ޚަބަރު / ކުރީގެ މެމްބަރު އަހުމަދު ނިހާން

މަސީހާ ދެކޮޅު މަސައްކަތުގައި އަޑީގައި ހުންނެވީ މައުމޫން، ފެއިލް ކޮށްލާނަން: ނިހާނު

ރައީސް ޔާމީންގެ ފެކްޝަނުން މިއަދު ބޭއްވި ނިއުސް ބްރީފިންގައި ނިހާން (ކ) ވާހަކަ ދައްކަވަނީ: މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އެންމެ އިސްކޮށް ހުންނެވީ މައުމޫން ކަމަށް އޭނާ ތުހުމަތުކުރެއްވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކްތަކުގެ އެންމެ އަޑީގައި ހުންނެވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށާއި އެ ވޯޓު ފެއިލްކޮށްލާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަންގެ މަސައްކަތްތައް ހިންގަމުން އަންނަ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާނު ވިދާޅުވި ގޮތުގައި މަސީހާ ދެކޮޅަށް ނަގަން އުޅޭ ވޯޓަކީ އިދިކޮޅު މެމްބަރުން މަޖިލީހުގައި ވަގުތު ބޭކާރު ކުރުމަށް މީގެ ކުރިން މަޖިލިހަށް ހުށަހެޅި ކަންކަމާ ދާދި އެއްގޮތް ކަމެކެވެ. އަދި މިކަމުގެ އަޑީގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މައުމޫނާ އެކު މިހާރު މަސައްކަތް ކުރައްވާ ގާސިމް އިބްރާހިމް ވެސް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މެމްބަރުން ހަމަ ކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭފުޅަކަށް ހުންނެވީ ޕާޓީގެ ރައީސް (މައުމޫން)، އެއީ ވަރަށް ހިތާމަ ހުރި ކަމެއް،" ރައީސް ޔާމީންގެ ފެކްޝަނަށް ނިސްބަތްވާ ނިހާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މަސީހު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: މަޖިލިސް

މައުމޫނާއި ގާސިމް ގުޅިގެން މަސައްކަތް ކުރައްވަނީ އެމްޑީޕީ މެމްބަރުންނަށް ހިތްވަރުދީ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގޭ ވަރަށް އަދަދު ހަމަކުރެވޭތޯ ކަމަށް ނިހާން ތުހުމަތުކުރެއްވި އެވެ. އެކަމަކު އެއީ ވަގުތު ބޭކާރު ކުރުމަަށް ކުރާ ކަމެއް ކަމަށާއި އެކަން ކާމިޔާބުނުވާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

"މިއީ ވަރަށް ނުރައްކާތެރި ރޭވުމެއް. ޕީޖީ ގްރޫޕާއި ސަރުކާރު ގުޅިގެން މިކަން ފެއިލްކޮށްލާނަން،" ޕީޕީއެމާއި އެމްޑީއޭގެ ނުވަ މެމްބަރުން ބައިވެރިވި ނިއުސް ކޮންފަރެންސްގައި ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް މަސީހުގެ މޭސްތިރި ކަމުގެ ދަށުގައި 160 އެއްހާ ގާނޫނު ފާސް ކުރިއިރު، މަސީހަކީ މަޖިލިސް ތެރެއިން ސަރުކާރަށް ކޮށްދެވޭ ކަންކަމުގައި ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި، މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅެނީ ރަނގަޅު ނިޔަތެއް އޮވެގެނެއް ނޫނެވެ. އަދި މައުމޫން ދެއްވާ ލަފަޔަކުން މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމަށް ފާސްވެއްޖެނަމަ، ގައުމަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މަޖިލިސް ތެރެއިން ސަރުކާރު ޒިންމާދާރު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް އެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަމުން ނުދާ ކަމަށް އޭނާ ވިދާޅުވެ އެވެ. އަދި ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތު މެމްބަރުންނަށް އޮންނައިރު، ސުވާލުތައް ހުންނަނީ ގިއުގަނޑުން ބޭރުން ކަމަށް ނިހާން ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުގެ އަޑު އޮންނަން ޖެހޭއިރު، އެ ފަރާތްތަކުން ޒިންމާދާރުކަމާއެކު މަޖިލިސް ތެރެއިން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމަށް ހެޔޮ އެދިގެން ރައްޔިތުންގެ ފައިދާއަކަށް ނޫނެވެ. އަދި އެމްޑީޕީއާ ގުޅިގެން މައުމޫން ސަރުކާރަށް ލޮޅުން އެރުވުމަށް ކުރައްވާ މަސައްކަތްތައް ކުށްވެރި ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު މުހައްމަދު އިސްމާއިލް ވާހަކަ ދައްކަވަނީ: މަސީހާ ދެކޮޅަށް މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު ނާކާމިޔާބުވާނެ ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑުމެން އަތުގުޅާލައިގެން މިތިބީ ސަރުކާރާ އެއްކޮށް، ޕާޓީ ފަޅިކޮށް ތިބެ އެމްޑީޕީ އާއި ގާސިމް ގުޅިގެން އެ ކުރައްވާ މަސައްކަތް ނާކާމިޔާބުވާނެ،" މުހައްމަދު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަނާ ދާދި ފަހުން ގުޅުނު، ޖުމްހޫރީ ޕާޓީގެ ކުރީގެ ޑެޕިއުޓީ ލީޑަރު ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވީ މަސީހުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަކީ ދައުލަތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ނަމަވެސް މުޅި މަޖިލިސް އޮތީ ރައީސް ޔާމީންގެ ފަހަތުގައި ކަމަށާއި މަސީހާ ދެކޮޅަށް އިތުބާރު ނެތް ކަމަށް ފާސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމް ތެރެއިން ކޮން މެމްބަރެއް ވޯޓު ދެއްވާނެ ކަމަށްތޯ ހީކުރައްވަނީ؟ އެއްވެސް މެމްބަރަކު ވޯޓު ނުދެއްވާނެ. އޮތީ ވަރުގަދަ ޓީމެއް. މި ޓީމުން ފުރުސަތެއް ނުދޭނެ ސަކަރާތް ޖަހަން،" އިލްހާމް ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވި ގޮތުގައި މަޖިލީހުގެ 80 ޕަސަންޓު މެމްބަރުން ތިއްބެވީ ރައީސް ޔާމީނާއެކުގަ އެވެ. އަދި ރައީސް މައުމޫން ފެކްޝަންގައި ތިއްބެވި ޕީޕީއެމް މެމްބަރުން ރައީސް ޔާމީނާ އަލުން ގުޅިވަޑައިގަތުމަށް ތައްޔާރަށް ތިއްބެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެނގިފައިވާ ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގައި އިސްކޮށް އުޅުއްވަނީ މައުމޫނަށް ތާއީދު ކުރައްވާ މެމްބަރުންނެވެ. އަދި އެ މައްސަލަ ވެއްދުމަށް އިދިކޮޅު މެމްބަރުންގެ އެއްބާރުލުން ލިބެ އެވެ.

