މި ގޮތަށް ކުނި ބަހައްޓަން ޖެހުނީ ކޮވިޑް-19އާ ގުޅިގެން ލޮކްޑައުން ވާން ޖެހުމުން .-- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު
02 ޑިސެމްބަރ 2020 - 10:31
ކޮވިޑް 19 އަކީ މުޅި ދުނިޔޭގެ ހިނގުމަށް ބޮޑެތި ބަދަލުތަކެއް ގެނުވި ބަލިމަޑުކަމެކެވެ. މި ބަލިމަޑުކަމުގައި އުޅޭތާ އަހަރެއް ވާން ގާތްވީ އިރު އަދިވެސް ގިނަ ގައުމުތަކުން ބަލިމަޑުކަން ތަހައްމަލުކުރަމުން، ގެނބެމުން މައްޗަށް އަރަމުން، ނޭވާ ލަމުން ނުލަމުން ކަހަލަ ގޮތަކަށް ދުވަސްތައް ގުނަމުން ދަނީ އެވެ. ދިރުޅުމުގެ ވައްޓަފާޅިއަށް ގެނައި ބޮޑެތި ބަދަލުތަކަކާ އެކު ރާއްޖެ އިން މިއަދު މިވަނީ އަނެއްކާވެސް މައްޗަށް ބޯހިއްލާލައި އާންމު ދިރިއުޅުމައިގެން ކުރިއަށް ދިއުމަށް ފަޔަށް ބާރުލައި ހިނގައި ގަންނަން ފަށައިފަ އެވެ. މިދަތި ދުވަސްތަކުގައި، ގައި ދުރުކަން ބެހެއްޓުމަށް މަޖުބޫރުވީ ހިނދު ގެނައި އެއް ބަދަލަކީ މާލޭގެ ކުނި މެނޭޖްކުރުމުގެ ގަވާއިދަށް ގެނައި ބަދަލެވެ. އެކަމަކު މިއީ އެންމެ ރަނގަޅު، އެންމެ އެކަށޭނަ ބަދަލުތޯ އެވެ؟
މާލޭގައި، 2016 ވަނަ އަހަރުން ފެށިގެން ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދެމުން ގެންދަނީ ވެމްކޯއިންނެވެ. ވެމްކޯ އިން ދޭ މި ބުރަ ޚިދުމަތް ކޮވިޑް-19ގެ ކުރިން ދެމުން ގެންދިޔައީ ތަފާތު ގޮތަކަށެވެ. ސީދާ ގޭގޭގެ އެޕާޓްމަންޓްތަކުން ކުނި ނަގަމުންނެވެ. ދޮރުދޮށުން ޚިދުމަތް ދެމުންނެވެ. އާންމު ރައްޔިތުންނަށް އެންމެ ފަސޭހަ ގޮތަށެވެ. މާލޭގެ ގެތައް ހުންނަ ގޮތުން މިއީ ފަސޭހަ ކަމެއް ނޫނެވެ. ދަތި ދޭތެރެއިން، ހަނި ގޯޅިގޯޅިން ކުނި ނެރުމާއި، ލިފްޓު ނުހުންނަ ތަންތާނގައި، އުސް އިމާރާތްތަކުން ސިޑިން ކުނި ބާލައި ޚިދުމަތް ދެމުން ގެންދިޔަ އެވެ.
ނަމަވެސް ކޮވިޑް-19އާ ގުޅިގެން މި ޚިދުމަތް ބަދަލުކުރަން މަޖުބޫރުވި އެވެ. މީހުން ދިރިއުޅޭ ގޭގެއަށް ވަނުމަކީ ވަގުތާއި ހާލަތަށް އެންމެ އެކަށޭނަ ކަމަކަށް ނުވާތީ ގޭގެއިން ބޭރަށް މަގުމައްޗަށް ކުނި ނެރެ، ވަކި ގަޑިތަކެއްގައި، މަގުމަތިން ކުނި ނެގުމުގެ ޚިދުމަތް ދޭން ފެށި އެވެ. ކުނި ނެގުމަށް ހަމަޖައްސާފައިވާ ގަޑި އަކީ މެންދުރު 12 އިން މެދުރުފަސް ދޭކާ ދެމެދެވެ. މިއީ ކުނި ނަގާ މީހުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ނަމަވެސް މި ބަދަލާ ގުޅިގެން މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތަށް ގިނަވެ މަންޒަރު ހަޑިވެ އެވެ. ހަމަޖެހިފައި އޮންނަ ގަޑީގެ ތެރޭގައި ކުނި ނެގުމުގެ ކަންތަކެއް ނުނިމެ އެވެ. މިއީ ވުން އެކަށީގެންވާ ކަމެކެވެ. މާލޭ އަކީ ކާރޫބާރު ބޮޑު ތަނެކެވެ. މަގުމަތީގެ ދަތުރުތައް ތާއްޓެވެ. އެހެންކަމުން ހަމަޖައްސާފައިވާ އުސޫލުގެ ތެރެއިން ގަޑިއަށް ކުނި ނެގުމުގެ މަސައްކަތް ކުރިޔަށް ނުދިއުން އެކަށީގެންވެ އެވެ.
އަނެއްކޮޅުން، ގެއެއްގައި އެކަނި ދިރިއުޅޭ މީހެއް ނަމަ ވަޒީފާއަށް ދާނީ ހެނދުނު ކުނި ކޮތަޅުތައް ނެރެ ބޭރުގައި ބަހައްޓާފަ އެވެ. ކޮތަޅުތައް ބޭރުގައި ހުންނަ ވަގުތު ގިނަވީ އެވެ. މާލެ އަކީ ހަމައެކަނި އިންސާނުން ދިރިއުޅޭ ތަނެއް ނޫނެވެ. ބުޅަލުގެ ވެސް ހެޔޮވަރުގެ އާބާދީއެއް މިހާރު އޮވެ އެވެ. ކުނި ކޮތަޅުތައް ގިނަ ވަގުތުތަކެއްގައި މަގުމަތީގައި ބެހެއްޓުމުގެ ސަބަބުން ބުޅަލަށް ވަރަށް ފައިދާ ބޮޑެވެ. ކޮތަޅުތައް ފަޅައި، ކުނިތައް ހާވައި މަގުމައްޗަށް ކުނިވާ ޒާތުގެ ކުނިތައް އަޅަ އެވެ.
މާލޭގެ މަގެއްގައި ހުރި ކުނިތަކެއް ކައިރީގައި ބުޅާ: މިހާރަށް ވުރެ ރަނގަޅު އުސޫލުތަކެއް ހަމަޖަައްސަން ޖެހޭ
މިގޮތަށް ކުނިކޮތަޅުތައް މަގުމަތީގައި ގިނަ ވަގުތު ބަހައްޓާފައި ހުރުމުން ދިމާވާ މައްސަލަތައް ގިނަ އެވެ. މަންޒަރު އެކަނި ހުތުރުވަނީއެއް ނޫނެވެ. ކުނި ވަސް ދުވުމާއި، މެހި ގިނަ ވުމާއި، ބުޅަލާއި މީދަލުގެ އާބާދީ ވަކި ހައްދެއް ނެތި އާންމުވުމާއި، ދުވާލުގެ ވަކި ގަޑިތަކަކަށް މުޅި މާލެ ކުނި ގޮނޑަކަށް ބަދަލުވެ އެވެ.
