06 ޑިސެމްބަރ 2020 - 07:45
އެކި ބާވަތުގެ ކުނިބުނި ބޭނުންކޮށްގެން ހެދުން ފަރުމާކުރުމަކީ ޑިޒައިނަރުން އާންމުކޮށް މިހާރު ކުރާ ކަމެކެވެ. މި ވެސް މިފަދަ ތަފާތު ފަރުމާއެއްގެ ވާހަކަ އެވެ. އެކަމަކު ފެޝަން ޑިޒައިނަރެއްގެ މަސައްކަތެއް ނޫނެވެ.
މިއީ އޮސްޓްރޭލިއާގެ ފުރާވަރުގެ ދަރިވަރަކު ކުނި މެނޭޖްކުރަން ގެންގުޅުނު ވިސްނުމެއްގެ ތެރެއިން އުފަންވި ފަރުމާއެކެވެ. ބަރުދަނުގައި ފަސް ކިލޯ ހުރި ކްރީމް ކުލައިގެ މި ގައުން ތައްޔާރުކޮށްފައި ވަނީ 1،400 އަނބުންނެވެ. ގައުންގެ ތިރީބައި ހަދާފައި އޮތީ ހިއްކާފައިވާ އަނބު އޮށުންނެވެ.
ކްއީންސްލޭންޑަށް ނިސްބަތްވާ 18 އަހަރުގެ ޖެސިކާ ކޮލިންސް ކިޔަވަމުން ދިޔަ ބޯޑިން ސްކޫލްގެ ގްރޭޑް 12 އިން ގްރެޖްއޭޓްވި އިރު، މި ހެދުން ބޭނުންކޮށްފައިވެ އެވެ.
ކުންޏެއްގެ ގޮތުން އަނބު އޮށް ހިމެނޭތީ އޭގެ ބޭނުން ހިފާނެ ގޮތަކާ ދޭތެރޭ ޖެސިކާ އަބަދު ވެސް ފިކުރުކުރަމުން ދިޔަ އެވެ. ސަބަބަކީ އޭނާ އުޅެ ބޮޑުވީ ވެސް ގިނަ އަދަދަކަށް އަނބު ހައްދާ ޑިމްބޫލާގައި ކަމަށްވުމެވެ.
"އަހަރެމެންގެ ގެއަކީ ވެސް އަނބު ފެކްޓަރީއެއް ކަހަލަ ތަނެއް. އެހެންވެ އަބަދު ވެސް ވަރަށް ވިސްނަން އަނބުގެ ވޭސްޓް ބޭނުންތެރި ގޮތުގައި ހިފިދާނެ ގޮތްތަކާ ދޭތެރޭ،" ޖެސިކާ ބުންޏެވެ. "އަސްލު ލޮކްޑައުންގެ ސަބަބުން އަނބުގެ ވޭސްޓުން ހެދުމެއް ތައްޔާރުކުރުމުގެ ހިޔާލު އައީ. ލޮކްޑައުންގައި އެއްކޮށް ގޭގައި އިންނަން ޖެހުނީމާ އަހަރެން ކުރަން ފެށި ކަމަކީ އަނބުއޮށް ހިއްކަން ފެށީ."
އޭނާ ބުނީ އޮށް ހިއްކައިގެން ގައުން ބޭނުންވާ ގޮތަށް ނިންމައިލަން ހަތަރު މަސް ނެގި ކަމަށެވެ.
"އޮތް އެއްކޮށްފައި ދެން ބައްޕަގެ ޕްރެޝަރު ކްލީނަރުގައި ސާފުކޮށްފައި ހިއްކަނީ. އޭގެ ބޭނުމަކީ ދިރޭ އެއްޗެހިން އޮތް ސަލާމަތްކުރުން." ޖެސިކާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ހެދުމުގެ އުނަގަނޑުން ތިރީ ބައި އޮތް ގޮތަށް ބަލާ އިރު އޭތި ވައްތަރީ މަހެއްގެ ހުޅުނބުތަކާ އެވެ. އަދި އެފަދަ ފަރުމާއަކަށް ދާން ނިންމި ސަބަބަކީ އާއިލާ އަކީ މަސްވެރިކަމަށް ވެސް ލޯބިކުރާ ބަޔަކަށްވުމެވެ.
"އެހެންވެ މި ގައުން އިން އަހަންނަށް އިހުސާސްކުރެވެނީ މާމެއިޑެއް ގޮތަށް،" ޖެސިކާ ބުންޏެވެ.
ފެޝަނުގެ ހުނަރެއް ދައްކައިލި ނަމަވެސް އޭނާގެ އަމާޒަކީ ނަރުހަކަށްވުމެވެ. އެކަމަކު އަނބުއޮށުން ތައްޔާރު ކުރި ހެދުމަށް އާންމުންގެ ފަރާތުން ލިބުނު ސަމާލުކަމާ ހެދި ފެޝަން ޑިޒައިނަކީ ވެސް މިހާރު އޮޕްޝަނަކަށް ވެދާނެ ކަމަށް ބުންޏެވެ.
"އުމުރުން ހަ އަހަރުން ފެށިގެން ވެސް ހިތުލައިގެން ހުންނަނީ ނަރުހަކަށް ވާން. އެކަމަކު ފެޝަން އިންޑަސްޓްރީން ކުރިއަށް ދެވޭ ކަހަލަ ރަނގަޅު ފުރުސަތެއް ލިބިއްޖެ ނަމަ ބޭނުން ހިފާނަން،" ޖެސިކާ ބުންޏެވެ. "އަދި އަހަރެންގެ އުންމީދެއް އަނބު އޮށަކީ ކަފަ އާއި ފައިބަރު ކަހަލަ އެއްޗެހީގެ ގޮތުގައި ބޭނުންކުރާ އެއްޗަކަށްވާ ތަން ދެކުން. އެކަމަށް އަހަރެން މަސައްކަތް ވެސް ކުރާނަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
06 December 2020
ދިވެހި ޒުވާނަކު ކާށިން ހެދުމެއް ތައްޔާރު ކޮށްބަލަ.
ރަދީފްއޮފިޝިއަލް
06 December 2020
ތިހެދުން އަހަންނަށް ރީއްޗެއް ނޫން.އެހެނީ ތިހެދުމުން އައުރަ ކިޔާ އެއްވެސް ތަނެއް ނިވާ ނުވޭ.ދެން ތިހެދުން އަހަރުމެންނަށް ރީތި އެއްޗެއް ގޮތުގަ ބޮޑު ސުރުހީއެއް ދަމާލުން އެއީ ކުރެވުނު މަލާމާތެއް.މަމިބުނި މަަށަށް ފެންނަ އެއްޗެއް.ގިނަ ބަޔަކަށް މަގޭ ހިޔާލް ބަލައިގަންނަން ދަތިވާނެ.ސޮރީ.ވ.ވެދުން
ކިނާން
06 December 2020
ތިހެން ބުނީމަ އޭނަ ހެދުން އަންދާލައިފި. މަނިކުފާނު ލަދު ކޮބާތޯ؟