އެޗްއީއޯސީ އިން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ވާހަކަދައްކަވަނީ: ވޭރިއަންޓްސް އުޅޭ ކަން ކަށަވަރުކުރަން ބޭރަށް ސާމްޕަލް ފޮނުވަން މަސައްކަތްކުރާ ކަމަށް ނަޒްލާ ވިދާޅުވި -- ފޮޓޯ: މިހާރު
29 ޖެނުއަރީ 2021 - 00:11
ކޮވިޑް-19 ގެ އާ ވޭރިއަންޓްތައް ރާއްޖޭން ފެނުން އެކަށީގެންވާ ކަމަށާއި ރާއްޖޭން ބޭރުން އަންނަ އެންމެން ކަރަންޓީންވާން ޖެހޭ ގޮތަށް އަލުން ހަމަޖެއްސި އެއް ސަބަބަކީ އެއީ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިރޭ ވިދާޅުވެއްޖެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ އާ ވޭރިއަންޓުތައް ރާއްޖެ ކައިރި ގައުމުތަކުން ފެންނަ ނަމަ އެ ވޭރިއަންޓުތައް ރާއްޖޭން ފެނުން ވެސް އެކަށީގެންވާ ކަމަށެވެ.
"ރާއްޖޭން ބޭރުން މީހުން އެބަ އާދެ. ޓޫރިސްޓުން ވެސް އެބަ އާދޭ، ދިވެހިން ވެސް އެބަ އާދޭ. ގިނަ ތަންތަނުން ތަފާތު ވޭރިއަންޓްސް ފެންނަމުން ދިއުމަކީ އަޅުގަނޑުމެން އަލުން އަނބުރާ ރާއްޖޭން ބޭރުން އަންނަ އެންމެން ކަރަންޓީންކުރަން ނިންމި އެއް ސަބަބު،" ނަޒްލާ ވިދާޅުވި އެވެ.
ކޮވިޑް ވޭރިއަންޓްތައް ރާއްޖޭގައި އުޅޭތޯ ޔަގީންކުރަން ސާމްޕަލްތައް ރާއްޖޭން ބޭރަށް ފޮނުވައިގެން ޓެސްޓުކުރާނެ ކަމަށް ކުރިން ވެސް ބުނެފައިވެ އެވެ. މިރޭ ވެސް ނަޒްލާ ވިދާޅުވީ އެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ނަޒްލާ ވިދާޅުވީ މި ވޭރިއަންޓްތައް ރާއްޖޭގައި އުޅޭ މިންވަރު ބަލަން ދިރާސާއެއް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
"ދަތުރުފަތުރުގެ ކަންކަން ހުންނަ ގޮތުން އާންމު ހާލަތްތަކުގައި ސާމްޕަލް ފޮނުވުމާ މިހާރު ފޮނުވުމާ ތަންކޮޅެއް ތަފާތު، ތަންކޮޅެއް ދަތި،" އާ ވޭރިއެންޓް އުޅޭތޯ ބަލަން ޓެސްޓްކުރުން ލަސްވާ ސަބަބާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދިނުމާ ގުޅިގެން، ވެކްސިންގެ ރައްކާތެރިކަމާ ބެހޭ ގޮތުން މިރޭގެ ޕްރެސްގައި ވާހަކަ ދެއްކި އެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 15،496 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 106 މީހަކު ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ދިޔަ 24 ގަޑިއިރު ތެރޭގަ އެވެ. މި ބަލި ޖެހިގެން މިހާތަނަށް 51 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެބީ
29 January 2021
އުޅުނަސް ކަލޭމެނަށް އިނގޭނެތަ؟
ކަކުނިބޯ
29 January 2021
އެލަވަންސް އާއި ނުލާ އުޅުނަދެވޭކަށްނެތް. ކޮވިޑްޖެހިގެން ދެވޭފަރުވާއަކީ 14ދުވަހުގެ ކަރަންޓީނު ނޫން އެހެންއެއްޗެއްނެތް ކޮވިޑުނޫންބައްޔެއްނެތް
ބަރީމް
29 January 2021
ނަޒްލާ ވިދާޅުވި އެއްވެސް ވާހަކައެއް ގަބޫލު ނުކުރެވޭ..ރާއްޖެ ކައިރި ގައުމުތަކަށްވުރެ ޔޫރަޕުން އެތެރެވުން ގާތް..ކޮވިޑް އާވައްތަރުތައް އުޅެދާނެ ކަމަށް އެޅި ފިޔަވޅެއް ނަމަ ކުރިން އަޅާނެ..އާ ވައްތަރުތޯ ޓެސްޓްކުރަން ހުރި ދަތިތަކާއި ހުރެ ކަމަށްބުނާ އިރު ދުވާލަކު އެތައް ފްލައިޓެއް ޖައްސާ..
ޢިހްސާސް
29 January 2021
އަދިވެސް ބުނާނީ ރައްޔިތުންގެ ފަރުވާކުޑަކަމުން ނޭ މިހާރު ފެތުރުން އިތުރުވަމުންދަނީ. ކަލޭމެން ބޭރުން އަންނަމީހުން ކަރަންޓީނު ނުކުރުމުގެ ނަތީޖާ މިފެންނަނީ. އެޗްޕީއޭގެ އަމަލުތަކުންނާ ސަރުކާރުގެ އަމަލުތަކުން ސިއްހީދާއިރާއަށްވެސް ލަދު.
އެއްލާހި
29 January 2021
އެއްލާހި ފުޅިއަކަށް ފަސްލާހީގެ އެއްޗެހި އަޅަން އުޅުނީމާ ވާނީ މިހެން. އާ ވޭރިއަންޓް އުޅޭތޯ ބަލަން ޓެސްޓްކުރުން ލަސްވަނީ ދަތުރުފަތުރުގެ ކަންތައް ހުރިގޮތުން ކަމަށް ބުނާއިރު، ރާއްޖެއަށް ދުވާލަކު އެތައް އެއާލައިނެއް މިހާރު އާދޭ. ސާމްޕަލްތައް ނުފޮނުވިގެން އުޅެން ޖެހޭހާ ދަތި ގޮތަކަށް ނޫން މިވަގުތު ދަތުރުގެ ކަންތައް އޮތީ.