މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސަންޖަނާ.

24 ނޮވެމްބަރ 2020 - 08:21

އަދިތިޔާ ރޯއި ކަޕޫރް ސޮއިކޮށްފައިވާ އާ ފިލްމު "އޯމް: ދަ ބެޓްލް ވިތިން" ގެ ބަތަލާގެ ރޯލަށް ސަންޖަނާ ސާންގީ ހަމަޖައްސައިފި އެވެ.

އެ ފިލްމުގެ ބަތަލާ އަކީ އޭނާކަން ކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް "އޯމް" ގެ ޓީމުން މިހާރު ވަނީ އެކަން ރަސްމީކޮށް ކަށަވަރުކޮށް ދީފަ އެވެ. ސަންޖަނާ އަކީ ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބޭޗާރާ" ގެ ބަތަލާ އެވެ.

"އޯމް" އަކީ ކޮރިއޮގްރާފަރު/ޑައިރެކްޓަރު އެހުމަދު ޚާނާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ. މީގެ ޝޫޓިން އަންނަ މަހު ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، އިންޑިއާގެ ތިން ސިޓީއެއްގެ އިތުރުން އިންޑިއާ އިން ބޭރުގައި ވެސް މަންޒަރުތަކެއް ނަގާނެ އެވެ.

"އޯމް" ގެ ޑައިރެކްޓަރަކީ ކަޕިލް ވަރުމާ އެވެ. ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި ނުނިންމަ އެވެ.

އަދިތިޔާގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން "މަލަންގް" އެވެ.

ސުޖޯއި އާ ފިލްމަކަށް ތައްޔާރު ވަނީ

ބެލުންތެރިން ސިއްސުވައިލި ބަތަލާ ވިދިޔާ ބާލަންގެ ސަންސްޕެންސް ތުރިލާ "ކަހާނީ" ގެނެސްދިން ޑައިރެކްޓަރު ސުޖޯއި ގޯޝް އާ ފިލްމަކަށް ތައްޔާރުވާން ފަށައިފި އެވެ.

އޭނާގެ އާ ފިލްމު ހަދާނީ މިރާޖް ކްރިއޭޝަނާ ގުޅިގެންނެވެ. އެ ސްޓޫޑިއޯ އިން ވަނީ ސުޖޯއީ ހަދާ ފިލްމުގެ އިތުރުން އެހެން ފިލްމެއް ވެސް އިއުލާންކޮށްފަ އެވެ. އެއީ ތަގާތާ ސިންގާ ޑައިރެކްޓްކުރާ "އުމާ" އެވެ.

ނަމަވެސް ސުޖޯއިގެ ފިލްމުގެ ނަން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު މި ފިލްމަކީ އިންޑިއާގެ ލިޔުންތެރިޔާ ރަބީންދުރަނާތު ޓެގޯރްގެ ކުރު ވާހަކަ "ކުބްލީވާލާ" އަށް ބިނާކޮށް ހަދާ ޕީރިއަޑް ޑްރާމާއެކެވެ. އަންނަ އަހަރު ޝޫޓިން ފަށާ ފިލްމުގެ މަންޒަރުތައް ނަގާނީ އިނގިރޭސިވިލާތުގަ އެވެ.

ސުޖޯއިގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އަމީތާބް ބައްޗަނާއި ތާޕްސީ ޕައްނޫއާ އެކު ގެނެސްދިން ތުރިލާ "ބަދުލާ" އެވެ.

"ދުރްގާވަތީ" ގެ ޕޯސްޓަރު ދައްކާލައިފި

އަންނަ މަހުގެ 11 ގައި އެމެޒޯން ޕްރައިމް ވީޑިއޯ ޕްރިމިއާކުރަން ހަމަޖެހިފައިވާ ފިލްމު "ދުރްގާވަތީ: ދަ މިތު" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ބޫމީ ޕިޑްނޭކަރް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަކީ 2018 ގައި ރިލީޒްކުރި ތެލެގޫ ހޮރޯ-ތުރިލާ "ބާގަމަތީ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ ޖީ އަޝޯކް އެވެ.

އަކްޝޭ ކުމާރާއި ޓީ ސީރީޒްގެ ވެރިޔާ ބުޝަން ކުމާރު ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވާ "ދުރްގާވަތީ" ގެ ކާސްޓުންގެ ތެރޭގައި އަރުޝަދު ވަރުސީ އާއި މާހީ ގިލް އާއި ޖިއްޝޫ ސެންގުޕްތާގެ އިތުރުން ކަރަން ކަޕާޑިއާ ހިމެނެ އެވެ.

ކަރަން އަކީ އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާގެ ދެބޭންގެ ދެދަރި ކޮއްކޮއެކެވެ. އޭނާ ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރު ރިލީޒްކުރި "ބްލޭންކް" އިންނެވެ.

ކަންގަނާ "ދާކަޅް" އަށް ތައްޔާރު ވަނީ

ކަންގަނާ ރަނާވަތު ވަރުގަދަ އެކްޝަން ރޯލެއް ކުޅޭ ފިލްމު "ދާކަޅް" އަށް ތައްޔާރުވާން ފަށައިފި އެވެ.

އެ ފިލްމުގެ ކެރެކްޓާ އަށް ތައްޔާރުވުމުގެ ގޮތުން ކަންގަނާ މިހާރު ވަނީ ފިޒިކަލް ޓްރޭނިންތަކެއް ފަށައިފަ އެވެ. މީގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް އޭނާ ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ. ކަންގަނާ ބުނިގޮތުގައި "ދާކަޅް" ގެ ޓްރޭނިންތައް ކުރިއަށް ދަނީ އޭނާ ޝޫޓިން ފަށާފައި އޮތް ޖަޔަލަލީތާގެ ބައޮގްރަފިކަލް ޑްރާމާ "ތަލައިވީ" ގެ ފަހު ޝޫޓިން ޝެޑިއުލާ ވެސް އެކީގަ އެވެ.

"ދާކަޅް" އަކީ ރަޖްނީޝް ގާއީ ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެ ރޯލަކުން ތައްބޫ ވެސް ފެނިގެން ދާނެ އެވެ.

ކަންގަނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅޭ "ތޭޖާސް" ވެސް ހިމެނެ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454