ރިޕޯޓް / ކުށްކުރުން

އަޖައިބެއް، ރާއްޖޭގައި އިހުމާލު މަރެއް ނެތް؟

ފިޔަވަޅު އަޅާފައި ހުރީ ސައްހަ ނޫން ސެޓްފިކެޓެއް ގެންގުޅުމާއި ނުބައި ބޭހެއް ލިޔެދިނުން ފަދަ ކަންކަމުގައި. މަރާ ގުޅޭ އެއްވެސް މައްސަލައެއްގައި އިހުމާލެއް އޮތް ކަމަކަށް ނުފެނޭ

މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ: ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވާ މައްސަލަތަކަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމުގެ ޝަކުވާ ބޮޑު --- ފޮޓޯ: ނިޝާން އަލީ /މިހާރު

މިދިޔަ އަހަރު ކުރީކޮޅު ކޮވިޑް-19 ގައި މަރުވި އުމުރުން ދުވަސްވީ މީހެއްގެ ފަރާތުން އެ ބައްޔަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން ހޮސްޕިޓަލަށް ގެންދަން އާއިލާއިން އެދުމުން ވެސް، ހޮސްޕިޓަލަށް ގެންދިޔައީ އޭގެ އެތައް ގަޑިއިރެއް ފަހުންނެވެ. ގެންދިޔަތާ މާ ގިނައިރެއް ނުވެ އެ މީހާ މަރުވީ އެވެ. އެއީ ހައިރިސްކް މީހެއްކަން އެނގި ތިބެމެ، ފަރުވާ ލަސްވި މައްސަލާގައި ހެލްތު މިނިސްޓްރީގެ ޖަވާބަކަށްވީ އެއީ ފިލާވަޅެއް ކަމަށެވެ. އެކަމަށް ޒިންމާވާނެ މީހަކު ނެތެވެ. އެ ހާދިސާއަށް އަހަރެއް ނުވަނީސް، މިފަދަ ކަމެއްގައި ދާދިފަހުން އެ ގެއްލުނީ ކުޑަކުއްޖެއްގެ ފުރާނަ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް ހާލު ދެރަވެގެން އެމްބިއުލާންސް ފޮނުވަން އެދުމުން ވެސް، ދެ ގަޑިއިރު ވަންދެން އެމްބިއުލާންސް ފޮނުވުން ލަސްކުރީ އެވެ. ނުވިތާކަށް، އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ބުނެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެ ކުއްޖާގެ އާއިލާއަށް ދޮގު ހަދައި، އޮޅުވާލީ އެވެ. މިއީ ސިއްހީ ދާއިރާގެ މާހިރަކަށް ނުވިޔަސް، އެންމެ އާދައިގެ އިންސާނެއްގެ ނަޒަރުން ވެސް ބޮޑެތި އިހުމާލުތަކެވެ. އެ ހާދިސާއަށް އެއް މަސްވީއިރު ވެސް، ރިޕޯޓެއް ނެރުން ފިޔަވައި، އެޅި ފިޔަވަޅެއް ނެތެވެ.

