ފިނޭންސް މިނިސްޓަރު މުނައްވަރު މިއަދު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަނީ.-- ފޮޓޯ: މަޖިލިސް
08 ނޮވެމްބަރ 2016 - 10:36
އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށް، އަންނަ އަހަރަށް ލަފާކުރާ 26.8 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވި ގޮތުގައި ޖުމްލަ ބަޖެޓުގެ ތެރޭން 22.2 ބިލިއަން ރުފިޔާ އަންނަ އަހަރު ހަރަދުކުރަން ނިންމާފައި ވާއިރު، އޭގެ ތެރޭން 49.3 ޕަސެންޓަކީ ރިކަރަންޓް ހަރަދެވެ. އަދި ހަރަދުގެ 50.7 ޕަސެންޓް ހިމަނާފައި ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގަ އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު މައިގަނޑު ގޮތެއްގައި ބަހާލާފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ ރައްޔިތުންނަށް ދޭ ހިދުމަތަށް ކުރާ ހަރަދު (7.2 ބިލިއަން ރުފިޔާ، 26.7 ޕަސެންޓް) އާއި އިޖުތިމާއީ ތަރައްގީ އަށް ކުރާ ހަރަދު (10.3 ބިލިއަން ރުފިޔާ، 40.2 ޕަސެންޓް) އާއި އިގްތިސާދީ ތަރައްގީ އަށް ކުރާ ހަރަދު (3.5 ބިލިއަން ރުފިޔާ، 12.5 ޕަސެންޓް) އަދި ދަރަނީގެ ހިދުމަތާއި ދަރަނި އަދާކުރުމުގެ ހަރަދު (5.9 ބިލިއަން ރުފިޔާ، 20.6 ޕަސެންޓް) އެވެ.
ރިކަރަންޓް ހަރަދުގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާގެ ތެރޭން އެންމެ ބޮޑު ބައެއް (6.8 ބިލިއަން ރުފިޔާ، 50.2 ޕަސެންޓް) މުވައްޒަފުންގެ ހަރަދަށް ހޭދަވާއިރު، ޕެންޝަނާއި މުސްކުޅިކުރާ މުވައްޒަފުންނަށް 1.4 ބިލިއަން ރުފިޔާ، 10.6 ޕަސެންޓް)، އެހީ އާއި ސަބްސިޑީ އަށް 1.2 ބިލިއަން ރުފިޔާ ހަރަދު ކުރަން ވަނީ ހުށަހަޅައިފަ އެވެ.
ކެޕިޓަލް ހަރަދުގެ ބޮޑު ބައެއް (50.2 ޕަސެންޓް) އަންނަ އަހަރު ވެސް އާއްމު ތަރައްގީގެ މަޝްރޫއުތަކަށް (ޕީއެސްއައިޕީ) އަށް ހަރަދު ކުރަން ނިންމާފައި ވާއިރު، އޭގެ ޖުމްލަ އަށް ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓުގެ ހިއްސާ 54.6 ޕަސެންޓުގައި އުޅޭއިރު، ބާކީ 45.4 ޕަސެންޓް ކަވަރު ކުރަން ހަމަޖައްސާފައި ވަނީ އެހީ އާއި ލޯނުންނެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ، މިނިސްޓަރު މުނައްވަރު ވިދާޅުވި ގޮތުގައި، 21.9 ބިލިއަން ރުފިޔާ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ 14.1 ބިލިއަން ރުފިޔާ އާއި ޓެކްސްގެ ބޭރުން ލިބޭނެ ކަމަށް ބެލެވޭ 4.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވޭ 878 މިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ދެ ބިލިއަން ރުފިޔާާ އެވެ.
މުނައްވަރު ފާހަގަކުރެއްވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ހުންނާނީ 303.7 މިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން ފަސް ޕަސެންޓް ކަމަށް ވާއިރު، އަންނަ އަހަރުގެ ބަޖެޓުގެ 1.1 ބިލިއަން ރުފިޔާގެ އަރަނި އަދަދެކެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 1.7 ޕަސެންޓެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މަޖިލީހުން ފާސްކޮށް ދިނީ 27.5 ބިލިއަން ރުފިޔާ އެވެ. އެ ބަޖެޓުގައި، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 22.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖަހާފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 16.8 ބިލިއަން ރުފިޔާއި އެ ނޫން ގޮތް ގޮތުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 3.7 ބިލިއަން ރުފިޔާ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ޖަހާފައިވާ 1.5 ބިލިއަން ރުފިޔާ އަދި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ ހަތަރު ބިލިއަން ރުފިޔާ އެވެ.
