ކޮވިޑަށް ޓެސްޓު ކުރުމަށްޓަކައި ސާމްޕަލް ދޭ މީހުންގެ އަދަދު މަދުވުމުން އެ ރަށު ކައުންސިލުން ކަންބޮޑުވޭ. ރަށް އަލުން ހުޅުވޭނީ ވެސް ވީހާ ގިނަ ބަޔަކު ޓެސްޓުކޮށް، ބަލި ނެތްކަން ޔަގީންވުމުން.
ކ. ދިއްފުށީ އަތިރިމަތި: އެ ރަށް އަދިވެސް އޮތީ މޮނިިޓަރިންއަށް ލާފައި
18 އެޕްރީލް 2021 - 12:15
ކޮވިޑް-19 ފެނިގެން އަރައިފޭބުން މަނާކޮށްފައިވާ ކ. ދިއްފުށިން، ކޮވިޑަށް ޓެސްޓު ކުރުމަށް ރަށުތެރެއިން މީހުން ސާމްޕަލް ނުދޭ މައްސަލަ ބޮޑުވެއްޖެ އެވެ.
ދިއްފުށި މޮނިޓަރިން އަށް ލީ، މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެއީ ކޮވިޑް އޮތް ރ. އުނގޫފާރަށް ދަތުރުކޮށްފައި ދިޔަ އެ ރަށުގެ މީހަކު ޕޮޒިޓިވްވުމުންނެވެ. އޭގެ ފަހުން ގާތްގަނޑަކަށް 130 މީހުންނަށް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ.
ދިއްފުށީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސާޖިދު މިއަދު ވިދާޅުވީ، މި ފަހަކަށް އައިސް، ކޮވިޑަށް ޓެސްޓު ކުރުމަށް ރަށުން ރެންޑަމްކޮށް ސާމްޕަލް ދެނީ ވަރަށް މަދު މީހަކު ކަމަށެވެ. އެކަމަކު، ރަށަށް އަރައިފޭބުމަށް އަލުން ހުއްދަ ދެވޭނީ، ރެންޑަމްކޮށް ގިނަ ބަޔަކު ޓެސްޓުކޮށް، މުޖުތަމައުގެ ތެރޭގައި ބަލި ނެތްކަން ޔަގީންކޮށްފަ އެވެ.
"އަޅުގަނޑުމެން ބޭނުން ދުވާލަކު މަދުވެގެން 50 އަކަށް ސާމްޕަލް ނަގާފައި ފޮނުވަން. އޭރުން ރަށު ތެރޭގައި ބަލި އޮތްގޮތް ބަލައި، މޮނިޓަރިންގެ ހާލަތު އުވާލެވޭނީ ވެސް،" ކަންބޮޑުވުމާއެކު އޭނާ ވިދާޅުވި އެވެ.
"އެކަމަކު މީހުން މިހާރު އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ ސާމްޕަލް ދޭކަށް."
ސާޖިދު ލަފާކުރެއްވި ގޮތުގައި ސާމްޕަލް ދޭން މީހުން ދެކޮޅު ހަދަނީ ކޮވިޑަށް ޕޮޒިޓިވްވެ، ނުވަތަ ޕޮޒިޓިވް މީހަކާ ގުޅުން ހުރެގެން ކަރަންޓީނުވާން ޖެހިދާނެތީ އެވެ. މިދިޔަ ހަފުތާގެ ނިޔަލަށް ވެސް އެ ރަށުގައި 500 އެއްހާ މީހުން ކަރަންޓީނުވެގެން ތިއްބެވެ.
ޕޮޒިޓިވްވި މީހަކާ ކޮންޓެކްވާ މީހުން ވެސް މަދުވެގެން 10 ދުވަސް ވަންދެން ކަރަންޓީނު ވެގެން ތިބެން ޖެހެ އެވެ.
ސާމްޕަލް ދޭން މީހުން ދެކޮޅު ހަދާތީ، ދިއްފުށީ ސިއްހީ މަރުކަޒާއި ކައުންސިލް އިދާރާ އިން ވެސް މިހާރު ވަނީ އެންގުމެއް ނެރެފަ އެވެ.
