ވިޓްކްރީ ޝިޕްރެކް ސަރަހައްދު: އެތަން ހިމާޔަތް ކުރަން ވަނީ ނިންމާފައި --- ފޮޓޯ/ހުސައިން ރަޝީދު (ސެންޑީ)
12 ފެބުރުއަރީ 2021 - 14:36
ރާއްޖޭގެ އެންމެ މަޝްހޫރު ޑައިވިން ސްޕޮޓް ކަމަށްވާ "ވިކްޓްރީ ޝިޕްރެކް" ސަރަހައްދު ހިމާޔަތް ކުރަން ނިންމައިފި އެވެ.
ވިކްޓްރީ ޝިޕްރެކަަކީ 1981 ވަނަ އަހަރު މޯލްޑިވްސް ވިކްޓްރީ ނަމަކަށް ކިޔާ ބޯޓު އަޑިއަށް ދިޔަ ސަރަހައްދެވެ. އެ ބޯޓު އަޑިއަށް ދިޔައީ މުދާ ހިފައިގެން ގާދޫކޮލުން ވަދެގެން އަންނަނިކޮށް ހުޅުލޭ ފަރަށް އަރައިގެންނެވެ. ފުން ކުރަން އުޅުމުގެ ތެރޭގައި މުދަލާ އެކު އަޑިއަށް ދިޔަ އެ ބޯޓު އޮތް ސަރަހައްދު ފަހުން ވެފައިވަނީ ރާއްޖެ އާއި ދުނިޔޭގެ ވެސް ޑައިވިންއަށް މަޝްހޫރު ސަރަހައްދަކަށެވެ.
ރައީސް އޮފީހުން ބުނީ އެ ސަރަހައްދު ހިމާޔަތް ކުރަން މިދިޔަ އަންގާރަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެއީ އެ ސަރަހައްދަކީ މިހާރު އާޓިފިޝަލް ފަރެއް ހެދިފައިވާ އަދިި މުރަކަ އާއި މަސްމަހާމެހިން މުއްސަނދިވެފައިވާ ސަރަހައްދަކަށް ވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ވިކްޓްރީ ޝިޕްރެކް ސަރަހައްދުގެ އިތުރުން ކ. ކާށިދޫ ޗަސްބިން ސަރަހައްދު ވެސް ހިމާޔަތް ކުރަން އެ ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެ ސަރަހައްދަކީ 2003 އިން ފެށިގެން ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ކަންޒުކަހަނބު ދިރިއުޅޭ ސަރަހައްދެކެވެ. ކާށިދުއަކީ ރާއްޖޭގައި ކަންޒުކަހަނބު އެންމެ ގިނައިން އުޅޭ ރަށެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މީގެކުރިން ވެެސް ބައެއް ސަރަހައްދުތައް ހިމާޔަތް ކޮށްފައިވާ ތަންތަނުގެ ގޮތުގައި އޮތީ ކަނޑައަޅައިފަ އެވެ. އެއީ މާލެ އަތޮޅުން 13 ސަރަހައްދަކާއި ހދ. އަތޮޅުން 14 ސަރަހައްދަކާއި އައްޑޫ ސިޓީގެ ހަތަރު ސަރަހައްދަކާއި ފުވައްމުލަކުން އެއް ސަރަހައްދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑައިވަރުން
12 February 2021
ނަމަކަށް ހިމާޔަތް ކުރިޔަސް އަދި ނުފުދޭ. ބ އަތޮޅު ހަނިފަރު ބަލަހައްޓާ ފަދައިން މިތަންތަން ބެލެހެއްޓުން ސަޅިވާނެ. އޮއްކޮބެ، ބަނާނާ، ނަސީމޯ ތިލަ ތަންތަން ވެސް ހުރީ ހިމާޔަތް ކޮށްފަ. ކަން ހިނގަނީ ދިމާ އިދިކޮޅަށް. ގާނޫނެއްވެސް ހަދަންވީ މިތަންތަން ހަލާކުވާ ފަދަ ގޮތަށް އަމަލުކުރީމަ އެޅޭނެ ފިޔަވަޅު ތަކާ އެއްކޮށް.