- ޖުމްލަ: 21.9 ބިލިއަން ރުފިޔާ
- ޓެކްސް: 14.1 ބިލިއަން ރުފިޔާ
- ޓެކްސް ނޫން: 4.8 ބިލިއަން ރުފިޔާ
- ހިލޭ އެހީ: 878 މިލިއަން ރުފިޔާ
- އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަން: 2 ބިލިއަން ރުފިޔާާ
އެކަމަކު، މުނައްވަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރެވެނީ 18.2 ބިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރު ލިބުނު 17.3 ބިިލިއަން ރުފިޔާ އަށް ވުރެ 4.9 ޕަސެންޓުގެ ކުރިއަރުމަކަށް ވިޔަސް، އަންދާޒާކުރި މިންވަރަށް ވުރެ ދެ ބިލިއަން ރުފިޔާ (3.1 ޕަސެންޓް) ވަނީ އާމްދަނީން މަދުވެފަ އެވެ. އެ ގޮތުން، ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އަހަރު ނިމޭއިރު ހުންނާނީ 13.1 ބިލިއަން ރުފިޔާގަ އެވެ. އަދި ޓެކްސް ނޫން ގޮތް ގޮތުން 4.5 ބިލިއަން ރުފިޔާ، ޓްރަސްޓް ފަންޑުން 132.1 މިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 874.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
ބަޖެޓާ ގުޅޭ ގޮތުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު ވަނީ ދެ އިސްލާހެއް ގެނެސްފަ އެވެ. އެ ގޮތުން، ބަޖެޓް ބަހުސް ފަށަން ވާނީ މަޖިލީހަށް ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް ބުނި މާއްދާ އުވާލައި ބަޖެޓު ހުށަހަޅާ ދުވަހު ބަހުސް ފެށޭ ގޮތް ވަނީ ހަދާފަ އެވެ. އަދި ބަޖެޓާ ގުޅޭ ގޮތުން ބޭނުންވާ އިތުުރު މައުލޫމާތު ދެއްވުމަށް ފިނޭންސް މިނިސްޓަރުގެ ކިބައިން އެދިވަޑައިގެންނެވޭނީ ބަޖެޓު ހުށަހަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ކަމަށް އޮތް އޮތުން ވެސް ބަދަލުކޮށް، ބަޖެޓު ބަހުސް ކުރިއަށް ދާއިރު އެ މައުލޫމާތު ހޯދަން ހުށަހެޅޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ބަހުސް ކުރުން ތާވަލުކޮށްފައި ވަނީ އަންނަ ހޯމަ ދުވަހަށެވެ. އެކަމަކު، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޯމިއުލާ
08 November 2016
މިއަދުގެ ސަރުކާރުން ތިޔަ ގެންގުޅުއްވާ ފޯމިއުލާ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ. އެއީ ގުދާރު ބިންދައިގެން އަޅުގަނޑުމެން ކާންބޯން ކުރާ މަސައްކަތުން: ބީ.ޕީ.ޓީގެ ގޮތުގައި ޓެކްސް ނެގުން / ޖީ.އެސް.ޓީ. ގެގޮތުގައި ޓެކްސް ނެގުން / ޓީ.ޖީ.އެސް.ޓީ ބޮޑުކުރުން (ގެސްޓުން ދެއްކިޔަސް މިކަމުގެ ސަބަބުން ކޮޓަރި ވިއްކާ އަގު ކުޑަކުރަންޖެހުން) ގްރީން ޓެކްސް ގެ ގޮތުގައި ޓެކްސް ނެގުން (ގެސްޓުން ދެއްކިޔަސް މިކަމުގެ ސަބަބުން ކޮޓަރި ވިއްކާ އަގު ކުޑަކުރަންޖެހުން) ވިތުހޯލްޑިންގް ޓެކްސް ގެގޮތުގައި ޓެކްސް ނެގުން / ބޭރު މުއައްޒިފުން ރަށަށް ފޮނުވާ ލާރިން ޓެކްސް ނެގުން (އާޚިރުގައި ދޭންޖެހެނީ އަޅުގަނޑުމެން އަތުން) އެއަރޕޯޓް ޑިވެލެޕްމަންޓް ގެގޮތުގައި ޓެކްސް ނެގުން / ކަސްޓަމް ޑިއުޓީގެ ގޮތުގައި ޗާރޖު ނެގުން / ކޮންޖެޝަން ފީގެ ގޮތުގައި ދުއްވާ ވެހިކަލުން ފީ ނެގުން / ކާޑުގެ ބާވަތްތަކުން ސަބްސިޑި ކަނޑާލުމުން އަގުބޮޑުވުން / ކަރަންޓު ސަބްސިޑީ ކަނޑާލާ އަދި އަގުބޮޑުކުރުން / މުއާސަލާތީ ޚިދުމަތްތަކުން ޓެކްސްނެގުން / ކުނިއުކާލުމަށް ބޮޑު އަގު ނަގަން ފެށުން / އާސަންދައިގެ ބައެއް ދައްކަންޖެހޭގޮތަށް ޗާރޖުކުރުން / އެކަމަކު ހަނދުމަފުޅު ކުރައްވައްޗެވެ. މާތް ﷲ އިރާދަފުޅުކުރެއްވިއްޔާ 2018 ގައި މިހުރިހާ ކަމެއް ރަނގަޅަށް ހަނދާން ކުރުމަށްފަހު އަޅުގަނޑުމެން ފޯމިއުލާއެއް ނެރޭނަމެވެ. -
ދފަދފ
08 November 2016
މީހަކު ފޮޑިއެއްޖެހީމަ ވައި ނުސާފުވާތީ ގްރީން ޓެކްސް ނަގަންވީނު؟
ދިޔަފިލާ
08 November 2016
ތިޔަ އިތުރުވާ 5 ބިލިޔަންވެސް ނެރޭނީ ރައްޔިތުންގެ ދިޔަފިލައިގެންނެވެ.
