ދުނިޔެ / ސްރީ ލަންކާ

ލަންކާ އަށް ދުވާލަކު ދަތުރުކުރެވޭ ވަރު 2،500 އަށް

ސްރީ ލަންކާގެ އެއާޕޯޓް އޮފިޝަލުން ތާމަލް ސްކޭނާގެ ސްކްރީން މޮނިޓާ ކުރަނީ: ލަންކާ އަށް ދުވާލަކު ދަތުރު ކުރެވޭ މީހުންގެ އަދަދު ވަނީ ލިމިޓްކޮށްފައި. --ފޮޓޯ:އޭއެފްޕީ

24 ޖެނުއަރީ 2021 - 11:57

ކޮލަމްބޯ (ޖެނުއަރީ 24) - ސްރީ ލަންކާ އަށް ދުވާލަކު އެންމެ ގިނައިން ދަތުރުކުރެވޭ މީހުންގެ އަދަދު 2،500 އަށް ހަމަޖައްސާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ކޮރޯނާވައިރަސް ފެތުރޭތީ ލަންކާގެ ބޯޑަރުތައް ބަންދުކުރިތާ 10 މަސް ދުވަސް ފަހުން މައި އެއާޕޯޓް ޓޫރިސްޓުންނަށް ހުޅުވާލާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ލަންކާ ހުޅުވާލި ނަމަވެސް ޓޫރިސްޓުންނަށް ވަނީ ހަރުކަށި ޕްރޮޓޮކޯލްތަކެއް ހަމަޖައްސައިފަ އެވެ.

ޓޫރިޒަމް ޕްރޮމޯޝަން ބިއުރޯ އިން ބުނީ ލަންކާ އަށް ކޮންމެ ދުވަހަކު ވެސް ދަތުރުކުރެވޭ މީހުންގެ އަދަދު ލިމިޓް ކުރަން ޖެހުނީ ގައުމުގައި ކޮރޯނާވައިރަހަށް ޓެސްޓް ކުރެވޭ ތަންތަނަށް ނުތަކާވަރަށް މީހުންގެ އަދަދު އިތުރުވެދާނެތީ ކަމަށެވެ.

"ދުވާލަކު ދަތުރު ކުރެވޭ ޓޫރިސްޓުންގެ ލިމިޓެއްގެ ގޮތުގައި މިހާރު ވަނީ 2،500 ހަމަޖައްސާފައި. އެއީ އެހެން ގައުމުތަކުން ގެންނަ ސްރީ ލަންކާގެ ރައްޔިތުންނަށް ވެސް ޕީސީއާރް ޓެސްޓް ހެދޭނެ ގޮތް ހެދުމަށްޓަކައި،" ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓޫރިޒަމް ބިއުރޯގެ ޗެއާޕާސަން ކިމާރްލީ ފެނާންޑޯ ވިދާޅުވި އެވެ.

މިދިޔަ ޖުލައި ފަހުން ފެށިގެން މިހާތަނަށް ވަނީ އެހެން ގައުމުތަކުން 40،000 އަށް ވުރެ ލަންކާގެ ރައްޔިތުން ގައުމަށް ގެނެސްދީފަ އެވެ. ލަންކާ ސަރުކާރުން ބުނި ގޮތުގައި ގައުމަށް އަންނަން ބޭނުންވާ 68،000 މީހުން އަދިވެސް އެބަތިއްބެވެ.

ފެނާންޑޯ ވިދާޅުވީ ލަންކާ އެއާޕޯޓް ބުރާސްފަތި ދުވަހު ހުޅުވާލާކަން ހޯމަ ދުވަހު އިއުލާން ކުރި ފަހުން 75 ޓޫރިސްޓް ވިސާ އިމިގްރޭޝަން ޑިޕާޓްމަންޓުން ދޫކޮށްފައިވާ ކަމަށެވެ.

"ވިސާ ދިން އަދަދުތައް މައްޗެއް ނޫން. އެކަމަކު ފެށުމެއް ގެންނަން ޖެހޭ. ހޮޓާތަކަށް މިހާރު އެތައް ބައިވަރު ކޯލްތަކެއް ލިބޭ،" ފެނާންޑޯ ވިދާޅުވި އެވެ.