މި ފާހަގަކޮށްލީ، ހަމައެކަނި ކޮވިޑް-19 އާ ގުޅުންހުރި ސިއްހީ މަދު އިހުމާލުތަކެވެ. ސިއްހީ ފަރުވާ ދިނުމުގެ ތެރޭގައި ހިނގާ އިހުމާލު (މެޑިކަލް ނެގްލިޖެންސް) އިހުމާލުތަކަކީ ރާއްޖޭގައި އަބަދުހެން އިވިއިވި ހުންނަ ޝަކުވާތަކެވެ. އެފަދަ އިހުމާލުތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިއްޖެ އެވެ. އަނެއް ބަޔަކަށް ކުރިމަތިލާން ޖެހުނީ އިއާދަ ނުކުރެވޭނެ ފަދަ ދާއިމީ ބޮޑު ނުކުޅެދުންތެރި ކަމަކާ އެވެ. ނަމަވެސް ރާއްޖޭގެ ތާރީހުގައި މިފަދަ މައްސަލައެއްގައި އިންސާފު ލިބުނީި އެންމެ ފަހަރަކު އެވެ. ޑޮކްޓަރެއްގެ އިހުމާލުން 2007 ވަނަ އަހަރު ކުޑަކުއްޖެއްގެ ދެ ކަންފަތުގެ އިވުން ދާއިމަށް ގެއްލުން މައްސަލާގައި އިންސާފު ލިބުނީ އެ ކުއްޖާގެ އާއިލާއިން ކޯޓުތަކަށް އެ މައްސަލަ ހުށަހަޅައިގެން ދުވާތާ 12 އަހަރު ފަހުން، 2019 ވަނަ އަހަރު އެވެ.

ސިއްހީ ފަރުވާ ހޯދަން މީހަކު ދާ ހިސާބުން ފެށިގެން އެއްވެސް ތަފާތުކުރުމެއް ނެތި، އޭނާއަށް ދޭންޖެހޭ ފުރިހަމަ ފަރުވާ ދިނުމުގެ ޒިންމާ (ޑިއުޓީ އޮފް ކެއާ) ސިއްހީ ކޮންމެ ހިދުމަތްތެރިއަކަށް ގާނޫނީ ގޮތުން ލާޒިމެވެ. އަދި ފަރުވާ ދިނުމުގައި ތަބާވާންޖެހޭ ފަންނީ އުސޫލުތަކާ ޚިލާފްވުމުން މީހަކަށް ކިތަންމެ ކުޑަ ގެއްލުމެއް ލިބުނަސް، އޭގެ ޒިންމާ ގާނޫނީ ގޮތުން ނަގަން ޖެހޭނެ އެވެ. އެއީ ދުނިޔޭގެ ކުރިއަރާފައިވާ ހުރިހާ ނިޒާމުތަކެއްގައި އެކަން އޮންނަ ގޮތެވެ. ރާއްޖޭގެ ސިއްހީ ހިދުމަތް "ކިތަންމެ ކުރިއަރައިގެން" ދިޔަޔަސް، މިފަދަ ސިއްހީ އިހުމާލުތަކަށް ޒިންމާ ކުރުވުމުގައި ރާއްޖެ އޮތީ ވަރަށް ފަހަތުގަ އެވެ.

ހޮސްޕިޓަލެއްގައިި އޮންނަ ބަލި މީހަކު މަރުވާ ކޮންމެ ފަހަރަކީ އިހުމާލެއް ނޫނެވެ. އިންސާނުންގެ ފުރާނަ އާއި ދިރިހުރުމަކީ ޑޮކްޓަރުންގެ އަތްމަތީގައި އޮންނަ ކަމެއް ނޫނެވެ. ނަމަވެސް، ފަރުވާ ލަސްވުމުން ނުވަތަ ފަރުވާ ދިނުމުގައި ކަނޑައެޅިގެން ފަރުވާ ކުޑަކުރުމުން، ބަލި މީހާއަށް ލިބޭ ގެއްލުންތަކަކީ އިހުމާލަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެފަދަ އިހުމާލުތަކަށް ޒިންމާ ކުރުވެން ޖެހޭނެ އެވެ.

ވެކްސިނެއް ޖަހަން ތައްޔާރު ވަނީ --- ފޮޓޯ/މިހާރު

ސިއްހީ އިހުމާލެއް ފެންމަތިވާ ކޮންމެ ފަހަރަކު ކުރިމަތިވާ ފާޑުކިޔުންތަކުން ސަލާމަތްވުމަށްޓަކައި ހެލްތު މިނިސްޓްރީން ނެރޭނީ ރިޕޯޓެކެވެ. އެ ހިސާބުން މައްސަލަ ނިމުނީ އެވެ. ޒިންމާވާނެ މީހަކު ނެތަސް، ވަރިހަމަ އެވެ. ފުލުހުންގެ އޮންނާނީ އެންމެ ޖަވާބެކެވެ. މައްސަލަ ބަލާ ކަމަށެވެ. އެއީ ދުވަހަކު ވެސް ނިމޭ ތަހުގީގަކަށް ނުވެ އެވެ. އިހުމާލުވި މީހަކު ހޯދޭ ކަމަކަށް ވެސް ނުވެ އެވެ. ސިއްހީ އިހުމާލުގެ މައްސަލަތައް ހިނގާ ތަރުތީބަކީ މިއީ އެވެ. ގާނޫނެއް ނެތިގެން ކަމަށް ބުނެ، ދައްކަނީ ބަހަނާތަކެކެވެ.

ސިއްހީ ފަރުވާ ދިނުމުގައި ވަމުންދާ އިހުމާލުތަކަށް އިންސާފު ނުލިބުމަށް ދައްކާ އާންމު ބަހަނާއަކީ ރާއްޖޭގައި މެޑިކަލް ނެގްލިޖެންސް ގާނޫނެއް ނެތުމެވެ. އެފަދަ ގާނޫނެއް ވުޖޫދަށް ގެންނަން މަސައްކަތް ކުރާތާ ވީ ދުވަހެއް ވެސް ނޭނގެ އެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި އެ ބިލް އޮންނަތާ ކިތަންމެ ދުވަހެކެވެ. ގާނޫނެއް ނެތުމަކީ އުނިކަމަކަށް ވެދާނެ އެވެ. އެކަމަކު އެއީ މިފަދަ މައްސަލަތަކަށް އިންސާފު ހޯދައި ނުދީ ތިބެން ދެއްކޭނެ ބަހަނާއެއް ވެސް ނޫނެވެ. ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އަދި އެ ނޫން ގޮތްގޮތުން މިކަމަށް ގިނަ މަގުތަކެއް މިހާރު ވެސް ހުޅުވިފައި އެބައޮތެވެ.

އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތް ގޮތަކަށް ކުރާ ކޮންމެ އަމަލަކުން މީހަކު މަރުވެއްޖެ ނަމަ ނުވަތަ ގެއްލުމެއް ވެއްޖެ ނަމަ އެއީ ގާނޫނުލް އުގޫބާތުގެ ދަށުން ޖިނާއީ ކުށެކެވެ. އަދި އެހީއަށް ބޭނުންވެފައިވާ މީހަކަށް އެހީނުވުމަކީ ވެސް މި ގާނޫނުގެ ދަށުން ޖިނާއީ ކުށެކެވެ. ޑޮކްޓަރެއް ނުވަތަ ނަރުހެއް ނުވަތަ ސިއްހީ އެހެން ހިދުމަތްތެރިން ވެސް މި ގާނޫނުން އިސްތިސްނާއެއް ނުވެ އެވެ. އެކަމަކު ސިއްހީ އިހުމާލުގެ އެއްވެސް މައްސަލައެއްގައި ފަހުގެ ތާރީހެއްގައި ޖިނާއީ ދައުވާއެއް ކޮށްފައެއް ނެތެވެ. ފުލުހުން ވެސް އެކަން މާ ބޮޑު ކަމަކަށް ނުހަދަ އެވެ.

ޑޮކްޓަރުންގެ ކަންކަން ބެލުމަށްޓަކައި މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް އުފެދިފައި އޮންނަތާ ފަސް އަހަރުވެއްޖެ އެވެ. މި ނޫނަސް ސިއްހީ ހިދުމަތްތެރިންގެ މަސައްކަތްތައް ބަލައި، އިހުމާލުތަކަށް ފިޔަވަޅު އަޅަން އިތުރު ކައުންސިލްތަކެއް އުފެދިފައި އެބައޮތެވެ. އަދި ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމާއި ސިއްހީ އިހުމާލުގެ މައްސަލަ ބަލަންތައް ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްގެ ނަމުގައި ވަކި މަގާމެއް އުފެދިފައި އޮވެ އެވެ.

