ޚަބަރު / ކޮވިޑް-19

ކޮވިޑް: ހަތަރު ހަފުތާގެ ފިޔަވަޅުތަކުން ބަދަލެއް ނައި

ޓެގުން ބުނީ ވެކްސިންގެ އަސަރު ފެންނާނީ އާބާދީގެ ވަރަށް ގިނަ ބަޔަކަށް ދެ ޑޯޒު ޖެހިގެން ކަމަށް ވާތީ އެހެން ފިޔަވަޅުތަކާ މެދު ފަރުވާކުޑަކުރެވެން ނެތް ކަމަށް.

ކޮވިޑް ޖެހޭ މީހުން މާ ބޮޑަށް އިތުރުވުމާ ގުޅިގެން މާލެ ސަރަހައްދުގައި ރޭގަނޑު ވެހިކަލް ދުއްވުން މަނާކޮށްފައި ވާތީ ބްރިޖު ސަރަހައްދުގެ ޓްރެފިކް ފުލުހުން ބަލަހައްޓަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

މާލެ ސަރަހައްދުގައި ކޮވިޑް-19 ތިންވަނަ ފަހަރަށް ކޮންޓްރޯލުން ނައްޓައި މިހާތަނަށް އެންމެ ނުރައްކާތެރި ދަރަޖަ އަށް ބަލި ފެތުރިފައި އޮތް ހާލަތަށް އެކަށީގެންވާ ބަދަލެއް ނާންނަ ކަމުގެ އިންޒާރު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ރޭ ދީފި އެވެ.

ވޭތުވެދިޔަ ހަތަރު ހަފުތާގައި ބަލި ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުގެ ނަތީޖާ ދިރާސާކުރުމަށް ފަހު ޓެގުން އާއްމުކުރި މައުލޫމާތުތައް ދައްކާ ގޮތުގައި މި ބަލީގެ ދެވަނަ ރާޅަށް ވުރެ މިހާރުގެ ހާލަތު މާ ގޯހެވެ.

"މި ފެންނަނީ މިހާރަށް އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް އަދި ނުފެންނަކަން،" ކޮންމެ ހަފުތާއަކު ފެންނަ މަތީ އަދަދުތަކުގެ ކޭސްތަކަށް އިޝާރާތްކުރައްވައި ޓެގްގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ނޫސްވެރިންނަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ރޭގަނޑު ވެހިކަލް ދުއްވުން މަނާކުރުމުގެ ފިޔަވަޅު ހިމެނެ އެވެ. ޑރ. ޝަހީދު ވިދާޅުވީ ވެހިކަލް ނުދުއްވުނަސް "މީހުންގެ މޫވްމެންޓްތަކަށް މާ ބޮޑު ބަދަލުތަކެއް އަންނަ ކަމަކަށް ފާހަގައެއް ނުކުރެވޭ" ކަމަށެވެ.

"އެއް ގެއިން އަނެއް ގެއަށް އެއް އާއިލާ އަނެއް އާއިލާ ބައްދަލުވުމާ މި ކަހަލަ ކަންތައްތައް މަދުކޮށްލަން އެބަ ޖެހޭ ހަމަ. މި ދަނޑިވަޅުގައި ހުއްޓާލަން ޖެހޭ ކަންތައްތައް މިއީ."
Avahah bodethi gina fiyavalhuthakeh alhan jehey: TAG

Avahah bodethi gina fiyavalhuthakeh alhan jehey: TAG

The most trusted news source in the Maldives

Mihaaru

މިހާރު ހުރި ފިޔަވަޅުތަކުން އެކަށީގެންވާ ބަދަލެއް ނާންނާތީ އިތުރު ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޓެގުން ދެކޭ

"ދެކެވެނީ އާދައިގެ ބައްޔެއް ކަމަށް"

ޑރ. ޝަހީދު ވިދާޅުވިގޮތުގައި ކޮވިޑަކީ އާދައިގެ ބައްޔެއް ކަމަށް ބައެއް ފަހަރު މީހުން ދެކެ އެވެ. އަދި ރަނގަޅީ ބަލި ޖެހުން ކަމަށާއި އޭރުން ދަތުރުކުރުން ފަދަ ކަންކަން ކުރެވޭނެ ކަމުގެ ވިސްނުން ވެސް ގެންގުޅެ އެވެ.

