އިންތިހާބުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް އިލެކްޝަންސް އާއި ފުލުހުންނާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއި ކުރެއްވުމަށް ފަހު ކޮމިޝަނަރު އަރީފް (ކ) އާއި އީސީގެ ރައީސް ސުލައިމާން ސަލާމް ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ނޮވެމްބަރ 2016 - 12:59
އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 3،000އަށް ވުރެ ގިނަ ފުލުހުން ނެރޭނެ ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ.
އިންތިހާބުގެ ސެކިއުރިޓީ އާއި އެހެން ކަންކަމާ ގުޅޭގޮތުން، އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ދިނުމަށް އިސްކަންދަރު ބިލްޑިންގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، ފުލުހުންގެ ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑަރު ހަމްދޫން ރަޝީދު ވިދާޅުވީ އިންތިހާބަށް ފުލުހުންގެ ސެކިއުރިޓީ ވަރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާރު ޓްރެއިނިން ހަދަމުން އަންނަ ފުލުހުންނާއެކު، 3،000އަށް ވުރެ ގިނަ ފުލުހުން އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އުޅޭނެ ކަމަށް ވިދާޅުވި އެވެ.
ސިނާއީ ރަށްތަކާއި ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި 470 ވޯޓު ފޮށި ބަހައްޓާއިރު މި ހުރިހާ ފޮއްޓެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވާނެ އެވެ. އަދި އަންނަ މަހު 14ގައި އިންތިހާބު ބާއްވާއިރު އާއި ވޯޓުގެ ނަތީޖާ ގުނާއިރު އެ ސަރަހައްދުތަކުގެ ސެކިއުރިޓީ ފުލުހުން ބަލަހަައްޓާނެ އެވެ.
އިންތިހާބުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް އިލެކްޝަންސް އާއި ފުލުހުންނާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އީސީގެ ނައިބު ރައީސް އަމްޖަދު (ވ) އަދި އިންތިހާބުތަކާ ހަވާލުވެ ވަޑައިގެން ހުންނެވި ފުލުހުންގެ އެންމެ އިސްވެރިޔާ ހަމްދޫން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"އިންތިހާބުގައި އަޅުގަނޑުމެންގެ މުޅި ޕޮލިސް ފޯސް އެކި ރަށްތަކަށް ބަހާލާނަން. އަޅުގަނޑުމެންގެ ފުލް ސްޓްރެންތުގައި މަސައްކަތް ކުރާނީ،" ހަމްދޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ވޭތުވެދިޔަ ދެ މަސް ދުވަހުން ފެށިގެން ފުލުހުން ތަމްރީނުކޮށް، އެކި ސަރަހައްދުތަކަށް ފުލުހުން ބަހާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިންތިހާބުގެ ސަލާމަތީ ކަންކަން ބަލަހައްޓައި، އީސީއާއެކު މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއި ކުރެއްވީ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފެވެ. އަދި އީސީގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ރައީސް އަހުމަދުު ސުލައިމާނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އީސީގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވީ އެ އެމްއޯޔޫގެ މައިގަނޑު ބޭނުމަކީ ގާނޫނީ ގޮތުން އެ ކޮމިޝަނުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދުން ކަމަށެވެ. އަދި އިންތިހާބުގެ ތެރޭގައި އާއި އޭގެ ފަހުން ވެސް ދިމާވާ ގާނޫނީ މަސައްކަތްތަކާއި އިންތިހާބަށް ހުރަސް އެޅޭ އަމަލުތަކާއި ހިންގަފާނެ ހަމަނުޖެހުންތައް ހައްލު ކުރުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރުން، އެމްއޯޔޫގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ބުނީ އެހެން ފަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ އިންތިހާބަކީ ވެސް އަމާން އޮމާން، އަދި ކެންޑިޑޭޓުންނާއި އާއްމުންނަށް މިނިވަންކަމާއެކު ވޯޓުލެވޭނެ އިންތިހާބަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޖުމުލަ 653 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
01 November 2016
ކީއްވެގެން ބާ ތިހުރިހާ ފުލުހުން ނެރެގެން މިރާއްޖޭގައި މިއޮތް މަސްތުވާތަކެތީގެ އާއި މާރާމާރީ މައްސަލަތައް ހައްލުނުކުރެވެނީ؟ ފުލުހުންގެ ބަޑާއި ޖީބު ފުރެނިކޮށްވީ ގައުމު ބަނގުރޫޓުވެ ރައްޔިތުން ބަނޑަށް ޖެހުނަސް ދޯ. އިރާދަފުޅުކުރެއްވީއްޔާ މިނޫން ދުވަހެއްވެސް އަދި ދައްކަވާނެ. ރައްޔިތުންނަށް ފުލުހުން ޖަވާބުދާރީ ވާންޖެހޭނެ ދުވަސް ވަރަށް ކައިރި!