މަސީހުގެ އިތުރުން މަޖިލީހުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅުއްވާފައި ހުންނަވާ ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ވެސް ވަނީ ނިންމައިފަ އެވެ.

ދެ ފަޅިވެފައިވާ ޕީޕީއެމްގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގަތުމާ އެކު، ރައީސް ޔާމީން ކޮންޓްރޯލް ކުރަައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލިހުގެ ސާފު އަގުލަބިއްޔަތަށް ބުރޫ އެރުމުގެ ފުރުސަތު ވަނީ ބޮޑުވެފަ އެވެ. މައުމޫނާ ގުޅިވަޑައިގެންނެވި މެމްބަރުންގެ އިތުރުން ޖޭޕީގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުންނާއި މިހާރު ޖަލަށް ލާފައިވާ އަހުމަދު މަހުލޫފާއި އެމްޑީއޭގެ މެމްބަރު ހުސައިން އަރީފް އަދި އަދާލަތު ޕާޓީގެ އަނާރާ ނައީމް ހިމެނުމުން މަޖިލީހުގެ ދެ ބައިކުޅަ އެއްބައިހާ ވޯޓު މަސީހާ ދެކޮޅަށް ލިބުމުގެ ފުރުސަތު ބޮޑެވެ.

53 ކޮމެންޓް, 60 ރިއެކްޝަންސް

icon happy icon happy 32%
icon sad icon sad 3%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަޑީ ގައި ހުރީ ދޮން ކެޔޮ

03 July 2017

1 ކު ވެސް މަސީހާއި 2 ކޮޅު ވެގެން ނޫޅޭ؟؟ މަސްއޫލިއްޔަތު އަދާ ކުރުމުގައި އޭނަ ނުކުޅެދިފައިވާތީ އެކަމާއި 2 ކޮޅުވަނީ؟؟

The name is already taken The name is available. Register?

ެައަލީ

03 July 2017

ނިހާނު ތިމަގާމަށް ގެނައީ ވެސް މައުމޫނުގެ މަސައް ކަތުން ނޫން ނަމަމާލޭގެ ރައްޔިތުން ދެކެ ރުޅިއަރާ ހަޖޫ މާލޭ ރައްޔިތުންނާ ދިމާ އަށް ހަޑިހުތުރު ބަހުން އެއްޗިހިކިޔާ ގދ ތިނަދޫ މީހަކު މާލޭގެ އަވަށެއްގެ ގޮންޑި އަކަށް ނައީސް...ނިހާނުގެ ކިބުރު ވެތި ކަމާއި ބޮޑާކަން ނިކަން ދެކިބަލަ...އެއްވެސް ގަދަރެއް އަދަބެއް ސަދަބެއް ނެތް...އިރާދަ ކުރެއް ވިއްޔާ މާލޭ ރައްޔިތުންގެ ގޮންޑި މާލޭ ރަށް ވެއްސަކަށް ނޫނީދެނެއް ނުދޭނެ...

