މަޝްވަރާތައް ފެށުމާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޝައިނީ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާ ކަމަށް އޭނާ ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/ މިހާރު
30 އޮކްޓޯބަރ 2016 - 11:21
ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތައް ނުބާއްވަން ނިންމާފައި ނުވާނެ ކަމަށާއި ޕާޓީތަކުން އެކަމުގައި އެއްބާރުލުން ދިނުމަށް ސަރުކާރުން ގޮވާލައިފި އެވެ.
ސިޔާސީ ޕާޓީތަކާއެކު މި މަހުގެ މެދުތެރޭގައި މަޝްވަރާތައް ފަށާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ "މިހާރަ"ށް މިއަދު ވިދާޅުވި ގޮތުގައި މަޝްވަރާތައް ނުފެށި ލަސް ވަނީ ބައެއް ޕާޓީތަކުގެ އެއްބާރުލުން ނުލިބޭތީ އެވެ.
ޝައިނީ ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމަށް ޕާޓީތަކަށް އެންގިއިރު، އެކަމަށް އިޖާބަ ނުދެނީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އާއި އަދާލަތު ޕާޓީން ކަމަށެވެ. އަދި އެ ދެ ޕާޓީން ނަން ފޮނުވިހާ އަވަހަކަށް މަޝްވަރާތައް ފަށާނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"މިހާތަނަށް އައިއިރު އެމްޑީޕީ އާއި އަދާލަތު ނަމެއް ނުފޮނުވާ. މިކަން ފެށުމަށް ޕާޓީތަކުން ނަންތައް ފޮނުވަން އެބަޖެހޭ. ސަރުކާރު އޮތީ މަޝްވަރާ ކުރަން ތައްޔާރަށް،" ޝައިނީ ވިދާޅުވި އެވެ. "ސިޔާސީ މަސްރަހަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ، ސިޔާސީ ޕާޓީތަކުން އިޖާބަ ދީގެން ކުރިއަށް ދާން ބޭނުންނަމަ، މިހާރު ވެސް މަޝްވަރާތަކާއެކު ކުރިއަށް ދާންވީ."
މަޝްވަރާގައި ބައިވެރިވާނެ މަންދޫބުން އެ ޕާޓީއެއްގެ ކައުންސިލުން ފާސްކުރާ ގޮތަށް ނިންމަން ރައީސް އޮފީހުން އެދުނު އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަތަކުގައި ބައިވެރިނުކުރާނެ ކަން ސަރުކާރުން ވަނީ އަންގައިފަ އެވެ.
ސަރުކާރުގެ ގޮވާލުމަށް އިޖާބަދީ، މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން މިހާތަނަށް ކަނޑައަޅާފައި ވަނީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އިންނެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މަޝްވަރާތަކުގައި ބައިވެރިވަނީ ޕީޖީ ލީޑަރު އަހުމަދު ނިހާނާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުރަހީމް އަބްދުﷲ އެވެ. މައުމޫން ފެކްޝަނުން ވަނީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު ހަމަޖައްސައިފަ އެވެ. މަޝްވަރާތަކުގައި ޕީޕީއެމް ތަމްސީލް ކުރާނީ ނިހާނާއި އަބްދުއްރަހީމް ކަމަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
ޖުމްހޫރީ ޕާޓީން މަޝްވަރާތަކުގައި ބައިވެރިވަނީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ އަލީ ހުސެއިން އަދި މަތިވެރި ދާއިރާގެ ހުސެއިން މުހައްމަދެވެ. އެމްޑީއޭއިން ބައިވެރިވަނީ ތިން ޑެޕިއުޓީ ލީޑަރުން ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި އެސްޓީއޯގެ ބޯޑުގެ ޑިރެކްޓަރު އައިޝަތު ރަފިއްޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސްމަތީ ރައީސް
01 November 2016
މީ ލަދެއްވެސް ގަންނަ ބައެއްނޫން- އިހައްދުވަހު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިކަމަށްވަނީ އެމްޑީޕީއާއެކު ކުރާނެ މަޝްވަރާއެއްނޯންނާނެކަމަށް- ވީއިރު އެމްޑީޕީ ނުލާބާ- މަޝްވަރާކޮށްގެން އަމިއްލަ ސަރުކާރުގެ ޕާޓީގެ މައްސަލަތައް ހައްލުނުކުރެވުނު ބަޔަކަށް ކޮން މަޝްވަރާއެއްބާ ކުރެވޭނީ! ކޯޓުން ތިޔަކަމަށް އަމުރެއް ނެރެދިނުމަށް އެދެންފެނޭ.
