މީހުން

އަހުމަދު މަނިކުގެ ތްރީ ޗޮއިސްގެ ބައި ގަރުނުވީ ދަތުރު

ޑޮންޑޮންގެ ނަމުގައި މަޝްހޫރުވި ބުއިމުގެ ނަން ރަހަ މީރު، ތާޒާ އަދި އަގު ހެޔޮ ހޮވުމަށް ނިސްބަތްކޮށް ގެން "ތްރީ ޗޮއިސް" އަށް ބަދަލުކޮށް ރިބްރޭންޑް ކުރި. ތަފާތު އެކި ރަހަތައް ތައާރަފްކުރި

20 އެޕްރީލް 2021 - 21:48

12 comments

މިއީ، އޮގަސްޓް 9، 2013 ގައި "ހަވީރު" ނޫހުގައި މޫސާ ލަތީފު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މި ލިޔުން އަލުން މި ޝާއިއުކުރަނީ، ރާއްޖެ އަށް ފަސްދޮޅަކަށް އަހަރު ކުރިން މަޝްހޫރުވި ޑޮންޑޮންގެ ބާނީ، ލޯޖެހި އަހުމަދު މަނިކުގެ ހަނދާން އާކޮށްލުމުގެ ގޮތުންނެވެ. އޭނާ ވަނީ އުމުރުން 80 އަހަރުގައި މިއަދު އަވަހާރަވެފަ އެވެ.

މި ލިޔުން އަލުން މި ޝާއިއުކުރަނީ، އެ ލިޔުން އޭރު ޝާއިއުކޮށްފައިވާ ގޮތަށް، އެއްވެސް ބަދަލެއް ނުގެނެސް އެވެ.

-------

ރެޑް ބުލް އާއި ކޮފީއަކީ ޒުވާނުންގެ މިހާރުގެ ސޮފްޓް ޑްރިންކެވެ. ފިހާރަތަކާއި ކެފޭތަކުގެ ފިނި ބުއިންތަކުގެ ލިސްޓްގެ އެންމެ ކުރީގައި އޮންނާނީ ރެޑްބުލް އާއި އެކި ބްރޭންޑްތަކުގެ ކޮފީ އެވެ. އެކަމަކު މީގެ 61 އަހަރު ފަހަތަށް ޖެހިލާއިރު ޒުވާނުންގެ ހިތްތަކުގައި ރަސްކަން ކުރަމުން އައީ ތަފާތު ބުއިމެކެވެ. އެއީ "ޑޮންޑޮން" އެވެ. މިހާރު މި ފެންނަ ތްރީޗޮއިސްގެ ފެށުމެވެ. ކުރިން އެތައް ބައެއްގެ ގުޅުންތައް ބަދަހިކޮށްދިން ތްރީ ޗޮއިސް އަށް މިހާރު ލިބެނީ އެކަހެރި ޖާގައެކެވެ.

މާކެޓްގައި ތޮއްޖެހެމުން އަންނަ ސޮފްޓް ޑްރިންކްތަކާއި އެނާޖީ ޑްރިންކްތަކުގެ ތެރޭގައި "ތްރީ ޗޮއިސް" ފިތި ވެއްޓެމުން އަންނައިރު އެ ބުއިމުގެ ބާނީ، ލޯޖެހި އަހްމަދު މަނިކުގެ ހިތްވަރަށް ލޮޅުމެއް ނާދެ އެވެ. މުސްކުޅި އުމުރުގައި ވެސް ވިކްޓްރީ ސްޕޯޓްސް ކްލަބް ހިންގުމުގައި އިސް ދައުރެއް އަދާ ކުރައްވަމުން އޭނާ ގެންދަވަނީ ތްރީ ޗޮއިސްގެ ރަހަ، އެއް ބީޓެއްގައި ހިފަހައްޓަވަމުންނެވެ. އޭނާގެ ދަރިންގެ އަތަށް ތްރީ ޗޮއިސްގެ ކޮންޓްރޯލް މިހާރު ދޫކޮށްލާފައި އޮތަސް އެ ބުއިމުގެ މީރު ރަހަތަކުގެ ދިރުމަކީ އަދިވެސް އަހުމަދު މަނިކެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު ހިންގި ޑޮންޑޮން ފެކްޓަރީގެ ކާތިބެއްގެ ވަޒީފާ އަށް 1961ގައި ގުޅިވަޑައިގަތުމަކީ ތްރީ ޗޮއިސްގެ ރަހަތައް އުފެއްދުމަށް އަހުމަދު މަނިކު ތަމްރީނުވި މަރުކަޒެވެ. އޭރު އެންމެ ބޮޑު އެއް މުސާރަކަމުގައިވާ 100ރ.ގެ މުސާރައަކަށް އަދާކުރައްވަން ފެއްޓެވި ވަޒީފާގައި ފެކްޓްރީގެ ލިޔުންތައް ބެލެހެއްޓެވުމުގެ އިތުރުން އޭނާ ގެންދެވީ ބުއިން ތައްޔާރުކުރުމަށް ބޭނުންކުރާ ފޯމިއުލާ ވެސް ރަނގަޅަށް ދަސްކުރައްވަމުންނެވެ. އެންމެ އާދައިގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި އަހުމަދު މަނިކު ބޮޑު ވިޔަފާރިއެއްގެ ތެރެއަށް ވެންނެވީ، ކަމަކަށް ފަހު ކަމެއް ދަސްކުރައްވަމުންނެވެ.

ލޯޖެހި އަހުމަދު މަނިކު (ކ)

"އަޅުގަނޑުމެންގެ ބޭބެ މުހައްމަދު އޭރު އިސް މީހަކަށް ހުންނަނީ. ބޭބެ އެހެން ވަޒީފާއެއްގައި އުޅޭތީ އެކަން ނުކުރެއްވޭނެތީ އަޅުގަނޑު އެކަމުގައި ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ،" އަހްމަދު މަނިކު ވިދާޅުވި އެވެ. "އޭރު ހުންނާނެ ބޭރު މީހެއް ގެނެސްފައި އެއަށް ފޯމިއުލާއާ އެއްޗިހި އަޅާ ހަދާވަރު. އަޅުގަނޑު އޭނަ ކައިރިން މި ބުއިމުގެ ފޯމިއުލާ ދަސްކުރީ."

ޑޮންޑޮންގެ ރަހަތަކުގައި އަހުމަދު މަނިކު ގަދަޔަށް ފައި ހަރު ކުރަމުން ދިޔައީ ވަރުގަދަ އަޒުމެއްގަ އެވެ. އޭނާގެ ދިރިއުޅުމުގެ އެއް ބަޔަށް ޑޮންޑޮން ފެކްޓްރީ ވަނީ ވެފަ އެވެ. އަހުމަދު މަނިކު ވިދާޅުވާ ގޮތުން 1978 ގައި ނާސިރުގެ ވެރިކަން ބަދަލުވުމާ އެކު ކުރިމަތިވި ގޮންޖެހުންތަކާ އެކުހެން ފެކްޓްރީގައި ބޮޑު ތަޅު އެޅުވުމާ ކައިރިވި އެވެ. އެއީ އޭނާ އަށް ގަބޫލުކުރަން ފަސޭހަ ނިންމުމަކަށް ނުވި އެވެ.

ހަށިފޮޅާލާފައި ނުކުމެ ޑޮންޑޮން ވިޔަފާރި، ފެކްޓްރީއާ އެކު ކުއްޔަށް ނެންގެވި އެވެ. ބޮޑު ވިޔަފާރިއަކަށް އެކަން ހެއްދުވެމުގެ ވިސްނުމަކަށް ވުރެ ބޮޑަށް އަހުމަދު މަނިކުގެ އޭރު އޮތީ ތަފާތު ބޮޑު މަގުސަދެކެވެ.

އަޅުގަނޑު ކުރާކަމެއް ކުރަނީ ނަފްސަށް ތެދުވެރިވެގެން. މިކަން ވެސް އެގޮތަށް އަޅުގަނޑު ކުރަމުން ދިޔައީ.

"އަޅުގަނޑު ކުރާކަމެއް ކުރަނީ ނަފްސަށް ތެދުވެރިވެގެން. މިކަން ވެސް އެގޮތަށް އަޅުގަނޑު ކުރަމުން ދިޔައީ. ނާސިރު ފުރާވަޑައިގަންނަވަން ވެގެން ކަންނޭނގެ، 1978 މި ވިޔަފާރި އަޅުގަނޑުމެންނަށް ކުއްޔަށް ވެސް ދެއްވައިފި. އެ ހިސާބުން އެކަނި މިކަން ކުރަން ޖެހިއްޖެ. އެކަމަކު އަޅުގަނޑު މިކަން ހުއްޓާލާކަށް ބޭނުމެއް ނުވޭ. އެއީ މިއީ ދިވެހި އުފެއްދުމެއް ވީމާ މި ދިރުވައިގެން މި މަސައްކަތް ކުރަން އަޅުގަނޑު ވިސްނީ،" އަހުމަދު މަނިކު ވިދާޅުވި އެވެ.

"ޑޮންޑޮން"ގެ ނަމުގައި މަޝްހޫރުވެގެން ދިޔަ ބުއިންތައް އަހްމަދު މަނިކުގެ އަމިއްލަ ވިޔަފާރިއަކަށް ބަދަލުވެގެން ދިޔައީ 1982 ވަނަ އަހަރު އެވެ. ސަބަބަކަށް ވީ ސަރުކާރުން އެ މަސައްކަތް ހުއްޓާލަން ބޭނުންވުމެވެ. ފެކްޓްރީގައި ހުރި ތަކެތި ނީލަން ކިޔުމުން އެތަކެތި 30،000ރ. އަށް ނީލަން ކާމިޔާބުކުރައްވައި ބައްލަވައިގަތީ އަހުމަދު މަނިކެވެ. އެއީ އެ ވިޔަފާރި އަށް އޭނާ ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތާ އެކު ވިސްނުމުން ފައްކާކުރި ވިޔަފާރިއާ ދުރަށް ދާން އެއްގޮތަކަށް ވެސް ހިތް ނުރުހުނެވެ. މިފަހަރު އަހުމަދު މަނިކު ނުކުތީ ވިޔަފާރީގައި އާ ހިތްވަރަކާ އެކު އެވެ.

ލޯޖެހި އަހުމަދު މަނިކަށް 2009 ވަނަ އަހަރު އޭރުގެ ރައީސް މުހައްމަދު ނަޝީދު (ކ) ޝަރަފުވެރިކަމުގެ ގައުމީ އިނާމް ދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ޑޮންޑޮންގެ ނަމުގައި މަޝްހޫރުވި ބުއިމުގެ ނަން ރަހަ މީރު، ތާޒާ އަދި އަގު ހެޔޮ ހޮވުމަށް ނިސްބަތްކޮށް ގެން "ތްރީ ޗޮއިސް" އަށް ބަދަލުކޮށް ރިބްރޭންޑް ކުރި އެވެ. އާއިލާގެ މީހުންގެ އެހީތެރިކަމާ އެކު އެ ވިޔަފާރި އަށް ބަދަލުތަކެއް އޭނާ އައީ މަޑުމަޑުން ގެންނަވަމުންނެވެ. ތްރީ ޗޮއިސްގެ ކުޑައިގެ ދަށުން ތަފާތު އެކި ރަހަތައް ބާޒާރަށް ދިޔައީ ތައާރަފް ކުރަމުންނެވެ. ތްރީ ޗޮއިސް ސޮޑާ އިން ފެށިގެން ސްޓްރޯބެރީއާ ހަމަ އަށް މީރު ބުއިންތަކުން ބާޒާރު އައީ ތިޔާގިވަމުންނެވެ.

"އޭރު އިންޓަވަލްއަށާ އެއްޗިއްސަށް ކުޑަކުދިންނަށް ވަރަށް ބޮޑަށް ކަމުދާ އެއްޗަކަށްވީ، މިވައްތަރުގެ ބުއިން. އަޅުގަނޑުމެން ސީދާ ބޭރުން ރޯ މެޓީރިއަލް ގެންނަނީ. ޕްރިޒަވޭޓިވް މިހެން ގޮސް ފްލޭވާތައް ގެންނަނީ. ގެނެސްގެން މިކްސްކޮށްގެން އަޅުގަނޑު ފަހުން އަމިއްލަ ފޯމިއުލާ ވެސް ހެދީ. އެގޮތުން އޭރުގެ އެއް ވަނަ ބުއިމަށް ވެގެން ދިޔައީ،" އަހުމަދު މަނިކު ވިދާޅުވި އެވެ.