The name is already taken The name is available. Register?

ފިނދަނާ

28 March 2017

ކޮން ތުހުމަތެއް ކުރާކަށް. ހަމަ ފާޅުގައި.ރައީސް މައުމޫން ހުންނެވީ އެގޮތަށޭ ބަލަ.

The name is already taken The name is available. Register?

ޓަކި މޫނާ

25 March 2017

އަމިއްލަޔަށް ޕާޓީ އެއް ހެދީމަ ވީނުން. ހާދަ ލަދު ކުޑަ ބައެކޭ މީ.

The name is already taken The name is available. Register?

އުކުޅަސް

23 February 2017

ބުނަންތަ ވާހަކަ އެއް .މިހުރިހާ ދުވަހު މި ވޯޓް ދިނީ ޕާޓީގެ ވިޕް ލައިން އާ އެއް ކޮޅަށެވެ. ހުރިހާ ކަމެއްގެ ކްރެޑިޓް "ދިރުވާލަނީ "ނިހާނު އާއި އަދުރޭ އާއި އިލްހާމް އާއި ރިޔާޒް ރަޝީދު އާއި ފަލާހް އާއި މިކަހަލަ ބައެކެވެ.އަހަރެމެނަށް ވީކަމެއް ހަރާމެވެ

The name is already taken The name is available. Register?

ސަމަރުގަންދު

23 February 2017

ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރުމަށް މަސީހުގެ މޭސްތިރި ކަމުގެ ދަށުގައި 160 އެއްހާ ގާނޫނު ފާސް ކުރިއިރު، މަސީހަކީ މަޖިލިސް ތެރެއިން ސަރުކާރަށް ކޮށްދެވޭ ކަންކަމުގައި ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. ހުސްދޮގު. ފާސްކުރި ކޮންމެ ޤާބޫނަކީ ވެސް ޔައްޔިތުން ކަންބޮޑުވާ ތިމާނެމްގެ އަމިއްލަ މަސްލަޙަތު ކުރިޔަށް ނެރެވެންހުރި ޤާނޫނުތައް އެމަސްލަހަތާ އެއްގޮތަށް . ރައްޔިތުންނަށް ފައިދަ ނުވާ ޤާނޫނުތަށް އަދި ތަންފީޛުކުރަން އުނދަގޫވެހައިހުރި ޤާނޫނުތަށް ފައިލް ކޮށްފައިހުރީ

The name is already taken The name is available. Register?

މނ

09 November 2016

މީކޮންބައެއް މިމީހުންދައްކާނި ރަނދަޅުވާހަކަ ދެންތިބިޙާއްތަހާވެސްކޮހުން ދޯ

The name is already taken The name is available. Register?

އިބިރިހިން ތައްކާނު

08 November 2016

އަޅާނުލާ. މަޖިލީހުގެ ރައީސުކަމުން ބޭރުކޮއްފިނަމަ ގައުމުގެ ރައީސަށް ބުނެވޭނެއެއްނުން އެވެސް ތިމަންމަނިކުފާނަށް އެގިވަޑައިގެން އަދި ތިމަންމަނިކުފާނު ކުރުވި ކަމެކޭ. ހަމަ އޯކޭ ވާނެ.

The name is already taken The name is available. Register?

ކޭންސީ

08 November 2016

މަސީހާއި ދެކޮޅު ތުހުމަތު އެއީ ހަގީގަތަކަށް ނުވާނަމަ ރައީސް މައުމޫނު މިކަން ދޮގު ކުރައްވާ ބަޔާނެއް ނުނެރުނީ އެއީ މިކަމުގައި ހަގީގަތް އެކުލެވޭތީ ކަމަށް މަމެން ގަބޫލުކުރާނީ. މިގޮތަށް މިކަން ކުރާނަމަ އެކަމަކީ އެއީ ޖޭ ވެގެން ރައީސް މައުމޫނުގެ ފެކްޝަނުން ކުރާ ކަމެއް ކަމަށް ބެލެވެނީ. އިން ޔުއަރ އައިޒް އައި ކޭން ސީ އިޓް.

The name is already taken The name is available. Register?

ތެދު

08 November 2016

ޢަމިއްލަ ނަފްސަށް ވޯޓް ނުލެވޭ ދާއިރާއަކުން ގާސިމްގެ ހިޔަނީގައި ގޮޑިލިބުމުން ގާސިމަށްވެސް ވަފާތެރިނުވެވީ ބޭވަފާ. ޢެފަދަ މީހުން ގައުމަށްވެސް ވާނީ ބޭވަފާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454