"އެކަމަކު ކޮވިޑްގައި ފާހަގަކޮށްލަން ޖެހޭ އެއްޗަކީ, ބައެއް ފަހަރު މިއީ އާދައިގެ ބައްޔެއް ނޫން އިނގޭތޯ؟" އޭނާ ވިދާޅުވި އެވެ.

ކޮވިޑަކީ ބައެއް ފަހަރު އާދައިގެ ރޯގާއެއް ފަދަ ބައްޔަކަށް ވިޔަސް އަނެއްބައި ފަހަރު، ދެ ހަފުތާގެ ތެރޭގައި ރޯގާ ރަނގަޅުވުމަށް ފަހު، ދިގު މުއްދަތުގެ ސިއްހީ މައްސަލަތައް ވެސް ކުރިމަތިވާކަން ޑރ. ޝަހީދު ފާހަގަކުރެއްވި އެވެ. ހާއްސަކޮށް ހާލު ދެރަވާ މީހުންނަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރޭގައި ފުއްޕާމޭ ފާރުވުމާއި ހިތުގެ މައްސަލަތަކާއި ނާރުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

"އެހެންވީމާ އެއްގޮތަކަށް ވެސް މިއީ އާދައިގެ ބައްޔެއް ގޮތަށް ދެކެންވާ ވަރުގެ ބައްޔެއް ނޫން. ފިޔަވަޅުތައް އަޅަން އެބަ ޖެހޭ ހަމަ ކޮންމެ މީހެއް އެ މީހެއްގެ ފަރުދީ ޒިންމާގެ ގޮތުން ވެސް،" ޑޮކްޓަރު ވިދާޅުވި އެވެ.

"މި ވަގުތު ބަލި ކޮންޓްރޯލްކުރަން ވެކްސިނަށް ބަރޯސާއެއް ނުވެވޭނެ"

ޑރ. ޝަހީދު ވިދާޅުވިގޮތުގައި ކޮވިޑާ ދެކޮޅަށް އޮތް އެންމެ ބޮޑު ރައްކާތެރިކަމަކީ ވެކްސިން ކަމަށް ވެފައި ރާއްޖޭގައި ވެކްސިން ޖަހަމުން ދިޔަޔަސް "އަޅުގަނޑުމެން ފަރުވާކުޑަވެގެން ނުވާނެ" އެވެ. އެއީ ވެކްސިނާ އެއްކޮށް ކުއްލިއަކަށް ބަލި ކޮންޓްރޯލް ނުވާނެތީ އެވެ. ޑރ. ޝަހީދު ވިދާޅުވީ "ވެކްސިނުން މުޖުތަމައު ތެރޭގައި ބަލި ފެތުރުން ކުޑަކުރުމަށް އަސަރެއް ފެންނާނީ ވެސް" ދެ ޑޯޒު ފުރިހަމަވެ އަދި އާބާދީގެ ވަރަށް ގިނަ އަދަދެއްގެ މީހުންނަށް ވެކްސިން ޖެހިގެން ކަމަށެވެ.

"އެހެންވީމާ ވެކްސިންއަކީ މި ވަގުތު ބަލި [ފެތުރުން] ކޮންޓްރޯލްކުރުމަށްޓަކައި މި ވަގުތަށް ބަރޯސާވެވޭނެ ފިޔަވަޅެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް ކޮންޓްރޯލްކުރަން، ބަލި އަވަހަށް ދެނެގަނެ އަވަހަށް އެކަހެރިވުމުގެ މުހިއްމުކަން ފާހަގަކުރައްވައި، އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޓެސްޓުކުރުމަށާއި ޕޮޒިޓިވް މީހަކާ ބައްދަލުވެފައިވާ ނަމަ ކޮންޓެކްޓް ޓްރޭސިން އަށް އެ މައުލޫމާތު ދޭން ޑރ. ޝަހީދު އިލްތިމާސްކުރެއްވި އެވެ. އެހެން ގޭގޭގެ މީހުންނާ ބައްދަލުވެ ނޫޅެން އޭނާ ގޮވާލެއްވި އެވެ.