ޙަސަން
31 October 2016
ތި ކުރާ މަޝްވަރާ ތައް ކޮށްބަލަ ... އިލެކްޝަން ކޮމިޝަނާ ، ކޯޓުތަކާ ، ޕޮލިހާ އަދި މެޑަމްގެ ކެމްޕޭނު އޮފީހާއި އެއްކޮށް ... މި ހުރިހާ ޕާޓީތަކާ ގުޅިގެން ތިކުރަން ބޭނުންވާ ކަމެއް ކުރެވިދާނެ..
GAN Island
30 October 2016
ބޭރުގެ ފަރާތް (ކޮމަންވެލް ، ޔޯރޮޕް އިއްތިހާދު ، United Nations) ތަކެއްގެ ބައިވެރިވުން ނުހިމެނޭ ގޮތަށް މިހާރު މިއޮތް ސަރުކާރާއި ވާޙަކަ ދެއްކުމަށް ރާއްޖޭގެ ރައްޔިތުން ތަމްސީލު ކުރާ ސިޔާސީ އެއްވެސް ޕާޓީ އަކުން އެއްބަސްވެގެން ނުވާނެ. އެކަން ކޮށްފި ސިޔާސީ ޕާޓީ އަކީ ހަމަ މިސަރުކާރު ބޭނުންވިގޮތަށް ''ޤާނޫނު ކޮށާލުމަށް'' ވޯޓް ދެއްވެވި މަޖިލީސް މެންބަރުންތަކެއްފަދަ ބައެއް.
ފްލޯލެސް.
30 October 2016
މަޝްވަރާ ނުކުރިޔަސް އެސް.އޯ އާއި ކޯޓުތައް އެތިބީ ނޫންތޯ؟؟
ޝައިނީ
30 October 2016
ތިއީ ބޭކާރު މަޝްވަރާއެއް.
މަށޭ
30 October 2016
ދެން މަސްވަރާކުރާކަށް ނުފެނޭ... ގޮށްމުއް ކޮބައިތޯ؟
ނާނަ
30 October 2016
ދެން ކީއްކުރަންށޯ،،،،
މޯރޗް
30 October 2016
ސަރުކާރުން މަޝްވަރާ ކުރަނީ ކޯޓުތަކާއި އެލެކްޝަންސް ކަމިޝަނާއި އޭސީސީއާއި ކަމަށް މަ ހީކުރީ. ފެންނަ މަންޒަރުތަކުން.
ހުމަޑު
30 October 2016
މިއަދު ކުރާނެ މަޝްވަރާއެއް ނެތް..މިއަދު އޮތީ މިވެރިކަން ޖަވާބުދާރީކުރުވައި ކޮށްފައިވާ ކަންކަން ތަހުޤީގުކޮށް ޒިންމާވާންޖެހޭ މީހުންނަށް ހައްޤު އަދަބުދިނުމަށް މަސައްކަތްކުރުން
ހާސަރު
30 October 2016
ތިޔަ މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވާނެ ބަޔަކު ހަމަޖައްސައް ފުރަތަމަ ކޯޓަށް ދާންވީނޫންތޯ އެބަޔަކު ހަމަޖެހުނީމަތާ ދެންތިބި ޕާރޓީތަކުން މީހުންގެ ނަންހޯދަންވީ. ނޫނީ އެސްއޯ ލައްވާ ކޮށްލިއަސް އޯކޭ!