މިމޯ އާއި މިތުން.
19 އޮކްޓޯބަރ 2020 - 08:14
އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި މިތުން ޗަކްރަބަތީގެ ދޮށީ ފިރިހެން ދަރިފުޅު މަހާކްޝޭ ޗަކްރަބަތީ (މިމޯ) އަށް މީގެ ދެ އަހަރު ކުރިން ރޭޕްގެ ތުހުމަތުކޮށްފައި ވަނިކޮށް، އެ މައްސަލަ ބަލައިދޭން ބުރާސްފަތި ދުވަހު ފުލުހުންނަށް ހުށަޅައިފި އެވެ.
މީޑިއާތަކުން ބުނީ މިމޯ 2015-2018 އަށް ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ބުނާ 38 އަހަރުގެ އަންހެން މީހާ މުމްބާއީގެ އޮޝިވާރާ ފުލުހުންނަށް މައްސަލަ ހުށަހެޅީ އޭނާ އަށް ބޭވަފާތެރިވެ، ރޭޕްކުރި ކަމަށް ބުނެ ކަމަށެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު އެވެ. އޭރު މިމޯގެ މައްސަލަ ނިއު ދިއްލީގެ ކޯޓަކަށް ހުށަހެޅިޔަސް އެ މައްސަލަ އޮތީ ވަކި ކޮޅެއްގައި ނުޖެހި އެވެ.
މިމޯ އަށް ރޭޕްގެ ތުހުމަތުކުރާ މީހާގެ ނަމެއް އޭރު ވެސް އަދި މިހާރު ވެސް ހާމައެއްނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނާ ގޮތުގައި އެ މީހަކީ ބޯޖްޕޫރީ ފިލްމްތައް ކުޅެފައިވާ ބަތަލާއެކެވެ.
މިމޯގެ މައްސަލަ ބަލައި ދޭން އެދި އަންހެން މީހާ ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ އެ ދެ މީހުން ރައްޓެހިވެގެން އުޅުނު ދުވަސްވަރު 2015 ގައި މިމޯ އަނދޭރީ ވެސްޓުން ގަނެފައިވާ ފްލެޓަށް އެއް ދުވަހަކު އޭނާއާ ބައްދަކުރަން ދިޔަ އިރު، މިމޯ ހުރީ މަސްތުވެގެން ކަމަށެވެ. ގަދަކަމުން އޭނާ އަށް ވެސް ބަނގުރާ ބޯން ދޭން މަސައްކަތްކޮށް، ގަދަކަމުން ޖިންސީ ގުޅުން ހިންގަން މަސައްކަތްކޮށްފައިވާ ކަމަށާއި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް ބަލިވެއިން ކަމަށާއި ދަރި ވައްޓައިލަން ބޭސް ބޭނުންކުރަން ވެސް މިމޯ މަޖުބޫރުކުރި ކަމަށް އަންހެން މީހާ ބުންޏެވެ.
މީގެ އިތުރުން 2018 ގައި ކައިވެނިކުރަން އެދުމުން އެކަމަށް އިންކާރުކޮށް، ބޭވަފާތެރިވެފައިވާ ކަމަށާއި މިމޯއާ ގުޅޭ ޝަކުވާތައް އޭނާގެ މަންމަ ކުރީގެ ބަތަލާ ޔޮގީތާ ބާލީ ގާތުކުރުމުން އެކި ކަހަލަ އިންޒާރުތައް ދީފައިވާ ކަމަށް އަންހެން މީހާ ބުންޏެވެ.
މިހާރު އުމުރުން 36 އަހަރުގެ މިމޯ އަކީ ސްޓާ ޕްލަސް އިން މި އަހަރު ގެނެސްދޭން ފެށި ސިލްސިލާ "އަނޫޕަމާ" ގައި ކަވިއާގެ ރޯލް ކުޅޭ މަދަލްސާ ސަރްމާގެ ފިރިމީހާ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2018 ގެ ފަހުކޮޅު އެވެ.
މިމޯ އެކްޓިން އަށް ނުކުތީ 2008 ގެ ފިލްމު "ޖިމީ" އިންނެވެ. އެކަމަކު އޭނާ އަކީ ބައްޕަ މިތުން ފަދައިން ބެލުންތެރިން ބަލައިގަތް އެކްޓަރެއް ނޫނެވެ. މިމޯ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ހޯންޓެޑް 3ޑީ" އާއި "އިޝްގްދަރިޔާ" އަދި "އެނެމީ" ހިމެނެ އެވެ.
މިތުންގެ ހަގު ފިރިހެން ދަރިފުޅު ނަމާޝީ ޗަކްރަބަތީ މިހާރު އަންނަނީ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުންނެވެ. އޭނާގެ އަލަތު ފިލްމަކީ އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާންނުކުރާ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީގެ "ބޭޑް ބޯއި" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޭ
19 October 2020
ރޭޕު ކުރުމުގެ ހުނަރު ހުންނާނެ އިންޑިޔާ ކޮންމެ މީހެއްގެ ގައިގަ.