"އެއް ގެއިން އަނެއް ގެއަށް އެއް އާއިލާ އަނެއް އާއިލާ ބައްދަލުވުމާ މި ކަހަލަ ކަންތައްތައް މަދުކޮށްލަން އެބަ ޖެހޭ ހަމަ. މި ދަނޑިވަޅުގައި ހުއްޓާލަން ޖެހޭ ކަންތައްތައް މިއީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

ޑރ. ޝަހީދު ރޭ ނޫސްވެރިންނާ ވާހަކަދައްކަވަނީ: ފިޔަވަޅުތައް އަޅާ އިރު ބޮޑަށް ފައިދާ ކުރަނީ ބޮޑެތި ގިނަ ފިޔަވަޅުތަކެއް އަވަހަށް އަޅައިގެން ކަމަށް ވިދާޅުވި.

ބަލި ފެތުރޭ މިންވަރު ވަޒަންކުރަން ބޭނުންކުރާ ބައެއް މިންގަނޑުތަކުން ހާލަތު ދައްކާ ގޮތް ޑރ. ޝަހީދު ކިޔައިދެއްވި އިރު، ހަފުތާއަކު ފެންނަ ކޮވިޑް ކޭސްތަކާއި އަލާމާތްތައް ހުރި މީހުންގެ ތެރެއިން ޕޮޒިޓިވްވާ އަދަދާއި ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ ވަރަށް ބަލިވާ މީހުން އަދިވެސް ވަރަށް ގިނަ އެވެ.

1. ހަފުތާއަކު ޕޮޒިޓިވްވާ އަދަދު

ކޮވިޑްގެ ދެވަނަ ރާޅުގައި ހަފުތާއެއްގެ މައްޗަށް އެންމެ ގިނައިން ފެނިފައި ވަނީ 971 ކޭހެވެ. އެކަމަކު ތިންވަނަ ރާޅުގައި އެއް ހަފްތާ އިން 1000 އަށް ވުރެ ގިނަ ކޭސް ވެސް ފެނިއްޖެ އެވެ. ދެވަނަ ރާޅުގައި ކޭސްތަކުގެ އަދަދު 900 އަށް ވުރެ މަތީގައި ހުރީ ދެ ހަފުތާއަކު އެވެ. އެކަމަކު މި ރާޅުގައި ކޭސްތައް 900 އަށް ވުރެ މަތީގައި ހުންނަތާ ހަތަރު ހަފުތާ ވެއްޖެ އެވެ. ޑރ. ޝަހީދު ވިދާޅުވީ ދެވަނަ ރާޅެކޭ އެއްފަދަ ފިޔަވަޅުތަކެއް މިދިޔަ ހަތަރު ހަފުތާ ތެރޭގައި އެޅި ނަމަވެސް މި ރާޅަށް މާ ބޮޑު ބަދަލެއް އަންނަ ކަމުގެ ނިޝާނެއް ނުފެންނަ ކަމަށެވެ.

ހަފްތާއަކު ޕޮޒިޓިވްވާ އަދަދު ދައްކައިދޭ ޗާޓެއް

ތިންވަނަ ރާޅުގައި ކުއްލިއަކަށް އެހާ ބޮޑަށް ބަލި ފެތުރިގެންދިޔަ މައިގަނޑު ސަބަބަކީ އިނގިރޭސި ވިލާތުން ފެނުނު، ބާރަށް ފެތުރޭ ވައްތަރުގެ ކޮވިޑް ވައިރަސް ރާއްޖޭގައި އުޅޭތީ ކަމަށް މާހިރުން ކުރިން ބުނެފައިވެ އެވެ. މި ފަހަރު ކޮވިޑް ކޮންޓްރޯލުން ނެއްޓީ ކޭސްތައް މަދުވުމުން ދަތުރުފަތުރަށާއި އެއްވެ އުޅުމަށް ދިން ލުއިތަކަށް ފަހުގަ އެވެ. ފިޔަވަޅުތަކަށް އަމަލު ނުކުރާ މީހުންނާ ދޭތެރޭ ފިޔަވަޅުއެޅުން ވަރުގަދަ ކުރީ ވެސް ބޮޑަށް ބަލި ފެތުރެން ފެށުމުންނެވެ.