އޭގައި ބުނެފައިވާ ގޮތުން ރަށް، އާންމު ހާލަތަށް ދިއުމަށް ޓެސްޓު ކުރުމަކީ ލާޒިމު ކަމެކެވެ. އެ ހާލަތުގައި ސާމްޕަލް ނުދިނުމަކީ ކުށެއް ކަމަށާއި އެކަމަކު އެ ރަށުގެ ސިއްހީ މަރުކަޒުން ގަދަކަމުން މީހުން ޓެސްޓު ނުކުރާނެ ކަމަށް ކައުންސިލް އިދާރާގެ އެންގުމުގައި ވެ އެވެ.
އެ އިދާރާތަކުން އެދެނީ، ފަރުދީ ޒިންމާ އަދާކޮށް، މުޖުތަމައަށް ކޮށްދޭ ހެޔޮ އަމަލެއްގެ ގޮތުގައި ނަމަވެސް އެކަމުގައި އެއްބާރުލުން ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަފީރު
18 April 2021
މިކަން ނިންމާކަށް ނުފެނޭ. މީހުންޖުރިމާނާ ކޮށްގެން މިހާރު ދައުލަތަށް އާމްދަނީ ލިބެނީ. އެފައިސާއިން ފްރޮންޓްލައިން ކިޔާ ބަޔަކަށް ބޮޑު އިނާޔަތެއް ދެއްވަނީވެސް. ދެން ސަރުކާރުން ބޭނުންވީމާ ބޭނުންބަޔަކަށް ޚާއްޞަ ހުއްދަ ދިނުމުން އެމީހުންގެ ފަހަތުން ކޮވިޑް ނުދާނެ. ސަރުކާރުން ބޭނުންބަޔަކުފަހާ ކޮވިޑް ދުވާނެ. މިހާރުގެ ޙާލަތުގައި ގޭގައިބަންދުކޮށްގެން ގެންގުޅޭމީހުން މިރަމަޟާންމަހު ތިބި ޙާލެއް ބަލާނެ ފްރޮންޓް ބަޔަކު ނުތިބޭނެ. ވަރަށް ފައްކާ ކޮވިޑެއްމީ
ޙިޔާ
18 April 2021
ސާމްޕަލްް ނުދޭ ބޯހަރު މިހުންގެ ރަށެއްދޯ؟ ލޮލް.
ޖަވިޔަނިބެ
18 April 2021
ވޯޓުގެ ފޯރީގަ ރަށުގެ ރައްޔިތުން ފުރާނައައް ނުރައްކާވާ ހާލަތައް ރަށުގެ ކަންކަން ވައްޓާލާފަ ދެންމާ ހެޔޮއެދިގެން އުލޭ ބަޔެއްކަމައް ދެއްކުމުގެ ބޭނުމެއްނެތް. މިކަން މިގޮތައް ދިއުމުން ރައްޔިތުން މަދަނީ ބަސްނޭހުމަކައް ގޮސް ދެކޮލުނުޖެހޭ ނިންމުންތަކައް އެއްބާރުލުން ދިނުން ހުއްޓާލުމަކީ އެ ރައްޔިތުންނައް ލިބިގެންވާ ހައްގެއް
ޖުހާބެ
18 April 2021
މިހާރު އެޗްޕީއޭއިން ކަންކުރާ ގޮތުން ރައްޔިތުން ފޫހިވީ. މިއީ ހަގީގަތަކީ. ވޯޓުލުމުގެ ހައްގާ ގުޅިގެން ރަނގަޅު ސިއްހަތެއްގައި ތިބެ ފުރާނަ ސަލާމަތްކުރުމުގެ ހައްގައް ނުބަލައި އެޗެޕީއޭއިން ދިން ހުއްދައަކީ އޭގެ މިސާލެއް. ސިޔާސީންގެ ތައްޕާހުގައި ފަންނީން ދަށުވެފައިވާ މަންޒަރު ސާފުކޮށް ފެނޭ
ޖަމީލުބެ
18 April 2021
މަދަނީ ބަސްނޭހުމަށް ދިވެހިންނަށް ވަނީ ދަސްކޮށްދީފަ!
ޖޮނީ
18 April 2021
މި އެޗް.ޕީ.ޢޭ މީ ހާދަހާ މީހުންނަށް އުނދަގޫ ކުރާ ބަޔެކޭ...