އަހުމަދު މަނިކު އިސްވެ އުފެއްދި "ތްރީ ޗޮއިސް" ބްރޭންޑުގެ ފުޅިއެއް

އަހުމަދު މަނިކު ގެންދެވީ ފުޅީގެ ޑިޒައިނަށް ވެސް ބަދަލު ގެންނަމުންނެވެ. ބިއްލޫރި ފުޅީގައި ދަނގަޑުމަތި ޖަހައިގެން ބަންދު ކުރަމުން ދިޔަ ތްރީ ޗޮއިސް 2005ގައި ޕްލާސްޓިކް ޕެޓް ފުޅި އަށް ބަދަލުކުރި އެވެ.

ތްރީ ޗޮއިސް ނެރެމުން އެދަނީ މިހާރު ވެސް ހަމަ އެގޮތަށެވެ. އަހުމަދު މަނިކު ވިދާޅުވާ ގޮތުން ޒަމާނާ އެކު ބަދަލު އައީ ތްރީ ޗޮއިސްގެ މަސައްކަތްތައް ކުރަމުން އައި ގޮތަށެވެ. އެންމެ ފުރަތަމަ މެނުއަލް މެޝިނަކުން، ފަހަރަކު ފުޅިއެއް ބަންދުކުރަމުން ދިޔަ ނަމަވެސް މިހާރު ގަޑިއަކު 4،000 ފުޅި ބަންދުކުރެވޭ ވަރުގެ ކެޕޭސިޓީ އަށް ތްރީ ޗޮއިސްގައި އެބަހުއްޓެވެ.

"ޒަމާނީ ފެންވަރަށް އެ މަސައްކަތް ކުރެވޭ ވަރަށް އަޅުގަނޑުމެން އެ ހުރީ ތްރީ ޗޮއިސް ގެންގޮސްފައި. އެކި ފަހަރު ހުއްޓުން އައި ނަމަވެސް، އަޅުގަނޑު ދަރިންނަށް ވެސް ވިސްނައިދެން އެއީ ދިވެހި މަސައްކަތެއްވީމައި ހުއްޓާނުލާން. އެކަމައިގެން ކުރިއަށް ދާން. ނަމަވެސް ވާ ގޮތަކީ އަޅުގަނޑުމެން ހުރިހާ އެއްޗެއް އިމްޕޯޓް ކުރަން ޖެހޭއިރު މިކަމަށް ސަރުކާރުގެ އެހީތެރިކަން އެބަ ބޭނުންވޭ،" އަހުމަދު މަނިކު ވިދާޅުވި އެވެ.

ދިވެހި އުފެއްދުންތައް ދިރުވުމުގެ ލޯބީގައި އަހުމަދު މަނިކު ފެއްޓެވި ވިޔަފާރިން އޭނާ ވަނީ އޭ ޕްލަސް ރިޕޯޓެއް ނެރެދީފަ އެވެ. އެކި ދުވަސްވަރު ވިޔަފާރީގައި ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް އަހުމަދު މަނިކު ހުންނެވީ "ތްރީ ޗޮއިސް"ގައި ބާރަށް ހިފަހައްޓައިގެންނެވެ. ދަރިންނަށް ހިތްވަރު ދެއްވުމުގަ އެވެ. އިތުރު ޗޮއިސްއެއް ނެތި އެވެ.

12 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 57%
icon angry icon angry 0%
icon wow icon wow 4%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާމިރު

21 April 2021

ލޯޖެހި އަހްމަދު މަނިކަށް ފާފަ ފުއްސަވާ ސުވަރުގެ މިންވަރު ކުރައްވާށި... ތްރީ ޗޮއިސްއަކީ އާއިލާތަކާ އެކުވެރިންގެ ބައްދަލުވުންތަކާ ސްކޫލް ދައުރުގެ ބޮޑު ހަނދާންތަކެއް ގެނުވާ އަގުހެޔޮ އެހާމެ މީރު ބުއިމެއް... އެހާ ގިނައިން ބުއި އިރުވެސް ހިތަށްއަރާ މީ އަސްލު ކާކު ހަދާ އެއްޗެއްބާއޭ... މިއަދު މި އެނގުނީ އަސްލު އެބޭފުޅަކީ ކޮބާކަމާ ހުންނަ ގޮތްވެސް.. އަހްމަދު މަނިކުގެ އާއިލާ ފަރާތުން އަޅުގަނޑު އެދެން އަލުން ތްރީޗޮއިސް ވުޖޫދަށް ނެރެދިނުމަށް.. ހަމަ ޔަގީން މިހާރުވެސް ކޮކާކޯލާ ފެންޓާ ރެޑްބުލް އަދި އެކްސް.އެލް އާ އެއްމިނެއްގައި މާރކެޓްގައި ފައި ހަމަ ކުރާނެކަން އެއްވެސް ޝައްކެތްނެތި.. މީ ދިވެހިވަންތަ ދިވެހިންނަށް ފަރިތަ މުޅި ކޮމިއުނިޓީ ބަލައިގެންފައިވާ ޑްރިންކެއް.. އުއްމީދު ކުރަން އެފަދަ ވިޔަފާރިއެއް އާއިލާއިން ރާއްޖެއަށް ތައާރަފް ކުރާނެ ކަމަށް...

The name is already taken The name is available. Register?

އަރޭ

21 April 2021

ކޮންތާކު މި ލިބެން ހުންނަނީ؟

The name is already taken The name is available. Register?

މުހައްމަދު ނަޝީދު އާދަމް

21 April 2021

ކުޑައިރުގެ ހަނދާންތައް "ތްރީޗޮއިސް"ގެނަމުން ތާޒާކޮށްދީފިއެވެ.ސްކޫލް އެކުވެރިންނާއި އެކުގަޔާއި އަދި އެހެނިހެން ގަޑިތަކުގައި އެއީވާ ބުއިމެކެވެ.ޖީބަށް ވަރަށް ލުއިކޮށް ބޯލެވެވޭ،ރަހަ މީރު ބުއިމެކެވެ،މަގޭ އެންމެ ބޯހިތްވަނީ އައިސްކްރީމް ސޮޑާއެވެ.މަ އޮފީހަކަށްވަން ފަހުންވެސް އެ ގަނެގެން ބޮއި އުޅުނީމެވެ.މިހާރަކު ނުލިބެއެވެ.ޝުކުރިއްޔާ ލޯޖެހި އަހުމަދު މަނިކު.މައްޔިތާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެވެ.އާމީން.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

21 April 2021

1994 ވަނަ އަހަރު އީޕީއެސްގަ ކިޔެވިއިރު (މިހާރު އަރަބިއްޔާ ސްކޫލް ހުރިތަން) ސްކޫލް ގޯތިތެރޭގަ ހުންނަ ކުޑަ ކުޑަ ކެންޓީނުން ގަނެގެން މަސްބަނަހަކާ ޑޮންޑޮން / 3ޗޮއިސް ފިނި ބުއިމެއް ބޯލީމަ އެލިބޭ ހިތްހަމަ ޖެހުން އެއީ ބުނެދޭންވެސް ނޭނގޭ ކަހަލަ އުފާވެރި އިހްސާސްތައް ގެނުވި ދުވަސްތަކެއް.އޭރުގެ އެންމެ ފެވަރިޓް ބުއިމަކީ އެއީ.ތޭންކްސް ލޯޖެހި އަހުމަދު މަނިކު.މައްޔިތާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި.އާމީން.

The name is already taken The name is available. Register?

ފަރަހާ

21 April 2021

އީޕީއެސް ކެންޓީނުގެ އެންމެ މަގުބޫލު ބުއިމަކީ ޑޮންޑޮން އަދި ކުރީމް ބަނަސް.އިންޓަވަލް ގަޑި ނުޖެހިގެން ތިބެނީ.ކިޔުހަދާފަ ތިބެނީ.ވަރަށް މީރު ބަނަހެއް އެތާހުންނަނީ ވެދާނެ ބަނޑުހައިވެފަ ތިބޭވަރުންކަމަށް ވެސް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

21 April 2021

ތިބުނީ ވަރަށް ބޮޑު ތެދެއް.ސްކޫލް ލައިފް އެއީ މަޖާ ދުވަސްތަކެއް.ރައްޒާގު ކިޔާ ބަންގަލްދޭޝް މީހަކު އޭރުވެސް ކެންޓީނުގެ ވެރިއަކަށް ހުންނަނީ.

The name is already taken The name is available. Register?

މޯޗޮއިސް

21 April 2021

ރާއްޖެއިން ބޭރުން މިހާރު އެތެރެކުރަމުންދާ ކިތަންމެ އެއްޗެއް މިގޮތަށް ރާއްޖޭގައި އުފައްދައި ބަންދުކުރެވިދާނެ. ޝަވަރޖެލް، ޝޭމްޕޫ، ދޮންނަ ކުނޑި ކަހަލަ އެއްޗިސްވެސް ބޭރުން ކެމިކަލް ގެނެސްގެން ރާއްޖޭގައި ހެދޭނެ. އަދިވެސް ވަރަށް ގިނަ ތަކެތި. އޭރުން ގައުމުން ބޭރަށްދާ ބޭރުފައިސާ ގައުމުގައި ހިފެހެއްޓޭނެ. ބޭނުން ވަނީ ކެރުމާއި ހިތްވަރު.. އަދި ސަރުކާރުގެ އެއްބާރުލުމާއި އިންސެންޓިވްސް. ނާސިރަކީ އަސްލު މޮޑަރން މޯލްޑިވްސްގެ ބާނީ.

The name is already taken The name is available. Register?

ާއަލިމޯޑު

21 April 2021

ޔާﷲ މަރްހޫމްގެ ފާފަފުއްސަވާ ރަހުމަތްލައްވަވާ ސުވަރުގެ ދެއްވާށި.އަދި ކަށްވަޅުގެ އަޒާބު ލުއިކޮށްދެއްވާށި.އާމީން. ހަނދާންވަނީ ސްކޫލުގެ އިންޓަވަލް ގަޑީގަ އަދި ސްކޫލް ނިމިގެން ރައްޓެހިކުދިންނާއެކު ސްކޫލް ކައިރި ފިހާރަތަކުގަ ތްރީޗޮއިސް ބުއި ހަނދާން.މިހާރުގެ އޮޑިގައްލާ ކެފޭ ހުރި ތާނގަ އޭރު ހުރި ފިހާރައަކަށް ވަރަށް ގިނައިން ދެވުނު. ތްރީޗޮއިސްގެ ފެހިކުލަ(އައިސްކްރީމް ސޮޑާ) އަކީ ފެވަރިޓް

The name is already taken The name is available. Register?

ދިވެއްސެއް85

20 April 2021

އަދިވެސް ތްރީ ޗޮއިސް ވަރެއްނެތް ހަމަ، އަދިވެސް އެންމެ ބޯ ހިތްވަނީ ތްރީ ޗޮއިސް ބިއްލޫރި ފުޅީގައި، އެ އުފެއްދުން ހުއްޓާލި ދުވަހު ވަރަށް ދެރަވި، އަދިވެސް އެ ލިބެން ހުންނަ ނަމަ އޭ ހިތައް އަރާ، ސްކޫލްދުވަސްވަރު ވަރަށް ހަނދާންވޭ.

The name is already taken The name is available. Register?

ޭއެއޮކަލަ

20 April 2021

މުޅި އާޓިކަލް ނިމެނދެން މި އިނދެވުނީ ތްރީ ޗޮއިސް ގެ ފޮޓޮއެއްފެނޭތޯ. ??

The name is already taken The name is available. Register?

ތުރީ ޗޮއިސް

21 April 2021

އަދި އެއްފަހަރު ލޯފުހެލާފަ ބަލާލީމަ ފެންނާނެ ތުރީ ޗޮއިސް

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

20 April 2021

މަރުހޫމުގެ ފުރާނަފުޅަށް ރަޙްމަތްލައްވާންދޭވެ. އާމިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454