ލައިފްސްޓައިލް / ކުޑަކުދިން

ފޯޓްނައިޓް ޓީމަކަށް 8 އަހަރުގެ ކުއްޖެއް 33،000 ޑޮލަރަށް

"ޓީމް 33" ގެ ކޮންޓްރެކްޓްގެ ދަށުން ބޯނަސް އަށް 33،000 ޑޮލަރު ޖޯސެފަށް ލިބުނު

ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް އޮންނަ ވީޑިއޯ ގޭމް ފޯޓްނައިޓް ކުޅޭ އެމެރިކާގެ ޓީމަކަށް 8 އަހަރުގެ ފިރިހެން ކުއްޖަކު ކޮންޓްރެކްޓެއްގެ ދަށުން ސޮއިކޮށްފިި އެވެ.

ކެލިފޯނިއާގެ އީ-ސްޕޯޓްސް ޓީމް "ޓީމް 33" އަށް ކޮންޓްރެކްޓެއްގެ ދަށުން ސޮއިކުރީ ކެލިފޯނިއާ ޖޯސެފް ޑީން އެވެ. އޭނާ ޓީމަށް ސޮއިކުރުމާ އެކު ބޯނަސް އަގެއްގެ ގޮތުގައި 33،000 ޑޮލަރު ދީފައިވެ އެވެ. މިއާ އެކު ޖޯސެފްވެފައި ވަނީ މިހާތަނަށް ދުނިޔޭގައި އެންމެ ޅަ އުމުރުގައި ވިޑީއޯ ގޭމް ކުޅޭ ޓިމަކަށް ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި ކޮންޓްރެކްޓެއްގެ ދަށުން ސޮއިކުރި ދެވަނަ ކުއްޖާއަށެވެ.

އެ ރެކޯޑް ހެދި ފުރަތަމަ ކުއްޖަކީ "ލިޓްލް ޕޮއިޒަން" ގެ ނަމުން މަޝްހޫރުވި އެމެރިކާގެ ވިކްޓާ ޑި ލިއޯން 3 އެވެ. އޭނާ ޓީމަކާ އެކު 2005 ގައި ކޮންޓްރެކްޓެއް ހެދި އި އިރު އުމުރަކީ 7 އެވެ.

ޖޯސެފަކީ ކޮންޓްރެކްޓެއްގެ ދަށުން ފޯޓްނައިޓްގެ ޓީމަކަށް ސޮއިކުރި ފުރަތަމަ ކުއްޖާ އެވެ.

"ޓީމް 33" އަށް ޖޯސެފް ގެނައުމާ ބެހޭ ގޮތުން އެ ޓީމުން ބުނީ ކުއްޖާ ޓީމަށް ނަގަން ނިންމީ އޭނާގެ ހުނަރު ފެނިގެން އެ ވާހަކަ މީހެއްގެ ފަރާތުން އެނގިގެން ކަމަށެވެ. އެގޮތުން ޓީމްގެ މެމްބަރުންނާ އެކު "ވަން-ޓު-ވަން" މެޗްތަކެއް ކުޅެން ޓީމްގެ ހެޑްކުއާޓަރަށް ދާން މިދިޔަ ޑިސެމްބަރު މަހު ދައުވަތުދީގެން ގެންދިއުމުން ޖޯސެފް ވަނީ ޓީމް ހައިރާންކޮށްލި ނަތީޖާތަކެއް ދައްކައިފަ އެވެ.

ޖޯސެފް.

"އޭނާގެ ހުނަރު ފެނިފައި ޓީމަށް ނަގަން ނިންމީ. އަހަރެމެންނަށް ގަބޫލުކުރެވުނީ އެ އުމުރުގައި ކޮންޓްރެކްޓެއް ހަދައިގެން ކުރިއަށްދާން ފުރުސަތު ހޯދައިދީފި ނަމަ ފުރާވަރަށް ނުވަތަ ޒުވާން އުމުރަށް އަޅާއިރު، ޖޯސެފް ދުނިޔޭގެ ވަރުގަދަ ތަރިއަކަށް ވާނެކަން،" ޓީމް 33 ގެ ބާނީންގެ ތެރޭގައި ހިމެނޭ އެ ޓީމްގެ ޗީފް އެކްޒެކެޓިވް ޓައިލާ ގަލާގާ ބުންޏެވެ.

މިހާތަނަށް ބޭއްވި ފޯޓްނައިޓްގެ ހަމައެކަނި ވޯލްޑް ކަޕް 2019 ގައި ކާމިޔާބުކޮށްފައި 16 އަހަރުގެ ކުއްޖެކެވެ. އެއީ ބޫގާގެ ނަމުން މަޝްހޫރު ކައިލް ގާޒްޑޯފެވެ. އޭނާ އަށް މުބާރާތުން އިނާމަކަށް ތިން މިލިއަން ޑޮލަރު ލިބުނެވެ.

ފޯޓްނައިޓްގެ މުބާރާތްތަކުގައި ރަސްމީކޮށް ވާދަކުރުމުގެ ފުރުސަތު އާންމުކޮށް ލިބެނީ 12 އަހަރުން މަތިވާ ފަހުންނެވެ. އެހެނވެ "ޓީމް 33" އަށް ރަސްމީކޮށް މެޗްތައް ކުޅުމުގެ ކުރިން ޖޯސެފަށް ހަތަރު ވަރަކަށް އަހަރު މަޑުކުރަން ޖެހޭނެ އެވެ. އެކަމަކު ފައިސާގެ އިނާމު ނުލިބޭ ކުދިކުދި މުބާރާތްތަކުގައި އޭނާ އަށް ވާދަކުރެވޭނެ އެވެ.

