ކުރީގެ ރައީސް މައުމޫން (ކ) ޓޯނީ (ވ)އާ ސަރުކާރުން ދެއްވާ ހާއްސަ އިނާަމް ހަވާލު ކުރައްވަނީ- ފޮޓޯ: ރައީސް އޮފީސް
19 ޖޫން 2021 - 15:21
އިނގިރޭސި ވިލާތަށް އުފަން ޓޯނީ ޑެ ލަރޫކް، ނުވަތަ ރާއްޖޭގެ ޓޫރިޒަމްގައި މަޝްހޫރު "މޯލްޑިވް ލޭޑީ" އިއްޔެ މަރުވެއްޖެ އެވެ.
އޭނާ އަކީ، ރާއްޖެ އަށް ޓޫރިޒަމް ތައާރަފު ކުރިތާ މާ ގިނަ ދުވަހެއް ނުވަނީސް، ރާއްޖެ ޒިޔާރަތްކޮށް، ޓޫރިޒަމް މުޅި ދުނިޔެ އަށް މާކެޓް ކުރުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން އެކެކެވެ. އެހެންވެ، "މޯލްޑިވް ލޭޑީ"ގެ ނަމުން އޭނާގެ ނަން މަޝްހޫރުވެ، ރާއްޖޭގެ ޓޫރިޒަމަށް އޭނާ ވަނީ 41 އަހަރު ވަންދެން ހިދުމަތް ކޮށްދީފަ އެވެ.
ޓޯނީ އެންމެ ފުރަތަމަ ރާއްޖެ އައީ ޓޫރިޒަމް ފެށިތާ އެންމެ އަށް އަހަރު ފަހުން 1980 ގަ އެވެ. އޭރު ރާއްޖެ އެނގެނީ ވަރަށް މަދު ބަޔަކަށެވެ. އެހެންކަމުން ޓޯނީގެ މަގުސަދަކަށްވީ އޭނާގެ ގައުމުގައި ރާއްޖެ އިޝްތިހާރު ކުރުމެވެ. މިކަން ހާސިލް ކުރުމަށް އޭނާ ވަނީ "މޯލްޑިވްސް ޓްރެވަލް"ގެ ނަމުގައި އަމިއްލަ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.
ބޭރުގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓޯނީ ރާއްޖެ އައީ އޭނާގެ ކައިވެނީގައި މައްސަލަތަކެއް ދިމާވާން ފެށުމުން އެކަންކަން ހަނދާން ނައްތާލައި ހިތްހަމަ ޖައްސައިލުމަށެވެ. އޭނާ އައުމާއެކު ރާއްޖެ އަށް ހިތް ޖެހުނެވެ. ޓޯނީ ބުނެފައިވާ ގޮތުގައި، ރާއްޖެ ދެކެ ލޯބި ޖެހުނީ ރަށްތައް ރީތިވުމުގެ އިތުރުން ދިވެހިންގެ ހިތްހެޔޮ މިޒާޖުގެ ސަބަބުންނެވެ.
ރާއްޖެ ދެކެ ވި ލޯތްބެއްގެ ބޮޑުކަމުން ރާއްޖެ ޕްރޮމޯޓް ކުރުމަކީ ޓޯނީގެ އަމާޒަކަށް ހެދި އެވެ. އެންމެ ފުރަތަމަ އޭނާ ރާއްޖެ އިޝްތިހާރު ކުރަން ފެށީ އިނގިރޭސި ވިލާތުގެ ރޭޑިއޯތަކުން ގެނެސްދިން ޕްރޮގްރާމުތަކުގަ އެވެ. އޭނާގެ މި މަސައްކަތުގެ ނަތީޖައަކަށްވީ އިނގިރޭސި ރައްޔިތުންގެ މެދުގައި ރާއްޖެ އަށް އޮތް ޝައުގުވެރިކަން އިތުރުވެ، އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުމެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމުގެ އިތުރުން ތައުލީމީ ދާއިރާއިން ދިވެހިން ކުރިއެރުވުމަށް ވެސް ޓޯނީ މަސައްކަތް ކުރި އެވެ. އެގޮތުން، އޭނާ ވަނީ ދިވެހި ދަރިވަރުންނަށް އިނގިރޭސި ވިލާތުގެ ޔުނިވާސިޓީތަކުން ފުރުސަތުތައް ހޯދައިދިނުމުގައި އެހީވެފަ އެވެ. އޭނާގެ ޓްރެވެލް އެޖެންސީ މެދުވެރިކޮށް ރާއްޖޭގެ ސްކޫލުތަކަށް ފޮތް ހަދިޔާ ކުރުމުގެ ޕްރޮގްރާމުތަކެއް ވެސް ވަނީ ހިންގައިފަ އެވެ.
ޓޯނީގެ މި ހިދުމަތްތަކުގެ ސަބަބުން ޓޫރިޒަމް މިނިސްޓްރީން ވަނީ 1997 ވަނަ އަހަރު އޭނާގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް ދީފަ އެވެ. އޭނާ ވަނީ 1990ގެ އަހަރުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ރާއްޖޭގެ އޮނަރަރީ ޓޫރިޒަމް ރެޕްރެޒެންޓޭޓިވްގެ މަގާމު ވެސް އަދާކޮށްފަ އެވެ.
Saddened by passing of dear friend Toni de Laroque, Maldive Lady, who first visited Maldives in 1980. Since then she had dedicated her life to promoting our islands. She also gifted books to atoll schools. Her work was officially recognized in 2005. May her soul Rest In Peace!
