ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ އޭރިއާގައި ބަޔަކ މަސައްކަތް ކުރަނީ.، އެތަނުގައި ކޮވިޑްގެ ބޮޑު ކްލަސްޓާއެއް ވަނީ އުފެދިފައި، އެއާއެކު ކޮވިޑް ކޭސްތައް މިއަދު ގިނަ. ފައިލް ފޮޓޯ/މިހާރު
20 ނޮވެމްބަރ 2020 - 00:10
ކޮވިޑް-19ގެ މައިގަނޑު ހަތަރު ކްލަސްޓާ އަކާ އެކު މިއަދު ކޭސްތައް އިތުރުވެއްޖެ އެވެ.
މިދިޔަ 24 ގަޑި އިރުގެ ތެރޭގައި 68 މީހަކު އެ ބައްޔަށް އަލަށް ޕޮޒިޓިވްވި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޭސްތައް މިއަދު އިތުރުވީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ރަށްފަޅު ހުރާގައި އުފެދިފައިވާ ކްލަސްޓާގެ 15 މީހުންނާއި މާލެ ސަރަހައްދުގައި އޮތް ޔޮޓެއްގައި ތިބި 14 މީހަކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންސްޓްރަކްޝަން ސައިޓަކާއި އެމްއޭސީއެލްގެ ކާގޯ ބައިގައި އުފެދުނު ކްލަސްޓާގެ މީހުން ވެސް ހިމެނޭތީ ކަމަށެވެ.
މީގެ ތެރެއިން ރަށްފަޅުހުރާގެ ކްލަސްޓާއިން ޖުމްލަ 53 މީހަކަށް ކޮވިޑް ޖެހިފައި ކަމަށާއި އެހެންވެ އެޗްއީއޯސީގެ ޓީމެއް އިއްޔެ އެ ރަށަށް ގޮސްފައިވާ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ. އެ ކްލަސްޓާގައި ހިމެނޭ ހަތަރު ރަށުން ކޮންޓެކްޓުންނާ އެކު ޖުމްލަ 134 މީހަކު މިހާތަނަށް ކަަރަންޓީނުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ކާގޯ ކްލަސްޓާ އިން މިހާތަަނަށް ކޮވިޑް ޖެހުނީ، ނަޒްލާ ވިދާޅުވިގޮތުގައި، 57 މީހެކެވެ. އެ ކްލަސްޓާއިން 76 ކްލޯޒް ކޮންޓެކްޓުން ވެސް ވަނީ ފެނިފަ އެވެ. ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުން ކަރަންޓީންކޮށް، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އަަދިވެސް ދަނީ ކުރިއަށެވެ.
"މަސައްްކަތްކުރާ ސަރަހައްދުގެ ގޮތުން މި ތަނުގައި އެމްއޭސީއެލްގެ ސްޓާފުންގެ އިތުރުން އެތަނަށް އަންނަ ވަރަށް ގިނަ އިތުރު ބަޔަކާ ވެސް ބައްދަލުވާ ސަރަަހައްދެއްކަމުން އިތުރު މުއައްސަސާތަކާއި އެހެނިހެން ޕްރައިވެޓް ކޮމްޕެނީ ތަކާއި ތަންތަނުގެ މީހުންގެ ވެސް ކޮންޓެކްޓް ޓްރޭސިންގެ މަސަައްކަތްތައް ކުރިއަށް އެބަދޭ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެތަނުގެ ހާލަތު ބަލަން ވެސް އެޗްއީއޯސީގެ ޓީމެއް މިދިޔަ އަންގާރަ ދުވަހު ދިޔަ އެވެ. އެގޮތުން ދިޔަ ޓީމުން އެތަނުގެ ހާލަތު ބަލައި، ރަނގަޅުކުރަންވީ ކަންތައްތައް ކިޔައިދިނެވެ. ނަޒްލާ ވިދާޅުވީ އެމްއޭސީއެލް އާއި އެޗްއީއޯސީ ގުޅިގެން އެތަނުގެ ހާލަތު ރަނގަޅުކުރުމުގެ ޕްލޭނެއް އެކުލަވާލައިގެން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިދިޔަ އޮގަސްޓް މަހު ވަރަށް ބޮޑަށް އިތުރުވުމަށް ފަހު ކޭސްތައް މަދުވާން ފެށީ އޮކްޓޯބަރު މަހުގެ ފަހުކޮޅު އެވެ. އެ ބަލިން ރައްކާތެރިވުމަށް އެޅި ބައެއް ފިޔަވަޅުތަކަށް އެހެންވެ ލުއިދިނެވެ.
ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ މިހާރު 12،452 އެކެވެ. އެ ބަލީގައި މަރުވިމީހުންގެ އަދަދަކީ 45 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަރަބިދުނުކޮތަރު
21 November 2020
ލުއިދޭން ޖެހޭތަ ؟. މީހުން އެއްވެ އުޅެވޭން ޖެހޭތަ ؟ޕާކްތަކާތަންތަން ހުޅުވޭވަރުވެއްޖެތަ ؟މިކަމަކުން ސަލާމަތް ވެވޭވަރުވެއްޖެ ތަ ؟ އަނެއްކާވެސް އެއްދުވަހުން އަނެއްދުވަހަށް ޕޮޒިޓިވްވާއަދަދު މަތިވަނީ ދޯ ؟ . ކޮންޓްރޯލް ކުރެވެނީކީނޫން . ގައުމުގެބޮޑުބޮޑެތިން ނަމޫނާދައްކަން ޖެހޭއިރު މިބަޔަކަށް ވަކި ހާއްސަކަމެއް އޮންނަށް ޖެހޭތަ ؟ އާއްމުންނާ ހާއްސުން މިހާތަފާތުކުރާގައުމެއް ދުނިޔޭގަ ތަނެއްގަ ނޭގެއޮންނަކަމެއް . ހިތަށް އެރީމަ މީހުންނާސަލާންވެސް ކުރަނީ .