ކޮވިޑް-19 އަށް ނިމުމެއް އަންނާނެ ދުވަހެއް ނޭނގޭއިރު، މަގުމަތިން ކުނި ނެގުމުގެ ޚިދުމަތަށް ވެސް އިތުރު ބަދަލެއް އައުމަކީ ކައިރި ކަމެއް ނޫނެވެ. އަދި މި ޚިދުމަތް މިގޮތަށް ދިނުމަކީ ހަމަ ރަނގަޅު ކަމެކެވެ. ނަމަވެސް އެދެވޭ ބައެއް ބަދަލުތަކާ އެކު އެވެ. މިގޮތުން ގެނެވިދާނެ ބައެއް ބަދަލު ލިޔެލާނަމެވެ.
ފުރަތަމަ ކަމަކީ ކުނި ކޮތަޅުތައް ބޭރަށް ނެރުމުގެ ކުރިން ރަނގަޅަށް ތުން އައްސައި، ވަސް ނުދުވާނެހެން ހެދުމެވެ.
ގިނަ ކުދި ކޮތަޅުތަކެއް އެއް އިމާރާތަކުން ނެރެ ބެހެއްޓުމުގެ ބަދަލުގައި، ކުދި ކޮތަޅުތައް ބޮޑެތި ކޮތަޅަށް އަޅައި ބަންދުކޮށްފައި ބެހެއްޓުމެވެ. މިއީ އެ އިމާރާތެއްގެ ވެރިފަރާތުން އިސްނަގައިގެން ކުރެވިދާނެ ކަމެކެވެ.
ކުނިތައް ބޭރަށް އެނގޭހެން ހުންނަ އަލި ކޮތަޅުގެ ބަދަލުގައި އެތެރެ ނޭނގޭ ކަހަލަ ކޮތަޅުގައި ބަންދުކުރެވި ދާނެ އެވެ.
މަތީގައި މި ދެންނެވި ކަންތަކަށް ވުރެ ވެސް ރަނގަޅު ގޮތަކީ ކުނި ކޮތަޅުތައް އަޅާނެ، މަތި ޖެހޭ ގޮތަށް ހަދާފައި ހުންނަ ޑަސްޓްބިންތަކެއް ގޭގެއާ މާ ދުރު ނޫން ހިސާބެއްގައި ބަހައްޓައި އެއަށް ގޭގެއިން ނެރޭ ކުނިކޮތަޅުތަށް އެޅުމެވެ. ކުނި ކޮތަޅުތައް ކޮންމެ ގެއެއްގެ ދޮރުމަތީގައި ފުނި ޖަހާފައި ބެހެއްޓުމުގެ ބަދަލުގައި، މިއީ ޓެސްޓު ކުރަން ރަނގަޅު ގޮތެކެވެ. މާލޭގެ ޖާގައިގެ ދަތިކަން ބޮޑު ނަމަވެސް ޕްލޭން ކޮށްގެން މިއީ ކުރެވިދާނެ ކަމެކެވެ.
އެކި ސަރަޙައްދަށް އެކި ވަގުތު ކަނޑައަޅައި، އެ ސަރަހައްދަކުން ކުނި ނެގޭނެކަން ކަށަވަރުވާ ގަޑިތަކުގައި މަގުމައްޗަށް ކުނިތައް ނެރުމެވެ.
ކޮންމެ ބަދަލެއް ގެނައި ނަމަވެސް މުހިންމީ ރައްޔިތުންނަށާއި ކުނި ނަގާ ފަރާތްތަކަށް ފަސޭހަ ގޮތެކެވެ. ތަނުގެ ރީތިކަން ނުގެއްލި ރައްކާތެރި ގޮތުގައި ކުނި ނަގައި ނައްތާލުމެވެ. އަދި މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމެވެ.
ކުނީގެ މައްސަލަ ހައްލުކުރަން އެންމެ މުހިންމީ ވެމްކޯގެ ދައުރެވެ. މިކަން ދެހަކޮށްދޭ ދަލީލަކީ ކޮވިޑް-19 އާ ގުޅިގެން މާލޭގެ މަގުމައްޗަށް މީހުން ނުކުމެ އުޅުމަށް މަނާކުރި ހާލަތުގައި މާލޭގެ ކުނި މެނޭޖްކުރުމުގެ ކަންތައް ކުރީ އެ ކުންފުނިންނެވެ. މާލެ ލޮކްޑައުންއަކަށް ބަންދުކޮށްފައި ބޭއްވުނީ ކުނީގެ މައްސަލަ ހައްލުކޮށްދޭނެ ވެމްކޯ ކަހަލަ ފަރާތެއް ވެސް އޮތީތީ އެވެ.