އަހްމަދު
08 November 2016
މިފަހަރުވެސް ދަނޑުވެރިންގެ ފައިސާ އާއި މަސްވެރިންގެ ފައިސާ ނުހިމަނުއްވާތޯ. ފްލެޓްގެ މަދުފައިސާ ހިމެނުއްވާފައި. . ހަނދުމަނެތުނީތޯ އަޅުގަނޑުމެން ދަނޑުވެރިންނާްއި މަސްވެރިންގެ މަތިނަ.
ކައިޔާ
08 November 2016
މިނިސްޓަރު އަހުމަދު މުނައްވަރު ފެއިލްވެއްޖެ. އެގެނީ ރައިތުން ފެލަން
އާސިދު
08 November 2016
ތިއީ ލަފާކުރި އެއްޗެއް ނުން؟ ކޮބާހޭ 2016 ގެ "އަސްލު " ޢަދަދުތައް؟ ކާކަށްހޭ އެނގެނީ؟
އައްބާސްއާދިލުރިޒާ
08 November 2016
ހަނާވަނީ ފަނާވަނީ އެއްފައިމއްޗައް ކޮޅައްނުހުރެވޭ ސަރުކާރު ތަކެތީގެ އަގުބޮޑު ކުރާ ސަރުކާރު ފަޅުތަކާ ރައްތައް ވިއްކާ ސަރުކާރު އިންތިޔުފާ މިވެސް މީގެ ކުރިން ކިޔާ އުޅުނު ބަންޖެއް ނަމަވެސް މިއަދު މިހިރީ ފިތިފަ
ސައްދާމް
08 November 2016
މުދަލާއި ޚިދުމަތުގެ އަގު ބޮޑުވާއިރު އަހަރެމެންނަށް ލިބޭއެއްޗެއް ބޮޑުވަނީ ކޮން ދުވަހަކުން............ ހަމަ އިތުރަށް ނިކަމެތިވަނީ...
ރާޖިހު
08 November 2016
ހުރިހާމެންބަރުންނަށް ވަރަށް ސަލާން ސަރުކާރުން ހުށަހެޅި ބިލް ބަލާވެސް ނުލާ އަވަހަށް ފާސްކޮއްދެއްވާ އެހެންނޫނީ ޖެހޭނީ ގޮޅިއަށް ދާން މަޙުލޫފުމެން ގޮޅީގައި ތިއްބަސް އެހެންކުދިންން ޖެހިލުންވާނެދާން ޔަޤީން ބަހުސްކުރާނެކަމެއްނެތް ހުށަހެޅި ގޮތްނޫން އެހެން ގޮތަކަށް ނުނިމޭނެ
ޗޭންޖް
08 November 2016
ދައުލަތުގެ ރިކަރަންޓް ޚަރަދު އަދި ވެސް ވަރަށް ބޮޑެވެ. ރާއްޖޭގެ ސިވިލް ސާރވެންޓުންގެ ގާނޫނަށް އެބަޖެހޭ ވަރަށް ބޮޑެތި ބަދަލު ތަކެއް ގެންނަން. ކޮންމެހެން ނުޖެހޭ ސަރުކާރުގެ މިނިސްޓްރީ އެއް ގައި ބޮޑެތި މުސާރަ ދީފައި ޕީއެސް އެއް ބަހައްޓަން. އުސޫލެއްގެ ގޮތުން ޕީއެސް މިނިސްޓްރީ ގައި އަމިއްލަ އަތުން ކުރާ އެއްވެސް މަސައްކަތެއް ނޯވެއެވެ. ސަރުކާރުގައި މާ ބޮޑަށް ގިނައީ އަމުރު ކުރާ ވެރިން. މަސައްކަތް ކުރާ މީހުން ވަރަށް މަދެވެ. މި އެނޮލޮޖީ ބަދަލު ކުރަން އެބަޖެހޭ ހުރިހާ ގޮތަކުން. މިނިސްޓަރު ވެސް ޖެހޭނީ އަމިއްލަ އަަށް މަސައްކަތް ކުރަން. އެނޫންނަމަ މިނިސްޓަރު ކަމުން ޖެހޭނީ އިސްތިއުފާ ދޭން އެވެ. އެގޮތަށް މިކަން ކަން އެބަޖެހޭ ބަދަލު ކުރަން. ޕީއެސްގެ މަގާމް އުވާލާ ޑިރެކްޓަރަކާއި ހަވާލު ކުރަންވީ ސަރުކާރުގެ މިނިސްޓްރީ ގެ އިދާރީ ކަންކަން ބަލަހައްޓަން.