ކަރަން.
10 ނޮވެމްބަރ 2020 - 07:30
އެކްޓަރު ޖޯން އަބްރަހަމް ޕްރޮޑިއުސްކުރާ ފިލްމަކަށް ހާޝްވަރުދަން ރާނޭ ސޮއިކޮށްފި އެވެ.
އިންޑިއާގެ ދެކުނުގެ ފިލްމުތަކުން މަޝްހޫރުވި ހާޝް ސޮއިކުރި ޖޯންގެ ފިލްމަކީ "ބޯލޯ ސަރަ ރާ ރާ" އެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ޖޯން އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ގެނެސްދޭން ނިންމާފައިވާ މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މާޗްގައި ކަމަށެވެ. އެކަމަކު ފިލްމުގެ އިތުރު ކާސްޓުންނާއި ޑައިރެކްޓަރުގެ ނަން އަދި އިއުލާނެއްނުކުރެ އެވެ.
ހާޝް ބޮލީވުޑަށް ނުކުތީ 2016 ގެ "ސަނަމް ތޭ ކަސަމް" އިންނެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅު ޒީ5 އިން ޕްރިމިއާ ކުރި ތުރިލާ "ތައިޝް" އިންނެވެ.
ޖޯން ޕްރޮޑިއުސްކުރި ފިލްމުތަކުގެ ތެރޭގައި "ވިކީ ޑޯނާ" އާއި "މެޑްރާސް ކެފޭ" އަދި "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" ހިމެނެ އެވެ.
ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު ގެނެސްދޭ ކުޑަކުދިންގެ ފުރަތަމަ ފޮތް "ދަ ބިގް ތޯޓްސް އޮފް ލިޓްލް ލަވް" ޕްރި-އޯޑަރަށް ހުޅުވާލައިފި އެވެ.
ކަރަންގެ ސަރޮގޭޓް އެއްމާބަނޑު ދެބެއިން ކަމަށްވާ ރޫހީ އާއި ޔާޝް ޖޯހަރަށް ތަހުސީސް ކޮށްފައިވާ މި ފޮތް ތައްޔާރުކޮށްފައި ވަނީ ލިޔުންތެރިއެއްގެ ގޮތުގައި މަަސައްކަތްކުރާ އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާގެ އެހީއާ ވެސް އެކީގަ އެވެ. ފޮތް ޕްރި-އޯޑަރަށް ހުޅުވާލި ވާހަކަ ހިއްސާކުރަމުން ކަރަން ބުނީ މިއީ ކުޑަކުދިން ވަރަށް ޝައުގުވެރިވާނެ ފޮތެއް ކަމަށެވެ.
"ދަ ބިގް ތޯޓްސް އޮފް ލިޓްލް ލަވް" ވިއްކާނީ އެމެޒޯން އާއި ފްލިޕްކާޓުންނެވެ.
އެމެޒޯން ޕްރައިމް ވީޑިއޯ އަށް ޝާހިދު ކަޕޫރް ކުޅެން ހަމަޖެހިފައިވާ ވެބް ސީރީޒްގެ ބަތަލާ އަކީ މަލްވިކާ މޯހަނަން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މަލްވިކާ އަކީ ޝާހިދުގެ ކޮއްކޮ އިޝާން ޚައްތަރު އެކްޓިން އަށް ނުކުތް 2017 ގެ ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް" ގެ ބަތަލާ އެވެ. މަލްވިކާ އަކީ ތަަމަޅަ، މަލަޔާޅަމް އަދި ކައްނާޑާ ބަހުން ވެސް ފިލްމު ކުޅޭ ބަތަލާއެކެވެ.
ރަސްމީކޮށް އަދި އިއުލާން ނުކުރާ ޝާހިދުގެ ވެބް ސީރީޒްގެ ޑައިރެކްޓަރުންނަކީ "ގޯ ގޯއާ ގޯން" ފަދަ ފިލްމުތައް ގެނެސްދިން ރާޖް އެންޑް ޑީކޭ އެވެ. އެ މީހުންނަކީ އެމެޒޯންގެ "ފެމިލީ މޭން" ގެ ވެސް މޭސްތިރިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޝާހިިދު އެމެޒޯންގެ ވެބް ސީރީޒަށް ސޮއިކުރީ 60 ކްރޯޑް ރުޕީސް (8.2 މިލިއަން ޑޮލަރު) އަށެވެ.
މިދިޔަ އަހަރު "ސުޕަ 30" ގެނެސްދިން ޑައިރެކްޓަރު ވިކާސް ބާލް ރިލަޔަންސް އެންޓަޓައިންމަންޓާ ގުޅިގެން ހަދާ ވެބް ސީރީޒް "ސަންފްލާވާ" އަށް މަޝްހޫރު ކޮމީޑިއަން ސުނިލް ގްރޯވާ ސޮއިކޮށް އޭގެ ޝޫޓިން ފަށައިފި އެވެ.
ސިޗްއޭޝަނަލް ކްރައިމް ކޮމެޑީއެއްގެ ގޮތުގައި ހަދާ މި ސީރީޒްގެ ލީޑް ރޯލުން ފެންނާނީ ސުނިލް އެވެ. އޭނާ ބުނީ މިއީ ކުށުގެ މާހައުލާއި މަޖާ ކަންކަން މަސްހުނިވެގެން ހިނގާ ކަންތައްތައް ދައްކުވައިދޭނެ އެއްޗެއް ކަމަށެވެ. ވެބް ސީރީޒެއްގެ މަސައްކަތް ވިކާސް ފަށާފައި މި ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ގަންޕަތު" ޓައިގާ ޝްރޮފާ އެކު އިއުލާންކޮށްފައި ވަނިކޮށެވެ.
"ސަންފްލާވާ" ސްޓްރީމްކުރާނީ އަންނަ އަހަރުގެ އެޕްރީލްގައި ޒީ5 އިންނެވެ.
ސުނިލްގެ އަތުގައި މިހާރު ވެސް އެހެން ވެބް ސީރީޒެއް އެބައޮތެވެ. އެއީ އޭނާ މިދިޔަ އަހަރު ރޯލެއް ކުޅުނު ފިލްމު "ބާރަތު" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު އަންނަ ޖެނުއަރީގައި ސައިފް އަލީ ޚާނާ އެކު ގެނެސްދޭނެ "ދިއްލީ" އެވެ. އޭތި ދައްކާނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy