ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ޕީޕީއެމްގައި މައްސަލަ އުފެދުނީ ޕީއޭގެ މެމްބަރުންތަކަކާ ހެދި: މައުމޫން

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހު ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫން ރޭ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި މައްސަލަ އުފެދުނީ އެ ޕާޓީގެ ފިކުރު ދިމާ ނުވާ، ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ މެމްބަރުންތަކެއް ޕީޕީއެމާ ގުޅުމުން ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ޕީއޭ އަކީ، ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕާޓީ އެކެވެ. ޑީއާރުޕީ ބައިބައިވެ ޕީޕީއެމް އުފެދުމުން، ޕީއޭ އުވާލައި އެ ޕާޓީގެ ބައެއް މެމްބަރުންތަކެއް ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އޭގެތެރޭގައި ރައީސް ޔާމީން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި ރައީސް ޔާމީންގެ އަރިހުގައި ސިޔާސީ ގޮތުން ފަހަކަށް އައިސް އެންމެ އަރިސްކޮށް އުޅުއްވަނީ ވެސް ޕީއޭގައި އޭރު އުޅުއްވި ބައެއް ބޭފުޅުންނެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް އެ ޕާޓީގެ އޮފީހުގައި ބޭއްވުމަށް ފުލުހުން ހުރަސް އެޅުމުން، ޝީ ބިލްޑިންގުގައި ބޭއްވި ބައްދަލުވުމެއްގައި އާއްމު މެމްބަރުންނަށް އިއްވެވި ބަޔާނުގައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ އުސޫލްތަކުން ބޭރުވީ ޕީއޭގެ މެމްބަރުންތަކަކާ ހެދި ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންތަކެއް ކަމެއް އެމަނިކުފާނު ވިދާޅެއް ނުވެ އެވެ.

"މިއީ ޕީޕީއެމް ސަރުކާރެއް. އެހެނަސް ބައްލަވާލައްވާ. މި ސަރުކާރުގައި ޕީޕީއެމް މީހުން ތިބި އަދަދާއި ޕީއޭގެ މީހުން ތިބި އަދަދަށް. އަދި މުއައްސަސާތަކުގައި ވެސް އެހެން އޮތީ. މިސާލަކަށް އިލެކްޝަންސް ކޮމިޝަނަށް ބަލާލިއަސް ހަމަ އެހެން. އެތަނުގެ ރައީސަކަށް އެ ހުންނެވީ ވެސް ހަމަ ޕީއޭގެ ބޭފުޅެއް،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ "ރީތި ހެދުން" އަޅައިގެން އެ ޕާޓީ ތެރޭގައި ތިބީ އުސޫލްތައް ގަބޫލުނުކުރާ ބަައެކެވެ. އެ މީހުން ކަންކަން އޮޅުވާލާފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ޕާޓީގެ އަސާސީ ގަވާއިދުން ބޭރުވުމުން އެކަން އިސްލާހު ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަން ފާހަގަކުރައްވައި ކުރީގެ ރައީސް މައުމޫން ވިދާޅުވީ އެއީ "އައިބެއް، ގޯހެއް ނޫން" ކަމަށެވެ.

އެކަމަކު އިސްލާހީ މަސައްކަތްތަކަށް ހުރަސް އަޅާއިރު، މައުމޫން ވިދާޅުވި ގޮތުގައި، އެ ލަފުޒު ވެސް ވެފައި ވަނީ ބައެއް މީހުންގެ ހިތްތަކަށް ނުތަނަވަސްވެރިކަން ގެނެސްދޭ ލަފުޒަކަށެވެ. ހައްގުތައް ނިގުޅައިގަންނަމުންދާއިރު، ޑިމޮކްރެޓިކް ހަމައަކީ ވޯޓު ފޮށީގެ ބޭނުން ކުރުން ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ބާރުތައް އެ ޕާޓީގެ ރައީސްގެ އަތުން އަތުލައި މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުން މައުމޫން ސިފަކުރެއްވީ ސިޔާސީ އެހެން ޕާޓީތަކަށް ވެސް ދޭ ވަރުގަދަ އިންޒާރެއްގެ ގޮތުގަ އެވެ. މިއަދު، ޕީޕީއެމަށް އެކަން ކުރިމަތި ކުރިއަސް މާދަމާ ދެން ހުރި ޕާޓީތަކަށް ހަމަ އެގޮތް ކުރިމަތި ނުކުރާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް މައުމޫން ވިދާޅުވި އެވެ.