މިއީ ހައްތަހާ ވެސް ގާނޫނުތަކުގެ ދަށުން އުފެދި، ގާނޫނީ ބާރުވެރިކަމާ އެކު ހަރަކާތްތެރިވާ އަދި ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ މުއައްސަސާތަކެކެވެ. މިއިން ކޮންމެ މުއައްސަސާއެއް ވެސް އެކުލަވާލާފައި އޮތީ ޑޮކްޓަރުންނާއި އެކަމަކާ ބެހޭ ސިއްހީި ތަޖްރިބާކާރުން އެކުލެވޭ ގޮތަށެވެ. އެކަމަކު ބަޔަކަށް އިތުރު ވަޒީފާތަކެއް ލިބުން ފިިޔަވައި، ނެރެވުނު ނަތީޖާއެއް ނެތެވެ. ސިއްހީ އިހުމާލުގެ ބޮޑު އެއްވެސް މައްސަލަައެއްގައި މިހާތަނަށް މިއިން މުއައްސަސާއަކުން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

މެޑިކަލް ކައުންސިލުން މިހާތަނަށް އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފިޔަވަޅު އަޅާފައި ހުރީ ވަރަށް އާދައިގެ ކުދިކުދި ކަންކަމުގަ އެވެ. ސައްހަ ނޫން ސެޓްފިކެޓެއް ގެންގުޅުމާއި ނުބައި ބޭހެއް ލިޔެދިނުމާއި ހަދަން ނުޖެހޭ ޓެސްޓްތަކެއް ހަދަން އެންގުން ފަދަ ކަންކަމުގަ އެވެ. ބަލި މީހެއްގެ މަރާ ގުޅޭ އެއްވެސް މައްސަލައެއްގައި އިހުމާލެއް އޮތް ކަމަކަށް އެ ކައުންސިލަކަށް ނުފެނުނެވެ.

ކުރިން މިދެންނެވި، 2007 ގައި ކުޑަކުއްޖެއްގެ ދެ ކަންފަތުގެ އިވުން ދާއިމަށް ގެއްލުނު މައްސަލާގައި ވެސް އެ ޑޮކްޓަރުގެ އިހުމާލެއް ނެތް ކަމަށް މެޑިކަލް ކައުންސިލުން މާ ކުރިން އޮތީ ނިންމައިފަ އެވެ. އޭގެ 11 އަހަރު ފަހުން، ސުޕްރީމް ކޯޓުން 2019 ގައި މައްސަލަ ނިންމިއިރު، ސާބިތުވީ ޑޮކްޓަރުގެ އިހުމާލު އެކަންޏެއް ނޫނެވެ. އެ އިހުމާލުގެ ފޮރުވުމަށްޓަކައި ހޮސްޕިޓަލްގެ ލިޔުންތަކަށް ބަދަލު ގެނެސް އަދި ހެކިތައް ނައްތާލަން މަސައްކަތް ކުރިކަން ވެސް ކޯޓުގައި ސާބިތުވި އެވެ.

ޑޮކްޓަރުގެ އިހުމާލު އޮތްކަން ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ސާބިތުވެ، ދައުލަތުން އެ ކުއްޖާގެ އާއިލާއަށް 7 މިލިއަން ރުފިޔާގެ ބަދަލެއް ދޭން ޖެހުނުއިރު، މެޑިކަލް ކައުންސިލަށް އެ ޑޮކްޓަރުގެ އެއްވެސް އިހުމާލެއް ނުފެނުމަކީ ހައިރާން ވާންޖެހޭ ކަމެކެވެ. އިންސާފު ހޯދަން އޮތް ހަމައެކަނިި މަގަކީ ކޯޓަށް ދިއުން ކަމަށްވާ ނަމަ، އެކި ނަންނަމުގައި މުއައްސަސާތައް އުފައްދައިގެން، ދައުލަތުންގެ ހަރަދުތަކެއް ބޭނުމެއް އެބައޮތްތޯ މިހާ ހިސާބުން ސުވާލު އުފެދެ އެވެ.

ސިއްހީ ހިދުމަތްތެރިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތް ބަލައިގަންނަން ޖެހެ އެވެ. އެހެން ނަމަވެސް އޭގެ މާނައަކީ ސިއްހީ ފަރުވާ ދިނުމުގައި ހިނގާ އިހުމާލުތަކަކީ ނުފެންނަ ކަމަކަށް ހަދައިގެން ތިބުމެއް ވެސް ނޫނެވެ. ގާނޫނެއް ނެތިގެން ކަމަށް ބުނެ ދައްކަނީ ބަހަނާތަކެކެވެ. މިހާރު އޮތް ނިޒާމުގެ ތެރެއިން ވެސް މިފަދަ ކަންކަން ބެލެން އެބައޮތެވެ. އެހެން ނަމަވެސް، ސިއްހީ އިހުމާލުތަކަށް އިންސާފު ހޯދައިދިނުމުގައި ކަމާބެހޭ މުއައްސަސާތަކުގެ ކިބައިން ވެސް ފެންނަނީ އިހުމާލުވަމުންދާ ތަނެވެ.

31 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 14%
icon angry icon angry 73%
icon wow icon wow 5%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޅަބޭ

16 June 2021

ތީ ނޯތު ކޮރެޔާގަވެސް ތިކަން އޮންނަ ގޮތް.

The name is already taken The name is available. Register?

މޮހޮތު

16 June 2021

ވާދަވެރި ސިއްހީ ނިޒާމެއް ނެތި، ޒިންމާދާރު މީހުނެއް ނުއުފެއްދޭނެ! އެގޮތައް ރެގިއުލޭޝަން ބަދަލްކޮށްފިއްޔާ ކޮނަބައެއް އެރިސްކު ނަގަން ސިއްހީ ދާއިރާއަށް ގުޅޭނީ..؟

The name is already taken The name is available. Register?

ބިލް ކުލިންޓަން

16 June 2021

ރާއްޖެއަކީ ވަރަށް ޕާފެކްޓު ބަޔަކު އުޅޭތަނެއް. އެހެންވީމާ ހުރިހާކަމެއްވެސް ހިންގާނީ 100 އިން 100 ބަރާބަރަށް.

The name is already taken The name is available. Register?

ކަރީމް

16 June 2021

ޢައިޖީއެމްއެޗް ގައި ތިބޭ ވެރިން ބަލަނީ އެތަނަށް ދާ މީހުންނަށް އޮތީއާ އޮތް އުދަގުލެއް ވާގޮތައް އެތަނުގެ ކަންކަން ބައްޓަންކުރަން. ފާމަސީއަށް ފަސޭހައިން ދެވެން ހުންނަ ދޮރުތަކާ ދެންވެސް ހުންން ސިޑިތައް ތަޅުއަޅުވާފަ ވީހާވެސް ދުރުން އުނދަގޫ ގޮތްގޮތައް ކަންކުރެވޭ ގޮތައް. ދެން އެހެން ކަންކަން ހުންނާނެ ގޮތް ވިސްނާ!

The name is already taken The name is available. Register?

ދޮންސީދީ

16 June 2021

ރަނގަޅު ޙަޤީޤީ ވާހަކަ ހިމެނޭ ލިޔުމެއް.

The name is already taken The name is available. Register?

ޢެއްމެ ހައްގެއް

16 June 2021

ކަލްޓު އުފެދުނީމަ މުހިއްމުވާނީ އެއްމެ ހައްގެއް. ޢެއީ ކަލްޓުގެ ވެރިޔާ ވެރިކަމައްގެނައުން

The name is already taken The name is available. Register?

