ޒިޔަތު ކޯޓަށް ހާޒިރު ކުރަނީ: އޭނާގެ މައްޗަށް ހުކުމް އިއްވުން މާދަމާއަށް ވަނީ ފަސްކޮށްފައި --- ފޮޓޯ/މިހާރު
06 ޑިސެމްބަރ 2020 - 13:02
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އިއްވުން މާދަމާ އަށް ފަސްކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅިގެން ޒިޔަތުގެ މައްޗަށް ޚިޔާނާތުގެ 32 ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ ދައުވާތަކާ ގުޅިގެން ޒިޔަތުގެ ވަނީ ކުށަށް އިއުތިރާފްވުމަށާއި ތަހުގީގަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ދައުލަތާ އެކު ހަދައިފަ އެވެ. އަދި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ އޭނާ ވަނީ އެ ހުރިހާ ދައުވާތަކަށް އެއްބަސްވެފަ އެވެ.
އެ މައްސަލާގެ ހުކުމް މިއަދު އިއްވަން ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށް ފަހު އިދާރީ މައްސަލަތަކާ ގުޅިގެން ކެންސަލް ކޮށްފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ. އަދި މާދަމާ އެ މައްސަލާގެ ހުކުމް އިއްވަން ތާވަލް ކޮށްފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ޒިޔަތުގެ މައްޗަށް ކުރާ ހުރިހާ ދައުވާތަކުގައި އޭނާ ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ އަދަދު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ. އެ ހުުރިހާ ދައުވާތައް ސާބިތުވިޔަސް، ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް އަންނާނީ 11 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ތަހުގީގަށް ޒިޔަތު އެއްބާރުލުން ދޭތީ އަދަބުގެ މިންވަރުގެ ދަށް ކުރުމުންނާއި ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ.
ގާނޫނުލް އުގޫބާތުގެ 1006 ވަނަ މާއްދާގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދަށް ކުރަން ޖެހޭނެ އެވެ. އެގޮތަށް އަދަބުގެ މިންވަރު ދަށް ކުރަމުން ގޮސް، 12 ވަނަ ދައުވާގެ އަދަބަކީ އެންމެ ދުވަހަކަށް ޖަލަށްލުމެވެ. އަދި ބާކީ އޮތް 20 ދައުވާގައި އެއްވެސް އަދަބެއް ޒިޔަތުގެ މައްޗަކަށް ނާންނާނެ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުުޅިގެން ޚިޔާނާތުގެ އެހެން ކުށެއް 2016 ވަނަ އަހަރު ސާބިތުވެގެން ޒިޔަތު މިހާރު ވެސް ގެންދަނީ އަށް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
ޒިޔަތުގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ އެކު ދައުލަތުން ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން އޭނާ ވެސް ވަނީ ދައުވާތަކަށް ކުރިން އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ދާދިފަހުން ވަނީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސއނާ
06 December 2020
ޒިޔަތު ވަގުވެސް އަދީބުވަގު ފަދައިން ދައުލަތުގެ ފައިސާ ބައްކޮށްލައިގެން ސަރުކާރާ ޑީލް ހަދައިގެން ގޭގަ ހުންނާނީ...ރައްޔިތުންނަށް މިޔަށްވުރެ ތެދުވެރި ސަރުކާރެއްބޭނުންވޭ.
ދިއްދޫމީހާ
06 December 2020
ކީއްކުރަން ކުރާ ހުކުމެއް ރައްޔިތުންގެ ފައިސާއިން 781މިލިޔަން ރުފިޔާއަ ހިޔާނަތްތެެރި ވީމަ 11 އަހަރުގެ ޖަލުހުކުމެއް، މޭ ފުއްޕާފަ ޕީޖީ ބުނީ 200އަހަރުގެ ޖަލު ހުކުމް އަންނަ ވަރުގެ ހެކި ހުރި ވާހަކަ، ދެން ކޮން އިއުތިރާފް އެއްބަސްވުމެއްތޯ؟؟ ދިޔާނާ ބުނި ގޮތައް ވަގު ލާރި އަތުގަ ނުޖެހޭ މީހަކު ނެތީ؟ އިންގޭ މި ކޮމެންޓް ނުޖަހާ ދޭނެކަންވެސް،،،
ޙުސޭނުބެ
06 December 2020
ޔާމީން އާއި ދެކޮޅަށް ދޭ ބަޔާން އޮތް ގޮތަކަށް ބަލާފަ އެސޮރަށް ހުކުމް ކުރެވޭނީ. މި އޮތީ ވާ ޤައުމެއް.. މި ޤައުމަށް އާރުލާ ކަމެއް ކިރިޔާވެސް މި ފަހުގެ ތާރީހެއްގަ ކޮށްދިން މީހާ ކަރުގަ ވާޖަހައިގެން މި ތެޅި ފޮޅެނީ އަސްލު ހުރިހާ ވަގުން.
އެމެރިކާ
06 December 2020
ސަރުކާރުން ޑުރާމަ ކުޅެނީ
ރަދީފްއޮފިޝިއަލް
06 December 2020
އަދި ހިތް ހަމަޖެހާ ވަރަށް މަތިން ހުކުމަށް އެޕްރޫވަލް ނުލިބިގެން ތަ މިއުޅެނީ؟؟ ދެރަކަމެއް.
ހަސަނު
06 December 2020
އެހާ އަވަހަށް ހުކުން އިއްވުން ރަގަޅެއް ނުވާނެ.. ހުރިހާ ހެއްކެއް ކޯޓަށް ކިޔައިދީ ހުރޮހާ ޝަރީއަތެއް ނިމުމުން ޒިޔަތާ އަދީބަށް ހުކުން ކުރަން ޖެހޭނީ...
މިނިމަލް
06 December 2020
މާދަން މަ ދާނަން ދުވަން، އަނެއްކާ މާދަން ބުނާނަން ހަމަ " މާދަން މަ ދާނަން ދުވަން" ، މިހެން ކިޔަ ކިޔަ މަ ހުންނާނަން. އެއީ މި ގައުމުގެ ޝަރުއީ ނިޒާމުގެ ޙާލަތަކީ.
މަންޑޭލާ
06 December 2020
ރާއްޖޭގެ އަދުލުއިންސާފު ކޯޓުތައް ހީވަނީ އެމްޑީޕީގެ ހަރުގެހެން.
ޝޮކްތެރަޕީ
06 December 2020
ކަޑަ ސަރުކާރެއް ރައްޔިތުންނަ އޮޅުވާލީ. އެމްއެމްޕީއަރުސީގެ ހިޔާނާތުގެ މީހުންނަ ސަރުކާރުން ހިމާޔައްދެނީ.
ހަސަނު1
06 December 2020
ކީއްކުރަން ކުރާ ހުކުމެއް. ޑްރާމާ ނުކުޅެ ރައީސައް ލިބޭ ބާރޭ ކިޔާފަ ދޫކޮށްލާ .. އެއްތާކު ޖެހޭނީ.