13 އަހަރު ފަހުން ލިބުނު އަލަތު ދަރިފުޅު އޭޑީކޭގައި މަރުވި މައްސަލަ ބަލަނީ

ކައިވެންޏަށް 13 އަހަރު ފަހުން، ދިވެހި ދެމަފިރިއަކަށް ލިބުނު އަލަތު ދަރިފުޅު، އޭޑީކޭގެ އިހުމާލުން މަރުވި ކަމަށް ބުނާ މައްސަލައެއް އެ ހޮސްޕިޓަލުން މިއަދު ބަލަން ފަށައިފި އެވެ.


މައްސަލަ ބަލަމުން އަންނަ ކަން ފިޔަވައި އިތުރު މައުލޫމާތެއް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ހިއްސާއެއް ނުކުރެއްވި އެވެ. އެއީ، އެ ހޮސްޕިޓަލުގައި ހިފަހައްޓަމުން އަންނަ އުސޫލްގެ ދަށުން، ބަލި މީހާގެ އެފަދަ މައުލޫމާތު ހިއްސާކުރާ ގޮތަށް އޮންނަނީ އާއިލާއާ އެކަނި ކަމަށް ވާތީ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ.

ދެމަފިރިންގެ ފަރާތުން "މިހާރު"އާ ވާހަކަ ދެއްކި އާއިލާ މީހަކު ބުނިގޮތުގައި ހަތް މަހުގައި އުފަންވި އަންހެން ކުއްޖާ މަރުވީ ކަރުގައި ފޫޅުދަނޑި އޮޅިގެން ކަމަށެވެ. އެއީ، ދަރިއަކު ނުލިބިގެން ބޭސްކޮށް، އައިވީއެފް ހަދައިގެން ލިބުނު ކުއްޖެއް ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ކިޔައިދިން ގޮތުގައި ކުއްލިގޮތަކަށް ފެން ފައިބަން ފެށުމުން، އަންހެން މީހާ އޭޑީކޭ އަށް ގެންދިޔައީ، ހުކުރު ދުވަހުގެ ރޭ 1:30 ހާއިރެވެ. އެއީ، މާބޮޑު މައްސަލައެއްގެ ގޮތުގައި ނުދެކި، ފަރުވާދިނުމަށް ފަހު ދޫކޮށްލި ނަމަވެސް ހޮސްޕިޓަލުން ނުނިކުމެ އުޅެނިކޮށް އަންހެން މީހާގެ ހާލު ސީރިއަސްވީ ކަމަށް އާއިލާ އިން ބުންޏެވެ.

"ދެން އަނެއްކާވެސް ގެންގޮސް އެޑްމިޓްކުރީ. ގައިނީ ޑިޕާޓްމަންޓުން ނަރުހެއް އައިސް ބެލިއިރު ވިހަން ތައްޔާރުވެފައި އޮތީ. އޭރު ނަރުހުން އެކަނި ތިބީ. ގައިނީ ޑޮކްޓަރު ނެތް ހޮސްޕިޓަލުގައި،" އޭނާ ބުންޏެވެ.

އަންހެންމީހާ ވިހަން ތައްޔާރުވެފައި އޮތުމުން، އޮންކޯލް ޑިއުޓީގައި ހުރި އަންހެނުންގެ ހާއްސަ ޑޮކްޓަރަށް އެ ރޭ ފަތިހު 4:10 ހާއިރު ނަރުހުން ގުޅި ކަމަށާއި ނަމަވެސް އެ ޑޮކްޓަރު ހޮސްޕިޓަލަށް އައީ ހެނދުނު 7:15 ހާއިރު ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ. ޑޮކްޓަރު އައުން ލަސްވެގެން އާއިލާއިން ޝަކުވާ ކުރި ކަމަށް ވެސް "މިހާރު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޑޮކްޓަރު އައިސްގެން ވެސް މަސައްކަތް ކުރީ ވިއްސަން ކަމަށާއި ގިނައިރުވެ، ކަރުގައި ފޫޅުއޮޅި އޭރު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް އާއިލާ އިން ބުންޏެވެ.

"އޭރު އޮތީ ބޭބީގެ ފައި ނުކުމެފައި. ބޯ ނުކުތީ އޭގެ 24 މިނެޓް ފަހުން. ކަރުގައި އޮޅީ ފޫޅު އޮޅިފައި. ބޭބީގެ އެއްވެސް ހަރަކާތެއް ނެތް ނެގިއިރު ވެސް،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ވިހެއުމާ އެކު އެ ކުއްޖާ ލާން ޖެހުނީ ކުޑަކުދިންގެ އައިސީޔޫ އަށެވެ. ފަރުވާ ދެމުން ދަނިކޮށް ކުއްޖާ ނިޔާވީ އިއްޔެ 2:55 ހާއިރު ކަމަށް އާއިލާ އިން ބުންޏެވެ.

އާއިލާއިން ގަބޫލު ކުރާ ގޮތުގައި ކުއްޖާ މަރުވީ ޑޮކްޓަރު އައުން ލަސްވެ އަވަސް ފަރުވާ ނުދެވުމުންނާއި ސިޒޭރިއަންއަކަށް ނުގޮސް ވިއްސަން އުޅުމުންނެވެ. ދަރިފުޅު މަރުވި ގޮތް، އައިވީއެފް ހެދި މެލޭޝިއާގެ ސަންފާޓް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ދެމަފިރިން ހިއްސާ ކުރުމުން، ކުއްޖާ ސަލާމަތް ނުވީ އޮޕަރޭޝަންއަކަށް އަވަހަށް ނުދިއުމުން ކަމަށް ބުނެފައިވާ ކަމަށް ވެސް އާއިލާއިން ބުންޏެވެ.

އާއިލާއިން ބުނީ އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރަކު އާއިލާއާ ބައްދަލުކޮށް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނެފައިވާ ކަމަށެވެ.