— Maumoon Abdul Gayoom (@maumoonagayoom) June 19, 2021
ކުރީގެ ރައީސް މައުމޫނުގެ ޓުވީޓް
ޓޯނީގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ދޭ ހާއްސަ އިނާމު ވެސް އޭނާ އަށް ވަނީ 2005 ވަނަ އަހަރު ދީފަ އެވެ. ޓޯނީ މަރުވުމާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ހިތާމަފާޅު ކުރައްވައި ޓްވީޓް ކުރައްވައިފަ އެވެ.
"މޯލްޑިވް ލޭޑީ"ގެ ނަމުން ޓޯނީ މަޝްހޫރުވީ އޭނާގެ ދިރިއުޅުމާއި ތަޖުރިބާއާ ގުޅޭގޮތުން ނެރުނު ފޮތުގެ ސަބަބުންނެވެ. އެ ފޮތުގެ ނަމަކީ "ޓޯނީ: ދަ މޯލްޑިވް ލޭޑީ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު.
20 June 2021
ޢަހަރެންމަރުވިޔަސް މީހަކައް ނޭނގެނެ ނަމަވެސް އަހަރެންނަކީވެސް ޓުވެރިޒަމުގަ އުޅެތާ 36 އަހަރުވެފަ މިހާރުވެސް އެދާއިރާގަ އުޅޭމީހަކީން އަދިނެތްމިވީތާކައް ސަރުކަރަކުން އަގުވަޒަންކޮއް ލިޔުމެއްވެސްދީފަކާ ނަމަވެސް ކޮންމެތިންމަހަކުން މީރައިންނެރޭ އާމްދަނީ ރިޕޯޓުގަ އަހަރެންގެ ހިއްސާ ނުހަނުބޮޑުވާނެ މީތޯ ހައްގުވާމިންވަރަކީ
ހުސެން ބެންގަލޫރު
19 June 2021
މިކަހަލަ މީހުންނަކަށް ނޫންތަ ނިޝާނުގެ ޢިއްޒަތާ އޭތި މީތި ދޭންވީ!! މި މީހާ ވެސް އަންނި އާ ރައްޓެހިނަމަ އެއްޗެހިތަކެއް ލިބުނީސް. އަގު ވަޒަން ނުކުރާ ގައުމެއް ސަހާދެއް.
އެމްސް
19 June 2021
މި ޤައުމުގެ ރީތިކަން ދިވެހިންނަށް ލިބޭނީ ކޮން ދުވަހަކުން ބާ؟ ހުޅުމާލޭގަވެސް ޢާއްމު މީހަކަށް ވިއްޔާ ދިރިއުޅެން ހުރީ ކޮތަރުކޮށި، މާލޭގަ ވިއްޔާ (އަދި މާގޯސް) ލޮކަރު!
ދޮންމޮހޮނު
19 June 2021
ޓޯނީ އަށް ހެޔޮ ރަޙުމަތްލެއްވުން އެދި ދުޢާކުރަން. ދިވެހިރާއްޖެއަށް ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު!
ކީސްފިލާ
20 June 2021
ޓޯނީ އަކީ މުސްލިމެއްތަ؟ މުސްލިމެއްނޫންނަމަ، سورة التوبة ގެ 113ވަނަ އާޔަތުގެ މާނަ ބަލާބަލަ!
ޕޮލިހުން
19 June 2021
ޜިޕް
މަޒް
19 June 2021
ޓޯނީއެއް ދިވެހިރާއްޖެ ޕްރޮމޯކުރުމުގައި ހުރިކަން މި އިނގުނީ.. ކީއްކުރާނީ.. މިފަދަ އެތައްބަޔަކު ވަނީ މަންޒަރުން ގެއްލުވާލާފައި.. އަބަދުވެސް ދި އައިލަން ޕްރެޒިޑެންޓެއްގެ ފަހަތުން
ހާމިދު ޝާހިދު
19 June 2021
މޯލްޑިވްސް ލޭޑީއަށް ހެޔޮ ރަހުމަތް ލައްވާންދޭވެ.
ގުދުގުދލީބެއްޔާގެ ތެދުބަސް
19 June 2021
ފަސްޓްލޭޑިއަކަށްވުރެ މުހިއްމީ ދިވެހިގައުމަށް މިފަދަ ލޭޑީއެއް.
ބަބުރަންޖީ ހާޖީ
19 June 2021
"މޯލްޑިވްސް ލޭޑީ" ރާއްޖެއަށް ކޮށްދެއްވި ހުރިހާކަމަކަށް ޝުކުރުއަދާކުރަން. RIP Maldives Lady.
ޙަބީބު
19 June 2021
މަރުހޫމާގެ ފުރާނަފުޅައް ސުވަރުގޭގެ ދާއިމީނިޔުމަތް މިންވަރު ކުރައްވާށި މިއަދުއޮތީ ކެތްތެރިވުން ކޮންމެމީހަކީވެސް މަރުވާނެ މީހެއް
ޢުބައިދާ
20 June 2021
ނަބީއްޔާއަކަށްވެސް އަދި އއީމާންވީ މީހުންނަކަށް ވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުން އެދި ދުޢާކުރެއްވުމެއްނެތެވެ. އެއުރެނީ ގާތްތިމާގެ މީހުން ކަމުގައި ވީނަމަވެހެވެ. ހަމަ ކަށަވަރުން އެއުރެންނީ ނަރަކައިގެ އަހުލުވެރިން ކަން އެއުރެންނަށް އެނގިފާޅުވެ އެނގުމަށްފަހުގައެވެ. توبة. ސޫރަތުގެ 113 ވަނަ އާޔަތް