އިލިޔާސް ވަހީދު
21 November 2020
އެމް އޭ ސީ އެލް އިން ކަންކުރިގޮތް ކުއްވެރި ކުރަން. ކުލަސްޓަރ ފެތުރެމުން ދިޔަ އިރު އެމީހުންތިބީ އަޅާނުލާ. ގިނަ ބަޔަކަށް ޖެހުނީ މިހިންވެ. އަދި އެތަނަށް ވަދެނިކުމެވާ ގިނަ ބަޔަކު ޕޮޒިތީވު ވުމަކީ ވެސް ވަރަށް ގާތް ކަމެއް. ސަބަބަކީ ގިނަ މީހުނަކަށް އޭރަކު ނޭންގެ ބޮޑު ކުލަސްތަރ އެއް އެތަނުގަ އުޅޭ ކަމެއް.
އަލީ އަސްފާގު އަލީ
21 November 2020
އެއާޕޯޓު ކާގޯ އޭރިޔާ އަކީ މިހާރުން މިހާރަށް ބަންދުކޮށް ފިޔަވަޅު އަޅަންޖެހޭ އަދި ޖޫރިމަނާވެސް ކުރަންޖެހޭ ތަނެއް. ތަންސާފުކުރުމެއް ޑިސް އިންފެކުޓުކުރުމެއް ނެތް، އެތަނަކީ ގައުމުގަ އުޅޭހާ ބަޔަކު ވަދެނިކުމެވޭ ގޮތަށް އޮންނަތަނަކަށްކަށް ވާއިރު ކޮވިޑް ކުލަސްޓަރ ފެތުރެން ފެށުމުން ސަލާމަތީ ގޮތުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކޮށް އެމް އޭ ސީ އެލުން މިކަން ސިއްރު ކުރުމަކީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމުގައި ދެކެން. މީ ކިހާ ނުރައްކާ ކަމެއްތޯ.؟
ކާޖާ
20 November 2020
ފިޔަވަޅުތައް އަވަހަށް ހަރުކަށި ކުރަންވީއެވެ. އަދަދުތައް މާ ބޮޑުތަނުން މަށްޗަށް ނުދަނީސް ފިޔަވަޅުއަޅައިގެން ނޫނީ މިކަމުން ސަލާމަތެއް ނުލިބޭނެއެވެ.
ބަސް
20 November 2020
ވަރަށް ހިތާމަހުރިކަމެއް. މިގޮތަށް އަދަދު މަތިވެގެން ދިއުމަކީ އަނެއްކާވެސް ނުރައްކަލެއް އައުމުގެ ފުރުސަތު ބޮޑުވުން. އަދަދު މަދުވާއިރަށް ލުއިތައް ދިނުމަކީ ގޯހެއް. ވެކްސިނެއް ލިބެންދެން ބަލައިގެން އުޅެން އެބަޖެހޭ. ﷲ އަޅަމެން މިބަލިން ރައްކާތެރިކުރައްވާށި. آمين
ސްކިޕަރ
21 November 2020
ތިހެން ބުނީމަ ''ކޮން ވެކުސިނެއްހޭ، ދެން އުޅޭނީ ނިތްނޯމަލަށޭ'' ކިޔާފަ އަރިމައްޗަށް ރަށްކުޅެއް ޖަހާފަ ދަތް ދޮޅިއަށް މާސްކެއް އަރުވައިގެން ނައްޓާލަނީ. މިއީ ދިވެހީން.
ރަދީފްއަކީ ފިތުނަ
20 November 2020
ތެދެއް ބުނެބަލަ މިނިސްޓަރު ނަސީމް؟ ކޮންމެހެން ޓޫރިސްޓުން ގެންނަން އަދަދު މަދުކޮށް މުޅި ރާއްޖެއަށް މިބަލި ފެތުރި އަހަރުމެންގެ އަޚުންނާއި އުޚްތުން މަރުވާން ނޭދޭތީ މިހާ ވަރަށް އާދޭސް މިކުރެވެނީ.
ދިއްދޫމީހާ
20 November 2020
ނަސީމު ހާދަ ހިންގުންތެރިއޭ. މިފަދަ ބޮޑު ސިއްހީ ކާރިސާއެއްގެ ތެރޭގައިވެސް އަމިއްލަ އެދުން ޢިސްކޮށް ނަޝީދު މި ދެއްވި ހަދިޔާއަށް ވެދުން.
ކަނޑިންމަ މޯލްޑިވްސް
20 November 2020
މިއަދު ކަނޑިންމައިން ވަރަށް ގިނަ މީހުން ރަނގަޅުވެގެން ދޫކޮށްލައިފި.