެ. އެގޮތުން ތަނެއް ކުއްޔަށް ހިފައިގެން އުޅޭ ބަޔަކު އެތަން ދޫކޮށްފައި ދާން ބޭނުން ނަމަ އެ ތަނުގެ ވެރިފަރާތަށް މަދުވެގެން 60 ދުވަސް ކުރިން އަންގަން ޖެހެ އެވެ. އެކަމަކު، އެ 60 ދުވަހުގެ މުއްދަތުގައި ތަން ހުސްކުުރަން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބިލްގައި ވެ އެވެ.
ތަން ހުސްކުރަން ދޭ ނޯޓިސް ދޭން ޖެހޭނީ ވެސް ލިޔުމުންނެވެ.
- ބޯހިޔާވަހިކަން ގެއްލޭ މީހުންނަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ދޭންޖެހޭ.
- ކާބޯތަކެތި ނުލިބި ހާލުގައި ޖެހޭ މީހުންނަށް ސަރުކާރުން ކާބޯތަކެތި ދޭންޖެހޭ.
- ގާނޫނަށް އަމަލުކުރާ މުއްދަތުގައި ޓެކްސް ދައްކަން ދަތިވާ މީހުންނަށް އެކަން ކޮށްދޭންޖެހޭ.
- މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ވަގުތީ ފަރުވާގެ އިިންތިޒާމު ހަމަޖައްސަން ޖެހޭ.
- ގާނޫނީ ގޮތުން ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އޮންލައިންކޮށް ކުރުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭ.
- ގާނޫނީ ގޮތުންް ވަކި މުއްދަތެއްގެ ތެރޭގައި ކުރަން ހުންނަ ކަންތައްތައް ހާލަތަށް ރިއާޔަތްކޮށް ލަސްކޮށްދޭން ޖެހޭ.
މި ބިލް ގާނޫނަކަށް ވުމަށް ފަހު އެކި ގޮތްގޮތުން ގާނޫނާ ހިލާފުވާ މީހުންނާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ވެސް ބަޔާންކޮށްފައި ވެ އެވެ. އެގޮތުން 5،000ރ. އިން ފެށިގެން 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފިޔަވަޅުތައް ވެސް އެބަހުއްޓެވެ.
އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނީ ބިލުގައިވާ ގޮތުން، ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ އެންގެވުންތަކާ ހިލާފުވާ ގާނޫނީ ޝަޚުސް ތަކުންނެވެ. އެއީ ކުންފުނިތަކާއި މުއައްސަސާތަކެވެ. އެފަދަަ ފަރާތަކުން ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާ އެންގުމަކާ ހިލާފު ވެއްޖެ ނަމަ 10،000ރ. އައި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ބިލްގައި އުސޫލުތައް ކަނޑައަޅާފައި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯސް
07 September 2020
މޮޔަވެދާނެ. ތަންފީޒުނުކުރެވޭ ގާނޫނުތައް ނުހަދަބަލަ.
ކަޑަބައި
07 September 2020
މި ބިލުގައި ކުންފުންޏެއް ނުވަތަ ވިޔަފާރިއަކަށް ގެއްލުން ވާތީ މުވައްޒަފުން ވަކިކުރަން ޖެހޭ ހާލަތުގައި ދުރާލައި މުވައްޒަފުންނަށް އެންގުމަށާއި ގެއްލުންވާކަން ދައުލަތުގެ ކަމާ ބެހޭ އިދާރާއަށް ސާބިތުކޮށްދޭން ވެސް ބިލްގައި ލާޒިމްކޮށްފައިވިޔަސް މިކަންކަމަކީ ވަރަށް ފަސޭހަ ކަންކަމެވެ. މިހާލަތުގައި މިގޮތަށް މީހަކު ވަޒީފާއިން ވަކިކުރުމަކީ މީހަކަށް ލިބޭނެ ވަރަށް ބޮޑު ނިކަމެތިކަމެކެވެ.
އަބުދުﷲ
07 September 2020
އަޅެ މިރާއްޖޭގަ ރެިޒޯޓުތަކުގައި ނޫނީ ވަޒީފާގައި ބަޔަކު ނޫޅެނީތަ؟ މި އީ ވަކި ރިސޯޓް ވަޒީފާގައި ތިބި ބަޔަކައް އެކަނި އައި ދަތިކަމެއް ނުން. މުޅިދުނިޔެއައް ވަކި ކުލައެއް ނަސްލެއް ދީނެއް ޖިންސެއް ކެރިފޯރުންތެރިކަމެއް ތަފާތުވުމެއްނެތި ދިމާވެފައިވާ ވަބާއެއް.
