ޝަހީބް: އޭނާ ޝަރީއަތް ނިމެންދެން ބަަންދުކުރި އަމުރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓާފައި
09 ޑިސެމްބަރ 2020 - 14:21
ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރަން ނެރުނު އަމުރަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
ކަންނެލި ދޯންޏެއްގައި ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޝަހީބް ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން އޭނާ ޝަރުތުތަކާ އެކު ދޫކޮށްލާފައި ވަނިކޮށް ހައި ކޯޓުން މިދިޔަ މަހު ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.
އެ މަައްސަލަ ޝަހީބްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ޝަހީބާ ދެކޮޅަށް ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ކްރިމިނަލް ކޯޓަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ބަޔާންތަކާއި ހެކިންގެ ބަޔާންތަކާއި މޮބައިލް ފޯނު އެކްސްޓްރެކްޝަން ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓްތައް ހުށަހަޅާފައިވާ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ހެކިތަކަށް ބަލާއިރު ޝަހީބަށް ކުރެވޭ ތުހުމަތާ އޭނާއާ ގުޅުވާލެވޭ ހެކި ހުރި ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ މަސްތުވާތަކެތި ފެނުނު ދޯނި ފާސްކުރީ ޝަހީބްގެ މަސްލަހަތު ހިމާޔަތް ކޮށްދޭނެ މީހަކު ނެތީސް ކަމަށާއި އެ ދޯންޏާ އޭނާއާ ގުޅުމެއް ނެތް ކަމަށް ޝަހީބްގެ ފަރާތުން ބުންޏަސް، އެ ދޯނި ފާސްކުރީ އެ ދޯނީގެ ކެޕްޓަނާއި ފަޅުވެރިންގެ ހާޒިރުގައި ކަމަށްވާތީ އޭނާގެ މަސްލަހަތު ހިިމާޔަތްކޮށްދޭން ބަޔަކު ނެތި ފާސްކުރި ކަމަށް ނުބެލެވޭ ކަމަށެވެ.
މީގެ އިތުރުން އެ ހުކުމުގައިވަނީ ޝަހީބް ބަންދު ކުރަން ހައި ކޯޓުން އަމުރުކުރީ ދަށު ކޯޓަށް އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ކަމަށާއި އެހެންވެ، އޭނާ ބަންދުކުރީ ގާނޫނާ ޚިލާފަށް ކަމަށް ނުބެލެވޭ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، ޝަހީބް ޝަރީއަތް ނިމެންދެން ބަންދު ކުރަން ކުރި އަމުރަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރަކަށް ހުރި ޝަހީބް އިތުރުން އިތުރު ބަޔަކު ވެސް އެ މައްސަލާގައި ހައްޔަރުކުރި އެވެ. އެ މައްސަލާގައި ހައްޔަރު ކުރުމާ އެކު ޕީއެންސީގެ ހަރަކާތްތަކުން ޝަހީބް ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާލު
10 December 2020
ތާހިރު ވެއްޖެއްނު ސިފައިންގޭގައި އުޅުނު ދުވަސްވަރުވެސް 7 ފެބްރުއަރީގައި ކުރީ ބަޤާވަތް... ކީކޭދެން ބުނާނީ
ފަހީމާއިބުރޭ
10 December 2020
މީދެން ކިހާދެރަކަމެއް . ހުރިހާވެސް މައްސަލައަކީ އިންސާފުވެރި ފަނޑިޔާރުންގެ މަދުކަން . ޤިޔާމަތް ނުވާނެކަމާ ތިމާ މަރުވެސް ނުވާނެކަމާ ކަށްވަޅުގެ އަޒާބުވެސް ޙުކުމެއް ކޮށްލައިގެން ޗަލުވާލެވޭނެކަމަށް ޤަބޫލުކުރާ ފަނޑިޔާރުން އުޅެންޏާ ދެން ޤައުމާ ޤައުމުގެ އަފުރާދުންނަށް ވާނީ ކިހިނެއް ؟ މަސްތުވާތަކެތީގެ ޝިޕްމަންޓަކުން ބައިއެޅޭ މީހުންގެ ތެރޭގައި ފުލުހުންނާއި ފަނޑިޔާރުން ހިމެނޭހާ ދުވަހަކު ތިޔަކަމެއް ކޮންޓްރޯލެއް ނުކުރެވޭނެ.
ޙުންނަހުންނަ
10 December 2020
މަސްތުވާތަކެތީގެ މައްސަލަތަކުގެ އަޑީގަތިބޭ ބޮޑުންނާއި ސަރުކާރާއި މަޖިލިސް މެމްބަރުންގެ ސަބަބުން މިފަދަ މައްސަލަތައް ކުރިއަށް ނުގޮސް ވާއެއްޗެއްވަނީ.
އިސްތިއުފާ
09 December 2020
ކުރިމިނަލް ކޯޓުން އެ އަމުރު ނެރުނު ފަނޑިޔާރު ކުއްވެރިވާނެ ހަމަ އެއްވެސް ގޮތެއް ނެތްތޯ ؟؟؟؟؟ ހައިކޯޓާއި ކުރިމިނަލް ކޯޓާއި ޕީޖީ އޮފީހާއި ޕޮލިހާއި މި ހުރިހާ ތަނެއް ކުރިމިނަލް ކޯޓުގެ އެންމެ ފަނޑީޔާރަކާހެދި ހުއްޓުންއަރާ އޭނަކުރި ނުބައި ރަނގަޅުކުރުމުގަ! އޭނަ ހެވިފަ! ރައްޔެތުން ލޭމައްޗަށްގޮއްސަ! މަގޭ ޓެކްސް ފައިސާވެސް ހިމެނޭހެން މުސާރަދޭ ފަރާތެއްގެ ހައިސިއްޔަތުން އިސްތިއުފާ ދިނުމަށް އެދެން މިހާރުން މިހާރަށް!!!!!!
ކޮލަމާފުށި
09 December 2020
ސްޕްރީމް ކޯޓަށް އައި ބަދަލުން ރައްޔިތުންނަށް އުފާވެރިކަން އެބަލިބޭ
އާނަމް
09 December 2020
ވަރުގަދަ ސަހީބެއްނު...ތި ފޮޓޯ ބެލީމަވެސް ލައްކަ ވާހަކަ ކިޔައިދޭ! ތީނާ އަކީ ބޮޑުވެގެންވާ މަކަރުވެރިއެއް