ކޮވިޑް ވެކްސިން ޖަހަން ދެ ނަރުހަކު ތައްޔާރުވެގެން: ބަލި ޖެހޭ މީހުން ގިނަވެއްޖެ ނަމަ ވެކްސިން ޕްރޮގްރާމަށް ބުރޫއަރާނެ. --ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް/ މިހާރު
02 ފެބުރުއަރީ 2021 - 12:53
ރާއްޖެ އިން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ދަށް ނުކުރެވިއްޖެ ނަމަ ކޮވިޑް-19 ގެ ވެކްސިން ރާއްޖޭގެ އެންމެންނަށް އަވަހަށް ދީ، ބަލިން އަރައިގަތުމަށް ކުރާ މަސައްކަތަށް ބުރޫއަރާނެ ކަަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑުގެ ޕޮޒިޓިވް ކޭސްތައް ވަރަށް ބޮޑަށް ދަށްވުމަށް ފަހު މިދިޔަ މަހުގެ މެދެއްހާ ހިސާބުން ފެށިގެން ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުން ވަނީ އިތުރުވެފަ އެވެ. މި ހަފުތާގައި ޕޮޒިޓިވް ކޭސްތައް ކޮންމެ ދުވަހަކު ވެސް 100 އިން މައްޗެވެ.
އެޗްޕީއޭ އިން ރޭ އާއްމުކުރި ޕޮޒިޓިވް ކޭސްތައް އުޅެނީ 215 ގައި ކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ ވެކްސިން ޖަހަން ފަށާފައި ވަނިކޮށް، ބަލިޖެހޭ މީހުން މިހާ ގިނަވަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. މިއީ، ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ގިނަވުން ކަމަށާއި އޭރަށް ސިއްހީ ނިޒާމަށް އަނެއްކާވެސް ބާރުބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.
"ޕޮޒިޓިވް ކޭސް އިތުރުވެ އެޑްމިޓްކުރަން ޖެހޭ މީހުން ގިނަވާއިރު ހެލްތު ކެއާ ވޯކާސް އެބަ ބޭނުންވޭ ބަލި މީހުންނަށް އެޓެންޑްވާން. އެހެންވީމާ ވެކްސިން ދޭން މި ކުރާ މަސައްކަތަށް ވެސް އުނދަގޫވާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެންނަށް ވެކްސިން ޖެހުމަށާއި ބަލި މީހުންނަށް ފަރުވާ ދޭން ވެސް ތިބީ އެއް ބައެއް ކަން ނަޒްލާ ފާހަގަކުރެއްވި އެވެ.
ވެކްސިން ޖެހުމުގައި ތަރުތީބުތަކެއް ކަނޑައަޅާފައިވާ އިރު އެންމެ ފުރަތަމަ އިސްކަންދެނީ ސިއްހީ ދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރާ މީހުންނަށެވެ. އެ ކެޓަގަރީ ނިންމަން 10 ދުވަސް ކަނޑައަޅާފައި އޮތަސް ކޮވިޑު ޖެހޭ މީހުން ގިނަވާ ނަމަ އެ މުއްދަތަށް ނުނިމި ލަސްވެދާނެ ކަން ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ވެކްސިން ޕްރޮގްރާމް އަވަހަށް ނިންމާލެވޭނީ ބައްޔަށް ޕޮޒިޓިވްވުން މަދުކޮށްގެންނެވެ. އެކަން ކުރެވެން އޮތީ ރައްކާތެރި ފިޔަވަޅުތައް ވަރުގަދަކޮށް، އިރުޝާދުތަކަށް އެންމެން ބޯލަނބައިގެން ކަމަށް ވިދާޅުވި އެވެ.
އެޗްޕީއޭ އިން ޕްލޭންކޮށްފައި އޮތީ ރާއްޖޭގައި މިހާރު ހުރި ކޮވިޝީލްޑުގެ 100،000 ޑޯޒު ވީހާވެސް އަވަހަކަށް ދީ ނިންމުމެވެ. ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެންނަށް ބޭނުންވާ ވަރަށް ވެކްސިން ގެނެވޭނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ މީހަކަށް ދެ ޑޯޒު ދީ ހަ މަސް ތެރޭގައި ވެކްސިން ޕްރޮގްރާމް ނިންމާލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑަފި
02 February 2021
ޕޮލިހުންނަށް މައްސަލައަކަށްވަނީ އިދިކޮޅުންކުރާ މުޒާހަރާ އެޗްޕީއޭ ގެ އުސޫލުތަކާ ޚިލާފަށް ކުރާތީއެވެ. އިއްޔެ ސަލްމާން މިސްކިތްކައިރީ އޮތް ފުޓުސަލް ދަނޑުވަށައިގެން މީހުންތައް ބޮނޑިވެގެން މެޗް ބަލަން ތިއްބެވެ. ސިޑިބަރި ބަހައްޓާފައި ހުރިއިރު އޮތީ ފުރިފައެވެ. ދަނޑުގެ ވަށައިގެން ކަހަލަގޮތަކަށް ބޯކޮށް މީހުން މެޗްބަލަން ތިއްބެވެ. ތިބީ ފިތިބާރުވެގެންންނެވެ. އެތަނުގައި 100 އަށްވުރެ ގިނަ މީހުން ތިބޭނެއެވެ. ޕޮލިހުންވެސް އެދިމާ ބަލަމުން ހިނގާތަން ފެނެވެ.
ވަހީދު
02 February 2021
ނޭނގުނު ތިވިދާޅުވާ ވާހަކައެއް. ވެކްސިން ރަށްރަށަށް ފުނުވާލަބަލަ. ހަމަ ގޮތް ބޮޑުކުރަން ތިބެނީ.
އަޒްލާ
02 February 2021
ސިއްހީ ޚިދްމަތްތެރިންނަށް ފަސޭހަވެ ލުއިތަކެއް ވެދާނެތީ ސްކޫލްތައް ބަންދުނުކުރަން ނިންމާފައިވަނީ. އެއްއަތުން އަނެއް އަތަށް ތިޔަ އުނދަގޫކުރަނީ.
ބަބުރު
02 February 2021
ރައްޔިތުންވެސް މައިތިރިވެގެން މިކަން ވާނީ.
ޙަމް0
02 February 2021
ދުވާލަކު އެންމެ 200 މީހުނައްދެންޔާ ރާޅުނެގިޔަސް އޯކޭނު