2. އަލާމާތްތައް ހުރެ ޕޮޒިޓިވްވާ މީހުން

އަލާމާތްތައް ހުރެގެން ކޮވިޑަށް ޓެސްޓުކުރާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ނުވަތަ ފްލޫ ޕޮޒިޓިވިޓީ ޖެނުއަރީ ދެވަނަ ހަފުތާ އިން ފެށިގެން އަދިވެސް ހުރީ ފަސް ޕަސެންޓަށް ވުރެ މަތީގަ އެވެ.

އަލާމާތްތައް ފެނުމުން ޓެސްޓުކުރަން ދާ މީހުން ވަނީ މަދުވެފައި

"މީގެން މި ދައްކައިދެނީ އަދިވެސް ކޮންޓްރޯލް ވުމެއް ނެތި, ގިނަ އަދަދަކަށް ކޮވިޑް-19ގެ ވައިރަސް ފެތުރެމުންދާ ކަން،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އަލާމާތްތައް ހުރި ޕޮޒިޓިވް މީހުން ދެވަނަ ރާޅަށް ވުރެ މިހާރު މަދު ނަމަވެސް އެ ގޮތަށް ދައްކަނީ އެފަދަ މީހުން ޓެސްޓުކުރަން ދާ މިންވަރު މަދުވުމުން ކަމަށް ލަފާކުރެވެ އެވެ.

"އެހެންވީމާ މީގެން އަޅުގަނޑުމެންނަށް މި ބެލެވޭ އެއްޗަކީ މި ބައްޔާ ދޭތެރޭގައި މީހުން ސަމާލުވާ މިންވަރު މިހާރު ކުޑަވެފައި މި ވަނީ. ވަރަށް ބޮޑަށް އާދައިގެ ބައްޔެކޭ, މި ގޮތަށް ހީވެފައި މި އޮންނަނީ،" ޑރ. ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލޫ ކްލިނިކަށް ދައްކައިގެން ނުވަތަ ވޮލަންޓަރީ ޓެސްޓިން ސެންޓަރުތަކަށް ގޮސްގެން ޓެސްޓުކުރާ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވޭ ކަމަށާއި އެހެންކަމުން ފްލޫ ޕޮޒިޓިވިޓީ ކުރިއަށް ވުރެ މާ ބޮޑަށް ދަށް ކަމަށް ނުބެލެވޭނެ ކަމަށެވެ.

3. އެޑްމިޓްކުރާ މީހުން

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް މިހާރު ވަރަށް ގިނަ އެވެ. އެޑްމިޓްކުރަން ހުރި އެނދުތައް ފުރެން ކައިރިވެ، އެޑްމިޓްކުރާނީ ކޮން ކަހަލަ މީހުންނެއްތޯ ކަނޑައަޅާ މިންގަނޑަށް ބަދަލު ގެންނަން ވެސް ވަނީ ޖެހިފަ އެވެ.

ޑރ. ޝަހީދު ވިދާޅުވީ "އޭގެ މާނައަކީ ހާލު ދެރަ މީހުން އޮބްޒާވްކުރުމެއް ނެތި ގޭގައި ބަހައްޓާ ވާހަކައެއް ނޫން" ކަމަށާއި އެކަމަކު މިހާރު މޮނިޓަރިންއާ އެކު ގޭގައި ހައި ރިސްކު މީހުން ވެސް ބައިތިއްބާ ކަމަށެވެ.

އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި

އެޑްމިޓްކުރާނެ މީހުން ކަނޑައަޅާ މިންގަނޑު ބަދަލު ކުރިޔަސް އެނދުތައް ފުރޭ އަދަދު ދަށަށް ނުދާތީ އެހެން ބަދަލެއް ވެސް ގެނެސްފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ކުރިން ނަމަ އެޑްމިޓްކުރާ މީހުން 14 ދުވަސް ވަންދެން ހޮސްޕިޓަލުގައި ބައިތިއްބަ އެވެ. އެކަމަކު މިހާރު، ބަލިމީހާގެ ހާލު ރަނގަޅިއްޔާ, ގޭގައި މޮނިޓަކުރެވޭނެ ފަދަ މީހުން އެއަށް ވުރެ އަވަހަށް ގެ އަށް ފޮނުވާލަ އެވެ.

4. މި މަހު އަށް މަރު

ތިންވަނަ ރާޅާ އެކު، މަރުވާ ރޭޓު ވެސް ވަނީ މަތިވެފަ އެވެ. ކޮވިޑް ޖެހިގެން މިދިޔަ ޑިސެމްބަރުގައި ދެ މީހުން އަދި މި އަހަރުގެ ޖެނުއަރީގައި ހަތަރު މީހުން މަރުވި އިރު މި މަހުގެ މިހާތަނަށް އަށް މީހުން މަރުވެއްޖެ އެވެ.

މި ފަހުން މަހަކު މީހުން މަރުވެފައިވާ އަދަދުތައް

ޑރ. ޝަހީދު ވިދާޅުވިގޮތުގައި އިންޑިކޭޓާތަކުން ދައްކަނީ ބަލި ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކުން އެކަށީގެންވާ ނަތީޖާއެއް ނުފެންނަ ކަމަށެވެ. އެހެންވެ، އޭނާ ވިދާޅުވީ، އިތުރު ފިޔަވަޅުތަކެއް ނާޅައިފި ނަމަ މި ހާލަތު ގިނަ ދުވަސްތަކަކަށް ދެމިގެން ހިނގައިދާނެތީ އަވަހަށް ބޮޑެތި ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

"މިހާރު މި އަޅާފައިވާ [ފިޔަވަޅުތައް] މި މިންގަނޑުގައި ދަމަހައްޓައިފި ނަމަ ނުވަތަ ދެމެހެއްޓިއްޖެއްޔާ, މާނައަކީ އިތުރު ފިޔަވަޅުތަކެއް ނާޅާ މި ގޮތަށް ގެންދިޔުމުން އަދަދުތައް މަތީގައި އަދި ވަރަށް ގިނަ ދުވަސް ހުންނާނެ ކަމަށް ބެލެވޭ," ޑރ. ޝަހީދު ވިދާޅުވި އެވެ.

"އެހެންވީމާ އަވަހަށް ގިނަ ކަންތައްތަކަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް މި ދަނޑިވަޅުގައި ފާހަގަކުރެވޭ."

ތިންވަނަ ރާޅު ކޮންޓްރޯލްކުރަން މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުގެ އިތުރުން، ކެފޭ އަދި ރެސްޓޯރެންޓުތަކަށް ދިޔުން މަދުކުރުމުގެ ފިޔަވަޅެއް ރޭ ވަނީ އިއުލާންކޮށްފަ އެވެ. ހޮނިހިރުދުވަހުން ފެށިގެން ހަތް ދުވަސް ވަންދެން، މާލެ ސަރަހައްދުގެ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގައި ތިބެގެން ޚިދުމަތް ހޯދޭނީ ރޭގަނޑު އަށެއް ޖަހަންދެނެވެ. އަދި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ރޭގަނޑު 10:30ގައި ހުއްޓާލަން ޖެހޭނެ އެވެ.

އޭގެ އިތުރުން، އޮފީސްތަކުގެ މުވައްޒަފުން އޮފީހަށް ނުކުމެގެން ކޮންމެހެން ކުރަން ޖެހޭ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތްތައް ގޭގައި ތިބެގެން ކުރާ ގޮތަށް ހަމަޖައްސާ ވާހަކަ ވެސް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭ ވިދާޅުވި އެވެ. އެއީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ވެސް ހިމެނޭ ގޮތަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ކޭސްތައް ދާ ގޮތަށް ބަލާފައި މިއާ އެއްކޮށް ވެސް އަދި އިތުރު ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އޮންނާނެ، ކޭސްތައް ދަށަށް ނުދާ ކަމަށް ވާ ނަމަ،" އޭނާ ވިދާޅުވި އެވެ.

މާލެ އޮތީ އަނެއްކާވެސް ލޮކްޑައުންއެއް ގެންނަން ޖެހޭ ފަދަ ނުރައްކާތެރި ހާލަތެއްގައި ކަމަށާއި އެކަމަކު ލޮކްޑައުންއަކަށް ދާން އިގްތިސޯދު ތަން ނުދޭތީ ސަރުކާރުން މަސައްކަތްކުރަނީ އެހެން ގޮތްގޮތުން ބަލި ކޮންޓްރޯލްކުރަން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

19 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 40%
icon angry icon angry 40%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމޭ

26 February 2021

އަމާ ބުނީތީ ފަރަށްދާ އުސޫލުން ފިޔަވަޅު އެޅިޔަސް ބަދަލެއް ނާންނާނެ. ފައިމަގުގައި މީހުން ހިނގަނީ ތޮއްޖެހިގެން. ހަގީގަތުގައި ރޯގާ އެންމެ އަވަހަށް ފެތުރޭނީ އެހެން. އެޅި ފިޔަވަޅަކީ ދުއްވާ އެއްޗެތި މަނާ ކުރުން. އާހިރުގައި އެކަން މިވީ ކުރި ޖެއްސުމަކަށް.

The name is already taken The name is available. Register?

ބުރުވާލި ބާގިރުގެ ސިޔާސީ މާވަހަރު

26 February 2021

ރައްޔިތުން ވާ ބަސްއަހާތާ. ކޮވިޑުގެ ހޫނު އެންމެގަދަވެގެންދިޔަދުވަސްވަރު ބަޖެޓުނޮޅާލުމުގާ ބަޔަކު އަވަދިނެތިއުޅުނީ. ރައްޔިތުން ވާ ބަސްއަހާތީތާ ޗުއްޕުވެސް ނުބުނެ މިހެން މަޑުމަޑުން މިހުންނަނީ.

The name is already taken The name is available. Register?

ފެންވަރ

26 February 2021

އެޗް.ޕީ.އޭ ޓުވިޓަރ އެކައުންޓުގައި ޑރ. މުހައްމަދު އަލީގެ ވީޑިއޯ ކުލިޕްގައި އޭނަ ހިނި އަންނަ ގޮތް ފެނިފައި މިގައުމުގެ ޑޮކްޓަރުންގެ ވިސްނުން ހުރި ގޮތް ސާފުވޭ. ވަރަށް ގިނަ ގައުމުތަކުގެ ޑޮކްޓަރުން ކޮވިޑްގެ އެކިކަންކަމާ ގުޅޭ ގޮތުން އެކި ގައުމުތަކުގައި މައުލޫމާތު ދޭތަން ފެނިއްޖެ އެކަމަކު މިހާ ދަށު ދަރަޖައިގެ ގޮތަކަށް އެކަން ކުރާތަނެއް އަދި ނުފެނޭ. ކިތަންމެ މޮޅު ފާހައް އޮތަސް މީހާގެ ފޯމޭޓިވް އިޔަރސް ގައި ރަގަޅު ވެލިއުސް ދަސްނުކޮށްދިނުމގެ ނަތީޖާ ފެނުނީ.

The name is already taken The name is available. Register?

އަހްމަދުހު

26 February 2021

ވެކްސިން ޖަހަން ނުފަށާއިރު މާރަނގަޅު.

The name is already taken The name is available. Register?