މަހޭބެ

16 June 2021

ހަމައެކަނި މިވެރިކަމުގައި ހިގާކަމެއްނޫން ރާއްޖޭގައި ސިއްޙީނިޒާމު ބައްޓަންކޮށްފައިވަނީ އިންޑިޔާއާ އެއްގޮތަށް ޞިއްޙީ ނިޒާމުގައި ގޮތްކިޔަން ތިބެނީ ހޮސްޕިޓަލްގައި ޑިއުޓީ އަދާކުރާ އިސްޑޮކްޓަރުން އެމީހުންނަށް އެއްއިރެއްގައިވެސް އެމީހުންގެ ނެގްލިޖެންސް އެއް ނުފެނޭ އެކަން ބަލަންތިބެނީވެސް ހަމަ އެޑޮކްޓަރުންގެ ކޮލީގު ޑޮކްޓަރުން. މިހާރު ރާއްޖޭގައި މިއޮންނަނީ ޑޮކްޓަރުންގެ ގޭންގެއް ކަމަކީ ފައިސާ ލިބުނު ގޮތަކުން އެއްކުރުން. މިކަން ހިގާތާ ދުވަސްތަކެއް ވެއްޖެ

The name is already taken The name is available. Register?

އަހުން

16 June 2021

ވަރަށް ފުރިހަމަ ލިޔުމެއް. މުޢިއްޒުގެ ޤާނޫނީ, ޢިލްމީ ލިޔުންތަކުން އާންމުންނަށް މިފަދަ މައްސަލަތައް ވަރަށް ސާދާކޮށް ތިލަކޮށްދީ ސާފުކޮށްދެއްވާ. ދައުލަތުގެ ވެރިންނަށް މިކަންކަން ފެންނާނެނަމަ.......ޝުކުރިއްޔާ މުޢިއްޒު

The name is already taken The name is available. Register?

އާމިނަތު

16 June 2021

ޞިއްޙީ ޚިދުމަތްތެރިން ކުރްއްވާ މަސައްކަތްތައް ބަލައިގަންނަން. މަދު ބައެއްގެ ފަރުވާ ކުޑަކަމުން، މީހެއްގެ ފުރާނަ ދިޔުމަކީ ވެސް ބެލެންޖެހޭ ކަމެއް. ރިޕޯރޓް ތަކުން ކަނޑައެޅިގެން ފުރާނައަށް ނުރައްކާކަން ފެންނަން ހުރި އިރު ފަރުވާއެއް ނުދޭ. ޢާއިލާ މީހަކަށް ނާންގާ. އެތައް ކުދިންނެއްގެ މަންމައެއް ވަކިވެ އެދިޔައީ، އެ ކުދިންނަށް ކުރެވޭނެ ކަމެއްނެތް. މައްސަލަ ބަލައިދޭނެ ފަރާތެއް ނެތް. ނަމެއް ކިޔާފަ ތަނެއް ހުރީތީ މައްސަލަ ހުށަހެޅިޔަސް ވާނެ ކަމެއް ނެތް.

The name is already taken The name is available. Register?

ފިޔަވަޅު

16 June 2021

ކޮވިޑް ބަލިމީިހަކު ފެސިލިޓީގަ އެޑްމިޓް ކުރާހިސާބުން އެމީހަކާ މިހަވާލު ވަނީ ނަރުހުން . ދެން ޑޮކްޓަރުންނާ ބޭހޭކަމެއް ވެސް ނުން . އެންމެ ފަހުން ނެރެނީ މަރުވެގެން . ރަނގަޅު ޑޮކްޓަރުން މިތިބެނީ ދަރުމަވަންތާގައި . އެތަނުގާ ދެރަ ނިކަމެއްޗަކު އެޑްމިޓް ކުރަނީ ރޮއި އާދޭސްކޮށް ދެފައިމަށްޗަށް ތިރިވީމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454