ޓީމުން ލިބުނު ފުރުސަތާ ބެހޭ ގޮތުން ޖޯސެފް ބުނީ އޭނާ އަބަދު ވެސް ބޭނުން ވަނީ އީސްޕޯޓްސް ކުޅޭ މީހަކަށްވާން ކަމަށެވެ.

"ބޫގާ ކަހަލަ ތަރިއަކަށްވާން އަހަރެން ބޭނުން ވަނީ. އެންމެ ބޮޑު އިންސްޕިރޭޝަނަކީ ވެސް އެއީ. އޭނާ ސޯޅަ އަހަރުގައި ފޯޓްނައިޓް ވޯލްޑް ކަޕް ކާމިޔާބުކުރުމާ ހަމައަށް އެއްވެސް މީހަކު ގަބޫލެއް ނުކުރޭ އެކަން ވެދާނެ ކަމަކަށް. ހަމަ އެގޮތަށް މި އުމުރުގައި އަހަންނަށް ޓީމެއްގެ ކޮންޓްރެކްޓެއް ލިބޭނެ ކަމަކަށް އެއްވެސް މީހަކު ސީރިއަސްކޮށް ގަބޫލެއް ވެސް ނުކުރާނެ،" ޖޯސެފް ބުންޏެވެ. "އެކަމަކު އެ ދެކަންތައް ވެސް އެއޮތީވެފައި. އެހެންވީމާ ހުނަރުން ކުރިއަށް ދެވޭނެ ކޮންމެ މީހަކަށް ވެސް."

ޖޯސެފް.

ޕިއާނޯ ކުޅެން ވެސް ހާއްސަ ޝައުގުވެރިކަމެއްދޭ ކުއްޖާ ބުނިގޮތުގައި އޭނާ ފޯޓްނައިޓް ކުޅެން ފެށީ އުމުރުން އެންމެ 4 އަހަރުގަ އެވެ. އަދި ޕިއާނޯ ކުޅުމަކީ ގޭމަށް ފަރިތަވާން ހުޅުވުނު ދޮރެއް ކަމަށް ވެސް ބުންޏެވެ.

"ކީބޯޑް ކޮންޓްރޯލްކުރުމުގެ ހުނަރު އަސްލު ދަސްވީ ޕިއާނޯގެ ތެރެއިން. މީގެ ފައިދާ މިހާރު ފެންނަނީ ފޯޓްނައިޓް ގޭމް ކުޅޭ އިރު." ޖޯސެފް ބުންޏެވެ.

"ޓީމް 33" އާ އެކު އެއްބަސްވުމާ ބެހޭ ގޮތުން ޖޯސެފް މަންމަ ޖިޖީ ބުނީ އެކަމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވި ކަމަށެވެ. ސަބަބަކީ އެހާ ތުއްތު ކުއްޖަކަށް އަގު ލިބޭ ގޮތަށް ކޮންޓްރެކްޓް ހެދުމުން އެ ކުއްޖާގެ މުޅިން ގޭމަށް ހުސްވެ، ކިޔެވުމަށް ހުރަސްއެޅިދާނެތީ އެވެ.

"އެކަމަކު ޓީމަކާ ހެދި ކޮންޓްރެކްޓަކު ނެތް މާ ހަރުކަށި އުސޫލުތަކެއް. ވަރަށް ފްލެކްސިބަލްކޮށް އޭތި އޮތީ. އެހެންވީމަ އަބަދު ގޭމްގެ ތެރޭގައި އުޅޭކަށް ދަރިފުޅަކަށް މަޖުބޫރެއް ނޫން." އޭނާ ބުންޏެވެ.

ޖޯސެން ފިއާނާ ކުޅެނީ.

ޖިޖީ ކިޔައިދިން ގޮތުގައި އަބަދު ވެސް ޖޯސެފަށް ގޭމް ކުޅެން ފުރުސަތު ދެނީ ކިޔެވުމާއި އެ އުމުރުގެ އެހެން ކުދިން ވެސް ކުރާ ކަންކަމަށް ބުރޫނާރާ ގޮތަށެވެ.

"އެގޮތުން ގޭމް ކުޅެން މި ދެނީ ކޮންމެ ދުވަހަކު ވެސް ދެތިން ގަޑިއިރު. ދެން ހަފުތާ ބަންދުގައި ވަގުތު އިތުރުކޮށްދެން،" ޖިޖީ ބުންޏެެވެ. "އެހެންވީމާ ޓީމަކާ އެކު ކޮންޓްރެކްޓެއް ހެދުމަކުން ދިމާވާނެ އެއްވެސް އިޝޫއެއް ނެތް."

އޭނާ ބުނީ "ޓީމް 33" އިން ކޮންޓްރެކްޓްގެ ބޯނަހުގައި ލިބުނު ފައިސާ ބަހައްޓާނީ ރައްކާކޮށްފަ އެވެ. އަދި އެ ބޭނުންކުރަން ފަށާނީ ދަރިފުޅު ފުރާވަރަށް އެރުމުން ކަމަށް ޖިޖީ ބުންޏެވެ.

ޖޯސެފްގެ އެންމެ ބޮޑު ހުވަފެނަނީ އީސްޕޯޓްސްގެ ދުނިޔޭގެ ޗެމްޕިއަނަކަށްވުމެވެ.

0 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454