ފާތުމަތު ތަސްނީމް އަކީ ތިމާވެށީގެ ރޮނގުން މާސްޓާޒް ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. ސަރުކާރާއި އދ.ގެ ބައެއް މަގާމުތަައް ފުރުއްވި އެވެ. އޭނާ ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ އެންމެ އިސް ވެރިޔާގެ ޒިންމާތައް ވެސް އުފުއްލަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިލޭކުނިއުކާ.
09 December 2020
މިގޮތަށް ކުނި ނެރެނީ ހަމައެކަނި ވެމްކޯއަށް ފައިސާދައްކާ މީހުނެއް ނޫން. ފައިސާ ނުދައްކާމީހުންގެ ކުނިވެސް ވެމްކޯއިން އުކަނީ. އެއެއް މިޔެއް ނޭގޭ.
އެމްސް
04 December 2020
ކުނިވެސް ހުންނާނީ މަގުމަތީގަ، އެއަރކޮންޑިޝަނަރ އައުޓްޑޯރ ޔުނިޓްތައްވެސް ހުންނާނީ އިމުން ބޭރުގަ! ބެލްކަނީތައް އިމުންބޭރަށް ދާދިއުންވެސް މަނާނުކޮށެއް މަގުމަތި ރައްކާތެރި ތަނަކަށް ނުހެދޭނެ!
1234
03 December 2020
މަތީ ފްލޯތަކުން ކުނިނަގަން 150 އަތުލަން ފެށީ ކުނިނަގަން އަންނަ މީހުންނަށް ބުތަވާތީ. މިހާރު މިޖެހެނީ އަހަރަމެން އަމިއްލައަށް ކުނި ހިފައިގެން ތިރިއަށް ފައިބަން ވެމްކޯމީހުންނެއް ނާދޭ މައްޗަކަށް. އެހެންވީމަ މިހާރު 50 ރުފިޔާއަށް ކުނި އުކަދޭން ޖެހޭނީ ދޯ!
ޕީއެސްއެމްގެ ސިޔާސީ ރައިވަރު
03 December 2020
މި ނުވަމަސް ތެރޭ ވެމްކޯ އިން އިތުރަށް ނަގާފައިވާ 450 ރުފިޔާ އަނބުރާ ދައްކަންދެން ބިލްދެއްކުން ހުއްޓާލަން ފެނޭ، ނޫނީ ވެމްކޯގެ ދޮރުމައްޗަށް މުޒާހަރާއަށް ނުކުންނަން ފެނޭ
އަގުބޮޑު ވެންކޯ
03 December 2020
ކޮވިޑާ ގުޅިގެން ހުރިހާ މުއައްސަސާއަކުންވެސް އަގު ހެޔޮ ކުރި، އެކަމަކު ވެންކޯއިން އިން ކުރީ އަގު ބޮޑު، ވަކިވަކިން ގެޔަށް ނުވަދެ ތިރިއަށް ކުނި ޖަމާކުރީމައި ނަގައިދޭން އޮންނަ އަގަކީ 100 ، ގެޔަށް އެޕަރުޓުމަންޓަށް ވަދެގެން ނަގައިއޭ އަގަކީ 150 އެކަމަކު މިބަލި ފެށުނީއްސުރެ ވެމްކޯ އިން ކުނި ނަގައިދެނީ ގެޔަށް ނާރާ މަގުމަތިން 50 ރުފިޔާ އަގުބޮޑުކޮށް، އަދިވެސް ކުނި ނެގުން ބަދަލު ނުކުރާތާ އަގުވެސް ބަދަލުނުކުރޭ
އުދުހޭ
03 December 2020
ބިދޭސީން ސީދާ ގެއަށްގޮސް ގެއިން ކުނިކޮތަޅު ނަގައިގެން ގެންގޮސް އުކާލަމުން ދަނިކޮށް ހެޔޮބަދަލޭ ކިޔާފަ ގެބައި ބަދަލުން މިހާރު ޖެހެނީ މަގުމައްޗަށް ޖަމާކުރަން. ކޮވިޑްގެ ކުރިންވެސް. ކިހާ ހުތުރު.