ދެފަރާތަށްވެސް އިންސާފު
07 September 2020
60 ދުވަސް ކުރިން އަންގާފައި ތަން ދޫކޮށް ނުކުމެގެން ދާ އިރު، ކުލިނުދައްކާ މަސް/ދުވަސްތަކެއް ހުރެއްޖެނަމަ، އެ މުއްދަތެއްގެ ކުލި ލިބޭނެ ކަމުގެ ގެރެންޓީ ސަރުކާރުން ދެއްވާނެބާވަޔޭ ހިތަށް އަރާ. ތަނުގައި ތިބި އިރު (އުޒުރަކާ ހުރެ ނަމަވެސް) ނުދެއްކުނު ކުއްޔެެއް ތަނުން ނުކުތުމަށްފަހު ދައްކާފާނެކަމަކަށް ތަޖުރިބާއެއް ނުބުނޭ. ކުއްޔަށް އުޅޭ މީހުންނަށް ފަސޭހަ ގޮތްތައް ހައްދަވައިދެއްވާ ފަދައިން، ކުއްޔަށް ދޫކުރާ ފަރާތްތަކުގެ ހައްގުވެސް ހިމާޔަތްކޮށްދެއްވާ!
ޙައްގަޓެ؟
07 September 2020
މިހާރު ދެން ތަންކޮޅެއް ލަސްވެއްޖެދޯ ތިއެއްފާސްކުރަން. ރިސޯޓު ގިނަ މުވައްޒަފުން ތިބީ ގޭގަ މުސާރަ ނުލިބޭ ގޮތަށް ހަދާފަ. ދެން ކީއްކުރާ ގާނޫނެއް.
ރިވާޔަތު މޫސާ ވަ ދަލޭކާ
07 September 2020
ބަލަ ތިޔަ ސަންސެޓަން ދިވެހި ބަހެއްކިޔާބަލަ. ކީއްވެތަ "އިރުއޮއްސޭ" ގާނޫނޭ ނުކިޔަންވީ؟ ބަލަ އަހަރެމެންނަނަކީ އިނގިރޭސީންނެއް ނޫނޭ. މީ ރަތްލާޖެހި ދިވެހިން. އެނގިއްޖެ!
އަހުމަދުއަލޯ
07 September 2020
ޓެކްސް ދައްކަން ދަތިވާ މީހުނަށް ޓެކްސް ދައްކަނީ ކީއްކުރަން. އެއްއަތުން އަނެއް އަތަށް. ލުލް.
ކަކުނިބޯ
07 September 2020
"ގާނޫނަށް އަމަލުކުރާ މުއްދަތުގައި ޓެކްސް ދައްކަން ދަތިވާ މީހުންނަށް އެކަން ކޮށްދޭންޖެހޭ." ހާދަ ހެޔޮފުޅޭ ދެން މިޤައުމުގަ ޓްކް ސް ނުދެއްކޭ ފަޤީރެއް ނުހުންނާނެ. މިބިލުގެ މުއްސަދިންނަށް އޮތް ހަދިޔާ މީރާއަށް ފައި ސާ ދައްކަންޖެހޭ ދިވެހިތައްޔޮތެއްނުހުންނާނެ ދޯ
ކީކޭތޯ
07 September 2020
ޓެކްސް ދައްކަން ދަތިވާ މީހުންނަށް އެކަން ކޮށްދިނުމުގެ މާނައަކީ ކޮބައިބާ؟ ފަހުން ވެސް ދައްކަންނުޖެހޭ ގޮތަކަށް ހަމަޖައްސައިދެންޏާ، އެ މުއްދަތުގެ ތެރޭގައި ލޯނުތަކަށް ފައިސާ ދައްކަން ދަތިވާ ފަރާތްތަކަށް އެކަންވެސް ކޮށްދެއްވަންވާނެތާ! ޓެކްސް ދައްކަންޖެހޭނީ ލިބޭ އެއްޗަކުން ކަމަށްވާއިރު، ލޯނަށް އެބަ ފައިސާ ދައްކަންޖެހޭ ލިބުނަސް ނުލިބުނަސް.