އެއް ޕާޓީ އަކަށް އެހެން ހެދުމުން، ދުރުގައި ބަލަން ނުތިބެ ދެން ތިބި ޕާޓީތަކުން ވެސް ފިލާވަޅެއް ލިބިގަތުމަށް މައުމޫން ގޮވައިލެއްވެވި އެވެ.

ޑިމޮކްރަސީ ހަލާކުވެ ދޯހަޅި ފޭރާމަކަށް ވެއްޖެ

ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށް އެންމެ ބުރަކޮށް މަސައްކަތްޕުޅު ކޮށްދެއްވި މައުމޫން ރޭ ވަނީ، ޔާމީނަށް ކުރައްވާ ތާއިދު އަނބުރާ ގެންދަވައިފަ އެވެ. އަދި ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު ވެސް ވަރަށް ބޮޑަށް މައުމޫން ފާޑުވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޑިމޮކްރެޓިކް އަސާސްތަކާ އެއްގޮތަށް ގައުމުގެ ކަންކަން ނުދާ ކަމަށެވެ. މިސާލެއް ނަންގަވައި ވިދާޅުވީ ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާން ގާނޫނުން ދީފައިވާ ޖާގަ އެއް ދުވަހުން އަނެއް ދުވަހަށް ހަނިކޮށްފައިވާ ކަމަށެވެ.

"ޕާޓީތަކުގެ ޒައީމުންނަށް އެބަ ދިމާވާ އެތައް ކަމެއް. ބައެއް ބޭފުޅުން ތިއްބަވަން ޖެހެނީ ޖަލުގައި، އެހެން ނޫނީ ކޮންމެވެސް އެހެން ބަންދެއްގައި،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ހަރަކާތްތަކަށް ދަތިކޮށްފައިވާ މިންވަރަށް ބަލާއިރު މަގުމަތީގައި ހިނގުމަކީ ވެސް ސިޔާސީ ގޮތުން މަނާ ކަމެކެވެ. އެ ފުރުސަތު ހަނިކޮށް ނޭވާ ނުލެވޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ތިން ބާރު ވަކިކޮށް ވެރިކަން ހިންގުމުގެ ފުރުސަތު ދޭން ޕީޕީއެމްގެ އަސާސްތަކުގެ ތެރޭގައި ހިމަނާފައިވީ ނަމަވެސް ރާއްޖެ އިން ފެންނަނީ އެ މަންޒަރެއް ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ. ތިން ބާރު އޮތީ މަސްހުނިވެފައި ކަމަށާއި އެ ބާރުތައް ހިނގަނީ ކޮން ފަރާތަކުން ކަމެއް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"އެއް އަޑެއް އެ ހުރިހާ ބާރުތަކުގައި ހިނގަނީ،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ގާތްގަނޑަކަށް 400،000 މީހުން ދިރިއުޅޭއިރު އެއިން އެއްވެސް މީހެއްގެ އަޑެއް ނީވެ އެވެ. ސަބަބަކީ އެންމެ މީހެއްގެ އަޑަށް ބޯލަނބަން މަޖުބޫރުކުރުވާފައި ވުން ކަމަށް ވިދާޅުވި އެވެ.

ގައުމުގެ ދަރަނި ބޮޑުވެ ބޭރުގެ ނުފޫޒު ރާއްޖޭގައި ގަދަވަމުންދާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މުޖުތަމައުގެ ފަސާދަ އާއި ހިންގުމުގެ ދާއިރާތަކުން ކޮރަޕްޝަން ނައްތާލުމަކީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ކަމަކަށް ވިޔަސް، އެކަމާ މެދު މައުމޫން ސުވާލު އުފެއްދެވި އެވެ.

