24 މާޗް 2021 - 13:58
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ޚާން ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.
އޭނާގެ ތަރުޖަމާނު މީޑިއާތަކަށް ބުނީ އާމިރު މި ވަގުތު ހުރީ ގޭގައި އަމިއްލަ އަށް ކަރަންޓީނުވެގެން ކަމާށާއި ބަލިވި އިރު އޭނާއާ އެންމެ ގާތްކޮށް އުޅުނު އެންމެން ވެސް ޓެސްޓްކޮށް މިހާރު ތިބީ އަމިއްލަ އަށް އެކަހެވެރިގެން ކަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވި އިރު އާމިރު، 56، އަންނަނީ މި އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާ ފިލްމު "ލާލް ސިންގް ޗައްޑާ" ގެ މަސައްކަތްކުރަމުންނެވެ. އެ ފިލްމުގެ ވަރަށް ބޮޑު ބައި ޝޫޓްކޮށް ނިންމައި، ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. ފިލްމަށް މުޅިން ފޯކަސްކުރުމުގެ ގޮތުން އާމިރު ދާދި ފަހުން ވަނީ މޮބައިލް ފޯނާއި ސޯޝަލް މީޑިއާއާ ބޭނުންކުރުން ވެސް ހުއްޓާލައިފަ އެވެ.
މި ފަހުން ކޮވިޑަށް ޕޮޒިޓިވްވި ބޮލީވުޑްގެ މަޝްހޫރު މީހުންގެ ތެރޭގައި ރަންބީރް ކަޕޫރާއި ކާތިކް އާރިޔަނާއި ސިދާންތު ޗަތުރަވެދީ އާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހިމެނެ އެވެ. ނަމަވެސް ބަންސާލީ މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މިދިޔަ އަހަރު ވެސް ބޮލީވުޑްގެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނެވެ. އޭގެ ތެރޭގައި އަމީތާބް ބައްޗަނާއި އައިޝްވާރިއާ ރާއީ އާއި އަބީޝެކް ބައްޗަނާއި އަރުޖުން ކަޕޫރާއި ވަރުން ދަވަނާއި ނީޓޫ ސިންގް އާއި ކްރިތީ ސެނަން ރަކުލް ޕްރީތު އާއި މަލައިކާ އަރޯރާ އަދި ޑައިރެކްޓަރު އާނަންދު އެލް ރާއީ ފަދަ މީހުން ހިމެނެ އެވެ.
އިންޑިއާގައި މި ދޭތެރެ އިން ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް މަދުވުމަށް ފަހު މިހާރު އަނެއްކާ ވެސް ކަންބޮޑުވާ މިންވަރަށް ކޭސްތައް ދަނީ އިތުރުވަމުން ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.
#HAATHIMERESAATHI POSTPONED... #Eros has pushed ahead the release of #HaathiMereSaathi due to #Covid19 situation... However, the #Tamil and #Telugu versions will release this Friday [26 March 2021], as scheduled... OFFICIAL STATEMENT... pic.twitter.com/NlhVwvgUjT
— taran adarsh (@taran_adarsh) March 23, 2021
މިކަމާ ގުޅިގެން މިހާރު ބައެއް ސަރަހައްދުތަކުގެ ސިނަމާތަކުގައި ފިލްމު އެޅުވުން ވެސް ފަސްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ފިލްމަކީ އަންނަ ހުކުރު ދުވަހު ރިލީޒްކުރަން އޮތް ރާނާ ދަގޫބަތީގެ "ހާތީ މޭރޭ ސާތީ" އެވެ. މިދިޔަ އަހަރު ނެރެން އުޅުނު އެ ފިލްމަކީ ކޮވިޑާ ހެދި މި އަހަރަށް ފަސްކުރި ފިލްމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy