ކައިރިކައިރީގައި ތުއްތު ފަސް ކުއްޖެއްގެ މަރު!

އުފަންވިތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ނުވެ ތުއްތު ތިން ކުއްޖަކު މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ. އަދި އިއްޔެ ވެސް، އުފަންވި ގޮތަށް ތުއްތުކުއްޖަކު މަރުވެފައިވެ އެވެ. އޭގެ އިތުރުން، ބަނޑަށް ފަސް މަހުގައި ވިހޭ ކުއްޖަކު ވެސް އޭޑީކޭގައި އާދީއްތަދުވަހު މަރުވެފައިވެ އެވެ.


"މިހާރު"އަށް އެނގިފައިވާ ގޮތުގައި 24 ގަޑިއިރު ތެރޭ މަރުވެފައިވަނީ އުފަންވިތާ ހަތް ދުވަސް ވީ ކުއްޖަކާއި އެއް ދުވަސްވީ އަދި އުފަންވިތާ ކުޑައިރުކޮޅެއްވީ ކުއްޖެކެވެ.

އެނގިފައިވާ ގޮތުގައި އެ ތިން ކުދިން ވިހާފައިވަނީ އައިޖީއެމްއެޗުގަ އެވެ. އެކަމަކު އެ ކުދިން މަރުވި ސަބަބުތަކެއް އެ ހޮސްޕިޓަލުން ސާފުވާގޮތެއް ނުވި އެވެ.

އިއްޔެ މަރުވި ކުއްޖާއާ ބެހޭ މައުލޫމާތެއް ވެސް ނުލިބެ އެވެ.

އުފަންވާ ތަނުން ނުވަތަ ވަރަށް ޅަ އުމުރުގައި ތުއްތު ކުދިން މަރުވުން ރާއްޖޭގައި ވަނީ ވަރަށް މަދުވެފަ އެވެ. އަދި ރާއްޖެ އަކީ މި ސަރަހައްދުން ވެސް އެ ނިސްބަތް އެންމެ ދަށް ގައުމެވެ.

އާއްމުންގެ ސުވާލުތަކަކަށް ޖަވާބު ދެއްވަމުން މަޝްހޫރު ކުޑަކުދިންގެ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވި ގޮތުގައި ޅަ އުމުރުގައި ކުދިން މަރުވާ ސަބަބު ދެނެގަނެ، އެކަން މޮނީޓާ ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ވަނީ ގާއިމުކޮށްފަ އެވެ. އަދި ތުއްތު ކުއްޖަކު މަރުވެއްޖެ ނަމަ، އޭގެ ސަބަބު ބަލައި ރިޕޯޓު ކުރަން ޖެހޭނެ ކަމަށާއި އަދި އޭގެ ފަހުން، ކަމާ ބެހޭ ތަޖުރިބާކާރުންގެ ޕެނަލަކުން ވެސް އެކަން ދިރާސާކޮށް، މަރުގެ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ފަދަ މަރުތައް ދެނެގަނެ، އެކަން ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް ނިޔާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ތުއްތު ކުދިން މަރުވާ ނިސްބަތް އެހާ ދަށީ ވެސް، އެކަން މަދު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންނެވެ.

އެކަމަކު މި ހާދިސާތަކާ ގުޅިގެން ބައެއް މީހުން އަންނަނީ، ޅަ އުމުރުގައި ކުދިން މަރުވާ ނިސްބަތް މިހާރު ރާއްޖޭގައި އަނެއްކާ ވެސް އިތުރުވާން ފެށީތޯ ސުވާލުކުރަމުންނެވެ.

އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ހޮސްޕިޓަލުގައި ތުއްތު ކުއްޖަކު މަރުވީ ގިނަ ދުވަސްތަކަކަށް ފަހުގައި ކަމަށާއި އެހެންވެ، ރާއްޖޭގައި އެ ފަދަ މަރުތައް އިތުރުވެފައިވާކަން އަދި ސީދާ ބުނަން ނޭނގޭ ކަމަށެވެ.

"މި ތަނުގައި، 25-30 ހަފުތާގައި ވިހައިގެން ވެސް ނާސަރީގައި ބާއްވައިގެން އެބަ ފަރުވާ ދެން. އަދި އިހަކަށް ދުވަހު އަޅުގަނޑުމެން މި އެއްފަހަރާ ހަތަރު ކުދިން ވިއްސީ. އެހެންވެ، މި ފަދަ ކަންކަމުގައި އަޅުގަނޑުމެން މިވަނީ ކުރިއެރުންތަކެއް ހޯދާފައި،" އަފްއާލް ވިދާޅުވި އެވެ.