ލައިފްސްޓައިލް / ވާވޭ

ވާވޭގެ 5ޖީ މަނާކުރި ނިންމުމާ މެދު ޔޫކޭ އިން އަލުން ވިސްނަން ގޮވާލައިފި

ވާވޭގެ ވައިސް ޕްރެޒިޑަންޓް.

18 ނޮވެމްބަރ 2020 - 08:10

މި މަހު ބޭއްވި ރިއާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ބަހަށް، ޗައިނާގެ ވާވޭގެ 5ޖީ ނެޓްވޯކަށް އިނގިރޭސިވިލާތުން ހުއްދަ ނުދޭން ނިންމި ނިންމުން އަލުން މުރާޖައާކުރަން އެ ކުންފުނިން އިނގިރޭސިވިލާތަށް ގޮވާލައިފި އެވެ.

އެމެރިކާ އިން ބްލެކްލިސްޓްކޮށްފައި އޮތް ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ވިކްޓާ ޒަންގް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުން ވާވޭގެ 5ޖީ ނެޓްވޯކް ގަބޫލުނުކުރަން ނިންމީ ރައްކާތެރިކަމުގެ ސުވާލެއް އޮވެގެން ނޫން ކަމަށް ކުރިން ވެސް ގަބޫލުކުރި ކަމަށެވެ. އެހެންވެ މިހާރު އޮތް ގޮތަކީ ޓްރަމްޕްގެ ބަހަށް ހެއްލިގެން ނިންމި ނިންމުން މުރާޖައާކުރުން ކަމަށް ވިދާޅުވި އެވެ.

"އިންތިހާބުން ޓްރަމްޕް އެ ވަނީ ބަލިވެފައި. އެހެންވީމާ އޭނާގެ ބަހަށް ގެއްލިގެން އިނގިރޭސިވިލާތަށް އަހަރެމެންނާ ދޭތެރޭ ހެދުނު ގޯސް ދެން އޮތީ ރަނގަޅުކުރުން. އަހަރެމެން ކުރިން ވެސް ގަބޫލުކުރީ ސެކިއުރިޓީގެ އެއްވެސް އިޝޫއަކާ ހެދި ނޫންކަން އިނގިރޭސިވިލާތުން އަހަރެމެންގެ 5ޖީ ނެޓްވޯކަށް ހުއްޓުވާލަން ނިންމީ،" ޒަންގް ވިދާޅުވި އެވެ. "އެ ނިންމުމަކީ ޓްރަމްޕްގެ ސަރުކާރުން ޗައިނާއާ އަށް ކުރިމަތިކުރި ފިއްތުންތަކުގެ ތެރެއިން އެ ގައުމުގެ ބަހަށް ހެއްލިގެން އިނގިރޭސިވިލާތުން ނިންމި ނިންމުމެއް."

ދަ ގާޑިއަން އަށް ދެއްވި އިންޓަވިއުއެއްގައި ޒަންގް ވިދާޅުވީ އިނގިރޭސި ސަރުކާރުން ދެން މިކަމާ ދޭތެރޭ ސީރިއަސްކޮށް ވިސްނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޒަންގް ވިދާޅުވީ އިނގިރޭސިވިލާތާ މެދު ކަންބޮޑުވާ އެއް ސަބަބަކީ "ޖިއޯޕޮލިޓިކަލް" އިސްކުރުމެވެ.

"އެކަމުން އެ ގައުމުގެ އިގުތިސާދަށް އަންނާނެ އެއްވެސް ފައިދާއެއް ނެތް. ބްރެކްސިޓަށް ފަހު ގްލޯބަލް ލީޑަރަކަށް ވާން އިނގިރޭސިވިލާތުން ބޭނުންވާ ނަމަ އެބަޖެހޭ ގައުމަށް ލިބެން ހުރި ފުރުސަތުތަކާއި ރަނގަޅު ކަންކަމާ ދޭތެރޭ ވިސްނަން."

އިނގިރޭސިވިލާތުން ވާވޭގެ 5ޖީ ނެޓްވޯކާ އެކު ކުރިއަށް ނުދާން ނިންމި އިރު، އެ ކުންފުނީގެ ލިމިޓެޑް ނެޓްވޯކެއް މިހާރު ވެސް އެ ގައުމުގައި އެބައޮތެވެ. އަދި އެ ގައުމުން ޖުލައި ބުނެފައިވާ ގޮތުގައި އަމާޒަކީ 2027 ގެ ކުރިން ވާވޭގެ 5ޖީ ނެޓްވޯކް އިނގިރޭސިވިލާތުން ބޭރުކޮށްލުމެވެ. މިކަމާ ބެހޭ ގޮތުން އެ ގައުމުގެ ކަލްޗަ ސެކްރެޓަރީ އޮލިވާ ޑޯޑެން ވިދާޅުވެފައި ވަނީ މީގެ ސަބަބުން އިނގިރޭސިވިލާތުގައި 5ޖީ ނެޓްވޯކް ފުޅާކުރުން ތިން އަހަރަށް ލަސްވެގެން ދާނެ ކަމަށާއި އެކަމަށް ދެ ބިލިއަން ޕައުންޑް ހޭދަވާނެ ކަމަށެވެ.

އިނގިރޭސިވިލާތުން ވަނީ ދުނިޔޭގައި 5ޖީ ނެޓްވޯކް އެޅުމަށް، ޗައިނާ އަށް ބަރޯސާކުރުން ދޫކޮށްލައި، "ޑިމޮކްރެޓިކް 10 ގައުމެއް" (ޑީ10) އެކުލަވާލަން ވެސް ގޮވާލައިފަ އެވެ. އެއީ އިނގިރޭސިވިލާތާއި އެމެރިކާ އާއި ޖަޕާނާއި ޖަރުމަނާއި އިޓަލީ އާއި ކެނެޑާ އަދި ފްރާންސާ އެކު ދެކުނު ކޮރެއާ އާއި އޮސްޓްރިއާ އަދި އިންޑިއާ ހިމަނައިގެންނެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454