ހަގީގަތް

26 February 2021

ފުރަތަމަ ކަމަކަށް ކޮވިޑް ވެކްސިންގެ އިތުބާރު ހިފޭ އެހެން ވެކްސިން ވެސް ރާއްޖެ ގެންނަންޖެހޭ! ސަބަބަކީ، ޓެގް ޓީމުން ފޮރުވައިގެން ތިބެފައި ޢަދަދުތައް މަތިވަމުން ގޮސް ދެން ގޮތެއް ނެތުނީމާ ރައްޔިތުންގާތު ބުނީ 66 ޕަސަންޓު ބާރަށް ފެތުރޭ ވޭރިއަންޓާއެކު 4 ވޭރިއަންޓު ރާއްޖޭގައި އުޅޭ ވާހަކަވެސް! ޢަދަދުތައް 100 އިން މަތީގައި ހުއްޓާ ޔޫކޭން އައި މީހުންތަކާ އިންޑިޔާއިން އަންނަމުން ދިޔަ މީހުންތައް ވެސް ކޮރަންޓީނާ ނުލާ މާލެ ސަރަހައްދަށް ދޫކުރަމުން ދިޔައީ! ސަރުކާރާ ކުންފުނިތަކުގެ މީހުންތައް ވެސް ރަށްރަށަށް "ސަރުކާރު" މަސައްކަތަށް ދާން ހުއްދަ ދެމުން ދިޔައީ! އަނެއްކާ މާޒީގައި ގައުމަށް ދިމާވި މިކަހަލަ ހުރިހާ ކަމެއްގެ އިސް ސަފުގައި އުޅުނީ ފުލުހުންނާ ސިފައިން! މިހާރު އެހެންތަ! ކޮވިޑް ކޮންޓްރޯލުކުރާށޭ ކިޔާފައި ދަރުބާރުގޭގައި އުޅެނީ ތަޖުރިބާ ނެތް ސާޅީހަކަށް މީހުންނޭ ބުންޏަސް ދޮގަކަށް ނުވާނެ!

The name is already taken The name is available. Register?

މިރާޒް

26 February 2021

އަދި މި ވިސްނަނީ ވެކްސިން ޖަހަންދާން، އެކަމަކު މިހާރު އެބަހީވޭ ވެކްސިން ޖެހުމަކުންވެސް މި ޓެގް ގްރޫޕް ކިބައިން ސަލާމަތް ނުވެވޭނެހެން. ކޮރޯނާޔަށްވުރެ ނުރައްކާ.

The name is already taken The name is available. Register?

މިވަރެއްނެތް

26 February 2021

އޯލް ޑްރާމާ. އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަށް ވެކްސިންޖެހިއިރުވެސް ކުރިއެރުމެއް ނުލިބެޔޭ ބުނާ ހަމައެކަނި ގައުމަކީ މިދިވެހިރާއްޖޭ! އެހެން ހުރިހާ ގައުމެއްގައިވެސް ވެކްސިންޖަހާ ނިސްބަތުން އަދުތައް ދަށްވެ ހޮސްޕިޓަލަށް އެޑްމިޓްކުރަންޖެހޭ މިންވަރު ދަނީ ދަށަށް! މިހެންވީމަ ފެށުނީއްސުރެން މިބުނަނީ ތި ތަފާސްހިސާބަކަށް މަގޭ އެއްވެސް އިތުބާރެއްނެތޭ؟ މުޅިދުނިޔެއާ އިދިކޮޅަށް ރާއްޖެ ދާންވީ ސަބަބަކީ އަރަތެއް ދޯ؟

The name is already taken The name is available. Register?

ކޮވިޑް

26 February 2021

ބާރަށް ފެތުރޭ ވައްތަރުގެ ކޮވިޑް ވައިރަސް

The name is already taken The name is available. Register?

ސަސި

26 February 2021

ގެއަކުން އެކަކު ޕޮޒިޓިވްވީމަ އޭނަވެސް މި ބަހައްޓަނީ ގޭގަ، ދެން އެންމެން އެކުވެގެން މުޅި ގެއަށް ފެތުރެންވީ

The name is already taken The name is available. Register?

އެލެކްސް އަހަންމަދު

26 February 2021

ބަލަ ރޭގަނޑާދުވާލު ހިއްޓުމެއްނެތި ބޫންބޫންލާފާ ދުއްވާމީހުން އެހެރަދުއްވަނީ. މަށަށްނޫނީ އެމީހުން ފެންނަކަމަކަށްނުވޭ. ބަލަ އެއީ ޖިންނިތަކެއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454