ސަތޭކަ އެކާވީސް
02 December 2020
ކުއްޏަށް ފައިސާ ދައްކަމުން މިއަންނީ އެޕާރޓްމަންޓުން ސީދާ ކުނި ކަލެކްޓްކޮށްގެން ގެންދާގޮތަށް، މިހެން 150 ރުފިޔާ ދައްކާތާ އެތައް މަހެއް ވެއްޖެ. އެކަމުނު ކުނި މިޖެހެނީ 5 ވަނަ ބުރިން ފައިބައިގެން މަގުމައްޗަށް ނެރެން.
ހާމިދު ޝާހިދު
02 December 2020
މާލޭގައި ލިފްޓް ނުހުންނަ ބިލްޑިންގތައް ގިނައިރު އެތަންތަނަށް އަރާ އެޕާޓުމަންޓުގެ ދޮރުމަތިން ކުނި ނެގުމަކީ ވަރަށް ބުރަކަމެއް. މިކަމަށް މިނޫން ހައްލެއް ގެންނަންވީ. ކޮންމެ ބިލްޑިންގ އެއްގައިވެސް ގްރައުންޑް ފްލޯގައި ރަނގަޅުފެންވަރެއްގެ ޑަސްބިންއެއް ބަހައްޓާ އެއިމާރާތުގެ މީހުން އެއަށް ކުނިއަޅަންވީ. އެފަދަ ޖާގައެއް ހެދެންނެތް ތަންތަނުގެ މައްޗަށް އަރާ ކުނި ބޭލުމަށް އިތުރު 50 ރުފިޔާގެ ޗަންދާއެއް ނަގާ އެފައިސާ ބޯނަސް ފައިސާގެ ގޮތުގައި އެކުދިންނަށް ދޭންވީ
މުލޭ
03 December 2020
އެކަމަށް މިހާރުވެސް 50 ރުފިޔާ އިތުރަށް ދެމުން މިދަނީ. އެކަމަކު 5 ވަނަ ބުރިން ތިރިއަށް މިބާލަނީ އަހަރެމެން.
ސަންޕަދަރި
02 December 2020
ޔާމީންގެ ވެރިކަމެއްނަމަ މިހާލަތުގަ ކޮންމެ ގެއަކުން ކުނިނަގަން ދާނީ ޑްރޯންއެއް ގޭތެރެއަށް ވަދެ ކުނިކޮތަޅު ހިފައިގެންގޮސް ތިލަފުއްޓަށް ވައްޓާލާނީ, މިސަރުކާރަށް ނުވާނެ އެއްކަމެއްވެސް, ކުރަން އައި ކަމަކީ އިންޑިއާއަށް ހުރިހާކަމެއްދީފަ ލިބޭހާލާރި އިންޑިއާގެ ކުންފުނިތަކަށް ދިނުން, ކުނިވެސް އެދިމާލަށް އަނބުރާލުމުގެ ކޮޅުމަތި މިހާރު ތިޔަފެންނަނީ.
ސަނައްޓޭ
02 December 2020
ވެމްކޯގައި ރަޖިސްޓަރީ ނުކުރާާ މީހާ ހިލޭ ކުނިއުކާލާ މައްސަލައަށްވެސް ހައްލެއް ބޭނުން.