11 އެޕްރީލް 2021 - 08:11
އެމެރިކާގެ މަޝްހޫރު ސެލެބްރިޓީ އާއިލާގެ ޝޯ "ކީޕިން އަޕް ވިތު ދަ ކާޑޭޝަންސް" ގެ 20 ވަނަ ސީޒަނާ އެކު މި އަހަރުގެ ފަހުކޮޅު އެ ނިންމައިލުމަށް ފަހު، އެ އާއިލާގެ އާ ޝޯއެއް ގެނެސްދޭނެކަން އިއުލާންކޮށްފި އެވެ.
އިހަށް ދުވަހު ބިލިއަނަރެއްގެ ދަރަޖަ ލިބުނު ކިމް ކާޑޭޝަން އެ ވާހަކަ ޓްވިޓާގައި ހިއްސާކޮށް ބުނީ އެ މީހުންގެ އާއިލީ އާ ޝޯ ގެނެސްދޭނީ ސްޓްރީމިން ޕްލެޓްފޯމް ހޫލޫ އިން ކަމަށެވެ. އެކަމަކު އެއާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ. ނަމަވެސް ކިމްގެ މަންމަ ކްރިސް ޑަބްލިއެސްޖޭ މެގަޒިނަށް ބުނެފައިވާ ގޮތުގައި އާ ޝޯގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެން ދާނެ އެވެ.
ހޫލޫ އާއި ކާޑޭޝަން އާއިލާއާ ދެމެދު މަލްޓި-އިޔާ އެއްބަސްވުމެއް ހަދާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
We won’t be gone long!! Our new show on @hulu will be coming after the final season https://t.co/ByED1rcvVp
— Kim Kardashian West (@KimKardashian) April 9, 2021
"އަހަރެން މާ ގިނަ ދުވަހު ދުރަކު ނުތިބޭނަން. ކީޕިން އަޕް ވިތު ދަ ކާޑޭޝަންގެ ފަހު ސީޒަނަށް ފަހު އަހަރެމެންގެ އާ ޝޯއެއް އަންނާނެ،" ފިރިމީހާ މިއުޒިޝަން ކަންޔޭ ވެސްޓްގެ ގާތުން ވަރިވާން ކޯޓަށް ހުށަހަޅާފައިވާ ކިމް ބުންޏެވެ.
އީ! އިން ގެނެސްދޭތާ 14 އަހަރު ފަހުން "ކީޕިން އަޕް ވިތު ދަ ކާޑޭޝަންސް" ނިންމައިލާ ވާހަކަ އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ. ނަމަވެސް ފަހު ސީޒަން ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy