20 ނޮވެމްބަރ 2020 - 08:07
ސައިފް އަލީ ޚާނާއި ޕްރަބާސް އެކީގައި ފެނިގެންދާނެ ވަރުގަދަ ބޮޑު ފިލްމު "އަދިޕުރުޝް" ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި އެވެ.
އަންނަ އަހަރުގެ ތެރޭގައި ޝޫޓިން ފަށާ މި ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކުރީ އޮގަސްޓް 11، 2022 ގަ އެވެ. "އަދިޕުރުޝް" އަކީ ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ލީޑް ރޯލް "ބާހްބަލީ" ގެ ބަތަލުގެ ޕްރަބާސް ކުޅޭ އިރު، ސައިފް ކުޅޭނީ ވިލަންއެއްގެ ރޯލެވެ.
"އަދިޕުރުޝް" ގެ ޑައިރެކްޓަރަކީ މި އަހަރުގެ ކުރީކޮޅު ސައިފް ވިލަންއެއްގެ ރޯލުން ފެނިގެން ދިޔަ އަޖޭ ދޭވްގަންގެ "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން އޯމް ރައުތެވެ.
ފިލްމުގެ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ އިރު "އަދިޕުރުޝް" ގެ ބަތަލާ އަކީ ކާކު ކަމެއް އަދި ނޭނގެ އެވެ. ކުރިން އަޑުތައް އަރާފައިވާ ގޮތުން ބަތަލާއަކަށް ވާނީ އަނުޝްކާ ޝަރުމާ އެވެ.
މި ފިލްމަށް ނަގަން ބޭނުން ވަނީ ވެސް ބޮލީވުޑްގެ އޭ-ލިސްޓް ބަތަލާއެކެވެ.
މިހާރު ޗަންދީގަޅްގައި ޝޫޓިން ކުރިއަށްދާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ރޮމޭންޓިކް ކޮމެޑީ "ޖުގްޖުގް ޖިއޯ" ގައި ވަރުން ދަވަނާއި ކިއާރާ އަދުވާނީ ކުޅޭނީ ދެމަފިރިންގެ ރޯލު ކަމަށް ބުނެފި އެވެ.
ފިލްމަށް ހާއްސަކޮށްގެން ނެގި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް ދަރުމާ އިން ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ. "ޖުގްޖުގް ޖިއޯ" ގެ ކާސްޓްގައި އަނިލް ކަޕޫރާއި ކުރީގެ އެކްޓަރު ރިޝީ ކަޕޫރްގެ ހުވަފަތް އަންހެނުން ނީޓޫ ސިންގްގެ އިތުރުން މަޝްހޫރު ޓީވީ ހޯސްޓް މަނީޝް ޕޯލް ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަނިލް އާއި ނީޓޫ ފެންނާނީ ވަރުންގެ މައިންބަފައިންގެ ރޯލުންނެވެ.
"ޖުގްޖުގް ޖިއޯ" އަކީ މިދިޔަ އަހަރު "ގުޑް ނިއުސް" ގެނެސްދިން ޑައިރެކްޓަރު ރާޖް މެހެތާގެ ދެވަނަ ފިލްމެވެ.
ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީގެ އާ ފިލްމު "ސާކަސް" ގެ ޝޫޓިން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ މީގެ ޝޫޓިން ފެށީ މިދިޔަ ހަފުތާގެ މެދުތެރޭގައި ކަމަށެވެ. ނަމަވެސް ސެޓުން ނަގާފައިވާ އެއްވެސް ފޮޓޯއެއް އަދި އާންމުކޮށްފައެއް ނުވެ އެވެ. "ސާކަސް" ގެ ޝޫޓިން މުމްބާއީގައި ފެށި އިރު، މީގެ އެއް ބަތަލާ ޖެކްލިން ފެނަންޑޭޒް މި ވަގުތު އަންނަނީ ހިމާޗަލް ޕްރަދޭޝްގައި ހޮރޯ-ކޮމެޑީ "ބޫތު ޕޮލިސް" ގެ މަސައްކަތްކުރަމުންނެވެ.
"ސާކަސް" ގެ ތަރިންނަކީ ޖެކްލިން އާއި ރަންވީރު ސިންގް އާއި ޕޫޖާ ހެގްޅޭގެ އިތުރުން ވަރުން ޝަރުމާ އެވެ. މި ފިލްމުގެ މަންޒަރުތައް މުމްބާއީގެ އިތުރުން ގޯއާ އާއި އޫޓީގައި ވެސް ނަގާނެ އެވެ. "ސާކަސް" އަކީ ޝޭކްސްޕެއާގެ "ކޮމެޑީ އޮފް އެރާޒް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ.
މީތި ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ފިނި މޫސުމުގަ އެވެ.
ސަލްމާން ޚާނާއި ޅިޔަނު އާޔޫޝް ޝަރުމާ އެކީގައި ކުޅޭ ފުރަތަމަ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" ގެ ޝޫޓިން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ އެކްޓަރު މަހޭޝް މަންޖްރޭކަރް ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން ޕޫނޭގައި ފެށީ މި މަހުގެ 15 ގައި ކަމަށެވެ. "އަންތިމް" ގައި ސަލްމާން ފެނިގެން ދާނީ ފަގުޑި އެޅި ސިކް ފުލުހެއްގެ ރޯލުންނެވެ. އާޔޫޝް އަކީ ގޭންގްސްޓާރެކެވެ. މި ފިލްމު ހަދަނީ 2018 ގައި ރިލީޒްކުރި މަރާޓީ ފިލްމު "މުލްޝީ ޕެޓާން" އަށް ބިނާކޮށެވެ. "އަންތިމް" އިން ސަލްމާނާއި އާޔޫޝްގެ ބޮޑެތި ކުރިމަތިލުންތަކެއް ފެންނާނެ އެވެ.
ފިލްމުގެ ޝޫޓިން ފެށި ނަމަވެސް މީގެ ބަތަލާ އަކީ ކާކު ކަމެއް އަދި ނޭނގެ އެވެ.
އާޔޫޝް އަކީ ސަލްމާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމީހާ އެވެ. އޭނާ އެކްޓިން އަށް ނުކުތީ 2018 ގެ "ލަވްޔާތުރީ" އިންނެވެ. އާޔޫޝްގެ ކުރިއަށް އޮތް ފިލްމަކީ "ކްވާތާ" އެވެ. އެ ފިލްމުގެ ބަތަލާ އަކީ ކެޓްރީނާ ކައިފްގެ ކޮއްކޮ އީޒަބެލް ކައިފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy