އިޒުރޭލުން ޓޫރިސްޓުން އައުން މަނާކުރުމާއި އިޒުރޭލުގެ އުފެއްދުންތައް އެތެރެކުރުން މަނާކުރުމާއި އަދިވެސް އިތުރު ފިޔަވަޅުތައް އަޅަން ގޮވާލައިފައިވޭ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރު ޝިޔާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލީހުގެ އިދާރާ
17 މެއި 2021 - 11:45
އިޒްރޭލުން ވެރިވެގެން އުޅޭ ފަލަސްތީނަށް ދެމުންދާ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، އެކަން ކުށްވެރިކުރުމުގެ ގޮތުން، ރާއްޖެ އިން އިޒްރޭލާ ދެކޮޅަށް އަމަލީ ގޮތުން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވައިލުމުގެ އިތުރުން އިޒުރޭލުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހްމަދު ޝިޔާމެވެ.
ދިވެހި ސަރުކާރުން އިޒުރޭލާ ދެކޮޅަށް އަމަލީ ފިޔަވަޅެއްގެ ގޮތުގައި އެޅުމަށް ޝިޔާމް ހުށަހެޅުއްވީ މި ހަމަލާތައް ހުއްޓައިލަންދެން އެ ގައުމުގެ ޓޫރިސްޓުން ރާއްޖެ އައުން މަނާކުރުމާއި އިޒުރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުމެވެ. މީގެ އިތުރުން ވެސް އެޅެން ހުރި ފިޔަވަޅުތައް ބެލުމަށް ފަހު އެ ކަންކަން ކުރުމަށް އޭނާގެ ހުށަހެޅުއްވުމުގައި ވެ އެވެ.
މި މައްސަލަ ހުށަހެޅުއްވީ އިޒުރޭލުން އަތްގަދަކޮށްފައި އިރުމަތީ ގުދުސްގެ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން ޝެއިހު ޖައްރާހުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތައް، އެ އާއިލާތަކުގެ އަމިއްލަ ބިންތަކުން ނެރެ، އެ ބިންތަކުގައި އިޒްރޭލުން ގާނޫނާ ހިލާފަށް އާބާދުވަމުން ދިއުމާއި އެކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މުޒާހަރާތަކަށް އިޒުރޭލުން ފުލުހުންނާއި ސިފައިން ނެރެ ބޮޑެތި ޖަރީމާތައް ހިންގަމުންދާތީ ކަމަަށެވެ.
މަސްޖިދުލް އަގްސާ އަށް ހަމަލާދީ އެ މާތް ހަރަމްފުޅަށް ގަދަމަކުން ވަދެގަނެ، އެތަނުގައި އަޅުކަންކުރަން ތިބި މީހުންނަށް ހަމަލާދީ އެ މީހުންގެ ލޭ އޮހޮރުވާލައި އަދި ރަސޫލާގެ ދަތުރުފުޅުގައި އެ މިސްކިތަކަށް ވަޑައިގެންނެވި މާތް މިސްކިތުގެ ހުރުމަތްކަނޑާއި އަދި މި ހަމަލާތަކުގައި އެއްވެސް ކުށެއް ނެތް ކުޑަކުދިންނާއި އަންހެނުންނާއި ދުވަސްވީ މީހުން ޝަހީދުވަމުން ދިއުމަކީ ވެސް މި ކުއްލި މައްސަލަ ހުށަހަޅަން ޖެހުނު ސަބަބެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި އެވެ.
އިޒުރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރަން މި ކުއްލި މައްސަލައިގައި ގޮވާލައިފައިވާއިރު، ޚާއްސަ ހުއްދައިގެ ދަށުން އެތެރެކުރަން ހުއްދަ ލިބޭ ސިއްހީ ބައެއް ސާމާނު ފިޔަވައި އިޒްރޭލުން އެއްވެސް މުދަލެއް ރާއްޖެ އެތެރެކޮށްފައި ހުރެގެން ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވަނީ ވިދާޅުވެފަ އެވެ. ފައްޔާޒު ވިދާޅުވެފައި ވަނީ އިޒްރޭލުން ރާއްޖެއަށް މުދާ އެތެރެކުރުން މާކުރިން ފެށިގެން މަނާކޮށްފައި އޮންނަ އިރު އެފަދަ އުފެއްދުމެއް ރާއްޖޭގައި ވިއްކާ ނަމަ އެއީ ގާނޫނާ ހިލާފަށް އެތެރެކޮށްގެން ވިއްކާ ތަކެތި ކަމަށެވެ.
އިޒްރޭލާ ދެކޮޅަށް މުޅި ދުނިޔޭގައި އަޑު އުފުލަމުން ދަނީ އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ބަންދުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ގާޒާގައި ނިކަމެތި ހާލުގައި އުޅެމުންދާ އާންމުންނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާ ގުޅިގެންނެވެ.
ފަލަސްތީނުގެ އެތައް އާއިލާއެއް ގެއިން ނެރެ ޔަހޫދީން ވަޒަންވެރި ކުރުމުގެ މަސައްކަތްތަކެއް ފެށުމުން އުފެއްދުނު ހަމަނުޖެހުންތަކަށް ފަހު، އިޒްރޭލުގެ ފުލުހުން ވަނީ ހަރަމްފުޅުމުގައި މުސްލިމުން ރޯދަ މަހުގެ 27 ވިލޭރޭ އަޅުކަމުގައި ތިއްބައި އެ ތަނަށް ވަދެ އެތައް ގެއްލުމެއް ދީފަ އެވެ. އޭގެ ފަހުން ފަލަސްތީނުގެ ޖަމާއަތްތަކުން ވެސް އިޒްރޭލަށް ރޮކެޓުން ހަމަލާ ދެމުން ދާއިރު އިޒްރޭލުން ދިފާއުގައި ކަމަށް ބުނެ ކޮންމެ ދުވަހަކު ދަނީ ބޮމުގެ އެތައް ހަމަލާއެއް ދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާޅުބޯއީ
17 May 2021
ވަރަށްގިނަ ރާޅާއަޅާ ގެސްޓުން އަންނަގައުމެއްތީ. ދިވެހިރާޅާއަޅާ ޒުވާނުން ވަރަށް ދޯޅުވާނެ އެމީހުނާ
ނިލިސް
17 May 2021
ޓޫރިސްޓުން އައުން މަނާކުރުމުން މިކަމަށް ޙައްލެއް ލިބިދާނެކަމަކަށް ނުފެނޭ. އެއިގެ ބަދަލުގަސއި އިތުރު އިޤތިޞާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ފިއްތުންތައްދިމާވުން އެކަށީގެންވޭ.ޑިޕްލޮމެޓިކް ޙައްލެއް ބޭނުންވާކަމަށް ދެކެން.
ޑޮލަރޭ
17 May 2021
އޭރުން ޑޮލަރު ލިބުން ދަތިވާނެ. ގެސްޓުހައުސްތަކަށް އެމީހުން ވަރަށް އާދޭ.
9899
17 May 2021
މިއީ ހަމަނުޖެޙޭ ކަމެއް! މިގޮތައް ބަލަންޏާ އެމެރިކާމީހުންވެސް މަނާކުރޭ! އެެމީހުން ކިތައްހަނގުރާމަކޮށްފި މުސްލިމުގައުތަކުގަ؟ ރާއްޖޭގެ ޓޫރިޒަމަކީ ވަކި ގައުމަކަށް ވަކިނަސްލަަކަށް ވަކިދީނަަކަށް ބަލައިގެން މީހުންވައްދާ ތަނެއްނުން! މިކަހަލަ ނިންމުމެއް ނިންމައިފިއްޔާ ޓޫރިޒަމަށް ނޭދެވޭ އަސަރުއެތައް އަހަރަކަށް ކުރާނެ!!!
މޫޗި
17 May 2021
އިޒްރޭލްގެ ޓޫރިސްޓުން އަދި އެނޫންގައުމެއްގެ ޓޫރިސްޓުން އައުން މަނާކުރުމުން ވާނީ އަހަރެމެންނަށް ގެއްލުން. އިޒްރޭލް ފަލަސްތީންގެ ބިމުގައި ވެރިވެގެން އުޅޭއުޅުން ހުއްޓުވޭނީ ވާހަކަދައްކައިގެން. 50 އެތެއްއަހަރެއްގެ މައްސަލަ އެހާފަސޭހަނުވާނެ ހައްލުހޯދަން. މިކަމަށް ގައުމުތަކުގެ ސަރުކާރަށް ނުކުޅެދިފައި.
ސެމި
17 May 2021
މިއީ ގޯސް ވިސްނުމެއް! އިޒްރޭލުް އެންމެން އެމީހުންގެ ސަރުކާރުކުރާ ކަންކަމާ ތާއީދެއްނުކުރޭ! ބައެއްމީހުން މަގުތަތީގަ މުޒާހަރާވެސްކުރި އެކަމާ ދެކޮޅަށް! އަދި އިޒްރޭލުގައި މުސްލިމުންވެސް ތިބޭއިރު މިކަހަލަ ގޮތަކަށް ޗުޢްޓީއައުން މަަނާކުރުމަކީ އިންސާފުވެރިގޮތެއް ނުން! ޓޫރިޒަމަް މިހާދަށްއިރު މިކަަހަލަ ކަންކަން އިންޑަސްޓްރީއަށް ނުވެއްދުން އެދެން!
ފޮނިޓައްޕު ހަސަނު
17 May 2021
ޝިޔާމެއް ކަމަކު ތީ ކޮންމެހެން ކުރަން ޖެހޭ ކަމެއް.
މޮހިތު
17 May 2021
މިކަހަލަ ދެފުށްކެހެރިން ގައުމު ހަލާކުކުރަނީ
ޝަފީރު
17 May 2021
އިމާންތެރިކަން ކުޑަ މީހުންނަށް ހީވާނެ ކާއެތިކޮޅު ދެނީ ޔަހޫދީންކަމަށް. ތަދުބިރުތައް ފުލުން ދުއްވާލާފަ ތަޤުދީރު ރިޒުޤުކުށަވަރުކޮށް ދެއްވާނެ.
އަލި
17 May 2021
ތާއީދު