އޮޅުވާލިވަޒީރު
01 November 2016
ކޮންމެ މީހަކަށް ޓޯޗު ބައްތިއެއް ތައްޔާރުކޯށްގެން 5 ގެ ފަހުން އެދުވަހަކު މަގުމައްޗަށް ނުކުންނާތި. ކަރަންޓު ގޮއްސިއްޔާ އަލިކަމެއް ބޭނުންވާނެ. މަގުމައްޗަށްވެސް.
)؛
01 November 2016
ޔާމީން ބުނީ ދޯ އަރީފް ކައިރީގައި ފުލުހުން ވޯޓް ފޮށިމަތީގައި ބައިތިއްބައިގެންވެސް ޔާމީން ފެކްޝަނަށް މި އިންތިހާބް ކާމިޔާބު ކުރެވެން ޖެހޭނެއޭ؟ ކުޑަ ކާފް ބޮޑު ކާފް ގެ ޒަމާން އިޔާދަވެއްޖެ. ނަމަވެސް އެހެން ގޮތަކަށް. ފުލުހުންނާ ސިފައިން ބޭނުން ކުރެވޭނީ 2018 އާއި ހަމައަަށް. އިރާދަ ކުރެއްވިޔަ 2018 ގައި ޔާމީން އަދި އަރީފް ވެސް ޖެހޭނީ ގެއަށްދާން.
ވޯޓު
01 November 2016
ވޯޓުފޮށި ހުރިތަންތަނުގަ މަސްލަހަތު ނަގާލުމާ އަލިކަން ދިއުމާ. މިނޫނަސް އެތަށް ކަމެއް މިފަހަރު ފެންނާނެ.
އަޑީބް އެންޑް ބަދީއް
01 November 2016
ތީ ދެން ގާއްގަނޑަކަށް އެއްބައެއްނު. ދެން ދައްކާލަން ސޮއެއްކޮށްލަން ރަނގަޅު.
ސަމާސާ
01 November 2016
އެހާ ސެކިއުރިޓީ ވަރުގަދަކުރަން އުޅެނީ ކޮންމެވެސް އޮޅުވާލުން ގަނޑެއް ހިންގަންބާ؟ ނަމަނަމަ ވޯޓް އޮޅުވާނުލާތި!!!
ރައްޔިތުމީހާ
01 November 2016
ރައްޔިތުން ބިރެއް ނުގަންނާނެ ކިތަންމެބައިވަރު ފުލުހުނެއް ނެރުނެއްކަމަކު...
އަލިދީދީއައްޑޫސިޓީ
01 November 2016
ފުލުހުން ދިވެހި ރައްޔަތުންނާ އެކު "އެމްއޯޔޫ" އެއްގައި ސޮއިކުރައްވާނީ ކޮންދުވަހަކުތޯ؟ ރައްޔަތުންނަށް މިއުޅެނީ ރަށުތެރޭގައި ހިނގާ ބިނގާވެ ނޫޅެވިގެން، ނިދަން ގޭގައި ނުތިބެވިގެން. ވައްކަން ކުރުމާއި ފޭރުމާއި މާރާމާރީ އާއި މަސްތުވާ ތަކެތީގެ ވަބާ މިއޮތީ އާއްމުވެފައި. އެމްއޯޔޫ އެއްގައި ސޮއިކޮށްގެން މިޚުދިމަތްވެސް ދެއްވަން އަވަހަށް ފަށްޓަވާ.
ތައްހާނު
01 November 2016
ފުލުހުންނަށް ފޮލޯ ނުކުރާނެ ގޮތެއް ނޯންނާނެ މިފަހަރު. އެމީހެއްގެ ސަލާމަތް އެމީހަކުހޯދާ
އަލްޖިބްރާ
01 November 2016
އާނ! ފުލުހުންނާއި ސިފައިން ތަންތަނަށް ނެރެގެން ކުރެޥޭ ކަމެއްވިއްޔާ ކަލޭމެނަށް ކުރެވޭނެ !