ރާއްޖޭގެ ތާރީހުގައި ހިނގައިިދިޔަ އެންމެ ބޮޑު ހިޔާނާތް [އެމްއެމްޕީއާރުސީގެ ހިޔާނާތް] ހިންގިއިރު ކަމާއިބެހޭ ފަރާތަކަށް ނޭނގުނު ކަމަށް މައުމޫން ވިދާޅުވި އެވެ. ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭ މީހުން މަގާމުން ވަކިކޮށް ދުވަސްކޮޅެއް ފަހު އެއަށް ވުރެ މަތީ މަގާމްތަކުން ފެންނަމުން ދިއުމަކީ ކޮރަޕްޝަން ނައްތާލަން ފިޔަވަޅު އެޅުން ނޫން ކަމަށް މައުމޫން ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް، އަބުރާ ބެހުމުގެ ބިލާއި އިއުލާން ނުކޮށް ރަށްތައް ދޫކުރެވޭ އިސްލާހު ފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީއާ ގާނޫނުތަކަށް ބަދަލު ގެނައީ ވެސް ޕީޕީއެމްގެ ރުހުމާ ނުލައި ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ސަރުކާރެއް އޮތަސް ގާނޫނުތައް ފާސްކުރީ، މައުމޫން ވިދާޅުވި ގޮތުގައި، ޕީޕީއެމަށް އެނގިގެން ނުވަތަ ކައުންސިލްގެ ހުއްދައާ އެކު ނޫނެވެ.

5 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 2%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރީޝާ

29 October 2016

ޕީއޭ ފިކުރުގަ ޤައުމު ހިންގަމުން އެދަނީ!

The name is already taken The name is available. Register?

މޫސަބޭ

28 October 2016

ފޮޓޯ ގަނޑު ބަލާލާ އިރު ބޮޑަށް ވައްތަރީ ގޭތެރޭ ނަގާ އާއިލާގެ ބާރތުޑޭ ކޭކޭއެް ފަޅަނިކޮށް ނަގާފަހުރި ފޮޓޯ ގަނޑަކާ. ސިޔާސީ ޕާޓީއެއްގެ ކަމެއް ނޫންދޯ.

The name is already taken The name is available. Register?

ބޮޑު ސީކްރެޓް

28 October 2016

ހުރިހާވެސް މައްސަލައަކީ ދިއްގަރު ދާއިރާގެ މަޖިލިސް ގޮނޑި ފާރިސް މައުމޫން އަށް ލިބުން ދެން އައިޑީޕީން ކުޑަ އޮޑި ފައްތާލާފަ ބޮޑު އޮނޑި އަށް އެރި މރ ހަރުގަޑޭ އައުން ޑީއާރުޕީ ވެސް ހަލާކުވީ މރ ހަރުގަޑޭގެ ސަބަބުން މީ ރިއަލިޓީ އަކީ ވަރަށް ސަލާމް

The name is already taken The name is available. Register?

އުމަރު

28 October 2016

ޕީއޭ މެންބަރުންނަކީ ރައީސް މައުމޫނުގެ ތާއިދުލިބިފައިވާ މީހުންނާ ވާދަކުރަން ޔާމީނު ނެރުނުބައެއް، އެމީހުންނަށް ކުރިނުލިބުނީމާ ކޯޓްމެދުވެރިކޮށް ހުރިހައި ކަނަކަން ހާސިލްކުރަން މަސައްކަތްކުރަނީ

The name is already taken The name is available. Register?

އަހުމަދު

28 October 2016

އެކަމު ފެންނަމުން މިދަނީ ޑީއާރޕީ ތެރެއިން އުފެދުނު ޒެޑް ވަކިވެ އެއްގަލަށް އަރާތަން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454