ލަންކާގައި ކޮރޯނާވައިރަސް އިތުރުވަމުންދާތީ ޕީސީއާރް ޓެސްޓް ހަދާ މިންވަރު އިތުރު ކުރުމަށް އެ ގައުމުގެ ޑޮކްޓަރުން ވަނީ ގޮވާލައިފަ އެވެ.

ލަންކާ އަށް 2018 ވަނަ އަހަރު ވަނީ 2.3 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެއީ ރެކޯޑް އަދަދެކެވެ. ނަމަވެސް ޖެހިގެން އައި އަހަރުގެ އީސްޓާ ސަންޑޭގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން އެ އަހަރު ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު ވަނީ 1.9 މިލިއަނަށް ދަށްވެފަ އެވެ.

ލަންކާ އިން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން ޓޫރިސްޓުންނަށް ހުއްދަ ދީފައި ވަނީ 55 ހޮޓަލަކަށެވެ. އެ ތަންތަނުގައި ތިބޭއިރު ހޮޓަލުގެ ސްޓާފުން ނޫން ބަޔަކާ މުއާމަލާތެއް ނުކުރެވޭނެ އެވެ. ލަންކާ އަށް ދަތުރު ކުރުމުގެ ހަތަރު ދުވަސް ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ކޮންމެ ޓޫރިސްޓެއްގެ ވެސް އަތުގައި އޮންނަން ވާނެ އެވެ. ހަފުތާ އަކަށް ދަތުރު ކުރާ މީހެއް ނަމަ އިތުރު ދެ ޓެސްޓް ހަދަން ޖެހޭނެ އެވެ. ހަފުތާއަކަށް ވުރެ އިތުރުވާ ނަމަ ތިން ޓެސްޓް ހަދަން ޖެހޭނެ އެވެ.

އިންޝުއަރެންސްގެ ގޮތުގައި ކޮންމެ ޓޫރިސްޓަކު ވެސް 12 ޑޮލަރު ދައްކަން ޖެހެ އެވެ. އިންޝުއާ ކުރުމުން ކޮވިޑަ ކުޅޭ މެޑިކަލް ޚަރަދުތައް 50،000 ޑޮލަރާ ހަމައަށް ކަވަރުކޮށްދޭނެ އެވެ.

ލަންކާގައި ތިބޭ ފުރަތަމަ ދެ ހަފުތާގައި ޓޫރިސްޓުން އެކި މަންޒިލްތަކަށް ދަތުރުކުރާ ނަމަ ދެވޭނީ އެ ގައުމުގެ އޮފިޝަލުންނާ އެކު އެވެ. އެއްވެސް ޓޫރިސްޓަކު ޕޮޒިޓިވްވެއްޖެ ނަމަ (ބަލީގެ އަލާމާތެއް ނުފެނުނު ނަމަވެސް) ހޮޓަލުގައި އެ މީހަކު ހުންނަ ކޮޓަރީގައި ކަރަންޓީން ކުރާނެ އެވެ. ބަލީގެ އަލާމާތްތައް ފެންނަ ނަމަ ހޮސްޕިޓަލަށް ގެންދާނެ އެވެ.

އިނގިރޭސި ވިލާތުގައި ދެ ހަފުތާ އަށް ވުރެ ގިނަ ދުވަހު ހޭދަކޮށްފައި ލަންކާ އަށް ދަތުރުކުރާ ޓޫރިސްޓުން އެތެރެވުމުގެ ހުއްދައެއް ނުދޭނެ އެވެ. ޔޫކޭ އިން ފެނުނު އާ ވޭރިއަންޓާ ގުޅިގެން އެ ގައުމުގެ ފްލައިޓްތައް ވެސް ލަންކާ އަށް ޖެއްސުން ވަނީ މަނާކޮށްފަ އެވެ.

އާބާދީގައި 21 މިލިއަން މީހުން ހިމެނޭ ސްރީ ލަންކާ އިން މިހާތަނަށް ވަނީ 57،587 މީހުން ޕޮޒިޓިވްވެ 280 މީހުން މަރުވެފަ އެވެ. އިއްޔެ ވަނީ 724 މީހުން ޕޮޒިޓިވްވެފަ އެވެ. ލަންކާގައި ކޭސްތައް އިތުރުވާން ފެށީ އޮކްޓޯބަރު މަހުން ފެށިގެންނެވެ. އޮކްޓޯބަރު 13 އާ ހަމައަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 3،300 އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 60%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454