18 ނޮވެމްބަރ 2020 - 08:12
ބްރިޓިޝް ފެޝަން ކައުންސިލް (ބީއެފްސީ) ގެ ފެޝަން އެމްބެސެޑަރަކަށް އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ހަމަޖައްސައިފި އެވެ.
އެ ކައުންސިލުން ބުނި ގޮތުގައި ޕްރިޔަންކާ ހަމަޖައްސާފައި ވަނީ އެމްބެސެޑަ ފޮ ޕޮޒިޓިވް ޗޭންޖަށެވެ. މީގެ ދަށުން ޕްރިޔަންކާގެ މައިގަނޑު ޒިންމާއަކަށް ވާނީ އެކި ބައްޓަމުގެ މީހުންގެ މެދުގައި އޮންނަ ތަފާތުކުރުންތައް ނައްތާލައި، ފެޝަނާ ގުޅޭ ކަންކަން ޕްރޮމޯޓްކުރުމެވެ.
މި ފަހަކަށް އައިސް ބޮޑީ ޝޭމިން އަކީ ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަކަށްވާތީ އެކަމަށް ހޭލުންތެރިކުރަން ޕްރިޔަންކާ ހާއްސަ މަސައްކަތެއް ކުރާނެ އެވެ.
އޭނާ އަށް ބީއެފްސީގެ އެމްބެސެޑަރުކަން ދިންކަން ހާމަކުރަމުން ބުނެފައި ވަނީ ޕްރިޔަންކާ އަކީ ވަރަށް ގިނަ ބަޔަކު ނަމޫނާއަކަށް ބަލާ މަޝްހޫރު މީހަކަށްވާތީ އޭނާއާ ގުޅިގެން ކުރެވޭ މަސައްކަތްތަކުން ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. އަދި ޕްރިޔަންކާ އަކީ ޔުނިސެފްގެ ގުޑްވިލް އެމްބެސަޑަރެއްގެ ގޮތުގައި ވެސް ނަމޫނާ މަސައްކަތްތަކެއް ކުރަމުން އަންނަ ތަރިއެއް ކަމަށް ބުންޏެވެ.
މިހާރު ބޮލީވުޑަށް ވުރެ ބޮޑަށް ހޮލީވުޑަށް އިސްކަންދޭ ބަތަލާ ބުނީ ފެޝަނާއި އިންސާނުންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމަށާއި އޭގެ ޒަރީރާ އިން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ.
"މި އިންޑަސްޓްރީގެ ޑައިވާސިޓީ އާއި ކްރިއޭޓިވިޓީ އަށް މަސައްކަތްކުރުމަކީ ވަރަށް ޝައުގުވެރި ކަމަކަށް ވާނެ،" އިންޑިއާގެ ފެޝަން އިންޑަސްޓްރީގެ އަނދިރި ފަރާތް ދައްކުވައި ދިން 2008 ގެ ފިލްމު "ފެޝަން ކުޅެގެން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ބުންޏެވެ.
ދެހާސް ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު ވެސް ހާސިލުކޮށްފައިވާ ޕްރިޔަންކާ ބުނި ގޮތުގައި ބީއެފްސީގެ އެމްބެސެޑަރެއްގެ ފުރުސަތު ލިބުނީ ވެސް ވަރަށް ރަނގަޅު ދަނޑިވަޅެއްގަ އެވެ. ސަބަބަކީ ކުރިއަށް އޮތް އަހަރެއްހާ ދުވަހު އޭނާ ދިރިއުޅޭނީ އަދި މަސައްކަތްކުރާނީ ލަންޑަނުގައި ކަމަށްވުމެވެ. އަދި ބީއެފްސީގެ އެމްބެސަޑެރުކަން ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށް ވެސް ބުންޏެވެ.
ޕްރިޔަންކާ އެމެރިކާގެ ފިރިމީހާ ނިކް ޖޯނަސްއާ އެކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލަންޑަނަށް ދިޔައީ "މެޓްރިކްސް 4" ގެ މަންޒަރުތަކެއް ޖަރުމަނުގައި ނިންމައިލުމަށް ފަހު އެވެ. އޭނާގެ ދެ ފިލްމެއް މިހާރު ވެސް ވަރަށް އަވަހަށް ބެލުންތެރިންނާ ހަމައަށް އަންނަން އެބައޮތެވެ. އެއީ "ވައިޓް ޓައިގާ" އާއި "ވީ ކޭން ބީ ހީރޯސް" އެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ގެނެސްދިން ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" އިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
18 November 2020
ޕްރިޔަންކާ އަށް ތިމަގާމު ލިބުނީމަ އުފަލުން މަރުވާނެ ދިވެއްސަކުވެސް އެބަހުރި. ޕްރިޔަންކާ މެހެފިލްތަކުން ފެންނަ ފެނުމުންވެސް ޕްރިޔަންކާ އަށް ތިމަގާމު ލިބޭނެކަން އެނގޭ. ދެން ތިފަދަ މަގާމެއް ލިބުން އެންމެ ގާތީ ދިޕިކާ ޕަދްކޯނަށް.