ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ގައިޑްލައިނަށް އަމަލުކުރާ ނަމަ ގެސްޓްހައުސް ހުޅުވިޔަސް ބިރެއް ނެތް: އެޗްޕީއޭ

ގެސްޓްހައުސް ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ބ. ދަރަވަންދޫ ގޮނޑުދޮށުގެ މަންޒަރެއް. ގެސްޓްހައުސްތައް ހުޅުވިޔަސް އުސޫލުތައް ތަންފީޒުކުރާ ނަމަ ބިރެއް ނެތް ކަމަށް އެޗްޕީއޭއިން ބުނި

15 އޮކްޓޯބަރ 2020 - 10:48

މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސްތަކާއި ޓޫރިސްޓް ހޮޓާތައް މިއަދު ހުޅުވަނީ ފުރިހަމަ ގައިޑްލައިންތަކެއް އެކުލަވާލައިގެން ކަމަށާއި އެ ގައިޑްލައިންތަކަށް އަމަަލުކުރާ ނަމަ ކޮވިޑް-19ގެ ފެތުރުމުގެ ބިރެއް ނޯންނާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުނެފި އެވެ.

ޓޫރިޒަމް ދާއިރާގައި ރައްކާތެެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފޯކަަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ، އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ރޭ ވިދާޅުވީ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުުރުމުގައި ރިސޯޓްތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި ޓޫރިސްޓުންގެ މެދުގައި ބަލި ނުފެތުރޭ ކަަމަށެވެ. އެ ކާމިޔާބީ އަކީ ރިސޯޓްތަކުން އުސޫލުތައް ރަނގަށް ހިންގުމުގެ ނަތީޖާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެޗްޕީއޭ އިން ގައިޑްލައިންް ހެދިޔަސް ކާމިޔާބުވާނީ ގުޅުން ހުރި އެހެން ފަރާތްތަކުން އެކަންތައްތައް ރަނގަޅަށް ތަންފީޒުކުރުމުންނެވެ.

"ރިސޯޓްތަކުގައި ވެސް މިހާތަނަށް އަޅުގަނޑުމެނަށް ފާހަގަކުރެވުނީ ޓޫރިސްޓުންގެ ކޭސްތައް ވަރަށް މަދު، އައުޓްބްރޭކެއް ނެތް،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށްރަށަށް ފުރަބަންދު ކަރަަންޓީނަށް މީހުން ފޮނުވުމުން ވެސް ކަންތައްތައް ގޮސްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި އެހެންވެ ރައްކާތެރިކަމާ އެކު ލޯކަލް ޓޫރިޒަމް ކުރިއަށް ގެންދެވޭނެކަމުގެ އިތުބާރާއި ޔަގީންކަން އެބަ އޮތް ކަަމަށެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު އެޗްއީއޯސީގެ މީޑިއާ ބްރީފިންގައި ރޭ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ގައިޑްލައިން ތަންފީޒުކުރާ ނަމަ ގެސްޓްހައުސް ހުޅުވިޔަސް ބިރުވެރިކަމެއް ނެތް ކަމަށް.

ގެސްޓްހައުސްތައް ހުޅުވުމަށް އެޗްޕީއޭ އިން އެކުލަވައިލި ގައިޑްލައިންގައި ގިނަ ދާއިރާތަކެއްގައި އަމަލުކުރާނެ ގޮތް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ގެސްޓްހައުސްތަކުގެ މުވައްޒަފުން އަމަލުކުރާނެ ގޮތާއި ވަސީލަތްތައް ހުންނަންޖެހޭނެ ގޮތްތައް ކަނޑައަޅާފައިވެ އެވެ. ގެސްޓްހައުސް ހުންނަ ރަށުގައި ސިއްހީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަމާއި ޓޫރިސްޓުންނާ ގުޅުން ހުރި އެހެން ދާއިރާތަކުން އަމަލުކުރާނެ ގޮތްތައް ވެސް އޭގައިވެ އެވެ.

ހަސަން ވިދާޅުވީ އެ ހުރިހާ ކަމެއް ރަނގަޅަށްދާ ނަމަ ގެސްޓްހައުސް ވިޔަފާރި ފަދަ މުހިއްމު އިގުތިސާދީ ހަރަކާތެއް ހުއްޓާލައިގެން ތިބެން ޖެހޭ ވަރުގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުމެން އިކޮނޮމިކް މަސައްކަތްތައް ހުއްޓާލައިގެން ތިބޭ ވަރަކަަށް ބަލީގެ ބިރުވެރިކަމެއް ނޯންނާނެ މި ގައިޑްލައިނާ އެއްގޮތަށް ކަންތައްތައް ގެންދެވޭ ކަަމަށް ވަންޏާ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭން ކޮވިޑް-19 ގެ ކޭސް އެއް މިދިޔަ މާޗް މަހު ފެނުމާ އެކު ގެސްޓްތައް ބަންދުކުރި އެވެ. އޭރު އެޅި ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަަކަށް ލުއިދީ ރިސޯޓްތައް ހުޅުވި އިރު ގެސްޓްހައުސްތައް ވެސް ހުޅުވަން ކުރިން މަޝްވަރާކުރި އެވެ. އެކަމަކު އެކި ސަބަބުތަކާ ތަކާ ހެދި ލަސްވަމުން އައިސް އެ ހުއްދަ ދިނީ މިއަދުން ފެށިގެންނެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 0%
icon angry icon angry 38%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454